އަޚުލާޤު ނެތަމަ ތާކު ޒަމާނާ އެކުވެގެން
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
އިސްލާންދީން ޢަރަބިކަރައަށް ފާޅުކުރެއްވިއިރު އެމީހުންގެ ތެރޭގައި ރިވެތި އާދަކާދަތަކަކާއި ނުބައި އާދަކާދަތަކެއް ހުއްޓެވެ. އެމީހުންގެ ތެރޭގައި ފެތުރިފައި ހުރި ނުބައި އަޚްލާޤާއި މުންކަރާތްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުންކެނޑުމާއި އަވަށްޓެރީންގެ ޙައްޤުތަކަށް އަރައިގަތުމާއި ޢަދާވަތްތެރިކަމާއި ހަތުރުވެރިކަން ފެތުރިފައިވުން ވެއެވެ. އިސްލާންދީން މި އާދަކާދަތަކާ ދެކޮޅުހެދިއެވެ. އެ ކަންކަމުން އެ މީހުން ޠާހިރުކުރިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَهْتَدُونَ [1] -ތިޔަބައިމީހުން އެންމެން اللَّهގެ دينގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوةތެރީން ކަމުގައި ވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمةގެ ސަބަބުން ތިޔަބައިމީހުންނީ أخންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامةކުރެއްވިއެވެ. اللَّه، އެކަލާނގެ آيةތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެ ފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.))
އެ މީހުންގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކުގެ ތެރޭގައި ޢަހުދަށް ވަފާތެރިވުމާއި މުރޫއަތްތެރިކަމާއި (މުއާމަލާތުކުރުމުގައި ގެންގުޅޭ ރިވެތި އަދަބާއި އަޚްލާޤު) ނަފުސުގެ ޢިއްޒަތްތެރިކަން ވެއެވެ. މާތްﷲ އެ މީހުންގެ ކިބައިގައި ހުރި މި ރިވެތި ސިފަތަކަށް ޓަކައި އެ މީހުންނަށް ތާރީފުގެ ބަސް ވަޙީކުރައްވައިފައި ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ [2] - أمّى ންގެ ތެރެޔަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ آية ތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން طاهر ކުރައްވަތެވެ. އަދި ފޮތާއި، حكمة އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރީން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ.))
މާތްﷲ ކައު ރަސޫލާ އިސްލާމީ ރިސާލަތާއިގެން ފޮނުއްވިއިރު ދުނިޔެ އޮތީ އަޚުލާޤީ ގޮތުން ވަރަށް ދަށް ފެންވަރަކަށް ވެއްޓިފައެވެ. އެއް ބަޔަކު އަނެއް ބަޔަކު ކަނީއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވަނީއެވެ. އެއް ބަޔަކު ވަނީ އަނެއް ބަޔެއްގެ މައްޗަށް ގަދަވެގެންފައެވެ. މީސްތަކުންގެ އަޚުލާޤާއި ސުލޫކުވަނީ ހަމަމަގުން ކައްސައިލައިފައެވެ. އެކަކު އަނެކަކަށް އިތުބާރެއް ނުކުރެއެވެ. އެކަކު އަނެކަކަށް ތެދުވެރިއެއް ނުވެއެވެ. އެކަކު އަނެކަކަށް އަމާންކަމެއް ރައްކައުތެރިކަމެއް ނުދެއެވެ.
رسول الله صلى الله عليه وسلمއަށް ވުރެ އަޚްލާޤު ރިވެތި މީހަކު ދުނިޔެ ދެކެފައެއް ނުވެއެވެ. އެއް ދުވަހަކު ބަޔަކު މީހުން މާތްﷲ ރުއްސުންލެއްވި ޒައިދު ބިން ޘާބިތުގެ އަރިހަށް އައިސް ރަސޫލުﷲގެފާނާ ބެހޭ ގޮތުން ވާހަކަތައް ކިޔައިދެއްވުމަށް ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނާ ބެހޭ ގޮތުން ތިޔަބައިމީހުންނަށް ކިޔައިދެއްވާންވީ ކޮން ވާހަކައެއްހެއްޔެވެ؟ ޒައިދުގެފާނު ވިދާޅުވިއެވެ. "އަހުރެންނަކީ އެކަލޭގެފާނުގެ އަވަށްޓެރިއެކެވެ. އެކަލޭގެފާނުންގެ މައްޗަށް ވަޙީބަސްފުޅެއް ބާވައިލައްވައިފި ނަމަ އަހުރެން ބަލައި ފޮނުއްވައެވެ. ފަހެ އަހުރެން އެކަލޭގެފާނުގެ އަރިހަށް ގޮސް އެ ބަސްފުޅެއް ލިޔެދެމެވެ. އަހުރެމެން ދުނިޔޭގެ ވާހަކައެއް ދައްކާ ނަމަ އެކަލޭގެފާނު އަހަރެމެންނާ އެކު ދުނިޔޭގެ ވާހަކަތައް ދައްކަވަތެވެ. އާޚިރަތުގެ ވާހަކައެއް ދައްކާ ނަމަ އެކަލޭގެފާނު އަހުރެމެންނާ އެކު، އާޚިރަތުގެ ވާހަކަތައް ދައްކަވަތެވެ. އެކަލޭގެފާނާ ބެހޭ ގޮތުން މި ހުރިހައި ވާހަކައެއް ދެއްކިދާނެއެވެ. އެކަލޭގެފާނަށް ވުރެ އަޚުލާޤު ރިވެތި، ހިތްޕުޅު ހެޔޮ، ކެތްތެރިކަން ބޮޑު ، ޙިލްމުވެރި ބޭކަލަކު ދުނިޔެ ނުދަނެތެވެ. އެކަލޭގެފާނަށް ވުރެ ރަނގަޅަށް ރަޙިމުގެ ގުޅުންތައް ވާޞިލުކުރެއްވި، އެކަލޭގެފާނަށް ވުރެ ވަޢުދުތައް ފުއްދުމުގައި ވަފާތެރިކަން ބޮޑު މީހަކު ދުނިޔެ ދެކެފައެއްނުވެއެވެ. އަދި މީސްތަކުންނަށް އުނގަންނައިދެއްވުމުގައި އެކަލޭގެފާނަށް ވުރެ ރަނގަޅު އެދުރަކު ދުނިޔެ ދެކެފައެއް ނުވެއެވެ. މާތް ﷲ ރުއްސުންލެއްވި މުޢާވިޔަތު ބިނުލްޙަކަމުއްސަލަމިއްޔުގެ އަރިހުން ރިވާވެގެން ވެއެވެ. ((އެއް ދުވަހަކު ނަބިއްޔާއާ އެކު އަހުރެމެން ނަމާދުކުރާން ތިއްބައި މީހަކަށް ކިބިއްސެއް އެޅުމުން އަހުރެން يرحمك اللهއޭ ބުނީމެވެ. އެ ހިނދު މީސްތަކުން މަށާ ދިމާއަށް ކަޅިއަޅާން ފަށައިފައެވެ. އަހުރެން ބުނީމެވެ. ތިޔަބައިމީހުންނަށް ވީ ކިހިނެއްހެއްޔެވެ؟ އެހިނދު އެބައިމީހުން އެބައިމީހުންގެ އަތްތަކުން ފަލަމަސްގަނޑުގައި ތަޅަން ފެށިއެވެ. އެ މީހުން އަހުރެން ހަމަހިމޭންކުރުވާން އުޅޭ ތަން ފެނުމުން އަހުރެން ހަމަހިމޭންވީމެވެ. އަހުރެންގެ މަންމައާއި ބައްޕަ ގަންދީބުނަމެވެ. ރަސޫލުﷲގެފާނަށް ވުރެ ރަނގަޅު އެދުރަކު އޭގެ ކުރީން ވެސް އަދި ފަހުން ވެސް މަށެއް ނުދެކެމެވެ. އެކަލޭގެފާނު ނަމާދުފުޅުން ނިމިވަޑައިގެން މަށާ ދިމާއަށް އެނބުރި ވަޑައިގެން ނުރުހުމުގެ ބަސްފުޅެއް ވިދާޅެއް ނުވެއެވެ. މަގޭ ގައިގައި ނުވެސް ޖައްސަވައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ހަމަކަށަވަރުން މި ނަމާދަކީ އާންމުކޮށް މީސްތަކުން ދައްކާ ވާހަކަ އެ ކަމުގައި ކަމުދާނެ ޢަމަލެއް ނޫނެވެ. އެހެނެއްކަމަކު ނަމާދުގައި އޮތީ ތަސްބީޙަކިޔުމާއި ތަކުބީރުކިޔުމާއި ޤުރްއާން ކިޔެވުމެވެ.
