Advertisement

ޔަހޫދީންނާއި އެމެރިކާގެ ބޭއިންސާފު މުޅި ދުނިޔެ ގަބޫލުކޮށްފި. އިސްރާއީލުގެ ވަޒީރަކު އިސްތިއުފާދީފި.

11 Jun 2024 | 00:01
ބެނީ ގާންޓްޒް ނަތަންޔާހޫއާއެކު (ފޮޓޯ: އޯސީސީއާރްޕީ)

އަބާ މުޙަންމަދު

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގަމުން ގެންދާ ނަސްލުހޭދުގައި މިހާރު 38 ހާސް މީހުން ޝަހީދުކޮށްލައިފައިވާ އިރު، މި ފަހަކަށް އައިސް މުޅި ޣާއްޒާ މިލްކުކޮށް ފަލަސްޠީނުގެ ދަރިފަސްކޮޅު އެކީއެކަށް ނައްތައިލާން މިހާރު ހިންގާ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތް އަނިޔާވެރި ޙަމަލާތަކުގައި ވެސް 700 ވަރަކަށް މީހުން ޝަހީދުކޮށްލައިފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެންމެ ފަހުން ޙަމަލާ ދީފައިވާ އައްނުސައިރިއްޔާތު ރެފިޔުޖީ ފޭލިގެ އަވަށަށް ދިން ނުރައްކާތެރި ޙަމަލާގައި ވެސް 275 މީހުން ޝަހީދުކޮށްލައިފިއެވެ. މިއީ ޙަމާސުން ރަހީނުކޮށްފައިވާ އިސްރާއީލުގެ ރަހީނުންގެ ތެރެއިން އެންމެ ހަތަރު މީހަކު މިނިވަންކުރުމުގެ ނަމުގައި، ފަލަސްތީނުގެ މަދަނީން ނައްތައިލާން ދިން ޙަމަލާއެކެވެ.

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން އިސްރާއިލުން ނަސްލުހޭދު ހިންގަމުންދާއިރު، އެ ކަމާ ދެކޮޅަށް އެއްޗެއް ނުބުނެ ތިބި މީހުންނާއި ބައެއް ފަހަރު ބަސް ބުނެފައިވާ މީހުން ވެސް މި ޙަމަލާއާ ގުޅިގެން ޚިޔާލު ފާޅުކުރަމުން ކުށްވެރިކުރައްވަމުން އެބަ ގެންދަވައެވެ. މީގެ ތެރޭގައި އދ.ގެ އެހީދޭ ޖަމުޢިއްޔާގެ ވެރިޔާ މާޓިން ގްރިފިތުހާއި ފަލަސްޠީނުގައި ހުންނަ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ އޮފީހުގެ ކުރީގެ ވެރިޔާ ސޯލް ތަކަހަޝީއާއި ފަލަސްޠީނަށް އދ. އިން ކަނޑައަޅައިފައި ހުންނަވާ ޚާއްޞަ ރެޕަޓުއަރ ފްރަންޗެސްކާ އަލްބަނޭޒޭ ހިމެނިވަޑައިގަނެއެވެ.

އެ ޙަމަލާތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގާން، އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމުގެ ޖަމުއިއްޔާ - އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ)އިން ވަނީ ގޮވައިލައިފައެވެ. އަދި, އެ ޙަމަލާގައި ބައިވެރިވި  މީހުން ޝަރީޢާތަށް ހާޒިރުކޮށް, ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއް ގޮތަށް ޙައްޤު އަދަބުދޭން ވެސް އޯއައިސީއިން ވަނީ ގޮވައިލައިފައެވެ. 57 ގައުމު ހިމެނޭ މި ޖަމާޢަތުން ބުނެފައިވަނީ ޔަހޫދީންގެ އިތުރަށް އެމެރިކާއިން ވެސް އެ ޙަމަލާތަކުގެ ޒިންމާ އުފުލާން ޖެހޭނެކަމަށެވެ.

އަދި ވިލާތު އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޖޯސެފް ބޮރެއި ވެސް މި ޙަލައާ މެދު ކަންބޮޑުވުން ފާޅުކޮށް މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ އިސްރާއީލުގެ ޙަމަލާތައް ކުށްވެރިކުރައްވަމުން ވިދާޅުވެފައިވަނީ "ޔަހޫދީން މި ފަދަ ލާއިންސާނީ ޢަމަލުތައް ހިންގަމުން ގެންދަނީ, އެ ކަން ހުއްޓުވާން ދުނިޔޭގެ ޤައުމުތަކާއި އދ.ގެ ސަލާމަތީ މަޖިލީހުން އެއްވެސް ފިޔަވަޅެއް ނާޅާތީ،"ކަމަށެވެ. މި ކަމުގައި އދ.އާއި ދުނިޔޭގެ ގައުމުތައް ފޭލިވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް މި ކަން ކުށްވެރިކޮށް، ފަލަސްޠީނުގެ ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ޝަހީދުކޮށް، އެ މީހުންގެ ފުރާނަ ޔަހޫދީ ފައުޖުން ގެއްލުވައިލަމުން ދާކަމަށް ބުނެފައި ވެއެވެ.

އަނެއްކޮޅުން، އިސްރާއީލަށް ލިބޭން އޮތް ކާމިޔާބީއަށް ބޮޑުވަޒީރު ނަތަންޔާހޫ ހުރަސްއަޅަމުން ގެންދާކަމަށް ބުނެ، އިސްރާއީލުގެ ވަރަށް ތަޖުރިބާކާރު ސިޔާސީއަކު ކެބިނެޓުން އިސްތިއުފާދީ، ނަތަންޔާހޫގެ ސަރުކާރުން ވަކިވެއްޖެއެވެ. ބެނީ ގާންޓްޒް ހަނގުރާމައިގެ ދުވަސްވަރުގެ އެއްބައިވަންތަކަމުގެ ސަރުކާރުން ވަކިވީ އޭނާ ބުނާ ގޮތުންނަމަ، "ބަރު ހިތަކާއިގެންނެވެ. އަދި ހިތުގެ އަޑީންނެވެ."

ހަނގުރާމައިގެ ކެބިނެޓުގެ ތިން މެންބަރުން ކުރެ އެކަކު ކަމުގައިވާ ބެނީއަކީ ނަތަންޔާހޫގެ ހަނގުރާމައިގެ މާގައާ ބެހޭ ގޮތުން އެންމެ ގިނައިން ފާޑުކިޔާ އެކެކެވެ. އޭނާ ބުނާ ގޮތުން "އިސްރާއީލަށް ހަނގުރާމައިގައި ލިބޭން އޮތް ކާމިޔާބީއަށް ނަތަންޒާހޫ ހުރަސްއަޅަނީއެވެ."

އަދި އިސްރާއީލުގެ މުޖުތަމަޢުގައި ފެތުރެމުން އަންނަ އެއް ވާހަކައަކައަކީ އަސީރުން މިނިވަންކުރާކަށް ނަތަންޔާހޫ އިސްކަން ނުދޭ ވާހަކައެވެ. ބެނީއަކީ މި ވާހަކަ ވެސް ފަރުރާ އެކެކެވެ. "އަސީރުންގެ ޢާއިލާތަކުން މާފަށް އެދެމެވެ." މރ. ބެނީ ގާންޓްސް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ. "އަހަރެމެން ލައްކަ މަސައްކަތްކުރީމެވެ. ނަމަވެސް މިކަމުގައި އަހަރެމެން މި ވަނީ ފޭލިވެފައެވެ."

ގިނަ އަސީރުން (މިނިވަންކޮށް) ގެޔަށް ގެނައުމުގައި އަހަރެމެންނަށް ކާމިޔާބީއެއް ނުލިބުނެވެ. މިއީ ޚުދު އަހަރެންގެ ވެސް މަސްއޫލިއްޔަތެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މރ. ބެނީ ގާންޓްޒަކީ ހަރުކަށި ސަހުޔޫނީ ޔަހޫދީއެކެވެ. އޭނާ މިހާރު މަސައްކަތް އެ ފެށީ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެސް ބޮޑުވަޒީރުކަމަށް އައުމަށް ޓަކައެވެ.

 ބައެއް ލަފުޒުގެ މާނަ:

މާގަ      ނ.     މައްސަލައެއް ޙައްލުކުރުމުގައި ނުވަތަ ކަމެއް ކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް.

ނަސްލުހޭދު  ނ.     އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ދަރިފަސްކޮޅު ނ.     (1) ތިމާއިން ފެށިގެން ތިމާގެ ދަރީންނާއި ދަރީންގެ ދަރީންނާއި މިރިމިނީން. (2) ނަސްލު. (3) ދަރިކޮޅު.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް