Advertisement

"އަނބި"، ބޮނބި މި ފަދަ ލަފުޒެއްގެ ފަހަތަށް "އެއް" ފަދަ އަކުރެއް ގުޅުވީމާ، ހުސްނޫނު ވަންނާނީ ކޮންތާކަށް؟

12 Jun 2024 | 23:14
މަޚުރަޖު ޗާޓެއް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ސުރުޚީގައި އެ ވަނީ އަދަބީ ދާއިރާގެ ޙައްސާސީ ސުވާލެކެވެ. އަދަބީ ދާއިރާގެ ބޭފުޅުންގެ މެދުގައި ޚިޔާޅު ތަފާތުވާ އަދި ތަފާތު ޖަވާބު ލިބޭ ސުވާލެކެވެ. އެހެންކަމުން މިއަދު އެއްޗެކޭ ދަންނަވައިލާން މި ގަސްތުކުރީ މި ޙައްސާސީ ސުވާލަކަވެ. ދިވެހިބަހުގެ ޢިލްމުވެރީންނާއި ތަޖުރިބާކާރު ލިޔުންތެރީންގެ ތަފާތު ޖަވާބުތައް ލިބޭ ސުވާލަކަށެވެ. މިއީ އެ ސުވާލަކާ މެދު ތަފާތު ކަންމިނުން ބަހުސްކުރެވި ކޮޅެއްގައި ނުޖެހި އޮތް ސުވާލެކެވެ. ނަމަވެސް މިއީ ޢިލްމީ ގޮތެއްގައި ސާބިތު ޖަވާބެއް ލިބޭން ޖެހޭނެ ސުވާލެއް ވެސްމެއެވެ. އެހެނީ މިއަދު ދިވެހިބަހުން ޑިގްރީއާއި އެ ދާއިރާއިން މާސްޓަރޒް ހައްދަވައިފައިވާ ބޭފުޅުންގެ ޢަދަދު އެތައް ސަތޭކައަކަށް އަރައިފައިވާ އިރު، މިއަދު މި ސުވާލަށް ހަރުދަނާ ޢިލްމީ ޖަވާބެއް ލިބޭން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ މި ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރުވުމުގެ ބޭނުމަކީ ޢިލްމީ ގޮތެއްގައި ބަހާމެދު ވިސްނާނެ ސިކުނޑިތަކެއް މުޖުތަމަޢަށް ނެރުންކަމަށް ވާތީއެވެ.

މި މައުޟޫޢުގައި އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވައިލާން ބޭނުންވަނީ މި ސުވާލަށް ބަހަވީ ޢިލްމުވެރީން ޖަވާބެއް ދެއްވާ އިރު، އެ ބޭފުޅުން ރިޢާޔަތްކުރައްވާން ޖެހޭނެކަމަށް އަޅުގަނޑުގެ ވިސްނުމަށް އަންނަ ބައެއް ކަންކަން ޙިއްސާކޮށްލާން ބޭނުންވާތީއެވެ. އޭރުން ސުވާލުގެ ޖަވާބު ހޯއްދަވާން އެ ފަދަ ބޭފުޅުންނަށް ވެސް ފަސޭހަފުޅު ވެދާނެކަމަށް ވިސްނުނީތީއެވެ.

އެއްވެސް ޝައްކެއް ނެތެވެ. 'މީކާފަގެބޯވަ' މި އަކުރުތަކުގެ ތެރެއިން އަކުރެއްގެ އިބިފިއްޔަށް ނިމޭ ލަފުޒެއް އެކަހެރިކުރާ އިރު، ނުވަތަ އާންމުކުރާ އިރު، /ތ/ ސުކުނެއް އިތުރުކުރާންޖެހޭކަމަށް ދިވެހިބަހުގެ ގަވާއިދު ދެނެވަޑައިގަންނަވާ ތިޔަ ހުރިހާ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާނޫއެވެ. އެކަމާ އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެހެންވީއިރު "އަނބި" ނުވަތަ "ބޮނބި" މި ފަދަ ލަފުޒު އެކަހެރިކުރާއިރު /ތ/ ސުކުނެއް އިތުރުކުރާން ޖެހޭނެކަން މި ހަމައިން އެބަ ސާބިތުވެއެވެ. އެއީ ކުރީން މި ދެންނެވި ހަ އަކުރުގެ ތެރޭގައި ހިމެނޭ އަކުރަކަށް ނިމޭ ދެ ލަފުޒުކަމަށް ވާތީއެވެ. ވީމާ، މިހައި ހިސާބަށް އިޚުތިލާފެއް ނެތެއް ނޫންތޯއެވެ! 

ދެން އަޅުގަނޑު ދަންނަވައިލާން ބޭނުންވަނީ އަޅުގަނޑު މި ބަހުސްކުރާ ދެ ލަފުޒުގެ އަސްލުކަމުގައިވާ "އަނބި" މި ލަފުޒާއި "ބޮނބި" މި ދެ ލަފުޒަކީ ހުސްނޫނުގެ އަޑާ އެކު އޮންނަ ލަފުޒުކަމެވެ. ލިޔެ އުޅޭ އިރު ވެސް، ހުސްނޫނު ލިޔެ އުޅޭކަމެވެ. ލަފުޒެއްގައި އޮންނަ ހުސްނޫނުގެ އަޑު، އެ ލަފުޒެއް އެކަހެރި ކުރާ ޙާލަތުގައި އުނިކޮށްލުމަކީ ބަހުގެ އެއްވެސް ހަމައަކުން ފެންނާން އޮތް ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ އެ ލަފުޒު ކިޔާއިރު ހުސްނޫނުގެ އަޑު ނުވަތަ ނޯށު އަޑު ހިމެނޭކަމީ އެއްވެސް ދިވެއްސަކު ދެބަސްވާނޭ ކަމެއް ވެސް ނޫނެވެ. ވީމާ "އަނބި" ނުވަތަ ބޮނބި" މި ލަފުޒު އާންމުކުރުމަށް ޓަކައި "އެއް" "އާއި" "އަކު" "އަށް" "އާ" ފަދަ އަކުރެއް އިތުރުކުރިޔަސް ހުސްނޫނު އުނިކުރެވޭނެ ހަމައެއް ނެތްކަން އެބަ ސާބިތުވެއެވެ. ވީމާ މިއިން ލަފުޒެއް އެކަހެރިކުރާން ނުވަތަ ޢާންމުކުރާން ޖެހޭ ޙާލަތުގައި /ތ/ ސުކުން އިތުރުނުކޮށް އަދި ހުސްނޫނު އުނިކޮށް އޭގެ ބަދަލުގައި ނޫނު ސުކުނެއް އިތުރުކުރާންޖެހޭ ޢިލްމީ އެއްވެސް ހަމައެއް ނެތްކަން ދިވެހިބަހުގެ ގަވާއިދަށް ބެލުމުން ސާބިތުވެއެވެ. މާނައަކީ ބައެއް ލިޔުންތަކުން ފެންނަ ފަދައިން "އަންބެއް" ނުވަތަ "ބޮންބެއް" ލިޔުމަކީ ބަހުގެ އެއްވެސް ގަވާއިދަކަށް ފެތޭ ހަމައެއް ނޫނެވެ. "ޖަންބު" އެކަހެރި ކުރާއިރު "ޖަންބެއް" ކިޔާހެން، "އަންބެއް" ކިޔޭނީ "އަންބު" ނުވަތަ "އަންބި" ކިޔާ ލަފުޒެއް އޮވެފައި، އެ ލަފުޒު އެކަހެރި ކުރާ ނަމަ ތާއެވެ.

އެއްވެސް ބޭފުޅަކު ދެކޮޅު ނަހައްދަވާނެ އަނެއް ހަގީގަތަކީ ހުސްނޫނަކީ ނޯށުގެ އަޑެއްކަމެވެ. އާދޭހެވެ! އެއީ ފަޅި ނޯށުގެ އަޑެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެއީ "ލުއި ސުކުނެކޭ" ވެސް ދެންނެވިދާނެއެވެ. ދިވެހިބަހުގެ ލަފުޒުތަކަށް ބަލައި ހޯދާ އިރު، ސުކުނެއްގެ ކުރިއަށް ހުސްނޫނު ގެނެވިފައި ހުރި ލަފުޒުތަކެއް އަޅުގަނޑަކަށް ނުފެނުނެވެ. މާނައަކީ ލުއި ސުކުނެއްގެ ފަހަތަށް އިތުރު ސުކުނެއް އައިސްފައިނުވެޔޭއެވެ. އަދި ފުރިހަމަ ދެ ސުކުން ވެސް ވިދިވިދިގެން އައިސްފައެއް ވެސް ދިވެހި ލަފުޒެއްގައެއް ނުހުރެއެވެ. މިއީ އަޅުގަނޑަށް ފެނިފައިވާ ގޮތެވެ.

ތެދުފުޅެކެވެ! އާނ، ހޫނ ފަދަ ލަފްޒުތަކުގެ ފަހަތަށް ހުސްނޫނު އަންނަ ލަފުޒުތައް ދިވެހިބަހުގައި އެބަހުއްޓެވެ. އަދި ދެކުނުގެ ބައެއް ބަހުރުވަތަކުގައި /ކ/ ގެ ކުރިއަށާއި /ހ/ ގެ ކުރިޔަށް ވެސް ހުސްނޫނު ލައިގެން ވާހަކަދައްކައެވެ. އެކަމަކު "މީޔާރު ބަހުރުވައިގައި" ހުސްނޫނު އަންނަނީ އަކުރުތަކުގެ ފަހަތަށާއި "ބދގޑ" މި ހަތަރު އަކުރުގެ ކުރިއަށާއި ބައެއް ލަފުޒުގެ ފަހަތަށެވެ. މި ނޫން ޙާލަތެއްގައި މީޔާރު ބަހުރުވައިގައި ހުސްނޫނެއް ނާދެއެވެ. ވީމާ، "އަނބި" މި ލަފުޒުގެ ފަހަތަށް "އެއް" ގުޅާ އިރު، /ތް/ ގެ ފަހަތަށް ހުސްނޫނު އައުމަކީ މި ހަމައާ ޚިލާފު ކަމެއް ނޫނެވެ. އެހެން ނަމަވެސް /ތް/ގެ ކުރިޔަށް ހުސްނޫނު ގެނައުމަކީ މި ހަމައާ ޚިލާފު ކަމެއްކަން ފާހަގަކޮށްލަމެވެ.

ދެން މި ލަފުޒު ކިޔުމުގައި އަޑު އަންނަނީ ކިހިނެއްތޯ ބަލައިލަމާތޯއެވެ! ވިދިވިދިގެން ދެ އަކުރެއް އައުމުގެ ސަބަބުން އަކުރުގެ އަޑު، އެއާ ކައިރި އެހެން އަކުރެއްގެ އަޑަށް ބަދަލު ވުމަށް ފޮނޮލޮޖީގެ އިލްމުގައި ކިޔަނީ "އެސިމިލޭޝަން"އެވެ. "އަނބި" މި ލަފުޒު އެކަހެރިކުރާ އިރު ވެސް އަދި "އަނބި" މި ލަފުޒުގައި ވެސް ހުސްނޫނުގެ އަޑު އަންނަނީ "މީމު"ގެ އަޑަށް ބަދަލު ވެގެންނެވެ. އެސިމިލޭޓްވެގެންނެވެ. /ތ/އެއްގެ ކުރިޔަށް އަންނަ /ނ/ އެއް، މީމެއްގެ އަޑަށް އެސިމިލޭޓެއް ނުވެއެވެ. މީމެއްގެ އަޑަށް އެސިމިލޭޓްވާނީ ދެ ތުންފަތުގެ (ބައިލޭބިޔަލް) މަޚްރަޖުން ކިޔޭ އަޑެއްގެ ކުރިޔަށް /ނ/ އައުމުންނެވެ. /ތ/ގެ ކުރިޔަށް /ނ/ އަންނަ "އަންތަރީސް" ފަދަ ތަންތަނުގެ /ނ/ގެ އަޑު މީމަކަށް ބަދަލެއް ނުވެއެވެ. އެކަމަކު ދެ ތުންފަތުގެ އަޑުތައް ކަމަށް ވާ /މ/، /ބ/، /ޕ/ ގެ ކުރިޔަށް އަންނަ /ނ/ ކިޔޭނީ މީމެއްގެ އަޑުންނެވެ. "މަންމަ"، "ބިންބި"، "އަންބާ"، "ސަންޕާ" ފަދަ ލަފުޒުތަކުންނާއި "ކުރުނބާ" ފަދަ ބޮނބި" ފަދަ "އަނބި" ފަދަ ލަފުޒުތަކުން، މި ކަން ފާހަގަކުރެއްވޭނެއެވެ. ހުސްނޫނު، ހުސްމީމެއްގެ އަޑަށް ބަދަލު ވަނީ (އެސިމިލޭޓްވަނީ) /ބ/އާ ވިދިގެން، /ބ/ގެ ކުރިޔަށް އަންނަ އިރު އެކަންޏެވެ. "އެނދު"، "އަނގަ"، "ރަނޑު" ފަދަ ލަފުޒުތަކުގެ /ނ/ އާއި "އަނބި" މި ލަފުޒުގެ /ނ/ގެ އަޑު ތަފާތު ވަނީ އެސިމިލޭޝަންގެ ސަބަބުންނެވެ. އެސިމިލޭޝަންގެ މި ގަވާއިދަކީ ދިވެހިބަހަށް އެކަނި ޚާއްޞަ ގަވާއިދެއް ނޫނެވެ. އެއީ ޢާލަމީ ގަވާއިދެކެވެ. ބައިނަލްއަގުވާމީ ގަވާއިދެކެވެ. އިނގިރޭސިބަހުގައި ވެސް ޢަރަބިބަހުގައި ވެސް އަދި އެހެން ބަސްބަހުގައި ވެސް މިކަން އޮތީ މިހެންނެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވާތީ ކީރިތި ޤުރްއާން ކިޔެވުމަށް ޓަކައި އުނގެނުނު ތަޖުވީދުގެ ހަމައަކީ ވެސް ނޫނު ސުކުނުގެ ފަހަތަށް ބާ އަތުވެއްޖެ ނަމަ އެ ނޫނުގެ އަޑު މީމަކަށް ފުރޮޅައިލުންކަން އަޅުގަނޑުމެން ދަންނަމުއެވެ. އެއީ އެސިމިލޭޝަނެކެވެ. ތަޖުވީދު ޢިލްމުގައި އެއަށް ކިޔަނީ "އިޤްލާބު" ކަމުގައެވެ. އިޤްލާބް ދަސްކޮށްދެއްވުމަށް ޓަކައި ކުރީގެ އެދުރުދައިތައިން މިސާލެއްގެ ގޮތުގައި، "ރުނބައިން ބިންބި ނަޤައިޤެން އެ މުޤުރައިގެން އެއިން ފޮޅިފިހެގެން ކަނި!" މި މިސާލު ގެންނަވަނީ އިޤްލާބު (އެސިމިލޭޝަން)އާއި އިޡުހާރާއި އިޚުފާގެ ތަފާތު އެ މިސާލުން ސާފުވާތީއެވެ! މިހާ ހިސާބަށް ޚިޔާލުތަފާތުވުމެއް އެބަ އޮތްތޯއެވެ! އަދި ދެ ވާހަކައެއް ދަންނަވައިލާނަމެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަންނަވާށެވެ! 

"އަނބި+އެއް" ނުވަތަ "ބޮނބި+އެއް" ގުޅުވައިގެން ލިޔާ ގޮތް އިހަށް ބާއްވަވާށެވެ! އެ ގޮތަށް ލަސްލަހުން ވިދާޅުވާށެވެ! އަޑު ތަޙުލީލުކުރާ ލެބޯރެޓަރީއަކަށް ވަޑައިނުގަތަސް ނޯށުގެ އަޑު (ނުވަތަ /ނ/ ގެ އަޑު އެސިމިލޭޓްވާ /މ/ގެ އަޑު) ވަންނަނީ /ބ/ ގެ ކުރިއަށްކަން ސާފުވެވަޑައިގަންނަވާނެއެވެ. އެހެންވީ އިރު، މިޔާ ޚިލާފަށް ލިޔުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ!

އިސްވެ ދެންނެވުނު ހަމަތަކަށް ބަލައި "އަބި" މި ލަފުޒާއި "ބޮބި" މި ލަފުޒު (ހުސްނޫނާ ނުލައި) އެކަހެރި ކުރީމާ ލިޔާ ގޮތަށް، "އަތްބެއް" ނުވަތަ "ބޮތްބެއް" މިހެން ލިޔެފައި، ހުސްނޫނު ވައްދާން ވީ ކޮންތާކަށްތޯ ވިސްނައިލާ އިރު، މީމެއްގެ އަޑު އައުމަށް ޓަކައި ދެ ތުންފަތް ލެއްޕޭތީ، /ނ/ އަންނަނީ /ބ/އާ ވިދިގެން /ބ/ގެ ކުރިޔަށްކަން ޔަގީން ވާތީ، "އަތްނބެއް"، ނުވަތަ "ބޮތްނބެއް" މިހެން ލިޔުނީމާ މައްސަލަ ހައްލުވީ ނޫންތޯއެވެ!

