Advertisement

އެމެރިކާއާއި އިންޑިއާ ފަދަ ގައުމުތަކަށް މި ދުވަސްވަރު ދިވެހީން ދަތުރުކުރުން ރައްކާތެރިހެއްޔެވެ؟

17 Oct 2023 | 10:51
.

މި މަހު ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެސްދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޖަރީމާތައް މިހާރު މި ވަނީ އިތުރުވެފައެވެ. މުޅި ރަށް ވަނީ ފަނާކުރަނިވި، އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ވީރާނާކޮށްލައިފައެވެ. މިއާ ވިދިގެން ފަލަޞްޠީނަށް ހަމްދަރުދީވާ ބަޔަކު ދުނިޔޭގައި އެބަ ތިއްބެވެ. އެމެރިކާގައި ދިރިއުޅޭ ޔަހޫދީން ވެސް އިސްރާއީލުގެ ޣައްޒާއަށް ދެމެންގެންދާ ޢުދުވާނާ ދެކޮޅަށް އަޑު އުފުލައިފިއެވެ. ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގެ ސަރުކާރުތަކުންނާއި ރައްޔިތުން ފަލަޞްޠީނަށް އެހީތެރިވެވޭތޯ ވެސް އެބަ މަސައްކަތްކުރެއެވެ.

އަނެއްކޮޅުން ޣައިރުމުސްލިމު ޤައުމުތަކުން ފަލަޞްޠީނު ރައްޔިތުންނަށް ނިރުބަވެރީންގެ ނަންދީ އެ މީހުންނާ ދެކޮޅަށް އިސްރާއީލަށް ހައްދެއް ނެތި އެހީތެރިވަމުން  ވެސް އެބަ ގެންދެއެވެ. ޚާއްޞަކޮށް އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ގެންދަނީ އިސްރާއީލަށް އެހީތެރިވުމުގެ އިތުރަށް ޢަމަލީ ގޮތުން އެ ޢުދުވާނުގައި ބައިވެރިވަމުންނެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން އިސްރާއީލާ ބައިވެރިވެ ޢަމަލީ ގޮތުން ފަލަސްތީނާ ދެކޮޅަށް ޢުދުވާނު ހިންގުމުގައި ބައިވެރިވެއެވެ.

މި ދަނޑިވަޅުގައި މުސްލިމުންނާ އިދިކޮޅަށް ނަފުރަތު އުފެއްދުމަށް ވަރުގަދަ ކެންޕޭނެއް އިސްލާމް ދީނުގެ ޢަދުއްވުން އެބަ ހިންގައެވެ. މި ގޮތުން މީސްމީޑިއާގެ އެކި މަންސަތައް ބޭނުންކޮށްގެން އިސްރާއީލަށް ތާއީދުކޮށް ފަލަސްޠީނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ޓަކައި ދޮގު މަޢުލޫމާތާއި ވީޑިއޯތައް އާންމުކުރަމުން އެބަ ގެންދެއެވެ. މި ކަމުގައި އެންމެ އަރައި ތިބި ބަޔަކީ އިންޑިއާގެ ހަރުކަށި ހިންދޫންނެވެ. މިއިން ދުވަހަކު ނުފަތުރާ ވަރަށް ފަލަސްތީނު ރައްޔިތުންނާ ބެހޭ ގޮތުން ދޮގު ޚަބަރުތައް މީސްމީޑިއާގައި އެބަ ފަތުރައެވެ. ފާޑުފާޑުގެ "ފޭކު" ވީޑިއޯތައް ހަދައިގެންނެވެ. ދައްކާން ލަދުގަންނަ ފަދަ ވާހަކަތައް ފަލަސްޠީނީންގެ ބޮލުގައި އަޅުވައިގެން "އެކްސް" (ކުރީގެ ޓްވީޓާރ)އާއި އެހެން މަންސަތަކުގައި އެތައް ދޮގު ވަހަކަތަކެއް އެބަ ފަތުރައެވެ. ފަލަޞްޠީނީން ބަދުނާމުކޮށްފައެވެ. އިސްރާއީލު ދިފާޢުކޮށް އެ މީހުންނަށް ތާއީދުކޮށްފައެވެ.

މީސްމީޑީއާގައި ފަތުރަމުން ގެންދާ މި ދެންނެވި ފަދަ "ފޭކު" މަޢުލޫމާތު ނައްސިކޮށް އަމާޒުކޮށްފައި ހުންނަނީ ފަލަސްޠީނަށެވެ. އިސްރާއީލަށް ނިސްބަތްކުރަނީ ފައްސިކޮށެވެ. މި ގޮތުން ޢާންމުކޮށްފައިވާ ވީޑިއީގައި ޖިންސީ އަޅެއްގެ ގޮތުގައި ކުޑަކުއްޖަކު ބޭނުންކުރާކަމަށް ދައްކާ ވީޑިއޯއަކީ އެންމެ ގިނައިން އާންމުކުރާ ވީޑިއޯއެވެ. ނަމަވެސް މި ވީޑިއޯއަށް ތަޙުލީލީ ނަޒަރަކުން ވިސްނައިލުމުން އެއީ ފޭކު އެއްޗެއްކަން އެއްވެސް އޮޅުމެއް ނެތި ހާމަވާނެއެވެ.

އިންޑިއާގެ ހަގީގަތް ޗެކްކުރާ ޚިދުމަތެއްކަމުގައި ވާ "ބޫމް"އިން ހޯދި މަޢުލޫމާތުން ކަށަވަރުކުރެވިފައިވާ ގޮތުގައި މި ފަދަ ދޮގު މަޢުލޫމާތު އެކި ގޮތްގޮތަށް ފެތުރުމުގެ ކެންޕޭނެއް އެކްސް މެދުވެރިކޮށް ހިންގާ ގިނަ މީހުންނަކީ އިންޑިއާގައި "އެކްސް" ބޭނުންކުރާ މީހުންކަން ވަނީ ސާބިތުވެފައެވެ. މި ކަމާ ބެހޭ ރިޕޯޓެއް ވެސް ދާދިފަހުން "ޖަޒީރާ"އިން ވަނީ ޝާއިޢުކޮށްފައެވެ. މި ފަދަ ދޮގު ވީޑިއޯ ޕޯސްޓްތައް ކުރާ އެކަކީ "މރ. ސިންހަ"ގެ ނަމުގައި އެކްސް ބޭނުންކުރާ މީހެކެވެ. މީނާގެ ކޮންމެ ޕޯސްޓެއްގައި ހޭޝްޓެގަކަށް "އިސްލާމްއިޒްދަޕްރޮބްލަމް"(މައްސަލައަކީ އިސްލާމް ދީން) މި ހޭޝްޓެގު ބޭނުންކޮށްފައިވެއެވެ. އަދި މި ނޫނަސް މުސްލިމުންނަށް އިހާނެތި ޢިބާރާތްތައް ލިޔެ ފަލަސްޠީނާ އިދިކޮޅަށް ތަފާތު ދޮގު ވީޑިއޯ ހަދަހަދައިގެން އެކްސްގައި ޕޯސްޓްކުރާ ގިނަ މީހުންނަކީ އިންޑިއާއިން އިންޑިއާ މީހުން ކުރާ ޕޯސްޓުތަކެއްކަން "ބޫމް"އިންވަނީ ކަށަވަރުކޮށްދީފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މުސްލިމުންނާ މެދު ނަފުތަރު އުފައްދައި މުސްލިމުންނާއި މުސްލިމުންގެ ދީނީ ބިނާތަކަށް ޙަމަލާދިނުމަކީ ދޭތެރެދޭތެރެއިން އިންޑިއާގައި ހިނގާ ކަމެކެވެ. އަދި ވަކީން ޚާއްޞަކޮށް މުސްލިމުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގުމުގެ ސަބަބުން ކުރީން ޓެރަރިސްޓެއްކަމަށް އެމެރިކާއިން ލިސްކޮށްފައިވާ ނަރެންދްރަ މޯދީއަށް ބޮޑުވަޒީރުކަން ލިބުނު ހިސާބުން އޭނާއަށް ނިސްބަތްވާ ޕާޓީގެ ބޮޑުން އިސްވެ ތިބެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުން އިންޑިއާގައި ވަނީ ޢާންމުވެފައެވެ. މި ފަދަ ޖަރީމާތައް ފާޅުގައި ހިންގިކަމަށް ވިޔަސް އެ ކަންކަން ހުއްޓުވުމުގައި ފުލުހުން މާ ބޮޑު ސަމާލުކަމެއް ދޭތީ ވެސް ނުފެނެއެވެ. ވީމާ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން މި ދެންނެވި ފަދަ ނަފުރަތުގެ ދޮގު ޚަބަރުތައް ފަތުރައި އާންމުކުރުމުގައި އިންޑިއާ އިސްވެ އޮތުމަކީ އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫނެވެ.

އަނެއްކޮޅުން މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމަށް ޓަކައި އެމެރިކާގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރާން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން ވަދީޢާ އަލް ފައްޔޫމް ނަމަކަށް ކިޔާ ހަ އަހަރުގެ ކުޑަކުއްޖަކަށް ބަޑީން ޙަމަލާދީ އިއްޔެ ވަނީ ޝަހީދުކޮށްލައިފައެވެ. އޭނާއަށް އަމާޒުކޮށް 26 ފަހަރަކު ޙަމަލާދިނެވެ. އެމެރިކާގެ ޗިކާގޯގެ އަވަށެއް ކަމަށް ވާ ވިލް ކައުންޓީގައި އެ ކުޑަކުއްޖާ ޝަހީދުކޮށްލައިފައިވަނީ އެ މީހުން (ކުއްޔަށް ހިފައިގެން) ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ހުއްޓައެވެ. މި ޙަމަލާގައި އެ ކުއްޖާގެ މަންމަ ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. މި ޙަމަލާ ދިން ހަމަ އެކަނި ސަބަބެއްކަމަށް އެ އަވަށުގެ ޝެރިފް (އަވަށުގެ ޤާނޫނު ތަންފީޒުކުރާ އެންމެ އިސްވެރިޔާ) ބަޔާންކޮށްފައިވަނީ އެ މީހުންނަކީ ފަލަސްޠީނުގެ މުސްލިމު ބަޔަކަށް އެ މީހުން ވުންކަމަށެވެ. އުމުރުން 32 އަހަރުގެ ޙަންނާން ޝާހީނަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ހޮސްޕިޓަލުގައި ބާއްވައިފައިވާތީ އޭނާގެ ދަރިފުޅުގެ ޖަނާޒާގައި ވެސް އޭނާއަށް ބައިވެރިއެއް ނުވެވުނެވެ.

މި ޙަމަލާ ދިންކަމަށް ވަނީ އެ ގޭގެ ވެރިޔާ، ޢުމުރުން 71 އަހަރުގެ ޖޯސެފް ޒުބާ ކިޔާ ނުލަފާ މީހެކެވެ. މިއީ ކުށުގެ ރެކޯޑް އޮންނަ މުޖުރިމެކެވެ. މި މައްސަލަ މިހާރު އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން ގެންދަނީ ތަހުގީގުކުރަމުންކަމަށް އެނގިފައިވެއެވެ.

ޚަބަރުތަކަށް ބަލާއިރު، މުސްލިމުންނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި މުސްލިމުންނާ މެދު ނަފުރަތު އުފައްދާން އެންމެ ގިނަ ކެންޕޭނުތަކެއް ކުރަމުން ގެންދަނީ އިންޑިއާގެ ހަރުކަށި ހިންދީންނާއި އެމެރިކާގެ ރައްޔިތުންގެ ތެރޭގައި މުސްލިމުން ދެކެ ރުޅިއަންނަ މީހުންނެވެ. ވީމާ އަޅުގަނޑުމެންގެ ސުވާލަކީ، މި ދުވަސްވަރު އެމެރިކާއާއި އިންޑިއާއަށް އިސްލާމީ މި ދިވެހިރާއްޖޭގެ ރައްޔިތުން ދަތުރުކުރުން ރައްކާތެރިވާނޭހެއްޔެވެ؟

Advertisement

ކޮމެންޓް