އިއްޔެ ސަލާމަތީ މަޖިލީހުން އެމެރިކާގެ އިސްނެގުމުގެ މަތީން ގަރާރެއް ފާސްކުރީ އެ މީހުންގެ ވިސްނުން ބަދަލުވެގެންތަ؟
ޢަޒީޒު ޖަމާލު
އެމެރިކާއިން ހުށަހަޅައިގެން އިއްޔެ މެންދުރު ފަހު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުޅަ ޤަރާރާ މެދު އެކި މީހުން އެކި ސުވާލު އުފައްދައެވެ. މިއީ މި ދިޔަ ހަފުތާގައި އެމެރިކާއިން އިޢުލާނުކުރި މަގުޗާޓެކެވެ. އެއީ އިސްރާއީލުން ރުހިގެން އާންމުކުރި އެއްޗެއްކަމަށް އެމެރިކާ ކުރީން ބުނެފައިވެއެވެ.
މި ޤަރާރުގައި ރަނގަޅު
ކަންތައްތަކެއް ހުރިކަމަށް ޙަމާސުން ބުނެއެވެ. ނަމަވެސް ޣައްޒާގައި ހިންގާ ޢުދުވާނު
(ނުވަތަ އެ މީހުންގެ ޢިބާރާތުން ނަމަ ހަނގުރާމަ) ދާއިމި ގޮތެއްގައި ހުއްޓައިލާ
ވާހަކަ ސާފުކޮށް ބަޔާންކޮށްފައި ނެތުމާއި އިސްރާއީލު ސިފައިން ފައިބާ
ވާހަކަ ނެތުމަކީ އެ ޤަރާރު އިތުރަށް ދިރާސާކުރާން ޖެހޭ ކަމެއްކަމަށް އެ މީހުން ދެކެއެވެ.
އެ ޤަރާރުގައި އޮންނަނީ ހަ މަސް ދުވަހަށް "ހަނގުރާމަ" މެދުކަނޑައިލާ ވާހަކައެވެ. އެއީ ދެވަނަ މަރުޙަލާގައެވެ. ތިންވަނަ މަރުޙަލާގައި ދާއިމީ ގޮތެއްގައި "ހަނގުރާމަ" ހުއްޓުމާ ބެހޭ ގޮތުން ވާހަކަދައްކާ ވާހަކަ އޮވެއެވެ. ދާއިމީކޮށް ހުއްޓައިލާ ވާހަކައެއް ނެތެވެ. އަދި އިސްރާއީލު ސިފައި ޣައްޒާގެ "މީހުން އުޅޭ ސަރަޙައްދުތަކުން" ފައިބާ ވާހަކަ އޮވެއެވެ. ނަމަވެސް ޣައްޒާއިން ފައިބާ ވާހަކައެއް ނެތެވެ.
ކޮންމެއަކަސް އިސްރާއީލާއި ޙަމާސާ ދެމެދު ހިނގާ "ހަނގުރާމަ" ހުއްޓައިލާން ގޮވައިލައި އދ. މަޖިލީހުގެ ސަލާމަތީ މަޖިލީހުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިއްޔެ މި ވަނީ އެ މަގުޗާޓު (ނުވަތަ ޤަރާރެއް ވިޔަސް) ފާސްކޮށްފައެވެ.
އެމެރިކާގެ ރައީސް ޖޯބައިޑްން ބުނަނީ އެ ޤަރާރުގައި ބަޔާންކޮށްފައިވާ ތިން ފިޔަވަހީގެ ތަދުބީރު އިސްރާއީލުން ގަބޫލުކޮށްފިކަމަށެވެ. ނަމަވެސް ޢުދުވާނު (އެ މީހުން ކިޔާ "ހަނގުރާމަ") ދަނީ ކުރިއަށެވެ. ކައުންސިލުން މި ޤަރާރު ފާސްކުރާން ވޯޓުދިނުމާ އެކު ޙަމާސުން ވަނީ އެ ޤަރާރަށް މަރުޙަބާ ކިޔައިފައެވެ. އަދި އެ ޤާރާރު ދިރާސާކުރަމުން ގެންދާކަމަށް ވެސް ބަޔާންކުރިއެވެ.
އެ ޤަރާރު އިސްރާއީލާއި ޙަމާސަށް ވެސް ގޮވައިލައިފައިވަނީ "އޭގައި ބަޔާންކޮށްފައި ހުރި ވާހަކަތައް ލަސްކުރުމެއް ނެތި އަދި ޝަރުޠަކާ ނުލައި ފުރިހަމައަށް ތަންފީޒުކުރުމަށެވެ."
