Advertisement

ނަސްލުހޭދުގެ ޙަމަލާއިން ސަލާމަތްވެވޭތޯ ޙިމާޔަތް ހޯދަނީ ނަރުދަމާގެ ތެރޭގައި. ދުނިޔެ މިއަދު މި ވަނީ ފިރުޢައުނީ އިންސާފުގައި.

05 Jun 2024 | 00:01
ޣައްޒާގެ ޙާލަތު މިއަދު އިންސާނަކަށް ސިފަކުރެވޭނެތޯއެވެ! އެއީ މުޞީބާތުގެ ސަރަހައްދެކެވެ.

ޢަޒީޒު ޖަމާލު

އިންސާނީ ޙައްގުތައް ޙިމާޔްތަކުރާށޭ، ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރާށޭ ކިޔައިގެން އެކި ނަންނަމުގައި ޖަމާޢަތަތައް ހަދަހަދައިގެން ގައުމުތަކުން ދައްކާ ފައިސާއިން ބޮޑު މުސާރަ ހޯދައިގެން އުޅޭ މީހުން ތިބީ ޢިއްޒަތުގައެވެ. އެ މީހުން ދަތުރުކުރަނީ ވަޒަން ނާރާ ކާރުގައެވެ. ނިދަނީ އެންމެ ފައްކާ ގެތަކުގައެވެ. އަމާންކަމާއި ހައްގުތައް ލިބެނީ ހަމައެކަނި އެ މީހުންނަށެވެ. އިންސާނިއްޔަތު މިއަދު ވެއްޓިފައިވަނީ ފިރުޢައުނީ ޒަމާނުގެ ޙާލަތަށެވެ.

ފަލަސްތީނުގެ ނަސްލު އެކީއެކަށް ނައްތައިލާން ހިންގާ ނަސްލުހޭދުގެ އަނިޔާވެރި ޙަރަކާތުގައި އިސްރާއީލުން ދެ ޙަމަލާތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ. އެ ޙަމަލާތަކުން ރައްކާތެރިވާނެ އެއްވެސް ގޮތެއް ފަލަސްޠީނީންނަކަށް ނެތެވެ. މި ކަން ނޭނގޭ އެއްވެސް މީހެއް ދުނިޔެއަކު ނެތެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރި ވަކިތަކުން ފަލަސްތީނު ސަލާމަތްކުރާނެ އެކަކު ވެސް މި ދުނިޔެއަކު ނެތެވެ.

ޣައްޒާގެ އެކި ހިސާބުތަކުގައި އިސްރާއީލުން ހިންގާ އަނިޔާވެރި ޢަމަލުތައް ޖުމުލަތަކަކުން ބަޔާންކުރާން އެނގޭނޭ މީހެއް މިއަދު ދުނިޔެއަކު ނެތެވެ. އެއްކަލަ ޖަމާޢަތްތައް ހަމަ އެބަ އޮތެވެ.

ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ "ޚާން ޔޫނިސް"ގެ މަގުތަކުން ކުނީގެ ގޮތުގައި މިއަދު ފެންނަނީ އިންސާނީ ހަށިތަކެވެ. ފަލަސްތީނުގެ ޝަހީދުންނެވެ. ޔަހޫދީންގެ އަނިޔާވެރި ޙަމަލާތަކުން ޝަހީދުވާ މީހުންނާއި ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް ނެތިގެން ހައިހޫނުކަމުގައި ދުނޔެ ދޫކުރާ ކުޑަކުދީންނާއި މުސްކުޅީންނެވެ.

އިސްރާއީލުގެ ލާއިންސާނި ހަމަލާތަކުން ޙިމާޔަތް ހޯދާން ދާނެ ހިޔާވައްސެއްނެތެވެ. ވަންނާނެ ޢިމާރާތެއް ނެތެވެ. އަޅަމުންދާ ބޮންތަކުން ޙިމާޔަތް ހޯދާނެ އިތުރު ތަނެއް ނެތިގެން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން މިހާރު ވަދެ ތިބީ ނަރުދަމާ ނިޒާމުގެ ތެރެއަށެވެ. ނަޖިސް ދަތުރުކުރާ ހޮޅިތަކާއި ޖަންކުޝަންތަކުގެ ތެރޭގައެވެ. މުޅި ހިސާބުގަނޑުން ދުވަނީ ކުނިވަހެވެ. ބޯހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތް އިރު، ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް، ގައިން ތާހިރުވެލާނެ އެއްވެސް ފަދައެއް ވެސް ނެތެވެ.

ޣައްޒާ: ކޮޅަށް ހުރި އެންމެ ޢިމާރާތެއް އެބަ ފެނިވަޑައިގަނޭތޯއެވެ؟ މިއީ 2.5 މިލިޔަން މީހުން އުފަލުގައި ދިރިއުޅުނު ރަށެކެވެ.<br>

އިސްރާއީލުގެ އަނިޔާވެރި ސިފައިން އުތުރު ޣައްޒާގެ ސިޓީތަކަށް އަރައި، އެންމެން މަރައި ހުސްކުރަމުން ޓޭންކުތަކާއި ބަރު ހަތިޔާރުން މުޅި ޢިމާރާތްތައް ތަޅައި ސުންނާފަތިކުރާން ފެށުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭ ފަދަ މުސީބާތާ ކުރިމަތިވެފައިވާތީ ޖަބާލިޔާއާއި ބައިތު ޙަނޫނަކީ "މުސީބާތުގެ ސަރަހައްދު"ގެ ގޮތުގައި މިހާރު ވަނީ އިޢުލާމުކޮށްފައެވެ.

އަނެއްކޮޅުން ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވައްދާން ޔަހޫދީން ހުރަސްއަޅަމުން ގެންދިޔުން ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ 3500 ކުޑަކުދީން ތިބީ ބަނޑަށް ޖެހި ހައިހޫނުކަމުގައި މަރާ ކުރިމަތިލާންޖެހިފައިކަމަށް ޣައްޒާގެ ސަރުކާރުން ޚަބަރުދެއެވެ. ޚާން ޔޫނިސްގެ މަގުތަކުން ފެންނަނީ ޝަހީދުކޮށްލައިފައިވާ ކަށްތަކެވެ. މުޅި ޖައްވުވަނީ ކުނި ވަހުން ތަޣައްޔަރުވެފައެވެ. ނަމަވެސް ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ ޢުދުވާނު އިތުރު ހަތް މަސް ދުވަހަށް ދިގުދަންމައިލާން ޖެހިދާނެކަމަށް ބުނެ އިސްރާއީލުން ވަނީ އިންޒާރުދީފައިކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާގައި ފެށި ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ  37 ހާހަށް އަރައިފައެވެ. އޭގެ ތެރޭގައި 26 ހާހެއްހައި އަންހެނުންނާއި މައުސޫމު ކުޑަކުދީން ހިމެނެއެވެ. އަދި ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10 ހާހެއްހައި މީހުންގެ ހަށިތައް ތާށިވެފައިވާކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ 83 ހާހަށް ވުރެ މައްޗަށް އަރައިފައެވެ. އދ.އިން މަޢުލޫމާތުދެނީ ޣައްޒާގައި ހައިހޫނުކަމުގައި ބަނޑަށް ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ ގިނަވާނެކަމަށެވެ.

އެ ޙަމަލާތައް ހުއްޓައިލައި އެ ސަރަހައްދުން ފައިބާން ބައިނަލްއަގުވާމި ޢަދުލުއިންސާފުގެ ކޯޓުން އިސްރާއީލުގެ މައްޗަށް އަމުރުކުރިޔަސް އެ އަމުރު ތަންފީޒުކުރާނެ ބާރެއް މިއަދު ދުނިޔެއަކު ނެތެވެ. މިއަދު ދުނިޔޭގައި ހިނގަނީ ފިރުޢައުނު ޒަމާނުގެ އިންސާފެވެ. ޖާހިލިއްޔަ ޒަމާނަށް ވުރެ މިއަދުގެ ޙާލަތު ދުނިޔޭގައި މާ ގޯހެވެ. މިއަދު ދުނިޔޭގައި އެކި ގައުމުތަކުގައި ވެރިކަން ކުރާ މުސްލިމުންނާއި އެހެން މީސްމީހުންނަކީ ލަދުވެތިކަމެއް އިންސާނިއްޔަތުކަމެއް، އޯގާވެރިކަމެއް، ރަޙުމެއް ހަމްދަރުދީއެއް އެ މީހުންގެ ހިތްތަކުގައި ވާ ބަޔެއް ނަމަ، މި ޙާލަތަކަށް އިންސާނިއްޔަތު ވެއްޓިގެން ދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

މިއަދު މި ޖީލުގައި ދުނިޔޭގައި އުޅޭން ޖެހުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ލަދުގަނެއެވެ. ނަމަވެސް ދުޢާކުރުން ނޫން ކަމެއް އަޅުގަނޑުމެންނަށް ކުރެވޭނެތޯއެވެ! އަޅުގަނޑުމެން ފޯރުކޮށްދޭން ބޭނުންވާ އެހީއެއް އެ ހިސާބަށް ފޯރާނެ ގޮތެއް ވެސް މިއަދަކު ނެތެވެ. މި ޙާލަތުން ދުނިޔެ ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަމެވެ.

ބައެއް ލަފުޒުގެ މާނަ:

މުސީބާތް    ނ.   (1) ބޮޑެތި ހިތާމައާއި ވޭނާއި އުނދަގޫ. (2) ސުންޕާ ކަންކަން.

ނަސްލުހޭދު   ނ.   އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ޖީލު       ނ.   (1) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (2) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް.

Advertisement

ކޮމެންޓް