Advertisement

ދުނިޔެ މިހާރު އޮތީ ޙަމާސްގެ އިޖާބައަށް ބަލަބަލައި

09 Jun 2024 | 00:23
ޙަމާސްގެ ހިތްވަރުގަދަ މުޖާހިދުންގެ ބައެއް ފަހުލަވާނުން (އަރުޝީފު ފޮޓޯ/އޭއެފްޕީ)

ޢަޒީޒު ޖަމާލު

ޤަޠަރާއި މިޞްރާއި އެމެރިކާ މެދުވެރިވެގެން "ހަނގުރާމަ" ހުއްޓޭތޯއޭ ކިޔައިގެން މަސައްކަތްކުރާކަމަށް މި ދިޔަ ހަފުތާގައި ޅަބަރު ލިބުނެވެ. ފާޑެއްގެ ހުށަހެޅުމެއް ވެސް ހުށަހެޅިއެވެ. އެމެރިކާގެ ހުށަހެޅުން ގަބޫލުކޮށްފި ނަމަ، ނަތަންޔާހޫގެ ސަރުކާރު ވައްޓައިލާނެކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ދެ ވަޒީރަކު ވަނީ ދީފައެވެ. ނަމަވެސް އެ ހުށަހެޅުން ގަބޫލުނުކޮށް އެމެރިކާއަށާއި ދުނިޔެއަށް އެނާއަށް ދެއްކޭނެ މޫނެއް ނެތެވެ. މި ފަހަރު އޭނާ އެ ހުރީ ދޭތެރޭގައި އަބެއްހެން ތާށިވެފައެވެ.

އިސްރާއީލުގެ މާލީ ވަޒީރު، ބިޒާލިލް ސްމޮތުރިޚާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބިން ގްވީރު ބުނެފައިވަނީ ހަމާސް ފަނާކޮށްލެވުމުގެ ކުރީން ހަދާ ކޮންމެ ޑީލަކާ އޭނާ ދެކޮޅުކަމަށެވެ. އަދި އަދި އެ ފަދަ ޑީލަކަށް ނަތަންޔާހޫ ތާއީދުކޮށްފި ނަމަ، ސަރުކާރު ބަދަލުކުރާނެކަމަށް އޭނާ ވައުދުވެސްވިއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އަމިއްލަޔަށް ވެސް ވައުދުވެފައިވަނީ ޙަމާސްގެ އަސްކަރީ އަދި އިދާރިއްޔަތުގެ ގާބިލުކަން އެކީއެކަށް ނައިތައިލެވި، އެ މީހުން ހިފަހައްޓައިފައިވާ އަސީރުން މިނިވަންވުމުގެ ކުރީން ދާއިމީ ގޮތެއްގައި "ހަނގުރާމަ" ހުއްޓުމެއް ނޯންނާނެކަމަށެވެ.

ޤަތަރުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ޢާންމުކުރި ބަޔާނެއްގައިވާ ގޮތުން ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ޙަމާސުން ދޭނެ އިޖާބައަލަށް އެބައިމިހުން އިންތިޒާރުކުރަނީއެވެ. އެއީ ހަނގުރާމަ ހުއްޓައި ދެ ފަރާތުގެ އަސީރުން ބަދަލުކުރުމާ ބެހޭ ގޮތުން ޙަމާސާއި އިސްރާއީލާ ދެމެދު ހަދާ ޑީލެކެވެ.

ޤަޠަރުގެ ޚާއިޖީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލްއަންޞާރީ ބަޔާންކުރާއްވާ ގޮތުގައި ހަނގުރާމަ ހުއްޓުމާ ހަމައަށް ދެވޭތޯ ޤަޠަރާއި މިޞަރާއި އެމެރިކާއިން ކުރާ މަސައްކަތް ކުރިއަށް ދަނީއެވެ. އޭނާ އިލްތިމާސްކުރެއްވީ ކަށަވަރު ނުވާ މީޑިއާތަކުން ގެންނަ ރިޕޯޓުތަކަށް ސަމާލުކަން ނުދިނުމަށާއި އިތުބާރުހިމޭ މަޞްދަރުތަކުން ދޭ ޚަބަރުތަކުގެ މައްޗަށް ސަމާލުކަން ދިނުމަށެވެ. އަޅުގަނޑުމެންނަށް އެންމެ އިތުބާރު ހިފޭ މަޞްދަރަކީ ޤަޠަރުގައި އިސްޓޭޝަންކުރެވިފައިވާ "އަލްޖަޒީރާ"ކަމަށް ވާތީ އަންޞާރީ އެ އިޝާރަތްކުރައްވަނީ އަލްޖަޒީރާއަށް ކަމަށް ގަބޫލުކުރެވެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އެމެރިކާގެ ރައީސް ޖޯ ބައިޑުން ހުކުރު ދުވަހު ވަނީ ހަނގުރާމަ ހުއްޓުމުގެ ފުރިހަމަ, އާ ހުށަހެޅުމެއް އިސްރާއީލުން ހުށަހަޅައިފިކަމަށް ބުނެ އެ ހުޙަހެޅުން އިޢުލާނުކޮށްފިއެވެ. މި ހުށަހެޅުމުގެ ސަބަބުން މެދުއިރުމަތީގެ ތަޅައިފޮޅުމަށް ދާއިމީ ޙައްލެއް އަންނާނެކަމަށް ޖޯ ބައިޑްން ބުނެއެވެ. މިހާރު ޙަމާސަށް ފޮނުވައިފައި ވަނީ އެ ހުށަހެޅުމަށް ބައެއް އިސްލާޙުތައް ގެނެވިފައިވާ އާ ދެލިކޮޕީއެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ޣައްޒާ "ހަނގުރާމަ" ހުއްޓައިލާނެ ގޮތުގެ ހުށަހެޅުމެއް އިސްރާއީލުން ހުށަހެޅިކަމަށް ބުނެ ޖޯ ބައިޑުން އެ ވާހަކަ އާންމުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަކަމަށް އެ ކަން އައެވެ.  ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 47 މިލިޔަން މީހުން މީސްމީޑިއާގައި މި ވާހަކަ ޙިއްސާކުރިއެވެ. މި ކަމުން އަންގައިދެނީ މެދުއިރުމަތީގައި ހަމަޖެހުން ގާއިމުވާން ގިނަ ބަޔަކު ބޭނުންވާކަމެވެ.

ޖޯބައިޑްން ހާމަކުރި ތިން ބައިގެ މައްޗަށް އެކުލެވޭ ހުށަހެޅުމުގައި ވާ ކަންތައްތައް ތަންފީޒުކުރާން ފެށޭނީ ހަ ހަފުތާއަށް "ހަނގުރާމަ" ހުއްޓައިލާ ހުއްޓައިލުމަކުންނެވެ. އެ ގޮތަށް ހަނގުރާމަ ހުއްޓައިލުމާއެކު އިސްރާއީލުގެ ދިފާޢީ ބާރުތަކުން ޣާއްޒާގެ ބައިބޯ ސަރަހައްދުތަކުން ފައިބާނެއެވެ. މި ހުށަހެޅުން އަމާޒުކޮށްފައި އޮތީ އަސީރުން މުޅީން މިނިވަންކުރުމަށާއި ހަމަނުޖެހުން އެކީއެކަށް ނައްތައިލުމަށާއި ޣައްޒާ އަލުން ބިނާކުރުމުގެ މައްޗަށެވެ.

މި ހުށަހެޅުމުގެ އެންމެ ފަހުގެ ދެލިކޮޕީ މިހާރު ޙަމާސަށް ފޮނުވައިފައިވާނެކަމަށާއި އެ ހުށަހެޅުން އެ ޖަމާޢަތުން ދިރާސާކުރަމުން ގެންދާކަމަށް ޤަޠަރުން ބުނެއެވެ. "ފަރަގު"ން މި ލިޔުން ޝާއިޢުކުރުމާ ހަމައަށް ޙަމާސުން ވަކި އިތުރު އިޖާބައެއް ދީފައިވާކަމުގެ ޚަބަރެއް އިތުބާރު ހުރި މަޞްދަރަކުން ލިބިފައެއް ނެތެވެ.

Advertisement

ކޮމެންޓް