Advertisement

ކާވެނި ކާމިޔާބުވުމަށް ޓަކައި ޢުމުރުގެ ތަފާތު މުހިންމެއް ނޫނެވެ. (މީހަކު ބުނެފައިވާ ވާހަކައެއް)

12 Jun 2024 | 15:57
ޗާލީ ޗެޕްލިނާއި އޭނާގެ ޒުވާން އަބިމީހާ އޫނާ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1941ގައި ނެގުނު، ތިރީގައިވާ ތަސްވީރުން އެފެންނަނީ މަޝްހޫރު މުހައްރިޖު (ކޮމީޑިއަން) ޗާލީ ޗެޕްލިންއާއި އޭނާގެ ހަތަރު ވަނަ އަނބިމީހާ އޫނާ އޯނީލްއެވެ. ޗާލީ ޗެޕްލިން އޫނާ އޯނީލްއާ ކައިވެނި ކުރި އިރު، ޗާލީގެ އުމުރަކީ 53 އަހަރެވެ. އޯނާގެ އުމުރަކީ 18 އަހަރެވެ. އާދެ، ދެ މީހުންގެ އުމުރުގައި 36 އަހަރުގެ ތަފާތެއް ހުއްޓެވެ.

މިއީ ދެންމެ ދެންނެވި ފަދައިން، ޗާލީގެ ހަތަރުވަނަ ކައިވެންޏަށް ވިޔަސް، އޫނާގެ ފުރަތަމަ އަދި އެންމެ ފަހުގެ ވެސް ކައިވެންޏެވެ. ކައިވެނީގެ އަތަށް އެދި، އޫނާ ގާތު ޗާލީ، އޭނާގެ ސަކަ މިޒާޖާ ގުޅޭ މަޖާ ގޮތެއްގައި، މިހެން ބުނިކަމަށް ވެއެވެ. "އަހަންނާ ކައިވެނި ކޮށްފާނަން ހެއްޔެވެ؟ އޭރުން، ދިރިއުޅެ، ހަޔާތް ވޭތުކޮށްލާނެ ރަނގަޅު ގޮތް ކަލާއަށް، އަހަރެން ބުނެދޭނަމެވެ. އޭގެ ބަދަލުގައި މަރުވާނެ ގޮތް ކަލާ އަހަންނަށް ބުނެދެނިކޮަށް އެ ނިމުނީއެވެ!"

ދެން، ޖަވާބުގައި ޗާލީ ގާތު އޫނާ ބުންޏެވެ: ޗާލީއެވެ! "ތިޔަ ހެން ނުބުނާށެވެ! ކަލާ، އަހަންނަށް، އަހަރެން ބޮޑުވެ، އަހަރެންގެ ބުއްދި ފުރިހަމަކުރުމުގެ ގޮތް ދަސްކޮށްދޭށެވެ.! ދެން، އެންމެ ފަހާ ޖެހެން ދެން ވެސް، ޒުވާނެއްގެ ގޮތުގައި ހުންނާނީ ކިހިނެއްކަން އަހަރެން ކަލާއަށް ދަސްކޮށްދޭ ނަމެވެ!"

މަތީގައި މި ބަޔާންކުރި ބުނުމުން އެނގޭ ދެތިން އެއްޗެއް އެބަ އޮތެވެ. ޗާލީއަށް ފަހަރެއްގައި ވެސް އޭނާގެ ހާލަތު ނޯޅޭކަމެވެ. އޭނާގެ އުމުރުން ދުވަސްވެފައިވާކަމާއި ހަޔާތުގެ ބާކީ ދެން އޮންނާނީ މާޒީވެ ދިޔަ ދުވަހަށް ވުރެ މަދު ދުވަސްކޮޅެއްކަމެވެ. ހަމަ އެހެންމެ، އޫނާއަށް ވެސް އޭނާގެ ހާލަތު ވިސްނުނެވެ. އޭނައަކީ ވަރަށް ޒުވާން ކުއްޖެއްކަމެވެ. ނަމަވެސް، މިއީ މައްސަލައެއް ނޫންކަމަށް އޫނާ ފާހަގަކޮށް، ޗާލީ ކުރެން އެދުނީ އޭނާއަށް ހަމަ ބުއްދި ވިސްނުން ދަސްކޮށްދިނުމެވެ. އަދި، ޗާލީ މުސްކުޅިވެއްޖެކަމުގައި ނުބަލާކަމެވެ. މީގެ އިތުރަށް، ޗާލީއަށް އޫނާގެ ހިތުގައި އޮތް ލޯބި ލާޒިމުކުރީ، އެއީ ޗާލީގެ ހިތް، ޒުވާންކަން މަތީ ބެހެއްޓުމުގެ ބާރެއް ކަމެވެ. ކޮންމެއަކަސް މި ކައިވެނި 34 އަހަރަށް ދިގު ދެމިގެން ދިޔައެވެ. 1977ގައި، ޗާލީގެ އުމުރުން 88 އަހަރުގައި އޭނާ މަރުވަންދެނެވެ.

އެ ކައިވެންޏަށް އަށް ކުދީން ވެސް ލިބުނެވެ. ލޯތްބާއި، އެކަކު އަނެކަކަށް، އަޅައިލުމާއި ކަމޭހިތުމާއި އިހުތިރާމުކުރުން، މި ކަންކަމީ، ބައެއް ފަހަރު، އުމުރުގެ ތަފާތު ހުރިކަމުގައި ވިޔަސް، ކައިވެންޏެއް ކާމިޔާބުވެ، އެ ކައިވެނި ދިގުދެމިގެން ހިނގައިދާނޭ ކަމެއްކަން މަތީގައި ދެންނެވުނު، ޗާލީއާއި އޯނާގެ ކައިވެނީގެ ވާހަކައިން އެނގެއެވެ.

މީގެ މާނައަކީ އުމުރު ތަފާތުކޮށް ކައިވެނިކުރާށެކޭ ނޫނެވެ. ކައިވެންޏެއް ކާމިޔާބުވުން ގުޅެނީ ކޮންމެހެން އުމުރަކާ ނޫންކަމެވެ. ނަމަވެސް، ދެންމެ ދެންނެވި ހެން، ލޯތްބާއި އެކަކު އަނެކަކުގެ މައްޗަށް އަޅައިލުމާއި ކަމޭހިތުމާއި އިހުތިރާމުގެ މައްޗަށްކަމެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް