ކަރުނައިގެ އަސަރު (18)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 މޭ 25ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
_____________________________________________________
ބުލްބުލް ކޮބައިހެއްޔެވެ؟ ބަހާރު މޫސުން ކޮބައިހެއްޔެވެ؟ ބަގީޗާ ބަލަހައްޓާ މީހާ ކޮބައިހެއްޔެވެ؟
އެ ދުވަސްތައް ހިނގައްޖެއެވެ. އެ ޒަމާން ވެސް މާޒީއާ އެކުވެގެން ހިނގައްޖެއެވެ.
_____________________________________________________
ޢާމިރުގެ ކޮޓަރިއަށް ރަޢުނާ ވަދެގެން އައީ މަރުވެފައިވާ މީހެއް ފަދައިންނެވެ.
މިއަދު ކޮންމެ ޙާލަތެއްގައި ވެސް ޢާމިރުގެ ފަރާތުން ކަނޑައެޅިގެން ނިންމުމެއް ނިންމާން އޭނާ ބޭނުންވެއެވެ.
އެހެނީ ކުރިއަށް އޮތް ދުވަސްތައް އޭނާ ހޭދަކުރާން ޖެހޭނީ ހިތާމައާއި ހިތްދަތިކަމުގައި ވާތީއެވެ. އަދި އޭނާގެ ފަސްބައިގައި ޖެހިހިފައިވާ ލައްގަނޑު ފިލުވައިލެވޭތޯ އޭނާ މަސައްކަތްކުރާން ވެސް ޖެހޭތީއެވެ.
ފާއިތުވެގެން މި ދިޔަ ތިން މަހަކީ އޭނާއަށް ވަރަށް ބަދުނަސީބު ތިން މަސްދުވަހެވެ.
އަދި ދުވަހެއް ދުވަހަކަށް އޭނާ ދިޔައީ ބަލިކަށިވަމުންނެވެ.
އޭނާގެ ކިބައިގައި ހުންނަ ކިބުރުވެރިކަން ފިލައިގެން ދިޔަ ކަހަލައެވެ.
ޢާމިރަށް، ރަޢުނާ ފެނުމުން ހީނލިއެވެ.
"އާދޭ، އިށީންނާން ------- މިފެނުނީ ހާދަ ދުވަސްތަކަކަށް ފަހުގައެވެ.------"
ރަޢުނާ ތުރުތުރު އަޅާގޮތެއްގައި ގޮނޑި ދަމައިލުމަށް ފަހު ގޮނޑީގައި އިށީނދެއްޖެއެވެ. އޭނާގެ ދެލޯ ނަފުރަތުގެ އަލިފާނުން އަނދަމުންދިޔައެވެ.
"ބުނެބަލާށެވެ. ------ އަނިޔާއެއްވިހެއްޔެވެ؟ ------؟" ޢާމިރު ސުވާލުކުރިއެވެ.
"އަހަންނާ ދޭތެރޭ ކަލޭ ހިތަށް އަރަނީ ކީކޭހެއްޔެވެ؟" ރަޢުނާ، އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލު ކުރަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ.
"އަހަރެން ވިސްނާންވީ ކޮންކަމަކާހެއްޔެވެ؟" ޢާމިރު ބުންޏެވެ.
"ކައިވެނީގެ ވާހަކަ އަހަރެން ބުނީމެއްނޫންހެއްޔެވެ؟" ރަޢުނާ ބުންޏެވެ.
"އަހަރެން ހަނދާން އެބަހުއްޓެވެ.-------" ޢާމިރު ފަރުވާކުޑަގޮތަކަށް ބުންޏެވެ.
"އެހެންވީއިރު --------؟" ރަޢުނާ ދެތުންފަތް ފިއްތައިލަމުން ބުންޏެވެ.
ދެން އިތުރު އެއްޗެއް ބުނެބަލާށެވެ."
ޢާމިރު ހީނލިއެވެ.
"އަހަރެންގެ ޙާލަތާމެދު ހިނިތުން ނުވާށެވެ. ------ ތިޔަ ހިނިތުންވުން ހީވަނީ ވިހައެއްހެނެވެ.------"
ރަޢުނާ ތެޅިގެންފައި ބުންޏެވެ.
"އެހައި އަވަހަށް ކައިވެނި ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟" ޢާމިރު ސުވާލުކުރިއެވެ.
"އަހަރެން -------- އަހަރެން މިއިނީ ކަލޭގެ ދަރިއަކަށް ބަލިވެ އިނދެއެވެ. -------- ރަޢުނާ ހަދާނެ ގޮތެއް ނެތް މީހެއް ފަދައިން ތުންފަތުގައި ދަތް އަޅަމުން ހަޅޭލަވައިގަތެވެ."
"އެހެންވީއިރު ތިގޮތަށް ހަޅޭ ތިލަވަނީ ކީއްވެހެއްޔެވެ؟ ----- ތިޔައީ ކިހާ އުފާވެރި ޚަބަރެއްހެއްޔެވެ؟"
"އުފާވެރި ޚަބަރެކޭ ------" ރަޢުނާ ހަޅޭލަވައިގަތެވެ.
"ކަންތައް ބޮޑުކުރާން ނޫޅޭށެވެ. ----- އަމިއްލަ ނަފުސު ކޮންޓްރޯލުކޮށްލާށެވެ. -----" ޢާމިރު މޫނު ކުނިކޮށްލަމުން ބުންޏެވެ.
"އަހަރެންގެ ޙަޔާތް ބަރުބާދުކުރީ ކަލެއެވެ. ------ އަހަރެންގެ ދިރިއުޅުން އަހަންނަށް ޙަރާންކޮށްފިއެވެ. -----" އޭނާ ހަޅޭލަވަން ފެށިއެވެ.
"ކެތްތެރިވާށެވެ. --------- ކެތްތެރިވާށެވެ. --------"
ޢާމިރު އަތް އުފުލައިލަމުން ބުންޏެވެ.
"ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ކުއްޖާ ވައްޓައިނުލީ ކީއްވެހެއްޔެވެ؟"
"މަސައްކަތް ކޮށްފީމެވެ. ----- އެއްވެސް މީހަކު އެކަމަކަށް އެއްބަހެއްނުވިއެވެ. ކަލޭގެ ނުފޫޒުން އަހަރެންގެ ކިބައިން މިއުނދަގޫ ފިލުވައިލައިފި ނަމަ، އެ ކަން ނިޢުމަތަކަށް ވެގެންދާނެއެވެ." ރަޢުނާއަށް ރޮވޭ އަޑަކުން ބުންޏެވެ.
"މަޢާފު ކުރާށެވެ. ------- އަހަންނަކަށް އެއްވެސް މީހެއްގެ ފުރާނައެއް ދުއްވައެއްނުލެވޭނެއެވެ. -----"
"ބޭކާރު ވާހަކަ ނުދައްކާށެވެ. ------- ކަލޭ ކުރި ފާފައެއްގެ ބުރަ ކަލޭ އަމިއްލައަށް އުފެލެންވާނެއެވެ."
ރަޢުނާ ރުޅިވެރިކަމުން ރަތްވެފައިވާ މޫނަކާއިގެން ދެތުންފަތުގައި ދަތް އަޅަމުން ބުންޏެވެ.
"ކަލޭ ބައްޕައާ ވާހަކަ ދައްކާށެވެ." ޢާމިރު ބުންޏެވެ.
ތިބުނި އެއްޗެއްގެ މާނައަކީ -------" ރައުނާ ސިއްސައިގެން ގޮސް ބުންޏެވެ.
"ކައިވެންޏަށް ކަލޭގެ ބައްޕަގެ ރުހުން ހޯދާށެވެ. ------ ކަލޭގެ ބައްޕަ އަހަންނާ ވާހަކަދައްކާއިރަށް އަހަރެން މިހުރީ ކައިވެނިކުރާން ތައްޔާރަށެވެ. -------- އެއްވެސް މުއްސަނދިކަމެއް ނެތެވެ. ------- ނިކަމެތި ފަޤީރު އިންސާނެކެވެ. ކަލެއާ ކައިވެނިކޮށްފި ނަމަ މިއިންޑަސްޓްރީޒް އަހަރެންގެ ނާން މައްޗަށް އައުމަކީ އެކަށީގެންވާ ކަމެކެވެ."
ޢާމިރު މުޤައްދަސު ކުރިއެވެ.
"މި ދެމެދަށް އަހަރެންގެ ބައްޕަ ނުގެންނާށެވެ. ------- މިހައިރު މިވަގުތުވެސް ކަލޭ ބޭނުމިއްޔާ އަހަންނާ ކައިވެނި ކުރެވިދާނެއެވެ. ------"
"އޭރުން އަހަރެންގެ މަޤްޞަދު ޙާޞިލެއްނުވާނެއެވެ. ---------"
ޢާމިރު ބުންޏެވެ.
"ކޮން މަޤްޞަދެއްހެއްޔެވެ ---------؟"
ރަޢުނާ ސުވާލުކުރިއެވެ.
"މުދާވެރިކަން ހޯދުމުގެ މަޤްޞަދެވެ. -------"
ޢާމިރު ހިނިތުންވެލިއެވެ.
"ތިގޮތަށް ނުހޭށޭ އަހަރެން ބުނެފީމެއްނޫންހެއްޔެވެ؟ ---------- ކަލޭ އަހަންނާ ސަމާސާ ކުރަނީހެއްޔެވެ؟"
ޢާމިރުގެ ހިނިތުންވުމަށް ބަލައިލަމުން ރަޢުނާ ބުންޏެވެ.
ޢާމިރު ބާރު ބާރަށް ހޭންފެށިއެވެ. އެހިނގަނޑުގެ ގުގުމާއެކު އޭނާ ބުންޏެވެ.
"ޚާން އަކުބަރު މަރުވެގެން އަހަރެންގެ ފައިމައްޗަށް ތިރިވާ ދުވަހަކުން އަހަރެން ރަނގަޅަށް ހިނިތުންވެލާނަމެވެ."
"އެކަމަކު މުޙްތަރިމާ ------!"
"ކަލޭ ތިހުރީ ހަމަހޭގައިހެއްޔެވެ؟"
"ކަލޭގެ ބައްޕަ ކައިވެނީގެ ވާހަކަ ނުދައްކާހާ ދުވަހަކު އަހަރެން ކަލެއާ ކައިވެންޏެއް ނުކުރާނަމެވެ." ޢާމިރުގެ ނިންމުން އިއްވިއެވެ.
"އެންމެ ރަނގަޅެވެ. ------- ކަލޭގެ ޙަޔާތުގައި ބާކީ އޮތީ ކިތައްދުވަސްކަން އަހަރެން ބަލާނަމެވެ."
"ރަޢުނާ ރުޅިއައިސްގެން ކޮޅަށް ތެދުވެއްޖެއެވެ.
"ވަރަށް މަދު ދުވަހެކެވެ. --------"
ރަޢުނާގެ ލޮލަށް ބަލައިލަމުން ޢާމިރު ބުންޏެވެ.
ރަޢުނާ ހަދާނެ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ތުންފަތުގައި ދަތް އަޅައިގެން ބޭރަށް ނުކުމެއްޖެއެވެ.
އޭނާކޮށްފައިވާ މުޑުދާރު ޢަމަލު ކޮންމެވެސް ދުވަހަކުން އެންމެންނަށް އެނގޭނެކަން އަހަންނަށް އެނގެއެވެ. އެ ދުވަހަކުން އަމިއްލައަށް މަރުވުން ނޫން އެހެން ފަރުވާއެއް އަހަރެން އަތުގައެއް ނޯންނާނެއެވެ."
ރަޢުނާ ތުރުތުރު އަޅާ ޙާލު، އެހެންނަމަވެސް އޭނާގެ އަމިއްލަ ނަފުސް ކޮންޓްރޯލުކުރުމަށް މަސައްކަތް ކުރަމުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
ޝާހިދު އާދަޔާ ޚިލާފު ގޮތަކަށް ރަޢުނާއަށް ބަލަމުންދިޔައެވެ.
ރަޢުނާ ފެނުމުން ޝާހިދުގެ ސިކުނޑީގައި އާދަޔާ ޚިލާފު ކަންތައްތަކެއް ހިނގާން ފެށިއެވެ.
އަދި އޭނާ ކޮންމެވެސް ކަމެއް ވިސްނާން މަޖުބޫރުވެއްޖެއެވެ. ޢާމިރުގެ ކޮޓަރިއަށް ރަޢުނާ ވަންނަނިކޮށް ވެސް އަދި ނުކުންނަނިކޮށްވެސް ޝާހިދަށް ފެނުނެވެ.
އަދި މި ވަގުތު ހޫރެމުން ކަހަލަ ގޮތެއްގައި ތުރުތުރުއަޅަމުން ވީރާނާވެފައިވާ މީހެއް ފަދައިން ގޭޓާ ދިމާއަށް ރަޢުނާ ދަނިކޮށް ވެސް ޝާހިދަށް ފެނުނެވެ.
ޝާހިދު ކައިރިއަށް ވަރަށް ރުޅިއައެވެ. އެހެންނަމަވެސް އެކަން ފޮރުވަމުން ޢާމިރުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އޭނާގެ ސިކުނޑި އޭރު ވެސް ބާރަށް ގޮވަމުންދިޔައެވެ. އަދި ޚާން އަކުބަރުގެ ދުޅަވެފައިވާ ލޭނާރެއްގައި ޢާމިރު އަތްއެޅިކަމުގެ އިހުސާސް އޭނާއަށް ކުރެވުމުން ދިޔައެވެ.
މިހައިރު ރަޢުނާ ވެއްޓިފައިވާ ޙާލަތު އޭނާއަށް ވަޒަންކުރެވެއެވެ. ------- އެހެންކަމުން އޭނާއަށް ޢާމިރަށް ވަރަށް ބޮޑަށް ޝައްކު ކުރެވެން ފަށައިފިއެވެ. އޭނާގެ ހިތް އެގޮތަށް އޭނާ ކައިރީގައި ބުނަމުންދިޔައެވެ.
ޢާމިރާ ވާހަކަދައްކާންވީހެއްޔެވެ؟ ----- އޭނާ މިކުޅެނީ ކޮންކަހަލަ ކުޅިވަރެއްހެއްޔެވެ؟ ޢާމިރު އޭނާ ގެނައި ސަބަބަކީ މިއީހެއްޔެވެ؟
މާ ނުވަގުތެއްގައި ޝާހިދު ޢާމިރު ކޮޓަރިއަށް ވަނުމުން ޢާމިރު ޙައިރާންކަމާއެކު ޝާހިދަށް ބަލައިލިއެވެ. އަދި ބުންޏެވެ.
"އިށީންނަވާ -------"
ޢާމިރު ބުންޏެވެ.
"މުހިންމު ވާހަކައެއް ދައްކާލާންވެގެންނެވެ. -------"
ޝާހިދު، ކުރިމަތީގައި ހުރި ގޮނޑި ދަމައިލުމަށް ފަހު ގޮނޑީގައި އިށީންނަމުން ބުންޏެވެ.
"ވިދާޅުވޭ ------ އަޅުގަނޑަކީ ހުރިހައިކަމެއްދަންނަ މީހެކެވެ."
ޢާމިރު ހީނލިއެވެ.
"އެންމެ މުހިންމު ވާހަކައަކީ އަހަންނަށް ޢާމިރު ދަސްނުވިކަމެވެ."
ޝާހިދު ބުންޏެވެ.
"އަޅުގަނޑުގެ މަސައްކަތުގައި އެއްވެސް ކަމެއް ދޫކޮށްލައިފައި ހުރިކަން ފާހަގަ ކުރެވިއްޖެތޯއެވެ؟"
ޢާމިރު ސުވާލުކުރިއެވެ.
"ނޫނޭ، އެކަހަލަ އެއްވެސް ކަމެއްނެތެވެ. -------"
"އަޅުގަނޑު ފަރާތުން އޮޅުން ފިލުއްވާން ދެން ތިޔަ އުޅުއްވަނީ ކޮންކަމެއްތޯއެވެ؟"
"ޢާމިރު! – ޚާން އަކުބަރު ބްލެކް މެއިލު ކުރަނީތަ؟" ޝާހިދު ސުވާލުކުރިއެވެ. -------
"ނޫނޭ ------ އަޅުގަނޑު އެކަހަލަ އެއްވެސް ކަމެއްނުކުރަމެވެ." ޢާމިރު ހީނލިއެވެ.
"އަހަރެން އެހެން އަހައިގެން އެއްވެސް ޙައިރާންކަމެއް ޢާމިރަށް ނުލިބޭހެއްޔެވެ؟" ޝާހިދު ބުންޏެވެ. ----------
"އެއްގޮތަކަށްވެސް ޙައިރާން ނުވެއެވެ. -------" ޢާމިރު ހިނިތުންވަމުންދިޔައެވެ.
"ޢާމިރުގެ މަޤާމާ ބެހޭ ގޮތުން އަލިއަޅުވައިލާން ބޭނުންހެއްޔެވެ؟ ޝާހިދު ބުންޏެވެ.
ޢާމިރު ހީނލިއެވެ. އަދި ބުންޏެވެ. "ޒާތީ މަޢުލޫމާތުތޯއެވެ؟ ------- ޝާހިދުގެ އަގުހުރި ވަގުތުތަކުން ވަގުތު ބޭކާރު ކުރައްވަން ނުހައްދަވާށެވެ."
"ވަރަށް އަވަހަށް ޠޫފާނެއް އަންނަތަން އަހަންނަށް އެބަފެނެއެވެ. -----" ޝާހިދު ބުންޏެވެ.
"ޠޫފާނު އަތުވެއްޖެއެވެ. ------" ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.
"ޢާމިރު! ----- އަހަރެން ވަރަށް ކަންބޮޑުވެއެވެ." ޝާހިދު ބުންޏެވެ.
"ޝާހިދުގެ ކަންބޮޑުވުން އަޅުގަނޑަކަށް ނުވިސްނެއެވެ. --------"
"މިހައިރުގެ ޙާލަތަކީ އަޅުގަނޑަށް ވަރަށް ކެތްތެރި ޙާލަތެކެވެ." ޝާހިދު ބުންޏެވެ.
"ކުޑަދުވަސްކޮޅަކަށް އިންތިޒާރު ކޮށްލައްވާށެވެ! އޭރުން އިތުރަށް ކަންބޮޑުނުވާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ." ޢާމިރު ބުންޏެވެ.
"މުޙްތަރިމާ ރަޢުނާ ދެންމެ އެދިޔައީ ޢާމިރުގެ ކޮޓަރީންނެވެ."
"ރަޢުނާގެ މިޒާޖު ފެނުނީ ރަނގަޅަކަށް ނޫނެވެ."
"ދުރުވީ މޫޑު ރަނގަޅު ކޮށްލައްވަން ވެގެންނެވެ."
އާމިރު ދެތުންފަތް ފިއްތައިގެން އިނދެ ބުންޏެވެ. ޝާހިދު ޙައިރާންކަމާއެކު ޢާމިރަށް ބަލައިލިއެވެ. ޢާމިރު ގޮނޑީގައި ބުރަކަށި ޖައްސައިލައި ގޮނޑީގައި އޮށޯންނަކަހަލަ ގޮތެއްގައި ރަނގަޅަށް ހަމަޖެހިލިއެވެ.
------------------------------------------------
(އަދި ނުނިމޭ)