Advertisement

އެންމެ ފަސް: ޣައްޒާގައި ހިންގަމުން ގެންދާ ޢުދުވާނަށް އަވަސް ނިމުމެއް އެބަ އޮތްބާ!!

04 Jun 2024 | 00:36
ރަފަޙުގެ ޙާލަތު: މިޙާލަތުގައި އޮތަސް ޙަމަލާތައް އިތުރު ހަތް މަހަށް ދަންމައިލާން ޖެހިދާނެކަމަށް އިސްރާއީލުގެ ނިރުބަވެރި ލަޗްކަރުން ވަނީ އިންޒާރުދީފައެވެ.

ޢަޒީޒު ޖަމާލު

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލީ އަސްކަރީ ބާރުތަކުން ރަފަޙުގެ 40 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި ރަފަޙުގައި ތިބި މިލިޔަނަކަށް ވުރެ ގިނަ މީހުން މަޖުބޫރުން އެތަންމިތަނަށް ވިއްސި ވިހާލިކޮށްލައިފިއެވެ.

ޔަހޫދީން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑްން އިޢުލާނުކޮށްފައިވާ  ތިން މަރުޙަލާއެއްގެ މައްޗަށް އެކުލަވައިލައިފައިވާ ހަނގުރާމަ ހުއްޓުމާ ބެހޭ ހުށަހެޅުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެއީ އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާޢީ ވަޒިރު ޔުއާވް ގަލަންޓްގެ މައްޗަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރެއް ނެރެފާނެފާނެކަމުގެ ބިރު ބޮޑުވެފައިވާތީއެވެ.

މި ދެންނެވި ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ ރައްޔިތުންނައްތައިލާން ޔަހޫދީ ފައުޖުން ދެމުން ގެންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ ބައިބޯ ސަރަޙައްދުތަކުން ޔަހޫދީ ފައުޖުގެ ސިފައިން ފެއިބުމެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނުކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން ބައެއް މީހުން, މި ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި, ޔަހޫދީ ފައުޖުން ހައްޔަރުކޮށް، ޖަލަށްލައިފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އޭގެ ބަދަލުގައި ދޫކޮށްލާން ޖެހެއެވެ. އަދި, އެއްވެސް ހިފެހެއްޓުމަކާ ނުލައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރުމުގެ ފުރުޞަތު ޔަހޫދީން ފަހިކޮށްދޭން ޖެހޭނެއެވެ.

ޙަމާސުން ބުނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުވައި, ޣައްޒާގެ ރައްޔިތުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިޔުމުގެ ފުރުޞަތުދީ, އެ ސަހަރަށް އަރައިފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން ބޭލުމަށް އެ ޖަމާޢަތުން ތާއީދުކޮށް އެއްބާރުލުންދޭނެކަމުގައެވެ. އަދި, އެ ޖަމާޢަތުން ރަހީނުކޮށްފައިވާ ޔަހޫދީ އަސީރުން އެ ހުށަހެޅުމުގެ ދަށުން މިނިވަންކުރާނެކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.

އެހެންނަމަވެސް ޔަހޫދީން ބުނަނީ އެ ހުށަހެޅުން ފުރިހަމައެއް ނޫންކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެއީ ޔަހޫދީން އެދިގެން ހުށަހެޅި ފުރިހަމަ ހުށަހެޅުމެއްކަމަށާއި ފުރިހަމަ ނޫންކަމަށް އެ ބުނަނީ ކޮން ކަމެއްކަމެއް ނޭނގޭކަމަށެވެ.

ފަނާކޮށްލައިފައިވާ ޣައްޒާގެ މަގެއް<br>

ޖޯ ބައިޑަންގެ ހުށަހެޅުން ބަލައިގަތުމަށް އޭނާއާއި އޭނާގެ ކެބިނެޓްގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ ޔަހޫދީންނަށް ގޮވައިލައިފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, ޒަޔަނިސްޓު އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުގެ މެންބަރު ބެނީ ގަންޓްޒާއި، ދިފާޢީ ވަޒީރު ޔުއާވް ގަލަންޓަށް ބްލިންކަން ފޯނުން ގުޅައިގެން ބައިޑަންގެ ހުށަހެޅުން ބަލައިގަންނާން ބާރުއަޅައިފައިވާކަމުގައެވެ. ބައިޑަންގެ ހުށަހެޅުން ބަލައިގަންނާން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ޔަހޫދީންނަށް ގެންދަނީ ބާރުއަޅަމުންނެވެ.

ޙަމާސްގެ ތަރުޖަމާނު އުސާމާ ޙަމްދާން ވަނީ ހަނގުރާމަ ހުއްޓުމުގެ އެ ހުށަހެޅުމަށް މަރުޙަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް "ޖަޒީރާ"އަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ އެ ކަމާ ބެހޭ އެއްވެސް ލިޔެކިޔުމެއް އެ ޖަމާޢަތަށް ލިބިފައިނުވާކަމަށެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން އުތުރު ޣައްޒާގެ ސިޓީތަކަށް އަރައި، އަސްކަރީ ހަރަކާތްތައް ހިންގާން ފެށުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭ ފަދަ މުސީބާތާ ކުރިމަތިވެފައިވާތީ ޖަބާލިޔާއާއި ބައިތު ޙަނޫނަކީ "މުސީބާތުގެ ސަރަހައްދު"ގެ ގޮތުގައި މިހާރު ވަނީ އިޢުލާމުކޮށްފައެވެ.

އަނެއްކޮޅުން ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވައްދާން ޔަހޫދީން ހުރަސްއަޅަމުން ގެންދިޔުން ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ 3500 ކުޑަކުދީން ތިބީ ބަނޑަށް ޖެހި ހައިހޫނުކަމުގައި މަރާ ކުރިމަތިލާންޖެހިފައިކަމަށް ޣައްޒާގެ ސަރުކާރުން ޚަބަރުދެއެވެ. ނަމަވެސް ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ ޢުދުވާނު އިތުރު ހަތް މަސް ދުވަހަށް ދިގުދަންމައިލާން ޖެހިދާނެކަމަށް ބުނެ އިސްރާއީލުން ވަނީ އިންޒާރުދީފައިކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާގައި ފެށި ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,479އަށް އަރައިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދީން ހިމެނެއެވެ. އަދި ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10 ހާހެއްހައި މީހުންގެ ހަށިތައް ތާށިވެފައިވާކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ 82,777އަށް އަރައިފައެވެ. އދ.އިން މަޢުލޫމާތުދެނީ ޣައްޒާގައި ހައިހޫނުކަމުގައި ބަނޑަށް ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ ގިނަވާނެކަމަށެވެ.

Advertisement

ކޮމެންޓް