Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (7)

10 Jun 2024 | 06:55
ރަސޫލާގެ ނަންފުޅު

އަޙުމަދު ފަޔާޟު ޙަސަން

2024 ޖޫން 3ގައި ޝާއިޢުކުރި ޢަދަދާ ގުޅޭ)

، ރަސޫލު ޢިއްޒަތްތެރިކުރައްވައި މަތިވެރިކުރެއްވުން:

ﷲ އެކަލާނގެ ރަސޫލާ ނޫރެއް ފަދައިން ސިފަކުރައްވައިފައިވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިންސާނާއަށް އޭނާގެ ވަށައިގެންވާ ދުނިޔެ ފެންނަނީ އަލިކަމުގެ ސަބަބުންނެވެ. ލޮލުގެ ނޫރު ހުރިކަމުގައި ވިޔަސް ދުނިޔޭގައި އަލިކަމެއް ނުވާ ނަމަ، އެ މީހަކަށް ނުފެންނާނެއެވެ. ހަމަ އެ ގޮތަށް ލޮލުގެ ނޫރު ނުވާ މީހާއަށް ދުނިޔޭގައި ކިތަންމެ ބޮޑު އަލިކަމެއް ހުއްޓަސް އެއްވެސް އެއްޗެއް ނުފެންނާނެއެވެ. ފެނުމަށް ޓަކައި ލޮލުގެ ނޫރެކޭ އެއް ފަދައިން ދުނިޔޭގައި ވެސް އަލިކަން ހުންނާން ޖެހެއެވެ. އަޙުޒާބު ސޫރަތުގެ 46ވަނަ އާޔަތުގައި ރަސޫލުﷲ ﷺގެ ދަރަޖަ އުފުއްލެވުމުގެ ގޮތުން ﷲ އެކަލޭގެފާނު ސިފަކޮށްދެއްވީ އަލިކުރާ ބައްތިއެއް ފަދައިންނެވެ. އަދި އެކަލާގެފާނު ގޮވައިލައްވަނީ ﷲގެ އިޒުނާފުޅާ އެކު އެކަލާނގެ ދީނަށްކަމުގައި ވަޙީކުރެއްވިއެވެ. ސިރާޖަކީ ﷲ އިރަށް ދެއްވައިފައިވާ އެއް ނަމެވެ. ﷲ ރަސޫލުﷲ ﷺ ސިފަކުރައްވަނީ ސިރާޖުގެ ނަމުންނެވެ. މި ކަމުން ވެސް ދަލީލުކޮށްދެނީ ނަބިއްޔާ ﷺގެ މާތްކަމާއި މަތިވެރިކަމެވެ.

އަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި ﷲ އެކަލާނގެ ނަބިއްޔާ ﷺ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައެވެ. މި އާޔަތުން ﷲގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަން ކަށަވަރުވެއެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް ޓަކައި ވެވަޑައިގަންނަވާ ޤުރްބާނީ ވެސް މި އާޔަތުން އެނގެއެވެ. އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ޢިއްޒަތް އަރުވައި، އެކަލޭގެފާނަށް ނަސްރުދީ، އެކަލޭގެފާނަށް ބާވައިލެއްވި ފޮތުގައި ހިފާ މީހުންނަކީ ދިންނަވާނޭ މީހުންކަމުގައި ﷲ އަންގަވައެވެ. މިއިން އެނގި ކަށަވަރުވަނީ ﷲ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައިފައިވާ ވަރެވެ. އަދި އެކަލޭގެފާނަށް ކަމޭ ނުހިތައި އެކަލޭގެފާނަށް ޢިއްޒަތް ނޭރުވި ބަޔަކު ގެއްލި ހަލާކުވާނޭކަން ވެސް މި އާޔަތުން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނަކީ ﷲގެ ޙައްޤު ބަސަފުޅުކަމާއި ރަސޫލުﷲ ﷺއަކީ އެކަލާނގެ ރަސޫލާކަން އަންގައިދޭ ހެތްކަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނަކީ ﷲގެ ޙައްޤު ބަސްފުޅުކަން އަންގައިދޭ އެންމެ ބޮޑު ހެތްކަކީ ޚުދު ރަސޫލުﷲ ﷺއެވެ. ޤަލަމް ސޫރަތުގެ ހަތަރުވަނަ އާޔަތުން މި ކަން އެނގެއެވެ. މި އާޔަތުގައި ﷲ ބަޔާންކުރައްވަނީ އެކަލޭގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމެވެ. ޔަޢުނީ އެކަލޭގެފާނަކީ ދޮގު ވާހަކަނުދައްކަވާނެ ބޭކަލެއްކަމެވެ. އެކަލޭގެފާނުގެ ޒާތީ ހަޔާތްޕުޅާއި އާންމު ހަޔާތްޕުޅުން ކަށަވަރުވި އެންމެބޮޑު ކަމަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ދޮގެއް މަކަރެއް ހީލަތެއް ޚިޔާނާތެއް ނެތް ސާޅީސް އަހަރުގެ ދިގު ރެކޯޑެވެ. މީހަކަށް މަލާމާތެއް ފުރައްސާރައެއް ނުކުރައްވައެވެ. މީހެއްގެ ޙައްޤަކަށް ކުޑަމިންވަރަކަށް ވެސް އަރައިވަޑައެއް ނުގަނެއެވެ. މުޅި މުޖުތަމަޢުގެ ލޯތްބާއި އިޙުތިރާމް އެކަލޭގެފާނަށް އޮތެވެ. ނަތީޖާއަކީ އެކަލޭގެފާނު އިތުރުފުޅުނުހައްދަވާނެކަމުގެ ޔަގީންކަން މައްކާގެ މީސްތަކުންނަށް ވެސް އޮތުމެވެ.

ރަސޫލުﷲ ﷺގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް ބާރުއަޅުއްވައި މުޝްރިކުންނަށް ﷲ ގޮންޖެއްސެވިއެވެ. އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެކަމަށް އިޝާރަތްކުރައްވައި މުޝްރިކުންނަށް ﷲ ގޮންޖައްސަވަނީ އަލްޙާއްޤާ ސޫރަތުގައެވެ. ޤުރްއާނަކީ ﷲ ބާވައިލެއްވި ޙައްޤު ފޮތްކަމުގައި އެންގެވިއެވެ. ﷲއަށް ނިސްބަތްކޮށް އެކަލޭގެފާނު ވާހަކަފުޅެއް ދެއްކެވި ނަމަ، އެ ކަމުގެ ޖަޒާ އެކަލޭގެފާނަށް ލިބިވަޑައިގަތީސްކަމަށް ﷲ އެންގެވިއެވެ. މި ކަމުން އެނގި ކަށަވަރުވަނީ އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަމާއި ޤުރްއާނަކީ އެކަލާނގެ ކަލާމްފުޅުކަމެވެ.

ކީރިތި ޤުރްއާނަކީ ރަސޫލުﷲ ﷺގެ އުފެއްދެވުމެއް ނޫންކަމަށް އެ ޤުރްއާން ހެކިވެއެވެ. ނަޖުމް ސޫރަތުގެ ތިންވަނަ އާޔަތުން ފަސްވަނަ އާޔަތަށް މި ކަން ކަށަވަރުވެއެވެ. ﷲ މި އަންގަވަނީ ޤުރްއާންކަމަށް ވިދާޅުވެ ނަބިއްޔާ ﷺ އިއްވާ ބަސްފުޅަކީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެއް ނޫންކަމަށެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވާ ފަދައިން އެއީ ﷲގެ ޙަޟުރަތުން ވަހީގެ މަލާއިކަތާ ޖިބުރީލްގެފާނު އެކަލޭގެފާނަށް ގެނެސްދެއްވާ ވަޙީއެވެ. އެހެންކަމުން މައްކާގެ އަހުލުވެރީން ސާޅީސް އަހަރަށް އަމީނާއި ޞިއްދީޤުގެ ނަމުން ނަން ދިން ނަބިއްޔާ އުނގަންނައިދެއްވާ ޤުރްއާން ބަލައިގަންނާން ޖެހޭކަން މި އާޔަތްތަކުން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނަކީ ﷲގެ ކަލާމްފުޅުކަން އަންގައިދޭ އެންމެ ބޮޑު ދަލީލަކީ ރަސޫލުﷲ ﷺއެވެ. ހަމަ އެ ގޮތަށް އެކަލޭގެފާނަކީ ﷲގެ ރަސޫލާކަން އަންގައިދެނީ ކީރިތި ޤުރްއާންއެވެ. ޔާސީން ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތަކީ ވެސް މި ދެންނެވި ފަދަ މިސާލެކެވެ. ކީރިތި ޤުރްއާން ގަންދެއްވައި ﷲ އަންގަވަނީ އެކަލޭގެފާނަކީ ރަސޫލު ބޭކަލެއްކަމުގައެވެ. އެހެންކަމުން ރަސޫލުﷲ ﷺއަކީ ﷲގެ ރަސޫލާކަމުގެ އެންމެ ބޮޑު ހެތްކަކީ ކީރިތި ޤުރްއާންއެވެ. މިއިން އަޅުގަނޑުމެން ލިބިގަންނާން ޖެހޭ މެސެޖަކީ ރަސޫލުﷲ ﷺގެ މާތްކަމާއި މަތިވެރިކަމެވެ. 

ރަސޫލުﷲ ﷺއާއި ކީރިތި ޤުރްއާން ގުޅި ލައިމެހިފައި ވަނީ ވަކިނުކުރެވޭ ވަރަށެވެ. އެހެންވެ ކީރިތި ޤުރްއާނުން ރަސޫލުﷲ ﷺ ވަތްކެއްނުކުރެވޭނެއެވެ. ހަމަ އެ ގޮތަށް ރަސޫލުﷲ ﷺގެ ކިބައިން ކީރިތި ޤުރްއާން ވަތްކެއްނުކުރެވޭނެއެވެ. މި ކަމުގެ އެއް ހެތްކަކީ ބައްޔިނާ ސޫރަތެވެ. ފާޅުވެގެންވާ ދަލީލު ނުވަތަ ބައްޔިނާ މީސްތަކުންނަށް ﷲ ފޮނުއްވިއެވެ. އެއީ އެ ދަލީލަކީ ނުވަތަ ބައްޔިނާއަކީ ރަސޫލުﷲ ﷺއާއި ކީރިތި ޤުރްއާނެވެ. މި ކަން ބައްޔިނާ ސޫރަތުގެ ފުރަތަމަ ދެ އާޔަތުން އެނގެއެވެ. މިއިން އަނެއްކާ ވެސް އެނގިކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލުﷲ ﷺ މާތްކުރައްވައިފައިވާ މިންވަރެވެ.

ރޯފިލައިފައި ތިބި ނުވަތަ ތަންދޮރުދަންނަ ބައެއް މުސްލިމުން ދައްކާ ވާހަކައެއް އޮވެއެވެ. އެ މީހުން ބުނާ ގޮތުގައި ﷲ ވަނީ ކީރިތި ޤުރްއާން ރައްކާތެރިކުރައްވައިފައެވެ. އެހެންވެ އެ މީހުން ކީރިތި ޤުރްއާނަށް ތަބާވަނީ އެ ޤުރްއާނާ މެދު އެއްވެސް ޝައްކުކަމެއް ނެތިއެވެ. އެކަމަކު ރަސޫލުﷲ ﷺގެ ޙަދީޘްފުޅުތަކުގެ ޞައްޙަކަމާ މެދު އެ ފަދަ މީހުންނަށް ޔަގީންކަންމެއް ނޯވެއެވެ. އެހެންވެ ޙަދީޘް ގަބޫލުކުރާން ދަތިކަމަށް އެ ފަދަ މީހުން ބުނެއެވެ. ހައިރާންވެ އަންތަރީސްވާން ޖެހެނީ ﷲ ޤުރްއާން ރައްކާތެރިކުރެއްވި ގޮތް އަޅުގަނޑުމެންނަށް ނޭގޭތީއެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނާ ހަމައަށް ވާސިލުކޮށްދެއްވީ މަލާއިކަތުންނެއްނޫނެވެ. އެކަމަކު އެ ކަން ކުރެއްވީ މުސްލިމުންނެވެ. ﷲ ކީރިތި ޤުރްއާނުގައި އެ ޤުރްއާން ރައްކާތެރިކުރެއްވި ގޮތް ބަޔާންކުރައްވައިފައި ވެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް