ޢަރުޝީގެ ހިޔާވަހިކަން
ލިޔުނީ: އައްޝައިޚު ޝަފީޢު ޢަބްދުﷲ
ޤިޔާމަތް ދުވަހަކީ، ހުރިހައި ޚަލްޤުތައް، މާތް ﷲ ގެ ޙަޟުރަތަށް ޖަމާކުރެވޭ ދުވަހެވެ. އެ ދުވަހުގެ ބިރުވެރިކަމާ ބެހޭ ގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން އައިސްފައި ވެއެވެ.
ނަމަވެސް، އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން މާތް ﷲ ރައްކައުތެރިކުރައްވައި، އާމާންކަން ދެއްވައި، އެ އިލާހުގެ ޢަރުޝިކޮޅުގެ ހިޔާވަހިކަން ދެއްވާ ހަތް ބަޔެއް ވެއެވެ.
ޢަރުޝީގެ ހިޔާވަހިކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘް:
ކީރިތިރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.
"سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ " متفق عليه ، رواه البخاري (2/144-174) ومسلم برقم 1712 ، وغيرهما .
މާނައީ: "މާތް ﷲގެ ހިޔާ ނޫން އެހެން އެއްވެސް، ހިޔާވަހިކަމެއް ނެތް ދުވަހު އެ ފަދަ ހިޔަލެއް ލިބޭނޭ ހަތް މީހަކު ވެއެވެ. އެއީ ޢަދުލުވެރި ވެރިއަކާއި، ގަދަ ކީރިތިވަންތަ ﷲގެ ކިބަޔަށް އަޅުކަންކުރުމުގައި، އުފެދި ބޮޑުވަމުން ދިޔަ ޒުވާނަކާއި، މިސްކިތުން ނުކުމެއްޖެއްޔާ، އަލުން އަނބުރައި އެ މިސްކިތަށް އާދެވިއްޖައުމަށް ދާނދެން އެ މީހެއްގެ ހިތް މިސްކިތާ ގުޅުވައިލެވިފައިވާ މީހަކާއި، މާތް ﷲއަށް ޓަކައި، އެކުވެރިކަމާއި ލޯބި ހިނގައި، ފުރަތަމައިން ވެސް އެ ގޮތުގެ މަތީން ބައްދަލުވެ، ވަކިވެއްޖައުމަށް ދާނދެން، އެ ގޮތުގައި ދެމި ތިބެވިއްޖެ ކޮންމެ ދެ މީހަކާއި، އެކަނި ހުރެ މާތް ﷲ މަތީން ހަނދުމަކޮށް، އެކަލާނގެއަށް ބިރުވެތިވުމުގެ ސަބަބުން ދެލޮލުން ކަރުނަ އޮހޮރޭ ކޮންމެ މީހަކާއި، ދަރަޖައިން މަތިވެރި ބުރުސޫރަ ރީތި އަންހެނަކު ގޮވައިލި ގޮވައިލުމަކަށް "ތިމަން މާތް ﷲ ދެކެ ބިރުވެތިވަމޭ" ބުނެފި ކޮންމެ މީހަކާއި، ކަނާތުން ހޭދަކުރާ އެއްޗެއް ވާތަށް ނޭނގުމަށް ޓަކައި، ޞަދަޤާތްކުރިކަން ވަންހަނާކުރާ ގޮތުގައި، ޞަދަޤާތެއް ކޮށްފި ކޮންމެ މީހެކެވެ."
ޤިޔާމަތް ދުވަހަކީ ވަރަށް ވެސް ބިރުވެރި ދުވަހެކެވެ. އަޅުތަކުންނާއި މޭލެއްހައި ކައިރިއަށް އިރު ގެނެވޭނެ ދުވަހެވެ. އެ މީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން އެ މީހެއްގެ އަމިއްލަ ދަލުގެ ތެރެއަށް ގެނބިގެންދާނެ ދުވަހެވެ.
އަޅުގަނޑުމެން މަސައްކަތްކުރާންވީ ޙަދީޘްފުޅުގައި ބަޔާންކުރެވިފައިވާ ފަދަ ބަޔަކަށް ވެވޭތޯއެވެ.
ޢަރުޝީގެ ހިޔާވަހިކަމުގެ ޝަރަފު ލިބޭ ފަދަ ބަޔަކަށް ވުމަށް ޓަކައި، މާތް ﷲ ޙަރާމްކުރެއްވި ކަންކަމުން ދުރުވެ، އެ އިލާހު ޢަމުރުކުރައްވައިފައިވާ ކަންކަން ބަރާބަރަށް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާންވާނެއެވެ.
އެހެނީ، ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ދެކޭނޭ އެއްޗެކެވެ. އާޚިރުގައި ފައިދާއެއް ވާނީ ދުނިޔެމަތީގައި ކުޅަ ހެޔޮ ޢަމަލަކުންނެވެ.
_______________________