Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (6)

03 Jun 2024 | 09:12
މަސްޖިދުއްނަބަވީ

އަޙުމަދު ފަޔާޟު ޙަސަން

(2024 މެއި 26ގައި ޝާއިޢުކުރި ޢަދަދާ ގުޅޭ)

، ރަސޫލު ދިފާއުކުރައްވައި ރައްކާތެރިކުރެއްވުން

ތައުބާ ސޫރަތުގެ 40ވަނަ އާޔަތް ﷲ ބާވައިލެއްވީ ތަބޫކު ހަނގުރާމައިގައެވެ. މި އާޔަތުގައި ﷲ ހަނދާންކޮށްދެއްވީ ރަސޫލުﷲ ﷺގެ ޙަދީޘްފުޅެކެވެ. އޭގެ ނުވަ އަހަރު ކުރީން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެކަލޭގެފާނު ފިއްލަވާން އިންނެވި އިރު ދުޝްމަނުންނަށް ފެނިދާނެތީ އަބޫބަކުރުގެފާނު ބިރުފުޅުން އުޅުއްވާން ފެށްޓެވުމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ. ހިތާމަ ނުކުރެއްވުމަށާއި ﷲ ވޮޑިގެންވަނީ އެބޭކަލުންނާ އެކުގައިކަމަށް ރަސޫލުﷲ ﷺ ވިދާޅުވި ވިދާޅުވުމެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެ މީހަކު ނެތަސް އެކަލޭގެފާނަށް ﷲ ނަސްރު ދެއްވާނެކަން މި އާޔަތުން ވެސް އެނގެއެވެ. ލޯތްބާއި ތަޢުރީފުގެ މި އާޔަތުން އެކަލޭގެފާނުގެ ދަރަޖައިގެ މާތްކަން ކަށަވަރުކޮށްދެއެވެ.

ﷲ ވަނީ، ރަސޫލުންނާއި ނަބިއްޔުން ފާފައާއި ކުށުން ބަރީއަކުރައްވައިފައެވެ. އަދި އެބޭކަލުންނަކީ ﷲ އިޚުތިޔާރުކުރައްވައި މާތްކުރައްވައިފައިވާ އެކަލާނގެ މަންދޫބުންނެވެ. އެހެންކަމުން އެބޭކަލުންގެ ހުރިހާ ކަމެއް ހުންނާން ޖެހުނީ ﷲ ރުހިވޮޑިގަންނަވާ ގޮތަށެވެ. ﷲ އެބޭކަލުންގެ ދަރަޖަ ކިތަންމެ ބޮޑަކަށް އުފުއްލެވިޔަސް އެ ބޭކަލުންނަކީ އިލާހީ ބޭކަލުންނެއް ނޫނެވެ. މި ކަން ކީރިތި ޤުރުއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. ރަސޫލުންނާއި ނަބިއްޔުންނަށް އިރުޝާދުދެއްވީ ﷲއެވެ. އެއީ މަލާއިކަތުން މެދުވެރިކުރައްވައެވެ. އެ ގޮތުން އެބޭކަލުންގެ ނިންމެވުންތަކާއި އަމަލުފުޅުތައް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އެކަލާނގެ އިސްލާހުކުރެއްވިއެވެ.

ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވި އެއް ގޮތަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރެއްވުމުގެ އިޚުތިޔާރު އެކަލޭގެފާނަށް ދެއްވައިގެންނެވެ. އެ ގޮތުން ރަސޫލުﷲ ﷺ ކުރެއްވި އެއްވެސް ކަމެއް ﷲ ނުހުއްޓުވައެވެ. މި ކަމުން ރަމްޒުކޮށްދެނީ ﷲ ގެ ލޯބި އެކަލޭގެފާނުގެ މައްޗަށްހުރިވަރެވެ. ﷲ، އެކަލާނގެ ރަސޫލާ ﷺ އިސްލާހުކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެއެވެ. އެކަމަކު ﷲ، ރަސޫލުﷲ ﷺ އިސްލާހުކުރެއްވީ  އެކަލޭގެފާނު މަތިވެރިކުރައްވައި ދަރަޖައުފުއްލަވައިގެންނެވެ. އެކަލޭގެފާނު ކަމެއް ކުރެއްވުމުން ނުވަތަ ކަމެއް ނުކުރައްވައި ދޫކޮށްލެއްވުމުން ﷲ އެ ކަމުގައި އިރުޝާދުދެއްވީ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައިގެންނެވެ. މިފަދަ ކިތަންމެ ހާދިސާއެއް ކީރިތި ޤުރްއާނުން ފެންނާން އެބަ އޮތެވެ.

މައްކާ ފަތަހަކުރެއްވުމާ އެކު ރޫމީންގެ ހަމަލާއަކަށް މުސްލިމުން ތައްޔާރުވާންޖެހުނެވެ. އެ ގޮތުން ގަދަވެ ސަލާމަތުން ހުރި ކޮންމެ މުސްލިމް ފިރިހެނަކު މުސްލިމް ލަޝްކަރާ ގުޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. މި ކަމާ ގުޅިގެން ހަނގުރާމަކުރެވޭން ނެތް މުސްލިމް ފިރިހެނުން ސަބަބު ބަޔާންކޮށްދޭން ޖެހުނެވެ. ދެން މުސްލިމުންނަށްވެގެންތިބި މުނާފިޤުން އެކަލޭގެފާނުގެ އަރިހުގައި އުޒުރުގެގޮތުގައި ފާޑުފާޑުގެ ބަހަނާތައް ދެއްކިއެވެ. ޖަވާބުގައި އެމީހުންނަށް ރަސޫލުﷲ ﷺ އެންގެވީ ގޭގައި ތިބުމަށެވެ. މިކަމާ ﷲ ރުހިވޮޑިނުގެން ތައުބާ ސޫރަތުގެ 43 ވަނަ އާޔަތުގައި ރަސޫލުﷲ ﷺ އާ ސުވާލުކުރެއްވިއެވެ. މި އާޔަތުގައި ﷲ ސުވާލުކުރެއްވީ އެކަލޭގެފާނަށް ޢަފޫކުރެއްވުމަށްފަހުއެވެ. ސުބުޙާނަﷲއެވެ! މި ކަމުން އެނގި ކަށަވަރުވަނީ ﷲގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމާއި މަތިވެރިކަމެވެ.

މީހަކަށް ކަމެއް ގޯސްކޮށް ކުރެވުނީމާ އެ ކަމުގައި ވާހަކަދައްކާއިރު މުޚާޠަބުކުރާނީ އެ މީހާއަށެވެ. އެ ގޮތުން އެ މީހާއަށް މުޚާޠަބުކުރާނީ ތިބާ ޔަޢުނީ ކަލޭ މިމޭރުމުންނެވެ. އެއް ދުވަހަކު ރަސޫލުﷲ ﷺ ޣައިރު މުސްލިމުންގެ މުހިންމު ޝަޚުސިއްޔަތަކަށް އިސްލާމް ދީން ބަޔާންކޮށްދެއްވަނިކޮށް ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް އައެވެ. އެ ވަގުތު އެކަލޭގެފާނަށް އެމީހާއަށް ސަމާލުކަން ނުދެއްވުނެވެ. އެއީ އެކަލޭގެފާނުގެ އަރިހުގައި ބޮޑަކު ހުރެ އޭނާއަށް އިސްކަންދެއްވާން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. މި ކަމާ ﷲ ރުހިވޮޑިނުގަތްކަން ވަގުތުން އެންގެވިއެވެ. އެކަމަކު ﷲގެ ވަހީގެ ބަސްފުޅުގައި އޮތީ އޭނާ މޫނު ހެއްދެވި ވާހަކައެވެ. ކަލޭގެފާނު މޫނު ހެއްދެވިކަމަކަށް ނޫނެވެ. މިއީ އިސްލާހުކުރެއްވުމުގައި ވެސް ރަސޫލުﷲ ﷺގެ ދަރަޖަ ﷲ އުފުއްލެވި ގޮތެވެ. މި ކަމުން އެނގެނީ އެކަލޭގެފާނަށް އަޅުގަނޑުމެން މާތްކޮށްހިތާން ޖެހޭވަރުގެ ބޮޑުކަމެވެ.

ތަހުރީމް ސޫރަތުން އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ރަސޫލުﷲ ﷺއަށް ﷲ ދެއްވި ޢިއްޒަތާއި ލޯތްބެވެ. އަނބިކަނބަލެއްގެ އަރިހުން ސަލާމަތްވެވަޑައިގަތުމަށް ރަސޫލުﷲ ﷺ އެކަލޭގެފާނުގެ އަނބިކަނބަލެއްގެ އަރިހުގައި މާމުއި ހަރާމްކުރެއްވިއެވެ. މި ކަމާ ގުޅިގެން ﷲ ގެ ނަބިއްޔާ ﷲ ހަލާލުކުރެއްވި އެއްޗެއް ޙަރާމްކުރައްވަނީތޯ ﷲ ސުވާލުކުރެއްވިއެވެ. ﷲ އެކަލޭގެފާނާ ސުވާލުކުރެއްވީ ލޯތްބާއެކުއެވެ. ދެން ﷲ އިންޒާރުދެއްވީ އެކަލޭގެފާނުގެ އަނބިކަނބަލުންނަށެވެ. މިކަމުން އަންގައިދެނީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލަކަށް ވެސް އެކަލޭގެފާނަށް ކިތަންމެ ކުޑަކޮށް ނަމަވެސް ކުޑައިމީސްކޮށް ހިތުމަށް ނުވަތަ ދަތިފުޅުވާފަދަ އެއްވެސް ކަމެއް ކުރެއްވުމަށް ޖާގަނެތްކަމެވެ. ރަސޫލުﷲ ﷺގެ ދެއަނބިކަނބަލުންނަށް އަމާޒުކޮށް ﷲ އެންގެވީ އެކަނބަލުންނަށް ތައުބާގެ ދޮރު އޮތްކަމަށެވެ. އެހެން ނޫންނަމަ، ﷲއާއި ޖިބުރީލުގެފާނާއި މަލާއިކަތުންނާއި މޫމިނުން އެކަލޭގެފާނުގެ ހިމާޔަތުގައި ތިއްބެވިކަމަށެވެ. މިކަމުން އެނގިކަށަވަރުވާކަމަކީ ﷲ، އެކަލާނގެ ނަބިއްޔާ ﷺގެ ދަރަޖަމަތިވެރިކުރެއްވި މިންވަރެވެ.

ޙުޖުރާތު ސޫރަތް ފައްޓަވަމުން އީމާންވި މީހުންނަށް ﷲ އަންގަވަނީ އެއިލާހާއި ރަސޫލުﷲ ﷺގެ ކުރިއަށް އެއްވެސްކަމެއް އިސްނުކުރުމަށެވެ. ޔަޢުނީ އެއްވެސް މީހެއް ނުވަތަ އެއްވެސް ތަނެއް ނުވަތަ އެއްވެސް އެއްޗެއް، ނުވިތާކަށް އެއްވެސް ފަލްސަފާއެއް، ﷲއާއި ރަސޫލުﷲ ﷺއަށް ވުރެ ބޮޑަށް އިސްނުކުރެވޭނެކަމެވެ. މި އާޔަތުން ވެސް ހާމަވެ ކަށަވަރުވަނީ ﷲ އެކަލާނގެ ނަބިއްޔާ މާތްކުރެއްވިވަރެވެ. ހުޖުރާތު ސޫރަތުގެ ދެވަނަ އާޔަތަށް ފިކުރު ހިންގާ އިރު ރަސޫލުﷲ ﷺ އަޑުފުޅަށް ވުރެ، ގަދައަށް އަޑު އުފުލުން މުސްލިމުންނަށް މަނަލެވެ. މިއަދު އަޅުގަނޑުމެންނާއެކު އެކަލޭގެފާނުގެ އަޑުފުޅެއް ނުވެއެވެ. މިއަދު އަޅުގަނޑުމެންނާ އެކުގައި ވަނީ އެކަލޭގެފާނުގެ ސުންނަތެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުއްނަތުގެ މައްޗަށް އެހެން އެއްވެސް ނެރެޓިވްއެއް (ރިވާޔަތެއް) ގެނައުން އަޅުގަނޑުމެންނަކަށް ހުއްދައެއްނޫނެވެ. އެކަލޭގެފާނުގެ ހަދީސްފުޅެއް ނުބައިކޮށް މީހަކު އިއްވިޔަސް އެއާ ދެކޮޅަށް ވަގުތުން ރައްދެއްނުދެވޭނެކަމެވެ. އެކަން ކުރާން ޖެހޭނީ ޢިލްމީ ގޮތުން އިހުތިރާމާ އެކުކަމެވެ. މި ކަމުން ވެސް ފާޅުކޮށްދޭ ކަމަކީ ﷲ އެކަލޭގެފާނު މަތިވެރިކުރެއްވި ވަރެވެ.  (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް