Advertisement

ޖަލުގައި ހުރެގެން ރައީސަކަށް ވެވިދާނެ ހަމައެކަނި ޤައުމަކީ އެމެރިކާ.

09 Jun 2024 | 17:06
ޓްރަމްޕް އޭނާގެ އަންހެނުންނާއި ބައެއް އޮފިޝަލުންނާ އެކު..

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެގެންދިޔަ މަސްއަލައަކީ އެމެރިކާގެ ތާރީޚުގައި މޭލުގަލެއް ކަން ކަށަވަރެވެ. އެ ހާދިސާގައި ސިޔާސީ އަދި ތާރީޚީ އެތައް ޢަލާމާތްތަކެއް ހިމެނެއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ކުރީގެ  ރައީސެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.ހަމަ އެފަދައިން މިއީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަ ފަހަރު ވެސް މެއެވެ.  

މީގެ ދުއި ސައްތަ ފަންސާހަކަށް އަހަރު ކުރީން އެމެރިކާގެ  މުއައްސިސުން އެ ޤައުމުގެ ޤާނޫނުއަސާސީއާއި ވެރިކަމުގެ  ބާރުތަކާ ބެހޭ އުޞޫލުތައް ކަނޑައެޅުއްވި އިރު، ޓްރަމްޕް ފަދަ ސުލޫކީ އަދި އަޚުލާޤީ މި ފަދަ ސިފަތަކެއް ހުރި "ނާދިރު" ބޭފުޅަކު އެމެރިކާގެ ރައީސްކަމަށް އިސްކުރެވިދާނެކަމަށް ނިމުތުކުރައްވައިފައެއް ނުވެއެވެ. މިއީ އެމެރިކާގެ ރައީސްކަމަށް ވަޑައިގަތް އެހެނިހެން ބޭފުޅުންނާއި ރައީސްކަމަށް ކުރިމަތިލެއްވި އެހެނިހެން ބޭފުޅުންނާ ވަރަށް ތަފާތު ލާސާނީ ޙާލަތެކެވެ. ރައީސް ޓްރަމްޕަކީ އެމެރިކާގެ ރައީސަކު ޢަޒްލުކުރުމަށް ކޮންގްރެސްގައި ދެފަހަރު ވޯޓު ނެގުނު ފުރަތަމަ ރައީސެވެ. އެ މަސައްކަތް ކާމިޔާބުނުވި ނަމަވެސް މިއީ ތާރީޚީ ގޮތުން ފާހަގަކޮށްލާން ޖެހޭ ކަމެކެވެ.

އެމެރިކާގެ ޤާނޫނު ބުނާ ގޮތުގައި އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ކުށްވެރިވެފައިވާ މީހަކަށް ވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަނޑަށް އެރެވިދާނެއެވެ. އެމެރިކާގެ ދުސްތޫރުގެ ދެވަނަ މާއްދާ ބުނާ ގޮތުގައި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓްގެ ކިބައިގައި ތިން ޝަރުޠެއް ހުންނާން ޖެހޭނެއެވެ.

ފުރަތަމަ ޝަރުޠަކީ: އެމީހާ އުފަންވީއްސުރެ އެމެރިކާގެ ރައްޔިތެއް ކަމުގައި ކަމުގައި ވުމެވެ.

ދެވަނަ ޝަރުޠަކީ:  މަދުވެގެން 14 އަހަރު އެމެރިކާގައި ދިރިއުޅެފައިވާ މީހެއް ކަމުގައި ވުމެވެ.

ތިންވަނަ ޝަރުޠަކީ: އޭނާގެ ޢުމުރުން 35 އަހަރަށް ވުރެ ހަގުނުވުމެވެ.

ޓްރަމްޕަށް ބަލާ އިރު، މި ހުރިހައި ޝަރުޠެއް ވެސް ވަނީ ފުރިހަމަވެފައެވެ. އެހެންކަމުން އޭނާއަށް ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތެވެ. ރައީސް ޓްރަމްޕްގެ މައްޗަށް ނިޔާ އިއްވައި ޖަލަށް ލެވުމަށް ފަހު، އޭނާއަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ ޖަލުގައި ހުންނަވައިގެން ރައީސްކަން ކުރައްވާނީ ކިހިނެއްބާވައެވެ؟ އެމެރިކާ ނޫން އެހެން ޤައުމެއްގައި މި ފަދަ ޙާލަތެއް ކުރިމައްޗެއް ނުވާނެއެވެ.

އެމެރިކާގައި މިއަދު އެންމެ ބޮޑަށް ޖަދަލު ހިނގަމުންދަނީ ޓްރަމްޕް ރައީސްކަމަށް އިސްކުރެވުމުން އޭނާ އަމިއްލަފުޅަށް އޭނާއަށް މާފުދެއްވިދާނެބާވައެވެ؟ އެމެރިކާގެ ރައީސުލްޖުމްހޫރިއްޔާއަށް ސިޔާސީ ކުށްވެރީންނަށް މާފުދިނުމުގެ ބާރު ޤާނޫނު ލިބިދޭތީއެވެ.  

ނިވްޔޯރކްގައި ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ޖިނާއީ 34 ތުހުމަތުގައި އޭނާ ކުށްވެރިވެވަޑައިގަންނަވާކަމަށް ޖޫރީން ވާނީ އިއްތިފާޤުވެފައެވެ. އެއީ އޮރިޔާން ފިލްމު ކުޅޭ ފިލްމީ ތަރިއަކު ހަނުބެހެއްޓުމަށް ޓަކައި ޤާނޫނާ ޚިލާފަށް ފައިސާ ދިން މަސްއަލައިގައި ހިމެނޭ ތުހުމަތުތަކެކެވެ. އެމެރިކާގައި ނޮވެންބަރު 5ގައި ބާއްވާން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކުރީން މި ޝަރީޢަތް ބައްލަވާ ޤާޟީ ނިޔާ އިއްވަވާނެކަމަށް ބެލެވެއެވެ. އޭނާ އިއްވަވާނީ ކޮން ކަހަލަ ނިޔާތަކެއް ކަމެއް ނޭނގެއެވެ. މި ނިޔާތަކުގެ ސަބަބުން ޓްރަމްޕްގެ ސިޔާސީ ކުރިމަގަށް ފޯރާނީ ކޮން ކަހަލަ ނުބައި އަސަރުތަކެއް ކަމެއް ނޭނގެއެވެ.

ފުރަތަމަ ތުހުމަތަށް ބަލާ އިރު، ޓްރަމްޕްގެ މައްޗަށް މި އަންނަ ތިން ޙުކްމުގެ ތެރެއިން ޙުކްމެއް އިއްވިދާނެއެވެ.

ފުރަތަމަ ޙުކުން: ޖަލު ޙުކްމަކާ ނުލައި މާލީ ބަދަލުދިނުމެއް ދައްކާން ޖެއްސުން.

ދެވަނަ ޙުކުން: ޤައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ރަށުގައި ބަންދުކުރުން. މި ޙާލަތުގައި ޤައުމުން ބޭރަށް ވަޑައިގެންނެވޭނީ އޭނާ ބެލެހެއްޓުމާ ޙަވާލުކޮށްފައިވާ އޮފިސަރު ހުއްދަދިނުމުންނެވެ.

ތިންވަނަ ޙުކުން: ޖަލަށް ލުން - ޖަލު ޙުކްމުގައި އެންމެ ކުރު މުއްދަތަކަށް ވާނީ 16 މަސް ދުވަހަށް ޖަލުގައި ބަންދުކުރުމެވެ. އެންމެ ދިގު މުއްދަތަކަށް ވަނީ 4 އަހަރު ދުވަހަށް ޖަލަށް ލުމެވެ. މި 4 އަހަރުގެ މުއްދަތަކީ ރައީސް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ 34 ތުހުމަތުގެ އަދަބުކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. ރައީސް ޓްރަމްޕްގެ މައްޗަށް ޖަލު ޙުކްމެއް ނީއްވެވުމަށް ވެސް ޤާޟީ ނިންމަވައިފާނެއެވެ. ދާރިސުން ވިދާޅުވާ ގޮތުގައި ޤާޟީ އިއްވަވާނީ އެންމެ ލުއި ޙުކުން ކަމަށް ބެލެވެއެވެ. އެއީ ދެ ސަބަބަކަށް ޓަކައެވެ.

ފުރަތަމަ ސަބަބު: ރައީސް ޓްރަމްޕް ޢުމުރުފުޅުން ދުވަސްވެފައިވުން. މިހާރު އޭނާގެ ޢުމުރުފުޅަކީ 77 އަހަރެވެ. މުސްކުޅީންނާ ބެހޭ ގޮތުން ނިޔާ އިއްވޭ އިރު، މި ނުކުތާއަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެވޭނެއެވެ. މި ކަމުގައި އެއީ ރައީސެއްތޯ ނުވަތަ  އާދައިގެ ރައްޔިތެއްތޯ ބަލާކަށް ނުޖެހެއެވެ.

ދެވަނަ ސަބަބު: ރައީސް ޓްރަމްޕްގެ ޖިނާއީ ކުށުގެ ރެކޯޑެއް ނެތުން.

ލަފާކުރެވޭ ގޮތުގައި ރައީސް ޓްރަމްޕްގެ މަސްއަލަ ބައްލަވާ ޤާޟީ ޚުވާން މަރޝަން މި އަންނަ ޖުލައި މަހު މި މަސްއަލައިގެ ޙުކުން އިއްވަވާނެއެވެ. ޓްރަމްޕްގެ ދިފާޢީ ވަކީލުން މި ޙުކުން އިސްތިއުނާފުކުރާނެއެވެ. އިސްތިއުނާފު އެތައް މަހަކަށް ފަހަރެއްގައި އެތައް އަހަރަކަށް ދިގުދެމިގެން ހިނގައިދާނެއެވެ.

ކުށްވެރިވުމުގެ އަސަރު

ޖޫރީން ރައީސް ޓްރަމްޕް ކުށްވެރިކުރުމުން އޭނާގެ މަޤްބޫލުކަމަށް ކުރާނީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި މި ކުށްވެރިކުރުމުގެ ސަބަބުން ކުރާނީ ހެޔޮ އަސަރެއް ހެއްޔެވެ؟ ނުވަތަ ނުބައި އަސަރެއް ހެއްޔެވެ؟

ދާރިސުން ވިދާޅުވާ ގޮތުގައި މި ކަމުގެ ސަބަބުން ރައީސް ޓްރަމްޕަށް މާ ބޮޑު އަސަރެއް ނުކުރާނެއެވެ. މިއާ ޚިލާފަށް ޖޫރީންގެ މި ނިންމުންތަކުގެ ސަބަބުން ރައީސް ޓްރަމްޕަށް ފައިދާތަކެއް ކޮށްފާނެއެވެ. އޭނާއަށް ތާއީދުކުރާ ޖަމާޢަތަކީ ވަރަށް ހަރު ޖަމާޢަތެކެވެ. ސިޔާސީ ގޮތުންނާއި އައިޑިޔަލޮޖީގެ ގޮތުން އެއީ ވަރަށް އެއްބައިވަންތަ ވަރަށް އެކަތިގަނޑެއްގެ ގޮތުގައި އޮތް ޖަމާޢަތެކެވެ. ޖޫރީންގެ މި ކުށްވެރިކުރުމަކީ އެ ޖަމާޢަތުގެ މީހުންނަށް އެ މީހުންގެ މަސައްކަތް މާ ބާރަށް ކުރިއަށް ގެންދިޔުމަށް ހިތްވަރު ލިބިދޭނެ ކަމަކަށް ވެދާނެއެވެ. އެ މީހުން ދެކޭ ގޮތުގައި ޓްރަމްޕް ކުށްވެރިކޮށް ސިޔާސީ މައިދާނުން އެކަހެރިކުރުމަށް މި ކުރެވޭ މަސައްކަތަކީ އަޑީސަރުކާރާއި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއާއި މިހާރުގެ ރައީސް ޖޯ ބައިޑެންގެ މުއާމަރާއެކެވެ. މި ދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނުކުމެވަޑައިގަންނަވަމުން ރައީސް ޓްރަމްޕް ވަނީ މި މޭރުމުން ވާހަކަފުޅުދައްކަވައިފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ މި ޝަރީޢަތަކީ "ފުލޯކު" ޝަރީޢަތެކެވެ.

ޓްރަމްޕް މި މަސްއަލަ އޭނާގެ މަޤްބޫލުކަން އިތުރުކުރެއްވުމަށް ޓަކައި އަނަފާކުރައްވާނެއެވެ. އޭނާއަކީ މި ކަންކަމަށް ވަރަށް ޤާބިލު ޖެހިލުން ކުޑަ ބޭފުޅެކެވެ. އޭނާ މިހާރު ވެސް ސިފަކުރައްވާ ގޮތުގައި އޭނާއަކީ "ސިޔާސީ ޖަލުވާރު"އެކެވެ. އޭނާއަށް ތާއީދުކުރާ މީހުންނާއި އޭނާއަށް ހަމްދަރުދީވާ މީހުން އިތުރުކުރެއްވުމަށާއި އޭނާގެ އިންތިޚާބީ ޙަމަލާއަށް އިތުރު ފައިސާ ޖަމާކުރެއްވުމަށް ޓަކައި މި މަސްއަލައިގެ އަނަފާ ނަންގަވާނެއެވެ. މި ފުރުޞަތުގެ ބޭނުންކުރައްވާނެއެވެ. ޖޫރީންގެ ނިންމުމާ ވިދިގެން މި ދިޔަ ދުވަސްކޮޅުގައި ޓްރަމްޕްގެ އިންތިޚާބީ ޙަމަލާގެ އޮޅި ވަނީ ތާއީދުގެ ބަސްތަކާއި މެސެޖްތަކުން ފުރި ބަންޑުންވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ފައިޞަލާކުރާނީ ވަކި ފަރާތަކަށް ނުޖެހި ދެ އަތަށް ކިރިލަކިރިލައި ތިބޭ މީހުންނެވެ. ކޯޓުގެ ނިންމުންތަކުގެ ސަބަބުން މި ކަމަށް އަސަރުފޯރާނެކަން ކަށަވަރެވެ. އެއީ ވަގުތުގެ މަސްއަލައެކެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް