Advertisement

ހަނގުރާމަ ހުއްޓުމުގެ ހުށަހެޅުން ގަބޫލުކޮށްގެން ނުވާނެކަމަށް ބުނެ އިސްރާއީލުގެ ދެ ވަޒީރަކު ބިރުދައްކަނީ!

02 Jun 2024 | 10:57
އިތާމާރު ބެން-ގްވިރު (ވ)އާއި ބިންޒަލީލް ސްމޮތުރިޚު މަޝްވަރާކުރަނީ. - މިއީ ޞަހުޔޫނީ ހަރުކަށި ފިކުރުގެ ނުބައި ނުލަފާ ދެ ޔަހޫދީންނެވެ.

ޢަޒީޒު ޖަމާލު

އެމެރިކާގެ ރައީސް ޖޯ ބައިޑުން ހުކުރު ދުވަހު ވަނީ ހަނގުރާމަ ހުއްޓުމުގެ ފުރިހަމަ, އާ ހުށަހެޅުމެއް އިސްރާއީލުން ހުށަހަޅައިފިކަމަށް ބުނެ އެ ހުޙަހެޅުން އިޢުލާނުކޮށްފިއެވެ. މި ހުށަހެޅުމުގެ ސަބަބުން މެދުއިރުމަތީގެ ތަޅައިފޮޅުމަށް ދާއިމީ ޙައްލެއް އަންނާނެކަމަށް ޖޯ ބައިޑްން ބުނެއެވެ.

ޣައްޒާ "ހަނގުރާމަ" ހުއްޓައިލާނެ ގޮތުގެ ހުށަހެޅުމެއް އިސްރާއީލުން ހުށަހެޅިކަމަށް ބުނެ ޖޯ ބައިޑުން އެ ވާހަކަ އާންމުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަކަމަށް އެ ކަން އައެވެ.  ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 47 މިލިޔަން މީހުން މީސްމީޑިއާގައި މި ވާހަކަ ޙިއްސާކުރިއެވެ. މި ކަމުން އަންގައިދެނީ މެދުއިރުމަތީގައި ހަމަޖެހުން ގާއިމުވާން ގިނަ ބަޔަކު ބޭނުންވާކަމެވެ.

ބައިޑްންގެ އިޢުލާނަކީ ހަގީގީ ވާހަކައެއްކަން އެނގުނީ އެ އެއްބަސްވުން ހަގީގަތަކަށް ހަދައިގެން ނުވާނެކަމަށާއި އެ އެއްބަސްވުން ތަންފީޒުކޮށްފި ނަމަ، ނަތަނަޔާހޫގެ ސަރުކާރު އިނދަޖައްސައިލާނެކަމަށް ބުނެ ކަނާތުފިޔައިގެ ދެ ވަޒީރަކު ބޮޑުވަޒީރަށް ބިރުދައްކައި އިންޒާރުކޮށްފައިވާތީއެވެ.

މާލީ ވަޒީރު، ބިޒާލިލް ސްމޮތުރިޚާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބިން ގްވީރު ބުނެފައިވަނީ ހަމާސް ފަނާކޮށްލެވުމުގެ ކުރީން ހަދާ ކޮންމެ ޑީލަކާ އޭނާ ދެކޮޅުކަމަށެވެ. އަދި އަދި އެ ފަދަ ޑީލަކަށް ނަތަންޔާހޫ ތާއީދުކޮށްފި ނަމަ، ސަރުކާރު ބަދަލުކުރާނެކަމަށް އޭނާ ވައުދުވެސްވިއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އަމިއްލަޔަށް ވެސް ވައުދުވެފައިވަނީ ޙަމާސްގެ އަސްކަރީ އަދި އިދާރިއްޔަތުގެ ގާބިލުކަން އެކީއެކަށް ނައިތައިލެވި، އެ މީހުން ހިފަހައްޓައިފައިވާ އަސީލުން މިނިވަންވުމުގެ ކުރީން ދާއިމީ ގޮތެއްގައި "ހަނގުރާމަ" ހުއްޓުމެއް ނޯންނާނެކަމަށެވެ.

ޖޯބައިޑްން ހާމަކުރި ތިން ބައިގެ މައްޗަށް އެކުލެވޭ ހުށަހެޅުމުގައި ވާ ކަންތައްތައް ތަންފީޒުކުރާން ފެށޭނީ ހަ ހަފުތާއަށް "ހަނގުރާމަ" ހުއްޓައިލާ ހުއްޓައިލުމަކުންނެވެ. އެ ގޮތަށް ހަނގުރާމަ ހުއްޓައިލުމާއެކު އިސްރާއީލުގެ ދިފާޢީ ބާރުތަކުން ޣާއްޒާގެ ބައިބޯ ސަރަހައްދުތަކުން ފައިބާނެއެވެ. މި ހުށަހެޅުން އަމާޒުކޮށްފައި އޮތީ އަސީރުން މުޅީން މިނިވަންކުރުމަށާއި ހަމަނުޖެހުން އެކީއެކަށް ނައްތައިލުމަށާއި ޣައްޒާ އަލުން ބިނާކުރުމުގެ މައްޗަށެވެ.

ނަމަވެސް މީސްމީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ސްމޮތުރިޚު ބުނެފައިވަނީ "ހަމާސް ނައްތައިލުމުގެ ކުރީން ހަނގުރާމަހުއްޓައިލާން އެއްބަސްވާ ސަރުކާރެއްގެ ބައިވެރިއަކަށް ނަތަންޔާހޫ ވެގެން ނުވާނެކަމަށް ނަތަންޔާހޫއަށް އަންގައިފައިވާނެ"ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި އެ ޑީލުގެ މާނައަކީ ހަނގުރާމަ ހުއްޓުމުގެ ކުރީން ޙަމާސް ނައްތައިލުމުގެ އަމާޒަށް އިންކާރުކުރުމެވެ. "މިއީ ނިރުބަވެރިކަމަށް ކާމިޔާބު ލިބުމާއި އިސްރާއީލުގެ ދައުލަތަށް ހައްދެއް ނެތް މިނަވަރުގެ ނުރައްކާ ކުރިމަތިކުރުވާނެ ޑީލެކެވެ." އޭނާ ގޮވައިލީ އެ ހުށަހެޅުމަށް އެއްބަސްވުމުގެ ބަދަލުގައި "ސަރުކާރު ދެމެހެއްޓުމަށެވެ."

ނަތަންޔާހޫގެ ކަނާތުފިޔައިގެ ކޯލިޝަނަށް ވަރަށް ހަނި އަޣުލަބިއްޔަތެއް ގާނޫނު ހަދާ މަޖިލީހުގައި އޮވެއެވެ. ނަތަންޔާހޫއަކީ މި މަޖިލީހުގެ ތަފާތު ތަރީގާތައް ހަންމަތަކުރާން ހުންނަ މީހާއެވެ. މި ތަރީގާގެ ތެރޭގައި ސްމޮތުރިޚުގެ ރިލިޔަސް ޒަޔަނިސްޓް ޕާޓީއަށް ލިބިފައިވާ ހަތް ގޮނޑިއާއި ބެން ގްވީރުގެ "އޮތުޒްމާ ޔަހޫދިތު" (ޔަހޫދީ ބާރު) ޕާޓީއަށް ލިބިފައިވާ ހަ ގޮނޑިއަކީ ނަތަންޔާހޫގެ ބާރު ދަމަހައްޓަން މުހިންމު ގޮނޑިތަކެކެވެ.

އެހެނަނަމަވެސް އިދިކޮޅު ޕާޓީތަކުގެ ތާއީދު މިހާރު ނަތަންޔާހޫއަށް އޮތަކަން ވަނީ ހާމަކޮށްފައެވެ.

ބައެއް ލަފުޒުގެ މާނަ:

ޑީލު      ނ.      ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

އިދާރިއްޔަތު ނ.      ސަރުކާރުގެ ނުވަތަ އަމިއްލަ އޮފީހެއް ފަދަ އިދާރާއެއް ހިންގުމަށް ޓަކައި އެ ތަނެއްގައި ދުވަހުންދުވަހަށް ކުރާ އިދާރީ މަސައްކަތްތައް ރާވައި، އިންތިޒާމު ކޮށް، ހިންގުމުގެ އެކިއެކި ޙަރަކާތްތައް.

Advertisement

ކޮމެންޓް