ދިވެހިބަހުގެ އަޞްލުކަމުގައި ބަހުގެ އިލްމުވެރީން ބުރަވެވަޑައިގަންނަވާ ސާންސްކިރިތު ބަހާއި ދިވެހިބަހާ އެންމެ ތިމާގެ އެއްބަސް ކަމުގައިވާ ސިންގަޅަ ބަހުގައި ވެސް ޕްރީނޭޒަލައިޒްޑް (ނުވަތަ ނޯށު އަޑަކާ ވިދިގެން ކިޔޭ) އަޑުތަކެއް ހުރިކަން އެ ދެ ބަސް ދިރާސާކުރައްވައިފައިވާ ބޭފުޅުން ވިދާޅުވެއެވެ. ސިންގަޅަ ބަހުގައި ހުރި ޕްރީނޭޒަލައިޒްޑް އަޑުތަކަކީ ދިވެހި ބަހުގައި ވެސް ކުރިޔަށް ހުސްނޫނު އަންނަ އަޑުތަކެވެ. ސިންގަޅަ ބަހުގައި އެ އަޑުތައް ލިޔަނީ ވެސް އެ އަޑުތަކަށް ޚާއްޞަ ނިޝާންތަކެއް ބޭނުން ކޮށްގެންނެވެ. އަދި އައިޕީއޭއިން އެ އަޑުތައް ލިޔާއިރު ނޯށުއަޑުގެ (ނުވަތަ ހުސްނޫނުގެ) ރަމްޒު ލިޔަނީ އެހެން އަކުރުތަކަށް ވުރެ ކުދިކޮށެވެ. "ގދޑ" މި އަކުރުތަކުގެ ކުރިޔަށް އަންނަ ނޯޑު އަޑު ރަމްޒުކޮށްދީފައި ހުންނަނީ ކުޑަ "އެން" އަކުރަކުންނެވެ. "ބ" ގެ ކުރިޔަށް އަންނަ ނޯށު އަޑު ރަމްޒު ކޮށްދީފައި ހުންނަނީ ކުޑަ "އެމް" އަކުރަކުންނެވެ. އެހެންކަމުން މިއީ ހަގީގަތުގައި "ނޯށުބާ"އަކާއި "ނޯށު ދާލަ"ކާއި "ނޯށު ގާފަ"ކާއި "ނޯށު ޑަވިޔަންޏެ"ކެވެ. ހުސްނޫނަކީ މި އަކުރުތަކުގެ އަޑުގެ ބައެކެވެ. ތާނައިން ލިޔުމުގައި އަޅުގަނޑުމެން މި ތަނުގައި ލިޔާ ހުސްނޫނަކީ ހަގީގަތުގައި ވަކި އަކުރެއް ނޫނެވެ. އެއީ އަކުރެއް ކިޔާ އިރު ނޯށަށް އަރުވައިލާން ޖެހޭކަން އަންގައިދޭ ރަމްޒެކެވެ. "އަނބި" މި ލަފުޒުގައި އެ ރަމްޒުން ނުވަތަ ހުސްނޫނުން އަންގައިދެނީ /ބ/ ކިޔާން ވާ ގޮތެވެ. ހަމަ މި ފަދައިން "ބޮނބި" މި ލަފުޒުގައި އޮންނަ ހުސްނޫނު އަންގައިދެނީ ވެސް ބާ ކިޔާޏްވާ ގޮތެވެ. ވީއިރު އެ ރަމްޒާއި /ބ/އާ ވަކިކުރެވޭނެ ގޮތެއް ބަހަވީ ހަމައަކުންނެއް ނޯންނާނެއެވެ.

ޢިލްމީ ނަޒަރުން ވިސްނައި ފިކުރުކުރާ ނަމަ، ދިވެހިބަހުގެ މީޔާރު ބަހުރުވައިގައި ލަފުޒެއްގެ މެދުތެރެއަށް އަންނަ ހުސްނޫނަކީ "ބޯދާގަޑި" މި ހަތަރު އަކުރާ ވަކިނުކުރެވޭނެ އަކުރެއްކަން ނުވަތަ ރަމްޒެއްކަން ވަރަށް ފުރިހަމައަށް ސާބިތު އެބަ ވެއެވެ. އެހެންވީމާ "އަނބި" މި ލަފުޒުގެ ފަހަތަށް "އެއް" "އަށް" "އަކީ" "އެވެ" "އާ" ފަދަ އެކައެއް ގުޅައިގެން ތާނައިން ލިޔާ އިރު، ހުސްނޫނު އަންނާނީ /ބ/ އާ ވިދިގެން /ބ/ގެ ކުރިއަށް ކަމާއި /ތް/ (ތާ ސުކުން) އަންނާނީ ހުސްނޫނުގެ ކުރިއަށްކަން މި ހުރިހައި ކަމަކުން އެބަ ދަލީލުކޮށްދެއެވެ. އިލްމީ ގޮތުން މި ފަދަ ސާބިތު ހެކިތައް މިހެން ފެންނަން ހުއްޓައި، ކުރީން ލިޔާ ގޮތޭ މި ވެނި ބޭފުޅަކު ވިދާޅުވެފައި އޮތީ މިހެންނޭ ވިދާޅުވެ، މިއާ ޚިލާފަށް ނިންމައި ގަވާއިދެއް ހެދިއްޖެ ނަމަ، އެ ގަވާއިދެއް ހެދި ބަޔަކަށް، ފަހުން އަންނަ ޖީލުތަކުގެ މީހުން، "މިއީ ޢިލްމީ ހަމަތަކަށް ރިޢާޔަތްނުކުރާ ބަޔަކު ލިޔުނު ގަވާއިދެއްތާއޭ" ބުނެ މަލާމާތްކުރާނެކަން ކަށަވަރެވެ.

އަޅުގަނޑުގެ މި ޚިޔާލަށް ތާއިދު ލިބޭ ގޮތަކަށް "ރާއްޖެތެރޭގައި އަތްނބެއް" މި މައުޟޫޢުގައި މުޙައްމަދު ޝާހިދު ޙަލީމް ލިޔުއްވައިފައިވާ ލިޔުމެއް "ފަތްތޫރަ–149" (އޮގަސްޓް 1991)ގައި ޝާއިޢުކުރައްވައިފައިވެއެވެ. އަދި 20 ޑިސެންބަރު 2010 ގައި "ފަންވަތް.އިންފޯ"ގައި ވެސް ކުޑަ ބަދަލަކާއެކު މި ލިޔުން ޝާއިޢުކުރައްވައިފައި އެބަ އޮތެވެ. އިތުރު ހެތްކަކަށް ބޭނުންފުޅު ނަމަ، މި ދެންނެވި ދެ ލިޔުން ވެސް ވިދާޅުވެލެއްވުން ރަނގަޅުވާނެއެވެ.

މަޢާފުކުރެއްވުން އެދެމެވެ. މިއީ ނިންމުމެއް ނޫނެވެ. ފަތުވާއެއް ވެސް ނޫނެވެ. އަޅުގަނޑަކީ އެ ޝަރުޢިއްޔަތު އޮތް މީހެއް ވެސް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑަށް ފެންނާންހުރި ޢިލްމީ ހެކިތަކަށް ބުރަވެ، އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. މިއީ ޢިލްމީ ގޮތުން މި މައްސަލަ ދިރާސާކުރައްވާ ޢިލްމީ ބޭފުޅުންގެ މަސައްކަތްޕުޅަށް ހުޅުވައިލި ދޮރެކެވެ. ކަމާ ބެހޭ ވިދާރާއަކުން މި ނޫން ގޮތަކަށް ނިންމެވުމެއް ނުނިންމަވާހައި ހިނދަކު އަޅުގަނޑު ޢަމަލުކުރާނީ މި ގޮތަށެވެ. އަޅުގަނޑު ލިޔާނީ، އަތްނބެއް، އަތްނބާއި، އަތްނބަކީ، ބޮތްނބެއް، ބޮތްނބެވެ، މި ގޮތްގޮތަށެވެ. ޢިލްމީ ގޮތުން ސާބިތުވާން އޮތީ މި ގޮތަށްކަން އިސްވެ ދަންނަވައިލެވުނު ޢިލްމި ހެކިތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އަޅުގަނޑަށް ކަށަވަރުވާތީއެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
"ދިވެހިބަސް" ނުދަންނަ ދިވެހިންނަށް މިލިޔުއްވުން ވަރަށް ޚާއްޞަ. އަދި "ޚަބަރާ" "ހަބަރު" ވަކިކުރަން ނުދަންނަ ރިޕޯޓަރުންނަށް ވަރަށް މުހިންމު.
14 Jun 2024