މާތްﷲ ރުއްސުންލެއްވި ޢުމަރު ބިނުލްޚައްޠާބު ވިދާޅުވެފައިވާ ގޮތުގައި ރަސޫލުﷲގެފާނަށް ވުރެ ދީލަތި ބޭކަލަކު ނުވެއެވެ. އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "އެއް ދުވަހަކު މީހަކު ރަސޫލާގެ އަރިހަށް އައިސް އެއްޗެއް ދެއްވުން އެދި ދެންނެވިއެވެ. އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަރިހަށް އެއްޗެއް ގެނެވެންދެން މަޑުކޮށްލާށެވެ. އެއްޗެއް ލިބިވަޑައިގަތުމުން ދެއްވާނަމެވެ. އެހިނދު ޢުމަރުގެފާނު ދެންނެވިއެވެ. "ކަލޭގެފާނު އޭނާއަށް އެއްޗެއް ދެއްވައިފީމުއެވެ. މާތްﷲ ކަލޭގެފާނަށް ނޫފުއްލެވޭވަރުގެ ބުރައެއް އުފުއްލަވާކަށް ނުޖައްސަވާނެތެވެ." ޢުމަރުގެފާނުގެ މި ބަސްފުޅާމެދު ރަސޫލާގެ ހިތްޕުޅު ހަމަޖެހިވަޑައެއްނުގަތެވެ. އެހިނދު އަންޞާރީ ބޭކަލަކު ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއޭވެ! ހޭދަކުރައްވާށެވެ! ޢަރުޝީގެ ވެރިރަސްކަލާނގެ ދެއްވާ އެއްޗެއް މަދުކުރައްވައިފާނެތީ ބިރުފުޅު ނުގަންނާށެވެ! އެހިނދު ރަސޫލުﷲގެފާނު ހިނިވަރުނަކުރެއްވިއެވެ. އަދި ޙަދީސް ކުރެއްވިއެވެ. - بِهَذَا أُمِرْتُ – ތިމަންކަލޭފެފާނަށް އަމުރުކުރެއްވުނީ މި ގޮތަށެވެ. ))[3]
ރަސޫލާއާ ބެހޭ ގޮތުން ޤުރުއާން ވާހަކަދައްކާއިރު އިސްކަންދީފައި ވަނީ އެކަލޭގެފާނުގެ މާތް އަޚުލާޤަށެވެ. އެކަލޭގެފާނުގެ އޯގާވެރިކަމަށެވެ. އެކަލޭގެފާނުގެ ހަމްދަރުދީވަންތަކަމަށެވެ. އެކަލޭގެފާނުގެ އަޅައިލެއްވުމަށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ [4] -ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.))
ﷲ ތަޢާލާ އެކަލާނގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم މި ފަދަ މަތިވެރި ޚުލުޤުފުޅެއްގެ މަތީގައި ލެއްވީ އަޅުގަނޑުމެން މުއުމިނުން އެކަލޭގެފާނު ނަމޫނާއަކަށް ބަލައި އެކަލޭގެފާނަށް ތަބާވުމަށް ޓަކައެވެ. އެކަލޭގެފާނުގެ ފިޔަވަޅުތަކުގެ ދަށުން ﷲއަށް ކިޔަމަންގަތުން ދަސްކުރުމަށެވެ. އެކަލޭގެފާނަށް ބަލައި އެކަލޭގެފާނުގެ ނޫރުން ހިދާޔަތް ލިބިގަތުމަށެވެ. އެކަލޭގެފާނު ޙަދީސްކުރައްވައިފައިވާ ގޮތުގައި އީމާންކަމުގައި އެންމެ ފުރިހަމަ މުއުމިނަކީ އެންމެ އަޚުލާޤު ރިވެތި މީހާއެވެ. ﷲގެ ޙަޟްރަތާ އެންމެ ކުއްތަންވެގެންވާ މީހަކީ އެންމެ އަޚުލާޤު ރިވެތި މީހާއެވެ. ޤިޔާމަތްދުވަހުން ރަސޫލާއާ އެންމެ އަރިހުގައި ހުންނާނީ އެންމެ އަޚުލާޤު ރިވެތި މީހާއެވެ.
އަޚުލާޤު ނެތިއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަޚުލާޤު ނެތިއްޖެ ނަމަ ދޮގުހެދުން ފެތުރިދާނެތެވެ. ފާޙިޝް ޢަމަލުތައް ފެތުރިދާނެތެވެ. ޙަޔާތްކުޑަވެދާނެތެވެ. އިންސާނާގެ ކިބައިން ޣައިރަތު ނެތިގެން ހިގައިދާނެތެވެ. މުނާފިޤުކަން ފާޅުވެ ނަޒާހަތްތެރިކަން ނެތިހިނގައިދާނެތެވެ. ޚިޔާނަތްތެރިކަން ފާޅުވެ އަނެކުންނާ މެދު، ނުބައިކޮށް ހީކުރުން އާންމުވެދާނެތެވެ. ދުނިޔެ ފުންވަޅުގަނޑެއްގެ ތުންފަތް މައްޗަށް އައިސް ވެއްޓޭން ކައިރިވެދާނެތެވެ. އުންމުލްމުއުމިނީން ޒައިނަބުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((އެއް ރެއަކު ނަބިއްޔާ صَلَّى اللَّهُ عليه وسلَّمَ ކުއްލިއަކަށް އަވަހާރަފުޅުން ހޭފުޅުލައްވައި ޙަދީސްކުރެއްވިއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. ޢަރަބިންނާ ކުރިމަތިވެދާނެ ނުބަޔަކާ ހުރެ އަރަބީންނަށް ހަލާކު ހުށްޓެވެ. މިއަދު ޔައުޖޫޖު މައުޖޫޖުބާގައިގެ ހުރަހުގައި ބައުގަނޑެއް ހެދި މިވެނި ވަރަކަށް ހުޅުވިއްޖެއެވެ. މިހެން ޙަދީސްކުރައްވައި ބޮޑުވާ އިނގިލިފުޅާއި ޝަހާދަތް އިނގިލިފުޅާ ދެމެދަށް އިޝާރަތްކުރެއްވިއެވެ. އެކަމަނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެންގެ ތެރޭގައި ޞާލިޙުން ތިއްބާ އަޅުގަނޑުމެން ހަލާކުވެގެން ހިނގައިދާނެތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އާނއެކެވެ! ހަޑިހުތުރު ޢަމަލުތައް ގިނަވެއްޖެ ނަމައެވެ. ))[5] މާނައަކީ ޒިނޭކުރުމާއި ރާބުއިމާއި ރިބާކެއުމާއި ޖުވާކުޅުމާއި ނާސިގެތައް ހިންގުން ފަދަ، މާތްﷲ ޙަރާންކުރައްވައިފައިވާ ޢަމަލުތަކަށް އަރައިގަތުން ގިނަވެއްޖެ ނަމަ، މާތް ﷲ އެ ބަޔަކު ވަރަށް އަވަހަށް ހަލާކުކުރައްވައިފާނެތެވެ. މި ގޮތަށް ހަލާކުކުރައްވާ މީހުންގެ ތެރޭގައި ޞާލިޙުންނާއި ޣައިރު ޞާލިޙުން ހިމެނޭނެތެވެ. މާތްﷲ އެބައިމީހުން މަޙުޝަރުކުރައްވާނީ އެބައިމީހުންގެ ނިޔަތާ އެއް ގޮތަށެވެ.
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. "އެއްދުވަހަކު ރަސޫލާ صلَّى اللهُ عليه وسلَّم އަހުރެމެންގެ ގާތަށް ވަޑައިގެން ޙަދީސްކުރެއްވިއެވެ. އޭ މުހާޖިރީންނާއި އަންޞާރީންނޭވެ! ބަޔަކު މީހުންގެ ތެރޭގައި ފަސް ކަމެއް ފެތުރި އާންމުވެއްޖެ ނަމަ (މާތް ﷲ އެ ކަންތައްތަކުން އަހުރެމެން ރައްކައުތެރިކުރެއްވުމަށް އެދި ދަންނަވަމެވެ!) އެ މީހުންގެ ތެރެއަށް ޠާޢޫން ބައްޔާއި ކުރީން އެ މީހުން ނުދަންނަ އެތައް ބަލިތަކެއް ފެތުރިދާނެތެވެ. މިނެކިރުމުގައި އުނިކުރާން ފަށައިފި ނަމަ، އެމީހުންނަށް ތަދު އަހަރުތަކުންނާއި ކާބޯތަކެތި މަދުވުމުންނާއި