Advertisement

ރާއްޖެ އިސްލާމްވީ ދުވަހުގެ އުފާވެރި މުނާސަބަތު

.

ހިޖުރީ ގޮތުން 1374 ވަނަ އަހަރުން ފެށިގެން މިއަދު ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުން މި އަންނަނީ "ރާއްޖެ އިސްލާމްވީ ދުވަސް"ގެ ގޮތުގައެވެ. އާދޭހެވެ! އަޅުގަނޑުމެންގެ ޤައުމުގައި މިއަދަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފައިވަނީ މިއަދަކީ "ރާއްޖެ އިސްލާމްވީ ދުވަސް" ކަމަށް ވާތީއެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހު ދެވަނަ ދުވަހުކަމަށް ތާރީޚުން ހެކިދެއެވެ. މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެހެންނަމަވެސް "ރާއްޖެ އިސްލާމްވީ ދުވަސް"ގެ ގޮތުގައި ދިވެހީން އެ ދުވަސް ފާހަގަކުރާން ފަށައިފައިވަނީ ރާއްޖެ އިސްލާމްވީތާ އަށް ޤަރުނު ވެސް ފާއިތުވީ ފަހުން 1374 ވަނައަހަރުގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތު އިންޤިލާބަކުން ބަދަލުކޮށްލި ފަހުން އައި ދުވަސްވަރެވެ. ދެވަނަ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވެންދެން މި ކަން ދެމިގެން އައެވެ. މި ގޮތުގެ މަތީން ނުވަތަ ބައެއް ބަދަލުތަކާއެކު ނަމަވެސް 14 ވަރަކަށް އަހަރުވަންދެން މި ދުވަސް ފާހަގަކުރުމަށް ފަހު، މި ދުވަސް ފާހަގަކުރުން ހުއްޓައިލެވުނެވެ. ސަބަބެއް ނޭނގެއެވެ. އަލުން މި ދުވަސް ފާހަގަކުރައްވާން ފެއްޓެވީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މީލާދީން 2000 ވަނަ އަހަރުން ފެށިގެންނެވެ.

ބައެއް ނޫސްތަކުގައި މި ދުވަސް ބަލިކަށިކުރުމަށް ޓަކައި ތަފާތު ޢިބާރާތްތައް ބޭނުންކޮށްފައި ހުރެއެވެ. ޝައްކު އުފެއްދުމަށްޓަކައި މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭރުގެ މީހުންގެ ކިޔަމަންތެރިކަމާއި ރަސްކަމުގެ ތާރީޚު ފަރުވާތެރިކޮށް ލިޔަމުން ގެންދިޔުމާއި މި ކަންކަމުން އެ ދުވަހާ މެދު އަދި ރައްޔިތުން އިސްލާމްދީން ގަބޫލުކުރީ ރަސްގެފާނަށް ކިޔަމަންތެރިކަން އަދާކޮށްގެން ކިޔަމަންތެރިކަމާއެކުކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އެހެން ނޫނަސް ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރި ދުވަހުގެ ތާރީޚާމެދު ބަހުސްކުރުމަކީ މުހިންމު ކަމެއް ވެސް ނޫނެވެ. މުހިންމު ކަމަކީ އިސްލާމް ދީން ޤަބޫލުކުރި ކުރުމެވެ. އެހެން ޤައުމުތަކަށް އިސްލާމްދީން ފެތުރިގެން ދާއިރު ވެސް ސަމާވީ އެހެން ދީންތަކުގެ މީހުންނާއި މުޝްރިކުންނާއި މުލްޙިދުން ވެސް އުޅުނުތާއެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެންމެންނަށް ﷲގެ ހިދާޔަތު ލިބުމަކީ ކޮންފަދަ ނިޢުމަތެއްތޯއެވެ! ހަގީގަތުގައި ވެސް ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނުގެ އަލިގަދަ ނޫރުން އެ މީހެއްގެ ހިތާއި ނަފުސު އަލިވެގެން ދިޔުމެވެ. އެ މާތް ދީނުގެ ހިދާޔަތު ލިބުމެވެ.

ޝައްކެއް ނެތެވެ! މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރުން އެންމެ އެކަށީގެންވާ އެއް ދުވަހެވެ. ނަމަވެސް މިއަދު ފާހަގަކުރުމަށްޓަކައި ކުރާންވީ އެންމެ މުހިންމު ކަމަކީ ﷲއަށް ޝުކުރުވެރިވުމެވެ. ކިޔަމަންތެރިކަން އިތުރުކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. އިޢުތިޤާދު ވަރުގަދަކުރުމެވެ. އިސްލާމްދީނާ އިދިކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގޭ ނުރައްކާތެރި ޢަމަލުތަކުގެ ޙަރަކާތްތަކުގެ މޫތައް ލުހެލުމެވެ. ލާދީނީ ހަރުކަށި ފިކުރުގެ ވިޔުގަތައް ފުނޑުފުނޑުކޮށްލުމެވެ. ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށްޓަކައި މަކަރުވެރި ޕްރޮގުރާމްތައް ހިންގާ ތަންދޮރު ނުދަންނަ ޖާހިލުންނަށް، ރީތި ވަޢުޡާއި ހެޔޮ ބަސްތަކުން ވިސްނައިދިނުމެވެ. ދީނީ ޢިލްމުވެރީންގެ ތާކިހާ އަޅައިގެން ދީނީ ޢިލްމުވެރީންނަށް ހެދިގެން އުޅޭ މުނާފިޤުންނަށް ތައުބާވާން ނަސޭހަތްތެރިވުމެވެ. އެ ފަދަ އަޚުންނާއި އުޚުތުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމެވެ.

އިސްލާމީ ޤައުމެއްގެ ވެރިކަންކުރުމުގެ އެންމެ އަސާސީ ބޭނުމަކަށް ވާނީ އެ ޤައުމުގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ބަދަހިކުރުމެވެ. ދެން، ޒުވާނުން ހެޔޮ ގޮތުގައި ބިނާކޮށް ބާރުވެރިކުރުވައި އެ މީހުންގެ ބޭނުން ޤައުމީ ތަރައްޤީގައި ބޭނުންކޮށް އެ ގޮތުގައި ކުރިއަރައި ދާން މަގު ފަހިކުރުމެވެ. ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ހިތްތަކުގެ ނޫރުކަމުގައި ވާތީ އެ ކުދީންނަށް އިސްލާމީ މަންހަޖުގައި ފުރިހަމަ ތަޢުލީމާއި ތަރުބިޔަތުދީ ޤައުމަށް ބޭނުންތެރި، މުޖުތަމަޢު ބަލައިގަންނަ ފަދަ، ރޫޙާނީ ނަފުސާނީ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. މި ނޫނަސް ޤައުމު އިޞްލާޙުގެ މަގުން ކުރިޔަށް ގެންދިޔުމެވެ. މި ދެންނެވި މަންހަޖުގެ މަތީގައި އިސްލާމް ދީނަށާއި ޒުވާނުންނަށާއި ކިޔަވާ ކުދީންނަށް ފަހިވި ފަހި ފުރުޞަތުތަކާ ބެހޭ ގޮތުން ލިބުނު އަރުތައާއި ނުވަތަ ލިބުނު ގެއްލުމާއި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މިއަދަކީ ވާހަކަދައްކާން އެންމެ އެކަށީގެންވާ ދުވަހެވެ. ނަމަވެސް އަޅުގަނޑުމެން މި ވަގުތު އެ ވާހަކަ ދައްކާކަށް ގަސްތެއް ނުކުރަމެވެ. މި އުފާވެރި ދުވަހުގެ މުނާސަބަތުގައި "ފަރަގު"ގެ އަހުލުވެރީންނަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައްޔާއި ޞުލްޙަވެރި މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް ލަހައްޓަވާށިއެވެ! އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހާ، ހެޔޮސބަސް ޤަބޫލުކުރާ، ޤައުމު ދެކެ ލޯބިވާ ތެދުވެރި މުސްލިމުންގެ ގޮތުގައި ލައްވާށިއެވެ! އާމީން!

_________________________________

Advertisement

ކޮމެންޓް