Advertisement

ބައިޑްން ދެން ހަދާނީ ކިހިނެއް؟

08 Jun 2024 | 04:25
އެމެރިކާގެ ރައީސް ޖޯބައިޑްނާއި އެންއޭއޭސީޕީގެ ރައީސް އަދި ސީއީއޯ ޑެރިކް ޖޯންސް ބުރާސްފަތި ދުވަހު ވޮޝިންޓަންގައި ބައްދަލުކުރަނީ (ފޮޓޯ: ރޮއިޓަރސް)

ޢަޒީޒު ޖަމާލު

"ހައްދެއް ނެތް މިންވަރަށް" އިސްރާއީލަށް ހަތިޔާރ ފޮނުވާ ފޮނުވުން ހުއްޓައިލުމަށް އެމެރިކާގެ ނަސްލީ އިންސާފާއި ކަޅު މީހުންގެ ހައްގުތަކަށް އަޑު އުފުލާ އެންމެ ބޮޑު މަދަނީ ޖަމުއިއްޔާއިން ބައިޑްނައަށް ކުރާ އިލްތިމާސް އޭނާގެ ސިކުނޑިއަށް ވަންނާނެ ބާވައެވެ.

އެކި ކުލައިގެ މީހުންގެ ތަރައްގީއަށް މަސައްކަތްކުރާ ގައުމީ ޖަމުޢިއްޔާ – ދަ ނޭޝަނަލް އެސޯސިއޭޝަން ފޮރ ދި އެޑްވާންސްމެންޓް އޮފް ކަލާޑް ޕީޕަލް - (އެންއޭއޭސީޕީ) އިން މި ވަނީ އެއްވެސް ހުދޫދެއް ނެތި އިސްރާއީލަށް އެމެރިކާއިން ފޮނުވާ ހަތިޔާރު ފޮނުވުން ހުއްޓައިލާން އެމެރިކާގެ ރައީސް ޖޯބައިޑުނަށް އިލްތިމާސްކޮށްފައެވެ. އެމެރިކާގައި މަދަނީ ހައްގުތަކަށް ޓަކައި މަސައްކަތްކުރާ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޖަމާޢަތުން ޚާރިޖީ ސިޔާސަތާ ބެހޭ މި ފަދަ ބަޔާންތައް ނެރެނީ ވަރަށް މަދުންނެވެ. ނަމަވެސް ބުރާސްފަތި ދުވަހު މި ވަނީ މި ފަދަ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ދާއިމީ ސުލްޙައަކަށް މަގު ފަހިކުރުމަށް ޓަކައި އެމެރިކާއިން އެމެރިކާގެ ނުފޫޒު އިސްރާއީލަށް ފޯރުވުމުގެ ވަގުތު ޖެހިއްޖެއެވެ.

އެންއޭއޭސީޕީއިން ބައިޑްންއަށް ގޮވައިލައިފަވަނީ އިސްރާއިޅަށް ހަތިޔާރު ފޮނުވުމުގައި ރަތް ރޮނގެއް ކުރަހައިލާން ވެއްޖެކަމަށެވެ. އަދި ބަރު ހަތިޔާރާއި އެހެނިހެން ހަތިޔާރު ޔަހޫދީ ދައުކަތަށް ފޯރުކޮށްދިނުން ނިމުމަކަށް ގެްނާންވީ ވަގުތު ޖެހިެއްޖެކަމަށެވެ.

އިސްރާއީލާ ދެކޮޅަށް މި ފަދަ ބަޔާނެއް ނެރޭ ކޮންމެ ފަހަރަކު އެ މީހުންގެ އިންސާފުގެ ތަވާޒުނުވާކަން ދެއްކުމުގެ ގޮތުން ފަލަސްތީނާ ދެކޮޅު ބައެއް ވެސް އެ ފަދަ ބަޔާންތަކުގައި ހިމެނުމަކީ ހުޅަނގުގެ ކޮންމެ ބަޔެއްގެ ވެސް ސަގާފަތެކެވެ. އެހެންކަމުން އެންއޭއޭސީޕީގެ ބަޔާނުގައި، ޙަމާސަށް ހަތިޔާރު ފޯރުކޮށްދޭ އެހެން ގައުމުތަކުން ވެސް ޙަމާސަށް ހަތިޔާރު ދިނުން ހުއްޓައިލުމަށް ވެސް އެ ބަޔާނުގައި ގޮވައިލައިފައިވެއެވެ. "އެތައް ހާސް މަދަނީންނެއް މަރުވެފައިވާކަމަށް ބެލެވޭ މި ހަމަނުޖެހުން މިހާރުން މިހާރަށް ހުއްޓައިލުމަކީ ކޮންމެހެން މުހިންމުކަމެކެވެ." އެންއޭއޭސީޕީގެ ބަޔާނުގައި ވެއެވެ.

އެންއޭއޭސީޕީ ބުނާ ގޮތުގައި  ހައްދެއް ނެތި އިސްރާއީލަށް ބައިޑްން އެހީތެރިވަމުން ގެންދާ ނަމަ، އަށް މަސް ދުވަހަށް ދިގުލައިގެން މިދާ "ހަނގުރާމަ"އަށް ބައިޑްންގެ މަގުބޫލުކަމުން ވަރަށް ބޮޑު އަގެއް ދައްކާން ޖެހޭނެއެވެ. މި ހަމަނުޖެހުން ނުހުއްޓުވައި އަދި ހައްދެއް ނެތި އިސްރާއީލަށް އެހީތެރިވުމުގައި އެމެރިކާ ދެމި އޮވެއްޖެ ނަމަ، ރައީސްކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ޓަކައި އޭނާއަށް ބޭނުންވާ، އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތުންގެ ވޯޓު ގެއްލޭނެއެވެ.

އެންއޭއޭސީޕީގެ ބަޔާނުގައި ބައިޑުން ކިރިޔާ ވެސް ސަމާލުކަން ދޭނެ ޢިބާރާތެއްކަމަށް ފެންނަނީ ފަހުން މި ދެންނެވި ވާހަކައެވެ. މި "ހަނގުރާމަ" ނުހުއްޓުވައިފި ނަމަ ބައިޑްންއަށް ކަޅު ނަސްލުގެ ވޯޓުގެ ބޮޑު ބައެއް ގެއްލިދާނެކަމުގެ ބިރެވެ. މި ސަބަބަށް ޓަކައި އޭނާ ކޮންމެވެސް ކަމެއް ކޮށްލުމަކީ އެކަށީގެންވާ ކަމެކެެ. ނަމަވެސް ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަލެއް އެޅުމަކީ ވެސް ހަމަ މި އިންތިޚާބަށް ނޭދެވޭ އަސަރެއް ފޯދައިދާނެތީ ބައިޑްނއަށް ފަސޭހަމަކެއް ނޫނެވެ. ބަލާން ތިބެމާހެއްޔެވެ!

Advertisement

ކޮމެންޓް
ރިޟުވާނު
" ކަހާތަން ހިރުވާލާނެ " ކަމަކަށްވެސް ނުފެނޭ. އިޤްތިޞާދީގޮތުން ނަމަވެސް އެމެރިކާއަށް އަސަރެއް ފޯރާނެ ކަމެއް ކުރާނެ ބަޔަކު ނުކުތުން ނޫން ގޮތެއް ނެތް
08 Jun 2024