Advertisement

އެމެރިކާގެ މުނާފިގުކަމާއި ބޭއިންސާފު ހާމަވާ އިތުރު ހެކިތަކެއް

30 May 2024 | 14:38
ޣައްޒާއާއި މިޞްރާ ގުޅޭ ބޯޑަރު ކޮންޓްރޯލުކުރުމަށް އިއްޔެއިން ފެށިގެން ޔަހީދީން ދިން ޙަމަލާގެ މަންޒަރެހ

އަބާ މުޙަންމަދު

ޣައްޒާއާއި މިސްރާ ދޭތެރޭ އޮންނަ ހުސް ޖާގަ (ބަފަރ ޒޯން)ގެ ފުރިހަމަ ކޮންޓުރޯލް ނިރުބަވެރި ޔަހޫދީން އިއްޔެ އަތުލައި ފަލަސްތީނުގެ ހުރިހައި ސަރަހައްދެއްގެ ފުރިހަމަ ކޮންޓްރޯލް އިސްރާއީލުގެ އަތްމައްޗަށް ނެގީއެވެ. އެހެންކަމުން ފަލަސްތީނާއި މިސްރާ ގުޅިފައިވާ ހުރިހައި އިން ސަރަހައްދެއްގެ ފުރިހަމަ ކޮންޓްރޯލު މިހާރު ޔަހޫދީންނަށް އެ ލިބުނީއެވެ. ކުރީން މިސްރު މަގުން ޣައްޒާއަށް ހިސާބަކަށް ޒަރޫރީ ތަކެތި ވއްދުނަސް ދެން އެ ފުރުޞަތު އެކީއެކަށް ބަންދުވީއެވެ. ޔަހުދީންގެ ހަނގުރާމައިގެ ކޯޑުގައި ބުނާ ގޮތުން "ފިލާދެލްފީ ކުޑަދޮރު" އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔައީއެވެ. ރަފަޙުގައި ޔަހޫދީން ހިންގަމުންގެންދާ ނަސްލުހޭދު ހުއްޓައިލައި ރަފަހުން ފައިބާން ޔަހޫދީންގެ މައްޗަށް ދުނިޔޭގެ ޢަދުލު އިންސާފުގެ ކޯޓުން އޮތް އަމުރު އޮތް ތާގައި އޮތީއެވެ. ރަނގަޅަށް ވިއްޔާ މި ވެސް ވާނީ އެމެރިކާއާ މަޝްވަރާކުރެވިގެން ނެރުނު އަމުރެކެވެ. އެ ކޯޓުގެ ތެދުވެރިކަން ދުނިޔެއަށް ސާބިތުކޮށްދޭށެވެ. އެއަށް ޢަމަލު ނުކުރިޔަސް ފިޔަވަޅެއް އެޅޭނެ ބާރެއް ނޯންނާނެކަން އެމެރިކާއާއި އިސްރާއީލަށް އެނގޭތީއެވެ.

މީގެ ދެ ދުވަހެއް ކުރީން ވަނީ ޣައްޒާގެ ރަފަޙުގެ ވަގުތީ ފޭލިގެ އަވަށުގައި ޖަހައިފައިވާފައިވާ ފޭލިގެތަކަށް ވައިގެ ޙަމަލާތަކެއްދީ، އެތައް ބަޔަކު ޝަހީދުކޮށްލައިފައެވެ.  

ނަމަވެސް އެމެރިކާއިން ބުނަނީ އިސްރާއީލުން ހިންގަމުން ގެންދާ ޢުދުވާނާ ގުޅޭ ގޮތުން އެމެރިކާ ގެންގުޅޭ ސިޔާސަތަށް ބަދަލުގެންނާން ޖެހޭ ފަދަ ޙާލަތެއް އަދި މެދުވެރިނުވާކަމަށެވެ. މާނައަކީ އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ނަސްލުހޭދުތަކަކީ އެމެރިކާގެ ރުހުން އޮވެގެން އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ އެމެރިކާ ރުހޭ ޢަމަމަލުތަކެއްކަމަށް އެއްބަސްވުމެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައިންސިލުގެ ތަރުޖަމާނު ޖޯން ކަރބީ ބުނެފައި ވަނީ ރަފަޙުގައި ތިބި މުސްލިމުން ޝަހީދުކޮށް ނެތިކޮށްލާން ޔަހޫދީ ފައުޖުން އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދާ މަންޒަރު ނުފެންނަކަމަށެވެ. އަދި އެ ފަދަ ޢުދުވާނެއް ހިންގަމުން ގެންދާކަމަށް އެމެރިކާއިން ގަބޫލު ވެސް ނުކުރާ ކަމަށެވެ. ނަމަވެސް، ރަފަޙުގެ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއާ ގުޅިގެން އިސްރާއީލަށް ވަނީ މުޅި ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެ ޙަމަލާ ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފައެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ގެންދަނީ އަސްކަރީ ޓޭންކުތަކާ އެކު ރަފަޙުގައި ހަރަކާތްތެރިވަމުންނެވެ. އަދި، ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ރަފަޙުގައި ރެފިއުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންނެވެ. ރަފަޙުގެ ހުޅަނގުގައި ގާއިމުކޮށްފައިވާ ފޭލިގެ އަވަށުގެ މެދުތެރެއަށް ޔަހޫދީ ފައުޖުން ޙަމަލާދީ 21 މީހުން ޝަހީދުކޮށްލިއެވެ. "އަޅުގަނޑުމެން އެންމެން [ރަފަޙުގެ ރައްޔިތުންނާއި ރެފިއުޖީން] މި ތިބީ ފޭލިގެތަކުގައި ބަންދުވެފައި. ބޭރަށް ނިކުމެވޭކަށްނެތް. ބޭރަށް ނުކުންނަ ކޮންމެ މީހަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ގެންދަނީ ޙަމަލާދެމުން." ރަފަޙުގައި ދިރިއުޅޭ ރައްޔިތެއްކަމުގައިވާ ޢަބްދުލްޚަޠީބް ބުނެފައިވެއެވެ.

މި ކަން މިހެން އޮތަސް އެމެރިކާއިން ބުނަނީ އެ ޤައުމުން ކަނޑައަޅައިފައިވާ އެއްވެސް އުސޫލަކާ ޔަހޫދީ ފައުޖުން ޚިލާފުވެފައި ނުވާކަމަށެވެ. ރަހަޙުގައި އަދި މުޅި ޣައްޒާގައި ހިންގާ ޢުދުވާނުތަކަކީ މުޅީން ވެސް އޮޅުމަކުން ދެވޭ ޙަމަލާތަކެއްކަމަށް އިސްރާޢީލާއި އެމެރިކާއިން ބުނެ ފުއްދައިލަނީއެވެ. ނަމަވެސް ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ފަންނިއްޔާތާއި ހަތިޔާރު އެ ބަޔެއްގެ އަތުގައި ހުރި ބަޔަކަށް އޮޅިގެން މި ބާވަތުގެ ކަންކަން ނުކުރާނެކަން މުޅި ދުނިޔެ ދަނެއެވެ. "އަހަރެމެން ބުނެފައި ވާނީ ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާކޮށްގެން ނުވާނެޔޭ. ރަފަޙުގެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްނުލައި، އަދި ރަފަޙަށް ބޮޑެތި ގެއްލުންތަކެއް ނުދީ، އިސްރާއީލަށް އެ ކަމެއް ނުކުރެވޭނެ. އެހެންވީމާ، [ރަފަޙުގައި މީހުން ޝަހީދުވަމުން ދިޔަކަމުގައި ވިޔަސް] ރަފަޙުގައި އިސްރާއީލުން އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާކަމަކަށް ގަބޫލެއްނުކުރެވޭ،" ކާރބީ ބުނެފައިވެއެވެ.

އެމެރިކާއިން ދެކެނީ ނުވަތަ ދުނިޔެއަށް ދައްކާން އުޅެނީ ރަފަޙުގައި އިސްރާއީލުގެ ލަސްކަރުތަކެއް ނުވެސް ނެތްކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ސިފައިން ބަރުހަތިޔާރާއެކު އަސްކަރީ ޓޭންކުތަކުގައި ރަފަޙުގެ މަގުތަކަށް އަރައިފައިވަނީ ސިއްރަކުންނެއް ނޫނެވެ. ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރިމަތީގައެވެ.

ނަމަވެސް އިސްރާއީލު ދިފާޢުކުރުމުގައި އެމެރިކާއަކީ ލަދުގެ ކަންފުޅެއް ވެސް ހުންނަ ބަޔެއް ނޫނެވެ. އިސްރާޢީލު ޙިމާޔަތްކުރުމުގައި ބަޔަކު ކޮށްފާނެ މަލާމާތަކަށް ބަޔަކު ކިޔާނެ އެއްޗަކަށް އެ މީހުންނެއް ނުބަލާނެއެވެ.

ވީމާ ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް ނޫނެކޭ ބުނާން އެބަ ޖެހެއެވެ. އަދި ޚާއްޞަކޮށް ދުނިޔޭގެ ހުރިހައި މުއްސަނދިކަމެއް މާތް ﷲ ދެއްވައިފައިވާ ޢަރަބި/އިސްލާމީ ގައުމުތަކުން އެމެރިކާއަށް އީމާންވުމުގެ ބަދަލުގައި މާތް ﷲއަށް އީމާންވެ، ރާޒިޤުވަންތަ، ރައްޒާޤު ވަންތަ ﷲއަށް ވަކީލުކޮށްގެން އެމެރިކާއަށް ނޫނެކޭ ބުނާން އެބަ ޖެހެއެވެ. އެމެރިކާގެ މުނާފިގުކަމާއި ބޭއިންސާފުކަން ހާމަވާ އިތުރު ހެކިތައް ކޮންމެ ދުވަހަކު ތަކުރާރުވަމުންދާ އިރު، އެ ފަދަ އަނިޔާވެރި ބޭއިންސާފު މުނާފިގު ބަޔަކަށް ސަނާކިޔާކަށް ނުޖެހޭނެއެވެ. އެމެރިކާއަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ލާދީމުޤުރާތީ، ނާއިންސާފު، އެންމެ ދޮގުވެރި މަކަރުވެރި ދެ ފުށް ދެގޮތް މުނާފިގު ގައުމުކަން ގަބޫލުކުރާން އެބަ ޖެހެއެވެ.

__________________________________

އެޑިޓަރުގެ ނޯޓް
އަޞާ މުޙަނަމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް