ހިޔަނީގެ ހިޔާވަހިކަމުގައި
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ހިޔަންޏަކީ ވަރަށް މުހިންމު ދާއިރާއެކެވެ. ވަރަށް ސަރާސަރު ބޮޑު މައިދާނެކެވެ. ފަންނާއި ޚިޔާލާއި ފަށުވިކަމުގެ މަޖާލުތަކުގައި ހިޔަނި ވަނީ ވަށަލަވެފައެވެ. އެއްޗެހީގެ ހިޔަންޏަކީ ނިމިގެންވާ އެއްޗެއްނޫނެވެ. އެ މަރުވާނީ އޭތި މަރުވުމުންނެވެ. ތަރިކައަކަށްވާއިރު ނުވަތަ ސިޔާސީ ޒަޢީމެއްގެ ނުވަތަ ރޫޙާނީ އިސްވާރެއްގެ ތާރީޚަށް ބަލާއިރު ހިޔަންޏަކީ ދެމިހުރުމުގެ ރަމްޒެކެވެ. މިސާލަކަށް ޞަލީބީންގެ އަތުން ޤުދްސް މިނިވަން ކުރެއްވި ޞަލާހުއްދީނުލް އައްޔޫބީ އަކީ އިސްލާމީ އުންމަތުގެ ހަނދާނުގައި ވަރަށް ވަރުގަދަ ހިޔަންޏެކެވެ. ގާނދީގެ ހިޔަންޏަކީ އިންޑިޔާގެ ސަޤާފަތުގައި ވަރަށް މުހިންމު ރަމްޒެކެވެ. ގާނދީއަކީ އަހިންސައިގެ ރަމްޒެކެވެ. ޖީވާރާއަކީ ދެކުނު އެމެރިކާގެ މިނިވަންކަމުގެ ބުޠޫލަތުގެ އައިކަނެކެވެ. ޖަމާލް ޢަބްދުއްނާޞިރަކީ ޢަރަބި އުންމަތުގެ ވަޙްދަތުގެ ރަމްޒެކެވެ. މައޮ ޓްސި ޓޮންގަކީ ޗައިނާގެ ރައްޔިތުންގެ އުންމީދުތަކާއި ކުރިއެރުން ރަމްޒުކޮށްދޭ ރައްޔިތުންގެ އިންޤިލާބުގެ ރަމްޒެވެ. ނެލްސަން މަންޑެލާއަކީ ނަސްލީ އިމްތިޔާޒު ފުހެލުމުގައި ބާރުގަދަ ހިޔަންޏެކެވެ.
ބައެއް ހިޔަނިތަކަކީ ހަނދާނުގެ ފަތްފުށްތަކުގައި ވަރަށް "ހިތި" ހިޔަނިތަކެކެވެ. މިސާލަކަށް ރޯމް ސަހަރު އަންދައިލި ރޯމަން އިމްބަރާޠޫރު ނީރޮންގެ ހަނދާންތަކަކީ ހިތި ހަނދާންތަކެކެވެ. މިއާ ޚިލާފަށް ގިނަ ފިލޯސަފަރުންނާއި ޙަކީމުންނާއި ފަންނާނުންނާއި މޫސީޤާރުންނާއި ޝާޢިރުންގެ ހިޔަނިތަކަކީ ރިތިކަމާއި ޢިބްރަތްތެރިކަމުގެ ހިޔަނިތަކެކެވެ. ކޮންމެ އެއްޗަކަށް ހިޔަންޏެއް ވެއެވެ. ދުނިޔެ ވަނީ ހިޔަނިތަކުން ފުރިފައެވެ. ވިލާގަނޑުގަނޑަށް ވެސް ހިޔަންޏެއް ލިބިގެން ވެއެވެ. ގަސްގަހާގެއްސަށާއި ފަރުބަދަތަކަށާއި ފާލަންތަކަށް ވެސް ހިޔަނި ވެއެވެ. ކޯރުތަކަށާއި ކަނޑުތަކަށާއި ކުޅިތަކަށާއި ފެންގަނޑުގަނޑަށް ވެސް ހިޔަނި ލިބިގެން ވެއެވެ. މި ހިޔަނިތައް ވަނީ ފެންގަނޑުގެ ތަޅުންގަނޑުގެ މަތީގައި ފޮރުވި ވަންހަނާވެފައެވެ.
ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ((أَلَمْ تَرَ إِلَى رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاءَ لَجَعَلَهُ سَاكِناً ثُمَّ جَعَلْنَا الشَّمْسَ عَلَيْهِ دَلِيلاً، ثُمَّ قَبَضْنَاهُ إِلَيْنَا قَبْضاً يَسِيراً (الفرقان: 45-46) މާނައީ : ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހިޔަނި ފަތުރުއްވައިފައި ވަނީ، ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވި ނަމަ، ހިމޭންވެ ހުންނަ އެއްޗެއްކަމުގައި، އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް، ދަލީލެއްކަމުގައި ތިމަންރަސްކަލާނގެ އެ، އިރު ލެއްވީމެވެ .ދެން ތިމަންރަސްކަލާނގެ حضرةއަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ.)) ﷲ ތަޢާލާގެ މި ބަސްފުޅުގައި ހިޔަނީގެ ޙަރަކާތާއި ހިމޭންވުމާއި އަދި ނެތިދިޔުން މި ވަނީ ބަޔާންކޮށްދެއްވައިފައެވެ. ވަރަށް ސާފު ސާދާކޮށެވެ.
ޝާޢިރުން އެ ބޭފުޅުންގެ ޅެންތަކުގައި ހިޔަނި، ކިނާޔަތުގެ ގޮތުގައްޔާއި މަޖާޒުގެ ގޮތުގައްޔާއި ތަޝްބީހުގެ ގޮތުގައި ބޭނުންކުރައްވާފައި ވެއެވެ.
ތަޝްކީލީ ފަންނު (ފަށުވި ފަންނު)ގައި ކުރެހޭ ކުރެހުންތައް (އެއީ ގަނޑެއްގައި ވިޔަސް ނުވަތަ ފާރެއްފަދަ ތަނެއްގައި ވިޔަސް) ބިނާވެފައި އޮންނަނީ ތިން ޢުންޞުރެއްގެ މައްޗަށެވެ. ހިޔަންޏާއި އަތްޔާއި ކުލައެވެ. އެންމެ މުހިންމު ޢުންޞަރަކީ ކުލައެވެ. ހިޔަންޏާއި އަލީގެ މިންވަރު ފާޅުވާނީ ކުލަތަކުންނެވެ.
ޠަބީޢިއްޔާތު (physics)އާއި ވަޞްފީ ޖޯމެޓްރީ (descriptive geometry)ގައި ހިޔަންޏަކީ ވަރަށް މުހިންމު އެއްޗެކެވެ. މި ޢިލްމުތަކުގައި ޙަޤީޤީ ހިޔަންޏާއި ޚިޔާލީ ހިޔަނި ބޭނުންކުރެއެވެ. އަދި ހިޔަންޏާއި ރިވެއްޔާ ދެމެދުގައި ވާ ގުޅުންތައް މި ދެ ޢިލްމުގައި ދިރާސާކުރެތެވެ. ފެންގަނޑުގެ ތެރެއިން ނުވަތަ ލޯގަނޑުން ފެންނަ ރިވެއްޔާއި ހިޔަނި ތަފާތެވެ.
ހިޔަންޏަކީ އިންސާނާގެ ސޫރައެވެ. އޭނާއަށް އެއަކާ ނުފިލޭނެތެވެ. "ހިޔަންޏެއް ނެތް މީހެކޭ" ބުނާ ބަހަކީ މަލާމާތުގެ ބަހެކެވެ. އޭގެ މާނައަކީ އޭނާއަކީ އެއްވެސް ހަރުދަނާކަމެއް ނެތް ޝަޚްޞިއްޔަތެއް ނެތް މީހެކެވެ.
ހިޔަންޏަކީ އިރުގެ އަލީގެ ކޮންޓުރޯލުގެ ދަށުގައިވާ އެއްޗެކެވެ. އިރު މެދުޖެހޭ ވަގުތު ނުވަތަ އޮލަނބުވާ ވަގުތު އޭނާގެ ހިޔަނި ހުންނާނީ އޭނާގެ ފައިތިލަ ދަށުގައެވެ. އެއީ ހިޔަނި ކުރުވަމުން ގޮސް ހިޔަނި ކުރުވުން ހުއްޓޭ ހިސާބެވެ. މެންދުރު ނަމާދު ވަގުތު ޖެހޭނީ އެ ގޮތަށް ގޮސް އެ ހިޔަނި ހުޅަނގުފަރާތަށް އެނބުރޭ ހިސާބުންނެވެ. ހެދުނު އިރުއަރާ ވަގުތުގައްޔާއި ޟުޙާ ވަގުތުގައްޔާއ ހަވީރުގެ ވަގުތުގައި ހިޔަނީގެ ކުރުމިން ތަފާތުވާނެއެވެ. އިރުއޮއްސުމުން ހިޔަނި ނެތިގެން ދާނެއެވެ. ރޭގަނޑު ބައްތި ދިއްލީމާ އަލުން ހިޔަނި ފެންނާނެތެވެ.
ހިނގައިފައި ދާ ބަޔަކާއި އެބައިމީހުންގެ ހިޔަނި<br>
ސިޔާސީ ދުނިޔެއަށް ބަލާ އިރު، ދައުލަތުގެ ނުވަތަ ވެރިކަމުގެ މުއައްސަސާގައި މިވެނި މީހަކީ "ހިޔަނިވެރިޔާ" އޭ ބުނެއެވެ. އެއީ ވެރިކަން ހިންގުމާބެހޭ ސިޔާސީ ޤަރާރުތައް ކަނޑައެޅުމުގައި ފަރުދާގެ ބިތްދޮށުގައި ފޮރުވިގެން ހުރެ ބާރުފޯރުވާ މީހާއެވެ. މި މީހާއަކީ ޓީވީއާއި ރޭޑިއޯއާއި ޚަބަރުފަތުރާ ދާއިރާތަކާ ދުރުގައިވާ މީހެކެވެ. އޭނާއަކީ ވެރިޔާގެ ނުވަތަ ޙާކިމާގެ މުޝީރަކަށް ވުރެ އަރިސް މީހެކެވެ. އެއީ ދައުލަތުގެ ވިސްނުމޭ ވެސް ބުނެވިދާނެއެވެ. އޭނާއަކީ ސިޔާސީ ޤަރާރުތަކުގެ މޭސްތިރިޔާއެވެ. ނުވަތަ ފަރުމާވެރިޔާއެވެ. އެހެނަސް އޭނާއެއް ނުފެންނާނެއެވެ. އެއީ ޙާކިމާގެ ހިޔަންޏެވެ. ހިޔަނިވެރިޔާއަކީ ހުރިހާ މުއައްސަސާތަކަކުން ވެސް ފެނިދާނެ މީހެކެވެ. ތަޢުލީމީ ދާއިރާއާއި ތަޢުމީރީ ދާއިރާގައެވެ. ބުނެވޭ ގޮތުގައި ޖަމާލު ޢަބްދުއްނާޞިރުގެ ވެރިކަމުގައި ޢަބްދުލްޙަކީމު ޢާމިރަކީ އޭނާގެ ހިޔަނިވެރިޔާއެވެ. 1967ގެ ޢުދުވާނަށްފަހު ހިޔަނި ބަދަލުވީ އަންވަރުއް ސާދާތަށެވެ. ސޫރިޔާގެ ރައީސް ޙާފިޡުލްއަސަދުގެ ވެރިކަމުގައި ޢަބްދުލްޙަލީމު ޚައްދާމަކީ ދައުލަތުގެ ހިޔަންޏެވެ. ޖަޒާއިރުގައި ބޫމަދްޔަންގެ ވެރިކަމުގައި ބޫތަފްލީޤާއަކީ ދައުލަތުގެ ހިޔަންޏެވެ. ރަޝިޔާގެ ރައީސް ޕޫޓިނަކީ ރޫސީ އިއްތިޙާދުގެ ޖާސޫސީ އިދާރާގެ ވެރިޔާއެވެ. ދައުލަތުގެ ވެރިކަމަށް އިސްވެވަޑައިގެންނެވެންދެން އޭނާއަކީ ދައުލަތުގެ ހިޔަންޏެވެ.
ހިޔަންޏަކީ އަޑުގަދަކޮށް ވާހަކަދައްކާ އެއްޗެއްނޫނެވެ. ދުނިޔޭގައި މީހުން ދަތުރުފަތުރުކުރާން ބޭނުންކުރާ މަތިންދާބޯޓުފަހަރާއި ރޭލާއި ކާރާއި ލޮރީތައްފަދަ އުޅަނދުތަކަކީ ވަރަށް އަޑުގަދަ އެއްޗެހިތަކެކެވެ. ސަހަރުތަކާއި މަގުތަކާއި މައިދާންތަކާއި ހަނގުރާމަތައް ފުރިފައިވަނީ ގަދަ އަޑުތަކުންނެވެ.
ހިޔަނީން ކޮންމެވެސް ވަރަކަށް ފިނިކަން ވެސް ލިބެއެވެ. އަވިގަދަވެގެންދާ ވަގުތު އިންސާނާ ގަސްގަހާގެހީގެ ނުވަތަ ގޭގޭގެ ފުރާޅުތަކުގެ ހިޔާ (ހިޔަނި) ދަށަށް ވަދެ ފިނިކަން ހޯދައެވެ.
ކައު ރަސޫލާ صلَّى الله عليه وسلَّم ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނުގެ އުންމަތަށް އިރުޝާދާއި ނަސޭހަތްދެއްވައިފައި ވެއެވެ. ބުރައިދަތު ބިން އަލްޙުޞައިބުލްއަސްލަމީގެ އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލާ ﷺ ޙަދީސްކުރައްވައިފައިވާ ((نَهى أنْ يقعُدَ الرَّجُلُ بينَ الظلِّ والشمسِ - أخرجه ابن ماجه (3722) وابن أبي شيبة في ((المصنف)) (26484) وابن عدي في ((الكامل في الضعفاء)) (4/329) – މާނައީ : ރަސޫލާ ﷺ އަތްވާއި ހިޔަލުގައި އިނުން މަނާކުރެއްވިއެވެ.)) މި ބަސްފުޅުގައި އެ އަންގަވަނީ މީހަކު އޭނާގެ ހަށިގަނޑުގެ އެއްބައި އަވީގައި އަނެއްބައި ހިޔަލުގައިވާ ގޮތުން އިށީނދެގެން ނީންނާށެވެ. އެކަލޭގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި އެއީ ((إنه مَقعدُ الشَّيطانِ - ހަމަކަށަވަރުން އެއީ ޝައިޠާނާގެ އިށީނުމެކެވެ.)) ވީމާ އިންސާނަކު އަވީގައި ނުވަތަ ހިޔަލުގައި އިންދައި ވިލާގަނޑެއް ފަދަ އެއްޗެއްގެ ސަބަބުން ހަށިގަނޑުގެ އެއްބައި އަތްވަށް އަނެއްބައި ހިޔަލަށް ވަދެއްޖެ ނަމަ، އޭނާ އެ ތަނުން ތެދުވެ މުޅި ހަށިގަނޑު އަތްވަށް ނުވަތަ މުޅި ހަށިގަނޑު ހިޔަލަށް ވާ ގޮތަށް އޭނާގެ އިށީނުން ބަދަލުކުރާން ޖެހޭނެއެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إذا كان أحَدُكم في الشَّمْسِ فقلَص عنه الظِّلُّ وصار بعضُهُ في الشَّمْسِ وبعضُهُ في الظِّلِّ، فليقُمْ - أخرجه أبو داود (٤٨٢١)، والبيهقي (٦١٣٢) – ތިޔަބައިމީހުންކުރެ މީހަކު އަވީގައި އިންދައި ހިޔާ ފެތުރި އޭނާގެ އެއް ބައި އަވީގައި، އަނެއް ބައި ހިޔަލަށް ވަދެއްޖެ ނަމަ، ފަހެ އެ މީހާ އެ ތަނަކުން ތެދުވާހުށިކަމެވެ!)) މި ޒަމާނުގެ ސައެންސް ބުނާ ގޮތުގައި މި ކަމުގެ ސަބަބުން ހަށިގަނޑުގެ ތަވާޒުނު ގެއްލިދާނެތެވެ.
___________________
ބައެއް ލަފުޒުގެ މާނަ:
މަޖާލު ނ. އޭގެ މައްޗަށް ތިމާގެ ބާރު، ނުވަތަ ޙައްޤު ނުވަތަ ނުފޫޒު ފޯރުވޭ ދާއިރާ ނުވަތަ މައިދާން.
ސަރާސަރު ނ. (1) އެއްކޮޅުން އަނެއްކޮޅަށް. (2) ނިވަލެއް ނެތް. (3) ހުރަހެއް ނެތް.
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.
ރިވެލި ނ. (1) އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ޖެހޭ ސަތަހައެއްގެ ސަބަބުން މިސްރާބު ބަދަލުވެ އައިކޮޅަށް އެނބުރި ދިއުމުން ފެންނަ ހިޔަނި ނުވަތަ ރާޅު ނުވަތަ އިވޭ އަޑު. (2) ކަނޑުގެ ބާނިތަކަށް އަލީގެ ސަބަބުން އެޅިފައި ހުންނަ ދަޅަ. (3) ގޭގެ ދޮރުން ބޭރަށް ނުކުމެފައި ހުންނަ އަލި.