ޙައްޖު މަހުގެ ދިހަ ދުވަހުގައި ތަކުބީރުކިޔުން
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَ ٱلْفَجْرِ وَلَيَالٍ عَشْرٍ [1]- ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ. )) މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ.
ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށްދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިދެއްވި ޚައިރާތުގެ މޫސުމެއްގެ މަތީންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. މާތްﷲ ރުއްސުން ލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު އަރިހުން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((إِنَّ الْعَشْرَ عَشْرُ الْأَضْحَى وَالْوَتْرَ يَوْمُ عَرَفَةَ وَالشَّفْعَ يَوْمُ النَّحْرِ[2] - ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟްޙާގެ ދިހަ ދުވަހެވެ. ވަތުރަކީ ޢަރަފާތު ދުވަހެވެ. ޝަފުޢަކީ ބޮޑު ޢީދު ދުވަހެވެ.)) މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ[3] – މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއޭވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެnބުރި ނައި މީހާ ފިޔަވައެވެ."
ރޯދަހިފުން
މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ވެއެވެ. ކީރިތި ރަސޫލާ ﷺގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. ((އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.[4]))
ޙައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނައެވެ. މުސްލިމުންނަށް މާތްﷲ މި ދެއްވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔެއްކަމުގައި ވަމާ ހިނގާށެވެ! ހެޔޮކަން ބޮޑު މި ފަދަ ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށްގެން ﷲގެ ޙަޟްރަތުގައި މަތީ ވަނައެއް ލިބޭތޯ ވާދަކުރަމާ ހިނގާށެވެ.
މި ދިހަ ދުވހުގެ ތެރޭގައި ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި ﷲއަށް ޒިކުރުކުރުން ވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ ޒިކުރެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެކެވެ. ޒިކުރުކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނި ހިލަތަކުގެ ފިހުމުން ރައްކައުތެރިކޮށް ދެއްވާނެއެވެ. ﷲއަށް ޒިކުރުކުރާ މީހާއަށް ﷲގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ. އެއީ މުއުމިނާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. މާތްﷲ ފަރުޟުކުރެއްވި އެންމެހައި އަޅުކަންތަކާއި ޒިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެއެވެ.
ތަކުބީރު ކިޔުން
ޒިކުރުކުރުމުގެ ތެރޭގައި ތަކުބީރުކިޔުން ވެއެވެ. ޙައްޖުމަހުގެ ދިހަދުވަހު ތަކުބީރު ކިޔުމާ ބެހޭ ގޮތުން އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ [5] -އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّهގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ.)) މުފައްސިރުން ވިދާޅުވާ ގޮތުގައި ކަނޑައެޅިގެންވާ ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
ސަލަފުން މި ދުވަސްތައް އިޙްޔާކުރައްވައި ދިރުއްވައިފައިވަނީ ތަކުބީރުންނެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެފާނަކީ ވިޔަފާރިކުރެއްވުމުގެ ބޭނުންފުޅެއް ނެތި، ބާޒާރަށް ވަޑައިގެން ތަކުބީރު ވިދާޅުވެ ބާޒާރުމަތީގައި އުޅޭ މީހުންނަށް އަޑުހަރުކޮށް ތަކުބީރުކިޔާން އިރުޝާދުދެއްވި ބޭކަލެކެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް އިސްލާމީ މި ޝަޢީރާ އިޙްޔާކުރުމަށް ޓަކައި ތަކުބީރުކިޔުމަށް އިސްކަންދޭންވާނެއެވެ. މި ކަމުގެ ސަބަބުން ﷲ އަޅުގަނޑުމެން މަތިވެރިކުރައްވައިތޯއެވެ. ﷲގެ ޝަޢީރާއެއް އުފުލި މީހާގެ ޤަދަރު މާތް ﷲ އުފުއްލަވާނެތެވެ.
ތަކުބީރު ކިޔުމުގެ މާތްކަން
ތަކުބީރުކިޔުމަކީ ﷲ ތަބާރަކަ ވަ ތަޢާލާ މަތިވެރިކުރުމެވެ. އެކަލާނގެއަށް ވުރެ ބޮޑު އެއްޗެއް ނުވާކަމަށް ހެކިވުމެވެ. ކިޔޭ ކޮންމެ ތަކުބީރަކުން އެކަލާނގެ މަތިވެރިކުރެވެއެވެ. އެހެން އެއްޗެހި ކުޑަކުރެވެއެވެ. ހުރިހާ އެއްޗެއް ވެސް އޭއްޗެހީގެ ކަނދުރާ ތިރިކޮށްފައިވަނީ އެކަލާނގެ ޒާތުފުޅުގެ މޫރިތިކަމާއި މަތިވެރިކަމާ ހެދިއެވެ. އެކަލާނގެ ޖަބަރޫތުވަންތަކަމުގެ ކުރިމަތީގައި ހުރިހައި ޖައްބާރުން ވަނީ ނިކަމެތިވެފައެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި ހުރިހައި މަޚްލޫޤާތުތަކެއް ވަނީ ނިކަމެތިވެ ބަލިކަށިވެފައެވެ.
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެފާނު ވިދާޅުވިއެވެ. ((އަހުރެމެން ރަސޫލާ ﷺ ގެ އަރިހުގައި ނަމާދުކުރާން ތިއްބައި މީހަކު (الله أكبر كبيرا، والحمد لله كثيرا، وسبحان الله بكرة وأصيلا) ކިޔެވެ. ފަހެ ރަސޫލާ ﷺ އެއްސެވިއެވެ. މި ބަސްތައް ކީ ކާކުހެއްޔެވެ؟ މީހަކު ދެންނެވިއެވެ. ﷲގެ ރަސޫލާއޭވެ! އަޅުގަނޑެވެ. رَسُولُ اللَّهِ ﷺ ޙަދީސްކުރެއްވިއެވެ. އެ ބަސްތައް ރިވެތިވުމުން އުޑުގެ ދޮރުތައް ހުޅުވުނެވެ.))[6] އިބްނު ޢުމަރު ވިދާޅުވިއެވެ. ރަސޫލާ ﷺ މި ފަދައިން ޙަދީސްކުރެއްވި ފަހުން ތިމަންކަލޭގެފާނު އެ ބަސްތައް ވިދާޅުވުން ހުއްޓަވައެއްނުލައްވަމެވެ.
މާތްﷲ ރަޙްމަތްލެއްވި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ((ތަކުބީރަކީ ނަމާދާއި ބަންގިއާއި ޢީދުތަކުގެ ޝިޢާރެވެ. ޞަފާއާއި މަރުވާ ފަދަ އުސް ތަންތާނގެ މައްޗަށް އަރާ އިރު ތަކުބީރު ކިޔުމަކީ މުސްތަޙައްބު ކަމެކެވެ. އިންސާނަކު އުސްތަނަކަށް އަރައިފި ނަމަ ނުވަތަ ސަވާރީއެއް ފަދަ އެއްޗަކަށް އަރައިފި ނަމަ ތަކުބީރު ކިޔުން ސުންނަތްވެގެން ވެއެވެ. ކިތަންމެ ބޮޑު އަލިފާންގަނޑަކަށް ވިޔަސް ތަކުބީރުން އެ ނިވޭނެތެވެ. ބަންގި ގޮވާއިރު ޝައިޠާނާ ދުރަށް ދާނެތެވެ.))[7]
ދިހަ ދުވަހު ތަކުބީރުކިޔާނީ ކިހިނެއް؟
ތަކުބީރު އެތައް ގޮތަކަށް ކިއިދާނެއެވެ.
1- ކޭލިހަމަކޮށް ކިޔުން: އެއީ ((الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد))
2- ކޭލިހަމަނުކޮށް އޮނަހިރިކޮށް ކިޔުން: އެއީ ((الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، الله أكبر، ولله الحمد))
3- ފުރަތަމަ ފަހަރު އޮނަހިރިކޮށް ދެވަނަ ފަހަރު ކޭލި ހަމަކޮށް ކިޔުން: އެއީ ((الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد))
ދިހަ ދުވަހުގެ ތަކުބީރު
ދިހަދުވަހު ކިޔާ ތަކުބީރު މުޠުލަޤުކޮށްނާއި މުޤައްޔަދުކޮށް ކިޔިދާނެއެވެ.
މުޠުލަޤުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެކެވެ. އެކަމަށް ކަނޑައެޅިފައިވާ ވަކި ވަގުތެއްނެތެވެ. ހެނދުނާއި ހަވީރާއި ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ތަކުބީރު ކިޔަންވީއެވެ. ނަމާދުގެ ކުރިންނާއި ނަމާދުގެ ފަހުން ވެސް ކިޔަންވީއެވެ. މުޠުލަޤު ތަކުބީރު ޙައްޖުމަހުގެ ދިހަ ދުވަހުގައްޔާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި ކިޔަންވީއެވެ. މި ތަކުބީރު ކިޔުމުގެ ވަގުތު ޖެހެނީ ޛިލްޤަޢިދާ މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމުންނެވެ. ނިމޭނީ ޙައްޖުމަހުގެ ތޭރަވަނަ ދުވަހުގެ އިރުއޮއްސުމުންނެވެ. މުޠުލަޤު ތަކުބީރު ގޭގޭގައްޔާއި މިސްކިތްމިސްކިތުގައްޔާއި މަގުތައް މަތިގައްޔާއި ބާޒާރުމަތީގައި ކިޔުން ސުންނަތްވެގެންނެވެ.
މުޤައްޔަދު ތަކުބީރު ކިޔާނީ ފަރްޟު ފަސްނަމާދު ކުރުމަށް ފަހުގައެވެ.މުޤައްޔަދު ތަކުބީރު ފެށޭނީ ޙައްޖުމަހުގެ ނުވަވަނަ ދުވަހުގެ ފަތިސްނަމާދު ކުރުމަށް ފަހުގައެވެ. ނިމެނީ ޙައްޖު މަހުގެ ތޭރަވަނަ ދުވަހުގެ ޢަޞްރު ނަމާދަށް ފަހުގައެވެ. ފަރްޟު ނަމާދުކޮށް ސަލާންދީފައި أستغفر الله ތިން ފަހަރު ކިޔައިފާ ” اللهم أنت السلام ومنك السلام تباركت يا ذا الجلال والإكرام ” ކިޔައިފައި ދެން ތަކުބީރުކިޔާނީއެވެ.
ޙައްޖަށް ގޮސް ޢަރަފާތުގައި ހުންނަ މީހާ ތަކުބީރު ކިޔަން ފަށާނީ ޙައްޖު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ. ނިމޭނީ 13ވަނަ ދުވަހުގެ ޢަޞްރު ނަމާދަށް ފަހުގައެވެ.[8]
މަރުޖިޢުތައް:
[1] - الفجر : 1-2
[2] - أخرجه أحمد (١٤٥٥١)، والنسائي في ((السنن الكبرى)) (١١٦٧٢)، والبزار كما في ((كشف الأستار)) للهيثمي (٢٢٨٦)
[3] - أخرجه الترمذي (٧٥٧) و البخاري (٩٦٩)
[4] - رواه البيهقى وأحمد
[5] - الحج:28
[6] - صحيح مسلم (601 (
[7] - الفتاوى الكبرى لابن تيمية، الإمام تقي الدين أحمد بن عبد الحليم بن عبد السلام ابن تيمية ، دار الكتب العلمية، الطبعة الأولى، 1408هـ - 1987م
[8] - الأسئلة والأجوبة الفقهية، عبد العزيز بن محمد السلمان الطبعة العاشرة، 1412 هـ