Advertisement

އެންމެ ކުށެއް

09 Jun 2024 | 15:41
އެންމެ ކުށެއް

އަސްމާ އަބޫބަކުރު

ލަގެޖުތަކާއެކު މަންޒިލަށް ވާސިލުވުމަށް ދެކޮޅުދެކޮޅަށް މީހުން އަވަސް ހިނގުމުގައި ހިނގަމުން ދިޔައެވެ. ނުފެންނަ މޫނުތަކުން ފުރިފައިވާ މާހައުލެކެވެ. ބައެއް މީހުން ކަރުނައިން ފުރިގެންވާ ލޯތަށް އަމާޒު ކުރަމުން ގެންދިޔައީ އެއާޕޯޓްގެ މައިދޮރާ ދިމާއަށެވެ. އާއިލާތަކުން ދުވަސްތަކަކަށް ވަކިވެފައިވާ އެތައްބަޔަކު އަންނާތީކަން އެމީހުންގެ ޙަރަކާތްތަކުން އެނގެއެވެ. އަތުގައިވާ މާބޮނޑިތަކާއި ހިތްއަވަސްވެފައިވާ ލޯތަކެވެ. ބައެއް މީހުން އިންތިޒާރުގެ ދިގު ވަގުތު ކުރުކުރުމަށްޓަކައި ގޮނޑިތަކުގައި ކެތްތެރިކަމެއް ނެތި ތިއްބެވެ. ބައެއް މީހުންގެ މޫނުމަތީންނާއި ލޯތަކުން ފެންނަ ހިތްދަތި މަންޒަރު ތަކަކީ ޢާއިލާގެ ބަޔަކާ ވަކިވުމުގެ ބިރުވެރި އިންތިޒާރެވެ. ޢާއިލާގެ ބަޔަކު ދިގުމުއްދަތަކަށް ވަކިވުމުގެ ބިރެވެ. 

އެ ހަލަބޮލި މާހައުލުގައި އާސިފް އިށީނދެގެން އިނީ އޮފީސް ދަތުރެއްގައި ރާއްޖޭން ބޭރަށް ދިއުމަށް އައިހެވެ. އެހެން މީހުންނަށްވުރެ މާކުރީން އާދެވުނީ އާސިފްގެ ގަޑި އާސިފަށް ދިން ލަނޑަކުންނެވެ. ފޯނު އަތުގައި އޮތަސް އާސިފަށް ބަރޯސާ ވެވެނީ ގަޑިއަށެވެ. އެ ގަޑީގެ ކަށި އަވަސްކޮށްފައި ވަނީ ދޮށްޓަށް ހުރި ހަލަނިކޮށް އުޅޭ އާޒެވެ. އެކަމެއް އާސިފަކަށް ނޭނގެއެވެ. އެއާޕޯޓަށް އައިސް އެއްވެސް މީހަކު ނުފެނުމުން ގަޑިއަށާއި ފޯނަށް ބަލައިލެވުނެވެ. އެއްގަޑިއިރު ކުރީން އޭރު އާދެވިފައިވާތީ ދެން އިތުރަށް ކުރެވޭނެ ކަމެއްނެތެވެ. އަނބުރާލާފައި ދެވޭނެ ގޮތެއް ވެސް ނެތެވެ.

ކުއްލިއަކަށް އާސިފްގެ ލޮލުގައި އަޅައިގަތީ ފޮށި ދަމަމުން އަންނަ ގްރޫޕްތެރޭގައި ހުރި ލޫޅާފަތި އަންހެންކުއްޖާއެވެ. ވަށް މޫނެކެވެ. ގަދަ ނޫކުލައެއްގެ އަބާޔާއެއްގައި ހުރި އެ އަންހެން ކުއްޖާގެ ރީތިކަމުން އާސިފަށް އެ ދިމާއަށް ބެލެނީއެވެ.

"ނަސީބެއް ކަންނޭގެ އަވިއައިނު އަޅައިގެން އިންކަން." އާސިފް އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. އެކި ދިމާއަށް ބަލާކަމަށް ހަދަމުން އާސިފް ބަލަމުން ގެންދިޔައީ އެންމެ މޫނަކަށެވެ. އެކަން އެނގެނީ އާސިފަށް އެކަންޏެވެ.

ޖައުނާ ކައިރީގައި ހުރި ހުސްގޮނޑީގައި މީހަކު އިށީނުމުން ސިއްސައިގެން ގޮސް ބަލައިލެވުނެވެ. ތޮއްޖެހިފައިވާ އެ މާހައުލުން ލޮލުގައި އަޅައިގަތް ޒުވާނާ އެ އިނީ އެންމެ ގާތުގައެވެ. ހުދު ކުލައިގެ ޓީޝާޓަކކާއި ނޫކުލައިގެ ޖީންސެއް ލައިގެން އިން ޒުވާނާ ޖައުނާގެ ލޮލުގައި އަޅައިގަތީ ދާދި ކުޑައިރުކޮޅެއްގެ ކުރީންނެވެ.

"ހާދަ ސްމާޓް މީހެއް." ޖައުނާ އެ ވަގުތު ހިތަށް އެރިއެވެ. މިހާރު އެއިނީ ޖައުނާއާ އެންމެ ގާތުގައެވެ. އޭނާ ޖައުނާއާ ދިމާއަށް ވަރަށް ބެލިކަން ޖައުނާއަށް ވަނީ ފާހަގަވެފައެވެ.

"އެބަ އަންނަށް ޓޮއިލެޓަށް ވަދެލާފައި. މި ދަބަސް ބަލައްޗޭ." އެކީގައި އެއާޕޯޓަށް އައި ސަފާ އެހެން ބުނުމަށްފަހު ހިނގައްޖެއެވެ. އެ ވަގުތު ޖައުނާއާ އާސިފް އެކަނިވެއްޖެއެވެ.

"ކޮންތާކަށް ދާން ފުރަން އައިސް ތި އިނީ."

"ދުނިޔެ ވަރަށް ބޮޑެއްނު. ކޮންމެ ވެސް ދިމާއަކަށް"

"ކޮންނަމެއް ކިޔަނީ." އާސިފް ހިތްވަރުކޮށްލާފައި ސުވާލުކުރިއެވެ.

"ނަމަކުން ކުރާނެ އެއްވެސް ފައިދާއެއް އޮވޭތަ؟"

"އަހަރެންގެ ލޯ ތިޔަ ސޫރަ ނޫންތަނެއް ބަލާކަށް އެއްބަހެއްނުވި."

"ތިޔަ ލޮލުގައި މިރުސް އުނގުޅާ." ޖައުނާ ހިތުގައި އޮތް އެއްޗެއް ބާއްވާފައި ވާހަކަދައްކަމުން ގެންދިޔައެވެ.

"ތިއުޅެނީ މި ދެލޮލުގެ ދުވަސް ދުއްވާލަންތަ؟ އެހެން ހެދީމަ ކަމަކު ނުދާނެ"

"ލޯ އެކަންޏެއް ނޫނެއްނު. ތި ހިތޯ؟" ޖައުނާގެ ސުވާލަށް އާސިފް ބޭނުންވީ ހިތުގައި އޮތްގޮތަށް ބުނާށެވެ.

"މި ބަސްނާހާ ހިތް މިއޮތީ ކަމަނާއަށްޓަކާ ތެޅިތެޅި." ޖައުނާ ގާތަށް ހިނިއަތުވެއްޖެއެވެ. އެހެންނަމަވެސް ހިނި އަންނަ ކަމަށް ނުހަދައި އެތަނުން ތެދުވެގެން ގޮސް އާސިފްގެ ލޯމަތީން ގެއްލިއްޖެއެވެ.

ފުރާގަޑި ޖެހުމާއެކު އާސިފް ގޮސް ބޯޓަށް އެރީ ހިތްނުތަނަވަސްވެ ހުރެއެވެ. ފެނުނު ހޫރު ޕަރީއެއް ކަހަލަ އަންހެން ކުއްޖާ އެހާ އަވަހަށް ގެއްލުނީމައެވެ. އެންމެ ކުޑަމިނުން ނަންވެސް ބުނެނުދީ އެ ޕަރީ ދިޔައީއެވެ.

އިސްތަންބޫލް އެއާޕޯޓުގައި ލަގެޖު ހޯދުމުގެ މަސައްކަތުގައި އެންމެން އަވަސްއަރުވާލައިގެން އުޅެންފެށިއެވެ. އޭގެ ތެރޭގައި އާސިފް ވެސް ހިމެނެއެވެ. ގެންދިޔަ ފޮށި ހޯދައިގެން ހިގައިގަތްތަނާ އަންހެން ކުއްޖެއްގެ ގައިގައި އަޅައިގެންފިއެވެ. އާސިފްގެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ފެންނާނެ ކަމަށް ހީވެސް ނުކޮށްހުއްޓާ ދެކެން އެންމެ ބޭނުންވެގެން އުޅުނު މީހާ ހުރީ ކުރިމަތީގައެވެ.

"ޕަރީ. އަހަރެމެން އެންމެން މި އުޅެނީ އެއްކަމެއްގައިތަ؟" އާސިފަށް ނަން ނޭނގޭތީ ޖައުނާއާ ދިމާއަށް ހީލާފައި ބުނެލިއެވެ.

"ޕަރީއެއް ނޫން. ޖައުނާ." މި ފަހަރު އަމިއްލަ އަށް ޖައުނާގެ ނަން ބުނެދިނެވެ. އާސިފާއި ޖައުނާ ވެސް ދިޔައީ ސަރުކާރުން އިސްތަންބޫލްގައި ބާއްވާ ޓްރެއިނިންގ އަކަށެވެ. ޖައުނާ އަށް އިސްތަންބޫލްގެ އެއާޕޯޓް ފެނުމުން ހުރީ އާޝޯޚްވެފައެވެ. އެއާޕޯޓް އެތެރޭގައި ހައްދާފައިވާ ގަސްތަކުން މުޅިތަން ފެހި ކުރުވައި ތާޒާވެފައިވެއެވެ.

ޓްރެނިންގ އަށް ދިޔަ ކޮންމެ މުވައްޒަފަކަށް ދީފައި ހުރީ ވަކި ކޮޓަރިއެވެ. ޖައުނާ ކޮޓަރިއަށް ވަނުމާއެކު އެނދު މައްޗަށް ފުންމާލިއެވެ. އެންމެ ފުރަތަމަ ވެސް އޮފީހުގައި އުޅޭ ކުދީންނަށް އެ ރީތި ކޮޓަރި ސްނެޕް ކުރިއެވެ.

"ދާ ހިތްވެއްޖެ. ހާދަ ރީތި ތަނެއް" ލުވައިޒާގެ މެސެޖެއް ލިބުނެވެ. އެ ދުވަހު ޖައުނާއާ ސަފާގެ ކަމަކީ އެމީހުންތިބި ހޮޓެލްގެ އެކި ތަންތަން ފޮޓޯ ނެގުމާއި ސްނެޕް ކުރުމެވެ.

"ޖައުނާ. ވަރަށް ފޮޓޯ ނެގިއްޖެއްނު. ހިނގާ ދާން ކޮޓަރިއަށް. ޓްރެއިނިންގ ފެށުނީމާ މިހެން ވަގުތެއް ނުލިބޭނެ ދޯ"

"ރޭގަނޑު ހުސްވާނެހެން ހީވަނީ."

"އޭރުންނޯ. ހަވީރު ހުސްކޮށް ލިބުނީމަތާ މިއުޅޭ ދޫނިތަކާ އެކީ ވެސް ފޮޓޯއެއް ނަގާނީ."

"ޝެޑިއުލް މިއޮތީނުން މެއިލް ކޮށްފައި. ނުބަލާ ތިބެގެންނޭ ވާހަކަ މި ދައްކަނީ." ޖައުނާ ޝެޑިއުލް ހުޅުވައިލިއެވެ. ކޮންމެ ދުވަހަކު ވެސް ހަވީރު އޮތީ އިސްތަންބޫލްގެ ތަންތަން ބަލައިލާން ދިއުމެވެ. ރޭގަނޑު އެއްވެސް ކަމެއް ނެތެވެ.

ހެނދުނު ޖައުނާ ޓްރެއިނިންގ ހޯލަށް ދާން އޮންނަ ގަޑިއަށް ދެވޭތޯ އަވަސް ކުރަމުން ދިޔައެވެ. މާލަހުން ނިދުނީމަ ކަމަށް ވެދާނެއެވެ. ހޭލެވުނީ ވެސް ލަހުންނެވެ. މުޅި މީހާ ހުރީ ކަންނެތް ވެފައެވެ. ހުންވައްތަރު ވެފައި ހުންނަހެން ހީވާން ފަށައިފިއެވެ. ހެނދުނު ސައި ވެސް ބޯހިތް ނެތުމުން ތައްޔާރުވެގެން ޓްރެއިނިންގ ހޯލަށް ދާން ހިނގައިގަތެވެ. ސަފާ ވީތަނެއް ޖައުނާ ނުބަލައެވެ. ގަޑިޖެހެން ފަސްވަރަކަށް މިނިޓް ހުރުމާއެކު އަވަހަށް ހޯލަށް ވަދެވޭތޯ ޖައުނާ ދިޔައީ ތަންކޮޅެއް ބާރަށެވެ.

"މަޑުކޮށްބަލަ. ހާދަ ބާރަކަށް ތިދަނީ." ފަހަތުން އިވުނީ ދަންނަ އަޑެކެވެ.

"ސައި ބޮއިފިންތަ؟ އެތަނުން ޖައުނާ ވަރަށް ހޯދައިފިން." އާސިފް ވާހަކަ ދައްކަން ފެށިއެވެ.

"ސައި ނުބުޔަސް ބަނޑު ފުރޭވަރުވޭ. ތި ޖަހާފައި ހުރި ސެންޓަކުން." ޖައުނާގެ އެ ޖުމްލަ ދުލާ ހަމައަށް ނުގެނެއެވެ. ހިތުގައި ބޭއްވީއެވެ.

"މިއަދު އަނގައިން ނުބުނަން ހުވާ ކޮށްގެން އައި ދުވަހެއްތަ؟" އަނެއްކާ ވެސް އާސިފް ވާހަކަ ދައްކަން ފެށިއެވެ.

"މޮޅު ވާހަކަ ދައްކަނީ. އަދި ނަން ވެސް ނުބުނޭ." ޖައުނާ އެހެން ބުނުމުން އާސިފް ނިތްކުރީގައި އަތުން ޖަހާލިއެވެ.

"އެ ތެދެކޭ ދޯ. އެހެންނު ވާނީ. ޖައުނާ ނޫޅޭ އަހަރެންގެ ނަން ހޯދާކަށް ވެސް. އަދި ކިރިޔާ ތިބުނީ." އާސިފް ކަރުކެހިލިއެވެ.

"މިއުޅެނީ އަހަރެންގެ ތަޢާރަފެއް ދެވޭތޯ. އަހަރެންގެ ނަމަކީ އާސިފް. އަހަރެން........." ޓްރެއިނިންގ ހޯލަށް ވަނުމާއެކު އިތުރު އެއްވެސް އެއްޗެއް ނުބުނެވުނެވެ. މީހުން އޮތީ ފުރިފައެވެ.

މެންދުރު ކެއުމަށް ލިބުނު ހުސްވަގުތުކޮޅުގައި ޖައުނާގެ ހުން ކުރިއަށްވުރެ ގަދަކަްނ އެނގެއެވެ. ލޮލުން ހުންނަނީ އާވިނަގަނަގައެވެ. މާލެއިން އައީ އެއްވެސް ބޭހެއް ހިފައިގެންނެއް ނޫނެވެ. އާސިފް ފެނޭތޯ ޖައުނާ ހޯލުން ނިކުންނަމުން ބަލައިލިއެވެ.

"އަހަރެން ހޯދަނީތަ. މިހުރީ ހާޒިރުވެފަ." ޖައުނާ ވަރަށް ލަދުގަތެވެ. އާސިފް ނުބައި މާނައެއް ނެގީމައެވެ.

"މިތަނުން ފަސޭހައިން ބޭސް ގުޅައެއް ލިބިދާނެތަ؟" ޖައުނާގެ މޫނުމަތި ވެސް ރަތްވެފައި ވާކަން އާސިފަށް ވެސް ފާހަގަ ކުރެވިއްޖެއެވެ.

"ހުން އައީތަ؟ އަހަރެން އަތުގައި ބޭސް ހުންނާނެ. އަންނާނަން ހިފައިގެން. ހެނދުނުން ފެށިގެން ތިހުރީ ނުކައެއްނު." އާސިފު ހީވަނީ ވަރަށް ކުރީން ފެށިގެން ޖައުނާ ދަންނަ މީހެއްހެންނެވެ. ވަރަށް ގާތްކޮށް ވާހަކަ ދައްކަން ފެށުމުން ޖައުނާއަށް އާސިފުގެ އެ އަޅައިލުން ވަރަށް ކަމު ދިޔައެވެ. ސަފާ އަކީ ވެސް އަލަށް ލިބުނު ރައްޓެއްސެކެވެ. އެހެން ނަމަވެސް އާސިފްގެ އެ ހުންނަ ގޮތެއް ސަފާގެ ވެސް ނެތެވެ. 

އާސިފް ގޮސް ޖައުނާއަށް ބޭސް ކާޑެއް ގެނެސްދިނެވެ. ދެމީހުން އެއް ތަނެއްގައި ތިބެގެން މެންދުރު ކެއުމުގެ ތެރޭގައި އެތައް ވާހަކަ އެއް ދެއްކިއެވެ. ކުރީން އެ ދެމެދުގައިވާ އުސްފާރު ބިމާ ހަމަ ކުރެވިއްޖެއެވެ. އެކަކު އަނެކަކަށް ރަނގަޅަށް ތަޢާރަފް ދެވިއްޖެއެވެ. ދެން ފެނުނީ ދެމީހުން އެކަކު އަނެކަކަށް އަޅައިލާ މަންޒަރެވެ. ކުޑަ ވަގުތުކޮޅަކުން އުފެދުނު ގުޅުން ކުރިލައި ހެދިގަތެވެ. ކޮންމެ ތާކަށް ދިޔަސް އެކަކު އަނެކަކަށް ވާނުވާ ބަލަމުން ގެންދެއެވެ. ހީވަނީ އެތައް ޒަމާނެއް ވަންދެން ދަންނަ ދެމީހުންހެނެވެ.

ޖައުނާގެ ހުން ރަނގަޅު ވާން ފެށީ އޭގެ އެއްދުވަސްފަހުންނެވެ. މީހުންގެ ތެރޭގައި މާގިނައިން ވާހަކަ ނުދެއްކިއަސް ފޯނުގެ ޒަރީޢާއިން ދެމީހުން ގުޅުން އިތުރުވިއެވެ. މަޑުމަޑުން ރައްޓެހިކަމުން އިތުރު ހަރުފަތަކަށް ދެވިއްޖެއެވެ. އެކަކު އަނެކަށް ކަމުދާކަން އެނގުމާއެކު ލޯބީގެ އިމޯޖީތައް ފޮނުވަން ފަށައިފިއެވެ. ފޯނަށް ބަލައިލާ ކޮންމެ ފަހަރަކު ޖައުނާގެ މޫނުމަތީން ހިނިތުންވާތަން ފެނެއެވެ. ޓްރެއިނިންގ ހޯލްގައި ދެތަނެއްގައި ތިއްބަސް ޖައުނާއާ އާސިފް އެކީގައިވާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. އަމިއްލަ ފަސްގަނޑާ ދުރުގައި ތިބިކަން ހަނދާންނެތިއްޖެއެވެ.

"މިރޭ ކޮންކަމެއް އޮތީ." ސަފާ ބޭނުންވަނީ ކޮންމެ ވެސް ތަނަކަށް ދާށެވެ.

"ހުން އެއްކޮށް އަދި ރަނގަޅެއް ނުވޭ. ގައިގައި ވަރު ވެސް ދެރަ." ސަފާއަށް ވެސް އެކަން ގަބޫލު ކުރެވުނެވެ.

"ޖައު. ރެސްޓެއް ނަގާ. އަހަރެމެން ބޭރަށް ދާނަން." ޖައުނާ އަށް މާޙައުލު އަމާންވުމާއެކު އާސިފަށް މެސެޖު ކުރިއެވެ.

އާސިފަށް ޖައުނާގެ މެސެޖު ލިބުމާއެކު ޖައުނާގެ ފްލޯއަށް ދިޔައެވެ. އެއްވެސް މީހަކު ފެންނަން ނެތްކަން ޔަގީންވުމުން ޖައުނާއަށް މެސެޖު ކުރިއެވެ. އެ ފްލޯގެ ސޯފާސެޓްގައި އިށީނދެ ޖައުނާގެ އިންތިޒާރުގައި އިނެވެ.

ޖައުނާގެ ހިތުގައި ބިރުވެރިކަން އުފެދެންފެށީ އެވަގުތުންފެށިގެންނެވެ. ފިރިމީހާއާއި ދަރިފުޅު މަތީން ކުއްލިއަކަށް ހަނދާންވާން ފަށައިފިއެވެ. އެހެންނަމަވެސް އާސިފްގެ ރީތިކަމާއި، އަޅައިލުމާއި ފެނިފައި އާސިފު ވެސް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ގަޔަށް ބުރުވާލި ސެންޓުގެ ވަސް މުޅިކޮޓަރި އެއްވަސް ކޮށްލައިފިއެވެ.

"އާދޭ!" ހިތާ ދެކޮޅަށް ނަމަވެސް އެވަގުތު ބޭނުންވީ އާސިފަށް ދައުވަތުދޭށެވެ. އާސިފް ވަނުމާއެކު ޖައުނާގެ ކޮޓަރި ތަޅުލައިފިއެވެ. އެރޭ އެ ދެމީހުންގެ ލޯބީގެދާނުގައި އެތަކެއް މާތަކެއް ފޮޅުވައިފިއެވެ.

ޓްރެއިނިންގ ނިންމައި އެނބުރި މާލެ އައި ފަހުން ޖައުނާ މަތީން މާބޮޑަށް އާސިފް ހަނދާންވާން ފަށައިފިއެވެ. އަނބިމީހާ ދެކެ ފޫހިވާން ފަށައިފިއެވެ. އާސިފްގެ އަންހެނުންނަށް އެ ކަން ފާހަގަވެއްޖެއެވެ. ފޯނުގައި ލޮކް ކޯޑުޖަހައިގެން އުޅުމާއި، ސިއްރު ފޯނުކުރާކަން ފާހަގަވުމުން އާސިފަށް ފާރަލާން ފެށިއެވެ. އާސިފް އަންހެނުން ނާޒަށް އެ ހުރިހާ ވާހަކަތަކެއް އާސިފް ކިޔައިދިނީ ނާޒް ގޮތް ދޫނުކުރުމުންނެވެ.

"އަހަރެން އާސިފާ ވަކިވާން ނިންމައިފިން." ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ޢާއިލާ ބަރުބާދުވެއްޖެއެވެ. އާސިފް އެކި ގޮތްގޮތުން ޖައުނާއަށް ގުޅޭތޯ މަސައްކަތް ކުރަމުންގެންދިޔައެވެ. އާސިފްގެ ނަންބަރާއި އެކި އައިޑީތައް ޖައުނާ ބްލޮކް ކޮށްލައިފިއެވެ. ހުޅުކޮޅުގައި ޕަރުވާނާ ޖެހި މަރުވާ ފަދައިން އާސިފްގެ ހަޔާތަށް އެއް ރޭގެ އަލިކަން ދިނުމަށް ފަހު ޖައުނާ އަބަދުގެ އަބަދަށް ގެއްލިއްޖެއެވެ.

                       (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް
ކިއުންތެރިއެއް
ވާހަކަ ރީތި!
22 Jun 2024