އަނެއްކޮޅުން 9 މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގެ 38 ހާސް މީހުން ޝަހީދުކޮށްލައިގެން އަދި ޣައްޒާ ސުންނާފަތިކޮށްލައިގެން އިސްރާއީލުގެ ހަތަރު އަސީރުން ސަލާމަތްކުރުމުގެ ހިޔަނީގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކަން މިހާރު ވަނީ އެ ސަރަހައްދަށް ދިޔުމަށް ޓަކައި ދަތުރެއް ފަށައިފައެވެ. ބްލިންކަންގެ މި ދަތުރުގެ އަނެއް ބޭނުމެއްކަމަށް ބެލެވެނީ ނަތަންޔާހޫގެ ސަރުކާރުގައި މިހާރު އުފެދިފައިވާ ބަލިކަށިކަމަށް ހައްލެއް ލިބޭތޯ ބެލުމެވެ. ބްލިންކަނާއި އެމެރިކާގެ ހުރިހައި އޮފިޝަލުން ވަނީ، އިސްރާއީލުން ހަތަރު އަސީރުން މިނިވަންކުރީތީ އުފާކޮށް ތަހުނިޔާ އަދާކޮށްފައެވެ. ނަމަވެސް އިސްރާއީލު ސިފައިން އެ ކަންކުރީ "އައްނުސައިރިއްޔާތު" ފޭލިގެ އަވަށަށް އެހީދޭ މީހުންގެ ނަމުގައި އާދައިގެ ކުލަހެދުމުގައި ސިއްރުން ހަތިޔާރު ހިފައިގެން ވަދެގަނެގެންނެވެ. މި މަކަރުވެރި ކުއްލި ޙަމަލާގައި 250އާއި 700އާ ދެމެދުގެ ޢަދަދަކަށް މީހުން ޝަހީދުކޮށްލައިފައިވެއެވެ. ވީމާ، ހަނގުރާމައިގެން މި ފަދަ ބޮޑެތި ޖަރީމާތައް ހިންގައިގެން، ފަލަސްތީނުގެ 38 ހާސް މީހުން ޝަހީދުކޮށްލައިގެން، އަށް މަސްދުވަހުން އެންމެ ހަތަރު މީހުން ސަލާމަތްކުރުމަކީ ކިހައި ބޮޑު ކާމިޔާބީއެއްހެއްޔެވެ! އެމެރިކާއަށް އުފެއްދުނު އެންމެ މޮޅު ހަތިޔާރުތައް ހިފައިގެން ގޮސް މި ވަރު ވީމާ އެއިން އަޅުގަނޑުމެންނަށް ދޭހަވަނީ އިސްރާއީލު ސިފައިންގެ ނާގާބިލުކަމެވެ.
ކޮންމެއަކަސް ބްލިންކަން މިއަދު މިސްރުގެ ރައީސް އަބްދުލްފައްތާޙު އައްސީސީއާ ބައްދަލުކުރިއެވެ. އެކަމަކު އެ ބައްދަލުވުމާ ބެހޭ އެއްވެސް ބަޔާނެއް ޢާންމެއް ނުކުރެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އިސްރާއީލަށާއި އުރުދުނަށާއި ޤަޠަރަށް ވެސް ބްލިންކަން ދާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
އެމެރިކާއިން ހުށަހަޅައިގެން ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުޅަ މަގުޗާޓަށް ވޯޓުދެނީ (ފޮޓޯ: އޭޕީ/އެސްކިންޑަރ ޑިބޭބެ)<br>
އދ.އިން ޤަރާރެއް ފާސްކުރިޔަސް "ހަނގުރާމަ" ހުއްޓުމާ މެދު އަދި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ވާ އިރު، އެމެރިކާ އިސްވެ މި ފަދަ ޤަރާރެއް އދ.އަށް ހުށަހެޅީ ކީއްވެތޯއާއި އެމެރިކާގެ ވިސްނުން ބަދަލުވީތޯ ސުވާލުކޮށްފާނެއެވެ. އެއީ މި ފަދަ އެތައް ގަރާރަކަށް އެމެރިކާގެ ވީޓޯގެ ބާރު ބޭނުންކޮށްގެން އެ ފަދަ ޤަރާރުތައް މާޒީގައި ބާޠިލުކޮށްފައިވާތީއެވެ.
އޭގެ ޖަވާބު ވަރަށް ސާފެވެ. އިސްރާއީލާ މެދު އެމެރިކާއިން ގެންގުޅޭ ވިސްނުމަކަށް ސިޔާސަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އިއްޔެ ސަލާމަތީ މަޖިލީހުން ފާސްކުރި، އެމެރިކާގެ "މަގުޗާޓު" އެމެރިކާއިންހުށަހެޅި ސަބަބަކީ، ބާރުގެ ބެނުންކޮށްގެން ޙަމާސް ބަލިކޮށް ނުލެވޭނެކަން ވޭތުވެދިޔަ އަށެއްކަ މަސް ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން އަދި ދެމުން ގެންދާ ފަނާކުރަނިވި ޙަމަލާތަކުގެ ސަބަބުން ޙަމާސް ނައްތައިނުލެވޭނެކަން އެމެރިކާއަށް ކަށަވަރުވުމުންނެވެ. އަދި ބާރުގެ ބެނުންކޮށްގެން ޔަހޫދީ އަސީރުން މިނިވަން ނުކުރެވެނެކަން ވެސް ސާބިތުވީތީއެވެ. އަދި ޙަމާސް ނައަތައިލާން ހިންގާ ޢުދުވާންތަކުގައި އިސްރާއީލަށް ވެސް ބަޔާންނުކުރެވޭ ފަދަ ގެއްލުންތައް އިސްރައީލަށް ވެސް ލިބެމުންދާތީ ހިންތާއެއް ހަދައިގެން އިސްރާއީލަށް ކާމިޔާބެއް ލިބޭތޯއެވެ. އެ "މަގުޗާޓު"ގައި އިސްރާއީލު ސިފައިން ޣައްޒާއިން ފައިބާން ޖެހޭނެކަން ބަޔާންނުކޮށް ޣައްޒާގެ "މީހުން އުޅޭ ސަރަހައްދުން" ފައިބާން ޖެހޭނެކަން ބަޔާންކޮށްފައި ނެތީ އެހެންވެގެންނެވެ. އަދި ދާއިމީ ގޮތެއްގައި "ހަނގުރާމަ" ހުއްޓާން ޖެހޭ ވާހަކަ ނެތީ ވެސް އެހެންވެގެންނެވެ.
ޣައްޒާގެ ސަރަހައްދެއްގައި ފިލައި ތިބެ، އިސްރާއީލުގެ ސިފައިން ޙަމާސަށް ޙަމަލާ ދިނުމަކީ އެ މީހުންގެ ނިޔަތަކަށް ވެދާނެއެވެ. އަދި ބޭނުންގަޑިއަކު ޣައްޒާގެ މަދަނީންނަށް ޙަމަލާދިނުމަކީ ވެސް ނިޔަތަކަށް ވެދާނެއެވެ. ވީމާ، އދ.ގެ ސަލާމަތީ މަޖިލީހަށް އެމެރިކާ ހުށަހަޅައިގެން އިއްޔެ ފާސްކުރި ޤަރާރުގެ މާނައަކީ އެމެރިކާއިން އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތަށް ހަމަ އެއްވެސް ބަދަލެއް އައިކަން ސާބިތުކޮށްދިން ޤަރާރެއް ނޫނެވެ. އެހެނެއްކަމަކު، އެ ޤަރާރުން އެނގެނީ ޙަމާސް ނައްތައިލުމަށް ޓަކައި އެތައް ބިލިޔަން ޑޮލަރެއް ޚަރަދުކުރި އިރު ވެސް އެ ކަން ޙާޞިލުނުކުރެވުމުން ކޮންމެ ގޮތަކުން ވެސް އިސްރާއީލުގެ މަގުޞަދު ޙާސިލުކުރެވޭނެ މަގެއް ފަހިކުރާން އެމެރިކާ ބޭނުންވާ ކަމެވެ.
ބައެއް ލަފުޒުގެ މާނަ:
ފިޔަވަހި ނ. (1) ކުރެވޭ މަސައްކަތެއްގެ ތަފާތު ބައިތަކުގެ ތެރެއިން ބައެއް. (2) މަޝްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަ ކުރެވޭ ފަދަ ބައިބައި.
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.
މަގުޗާޓު ނ. (1) ކަމެއް ހާސިލުކުރާނެ ގޮތް ބަޔާންކޮށްފައި އޮންނަ ތަދުބީރު (މި ލަފުޒުގެ މާނަ ރަދީފަކު ނެތް.)