Advertisement

ހޫނު ގަދަވުމުގެ ސަބަބުން އެ ރާއްޖޭގެ މީހުން މަރުވަނީ!! މި ރާއްޖެއަށް ﷲގެ ފަޟުލަވަންތަވެރިކަން ހާދަހާ ބޮޑެވެ. الحمدللهއެވެ.

05 Jun 2024 | 06:27
އިންޑިއާގެ އެކި ސަރަހައްދުތަކަށް ހޫނު ގަދަވުމުގެ ސަބަބުން ފިނިވުމަށް ޓަކައި ފެން ބޭނުންކުރަނީ: ރިޕޯޓުތައް ބުނާ ގޮތުގައި 49 އާއި 50 ޑިގްރީ ސެލްސިއަހަށް ބައެއް ސަރަހައްދުތަކުގައި ހޫނުކަން ވަނީ އިތުރުވެފައެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖެ ލައްވައިފައި މި ވަނީ، ތަފާތު ޠޫފާނުތަކާއި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިޔުމާއި ހޫނު ގަދަވުމާއި ފިނިގަދަވުމުގެ ސަބަބުން މުޞީބާތާ ކުރިމަތިވާ ސަރަޙައްދެއްގެ މެދުގައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން މުޞީބާތަކަށް ވާވަރުގެ ހާދިސާއެއް ދިވެހީން ތަޖުރިބާކުރާކަށް ނުޖެހެއެވެ. ބޮޑުވިއްސާރައާއި ސުނާމީ ފަދަ މަދު މުޞީބާތެއް ނޫނީ ދިވެހި ތާރީޚު ދެކެފައެއް ނުވެއެވެ. މިއީ މާތްﷲގެ ފަޟުލަވަންތަވެރިކަމެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާގައި 2015އިން 2022އާ ދެމެދު ހޫނު ރާޅުގެ ސަބަބުން 3812 މީހުން ވަނީ މަރުވެފައެވެ. އަދި އެކިއެކި އެހެން އެކްސިޑެންޓްތަކުގައި 2419 މީހުން އެ މުއްދަތުގައި މަރުވެފައިވެއެވެ. މި މައްސަލަ ބޮޑަށް ކުރިމަތިވެފައިވަނީ އަންދްރަ ޕްރަދޭޝްގެ ސަރަހައްދުތަކަށެވެ. މި ކަން ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރުން މި ދިޔަ އަހަރު ޖުލައި މަހު ވަނީ ހާމަކޮށްފައެވެ.

އެކަށީގެންވާ ވަރަކަށް ފިނިކުރާނެ ބިނާރު ގާއިމުކުރެވިފައި ނުވުމުގެ ސަބަބުން ތާޒާކޮށް ބަހައްޓާންޖެހޭ އުފެއްދުންތަކަށާއި ފިނިކޮށްފައި ބަހައްޓާން ޖެހޭ ތަކެއްޗަށް ވިޔަކުރާން ނޭނގޭ ފަދަ ގެއްލުންތައް ލިބެއެވެ.

މި އަހަރު މިހާރު ވެސް އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް މި ވަނީ ހޫނު ގަދަވުމުގެ (ނުވަތަ ހޫނު ރާޅުގެ) މައްސަލަ ކުރިމަތިވެފައެވެ. މި ހޫނުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ސަތޭކައަށް ވުރެ މައްޗަށް ހިނގައްޖެއެވެ. މި ފަހަރު ހޫނު ރާޅުގެ އަސަރު ފޯރަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ވެރިރަށް ނިއު ދިއްލީއާއި ރާޖަސްތާނާއި, އޮޅިއްސާއާއި, އުއްތަރަ ޕްރަދޭޝާއި ބިހާރު ހިމެނޭކަމަށް ޚަބަރު ލިބެއެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ނިއު ދެއްލީގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއެހަށް ވަނީ މަތިވެފައެވެ. ސައިންސްވެރީން ބަޔާންކުރާ ގޮތުގައި, އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލިފައި މި ވަނީ, އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. އަދި, މޫސުމީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގައި ސައިންސްވެރީން އިންޒާރުދެއެވެ.

ހޫނުގެ ސަބަބުން އިންޑިއާގެ ކުދީންތަކެއް ފެނުން ހަށިގަނޑަށް ފިނިކަން ހޯދަނީ: މި ހޫނު ރާޅުގެ އަސަރު އަދި އިތުރު ފަސް ދުވަހަށް ދެމިގެންދާނެކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.<br>

މި ކަމާ ގުޅިގެން އެތައް ހާސް މީހުންނަކަށް ޞިއްޙީ މައްސަލަތައް ކުރިމަތިވި ކަމުގައި އިންޑިޔާގެ އިދާރާތަކުން އަންދާޒާކުރެއެވެ. އޮޅިއްސާ ސްޓޭޓްގެ ކާރިސާތަކާ ބެހޭ މަރުކަޒުން މަޢުލޫމާތު ދޭ ގޮތުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އެ އިސްޓޭޓުން 30 މީހުން މަރުވިއެވެ. އިތުރު 97 މީހަކު މަރުވެފައި ވިޔަސް އެ މީހުން މަރުވެފައި ވަނީ، ހޫނުގެ ސަބަބުންކަން ކަށަވަރުކުރުމަށް އެ އިދާރާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ. މި ދިޔަ މާރިޗު މަހުން ފެށިގެން އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ފިނިހޫނުމިން ވަނީ މައްޗަށް ދާން ފަށައިފައެވެ. މި ހޫނުގެ ތޫފާނުގެ އަސަރު ކުރިއަށް އޮތް ހަފުތާގައި ވެސް އިންޑިޔާގެ އެކި ސަރަޙައްދުތަކަށް ކުރާނެކަމުގައި މޫސުމާ ބެހޭ އިދާރާއިން އިންޒާރުކުރެއެވެ. ނަމަވެސް, އިންޑިޔާގެ އިރުމައްޗާއި ދެކުނުގެ އައްސޭރިފަށުގެ ސަރަޙައްދަށް ވަނީ ވިއްސާރަ މޫސުން ފެށިފައެވެ. އިންޑިޔާގެ އިރުމަތީގައިވާ ސަރަޙައްދުތަކަށް ދާދި ފަހުން އެރި ނުރައްކާތެރި ތޫފާން ރިމާލާ ގުޅިގެން 40 ވަރަކަށް މީހުން ވަނީ މަރުވެފައެވެ.

އަވައްޓެރި ސްރީލަންކާއަށް ވެސް ވިއްސާރައިގެ އަސަރުކުރަމުން އެބަ ދެއެވެ. ސްރީލަންކާގެ ކާރިސާތަކާ ބެހޭ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި, ބިންގަނޑު ކެނޑި ކިސަޑު ފޭބުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 15 ވަރަކަށް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވެފައިވެއެވެ.

ބަނގްލާދޭޝަކީ އަދި މާ ހާލު ބޮޑު ގައުމެކެވެ. ނުރައްކާތެރި އެތައް ޠޫފާނެއް އެ ގައުމާ ކުރިމަތިނުވާ އަހަރެއް ނުދެއެވެ. އެތައް ބަޔަކު ގެދޮރުގެއްލި ހާލުގައި ޖެހެއެވެ. ބޭ އޮފް ބެންގާލްގައި އުފެދޭ ނަގޫރޯޅިތަކުން ކޮންމެ އަހަރަކު އެތައް ބަޔެއްގެ ފުރާނަ ގެއްލެއެވެ.

މި ފަދަ ނުރައްކާތެރި ޙާލަތުތައް މެދުވެރިވާ އަވައްޓެރި ގައުމުތަކުގެ ބަނޑުދޮށުގައި މި ގައުމު އޮތަސް މި ރާއްޖެއަށް މި ފަދަ ބިރުވެރިކަމެއް މާތް ﷲ މެދުވެރިއެއް ނުކުރައްވައެވެ. މި ކަންކަމާ މެދު ވިސްނައި ފިކުރު ހިންގައިފި ނަމަ، އަޅުގަނޑުމެން އިސްލާޙުވެ ﷲގެ މަގަށް ރުޖޫޢާވުމަކީ އެ ކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ.

Advertisement

ކޮމެންޓް
މަރީ
ވަރަށް ބޮޑު ތެދެއް. އަލްޙަމްދު ލިﷲ!
21 Jun 2024