ވެރިމީހާގެ އަނިޔާވެރިކަމުން ނުހިއްޕަވަވައެއް ނުދާނެތެވެ. އެބައިމީހުން މުދަލު ޒަކާތް ނެރުން މަނާކޮށްފި ނަމަ ވާރޭ ވެހުން މަނާވެދާނެތެވެ. ޖަނަވާރުތައް ނުވާ ނަމަ، އެއް ގޮތަކަށް ވެސް ވާރޭއެއް ނުވެހޭނެތެވެ. ﷲގެ ޢަހުދާއި ﷲގެ ރަސޫލާގެ ޢަހުދު އުވައިލައިފި ނަމަ އެ މީހުން ނޫން ބަޔެއްގެ ތެރެއިން ޢަދުއްވުންތަކެއް އެ މީހުންގެ މައްޗަށް ވެރިކުރައްވައި އެ މީހުންގެ އަތުގައި ހުރި ބައެއް އެއްޗެހި އަތުލައިގަންނަވައިފީހެވެ. އެ މީހުންގެ ވެރީން ﷲގެ ފޮތާ އެއް ގޮތަށް ޙުކުން ނުކުރާ ނަމަ، އަދި އެބައިމީހުން އޭގެ ތެރެއިން ބޭނުންވާ އެއްޗެއްގައި ހިފާ ނަމަ، އެބައިމީހުންގެ ގަދަފަދަކަން އެބައިމިހުންގެ މެދުގައި ލައްވައިފާނެތެވެ. އެބައިމީހުންގެ އަޚުލާޤު ގެއްލި ޒިންމާތައް ފާސިދުވެ ޟަމީރު ނެތިއްޖެނަމަ އަދި ﷲ ޙަރާންކުރައްވައިފައިވާ ކަންތައްތަކަށް އަރައިގަނެ އެކަލާނގެ ޙައްދުތައް ފަހަނަޅައިހިނގައްޖެ ނަމަ، ޤިޔާމަތްވުމުގެ ވަގުތު ލޮލުގެ އެސްފިޔަ ޖަހައިލާ މިންވަރަށްވުރެ ކައިރިވެދާނެތެވެ."
ނަބިއްޔާ عليه الصلاة والسلام ޙަދީސްކުރެއްވިއެވެ. ((سيأتِي على الناسِ سنواتٌ خدّاعاتٌ؛ يُصدَّقُ فيها الكاذِبُ، ويُكذَّبُ فيها الصادِقُ، ويُؤتَمَنُ فيها الخائِنُ، ويخَوَّنُ فيها الأمينُ، وينطِقُ فيها الرُّويْبِضَةُ. قِيلَ: وما الرُّويْبِضةُ؟ قال: الرجُلُ التّافِهُ يتَكلَّمُ في أمرِ العامةِ[6] -މީސްތަކުންގެ މައްޗަށް އޮޅުވައިލުމުގެ އަހަރުތަކެއް އަންނާނެތެވެ. ދޮގުވެރިޔާ ތެދުކުރެވޭނެތެވެ. އަދި ތެދުވެރިޔާ ދޮގުކުރެވޭނެތެވެ. އަދި ޚިޔާނަތްތެރިޔާ އަމާނަތްތެރިއެއްކަމުގައި ބެލެވޭނެތެވެ. އަދި އަމާނަތްތެރިޔާ ޚިޔާނަތްތެރިއެއްކަމުގައި ބެލެވޭނެތެވެ. އަދި ރުވައިބިޟުން ފެތުރިގަންނާނެތެވެ. ދެންނެވުނެވެ. ރުވައިބިޟުންނަކީ ކޮން ބައެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ގައުމުގެ އާންމުކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކާ ދޭސީ މީހާއެވެ.))
ފަހު ޒަމާންކަން އަންގައިދޭ އެންމެ ފާޅުކަންބޮޑު ޢަލާމާތްތަކުގެ ތެރޭގައި ދަރީން މައިންބަފައިންނަށް އުރެދުމާއި، ރަޙިމުގެ ގުޅުން ކެނޑުމާއި، މީސްތަކުންގެ ޙަޔާތްކުޑަވުމާއި، އަމާންތެރިކަން، ތަދު ފައިސާއަކަށް ވުމާއި، އެކަށީގެންނުވާ މީހުންނަށް ވަޒީފާތައް ދިނުން ވެއެވެ.
މަރުޖިޢުތައް:
[2] - الجمعة :2
[3] - الضياء المقدسي، الأحاديث المختارة (٨٨)
[4] - التوبة : 128
[5] - أخرجه البخاري (٣٣٤٦) و مسلم( ٢٨٨٠ ) و الترمذي (٢١٨٥) وأبو يعلى (٤٦٩٣)
[6] - أخرجه ابن ماجه (٤٠٣٦) وأحمد (٧٩١٢)