Advertisement

އުވިގެން ނުދާނެ ބަސްތައްކަމަށް ބެލެވޭ ބަސްބަސް

30 May 2024 | 00:12
ގެބްރިއަލް ގާސިއާ މާރކުއޭޒް (ދުނިޔޭގައި އުޅުއްވީ 1927 މާރިޗު 6ން، 2014 އޭޕްރިލް 17އަށް)އަކީ ވިހިވަނަ ގަރުނުގެ މަޝްހޫރު ލިޔުންތެރިއެކެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތިރީގައި އެ ވަނީ ގެބްރިއަލް ގާސިއާއަށް ނިސްބަތްކުރެވޭ ވާހަކަކޮޅެކެވެ. އެ ވާހަކަކޮޅު ލިޔެލުމުގެ ކުރީން ގެބްރިއަލް ގާސިއާއާ ބެހޭ ކުޑަ ތައާރުފެއް ލިޔެލާނަމެވެ.

ގެބްރިއަލް ގާސިއާ، ލެޓިން އެމެރިކާގައި އޭނާ މަޝްހޫރުވެފައިވާ ނަމުން ނަމަ، 'ގަބޯ' ނުވަތަ 'ގާބީޓޯ'އަކީ ކޮލަމްބިޔާގެ އަދަބީ ލިޔުންތެރިއެކެވެ. ޚާއްސަ ގޮތެއްގައި ކުރުވާހަކަ ލިޔުންތެރިއެކެވެ. އޭނާ ހިމެނެނީ ވިހިވަނަ ގަރުނުގައި އުފެދުނު އެންމެ މުހިންމު ލިޔުންތެރީންގެ ތެރޭގައިވެ. އަދި ވަކީން ޚާއްސަ ގޮތެއްގައި އިސްޕޭނިޝް ބަހުގެ ލިޔުންތެރީންގެ އެންމެ އިސް ސަފުތަކުގައި އޭނާ ހިމަނައިލެވެއެވެ.

އޭނާގެ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި 'ޥަން ހަންޑްރެޑް އިޔާސް އޮފް ސޮލިޓިޓިޔުޑް' (އެކަނިމާ އެކަނި އުޅުމުގެ ސަތޭކަ އަހަރު)، ހިމެނެއެވެ. މީގެ އިތުރަށް، 'ކްރޮނިކަލް އޮފް އަ ޑެތް ފޯޓޯލްޑް' (ލަފާކޮށް ކުރީން ބުނާން އެނގުނު މަރެއްގެ ވާހަކަ) މި ފޮތާއި 'ލަވް އިން ދަ ޓައިމް އޮފް ކޮލެރާ' (ކޮލެރާގެ ދުވަސްވަރުގެ ލޯބިވުމެއްގެ ވާހަކަ) މި ފޮތް ވެސް ހިމެނެއެވެ. އޭނައަކީ 1982 އަދަބިއްޔާތުގެ ދާއިރާއިން ނޮބެލް ޕްރައިޒް ދެވުނު އަދީބެވެ.

ދެން، އޭނާ ބުނިކަމަށް ބުނާ ވާހަކަ ލިޔެލާނަމެވެ. ގެބްރިއްލް ގާސިއާ ސުއާލުކުރެވުނެވެ. "ދުނިޔޭގައި މީހުން ވާހަކަދައްކައި އުޅޭ ބަސްތަކުގެ ތެރެއިން އުވި ގެއްލި ނުދާނީ ކޮން ބަސްބަހެއްހެއްޔެވެ؟"މި ސުއާލުގެ ޖަވާބުގައި ގާސިއާ ބުނިކަމަށް ވެއެވެ. އެއީ އިނގިރޭސި ބަހާއި ޗައިނާ ބަހާއި އިސްޕެނިޝް ބަހާއި އަދި އަރަބި ބަހެވެ." ދެން، އެއީ ކީއްވެތޯ އޭނާއާ ސުއާލުކުރެވުމުން، ޖަވާބުގައި އޭނާ ބުނިކަމަށް ވެއެވެ."އިނގިރޭސި ބަސް އުވި ގެއްލި ނުދާނީ ފަންނިއްޔާތުގެ ސަބަބުންނެވެ."

އާދޭހެވެ! ފަންނިއްޔާތުގެ ބަހަކީ އިނގިރޭސި ބަހަށް ވެފައި އޮތީމައެވެ. މިސާލަކަށް ކޮންޕިޔުޓަރުގެ ބަހުރުވައަކީ އިނގިރޭސި ބަހެވެ. ވައިދަތުރު ކުރުމުގައި، ދަތުރުކުރަމުންދާ އިރު، މަތިންދާ ބޯޓު ދުއްވާ މީހުންނާ ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ހަމަ އެހެންމެ، ބޭސްވެރިކަމުގެ ދާއިރާގައި ވެސް، ޚާއްސަ ގޮތެއްގައި، ބޭސްވެރި އިސްތިލާހީ ލަފުޒުތައް ވެސް، ގުޅެނީ އިނގިރޭސި ބަހާއެވެ.

"ޗައިނާ ބަސް އުވިގެން ނުދާނޭ ބުނެވެނީ އާބާދީގެ ނިސްބަތުގެ މައްޗަށް ރިއާޔަތް ކުރުމުންނެވެ." ގާސިއާ އޮޅުން ފިލުވައި ދިނެވެ. އަދިވެސް އޭނާ ބުންޏެވެ. "އިސްޕެނިޝް ބަހަކީ އަދަބިއްޔާތުގެ ބަހެކެވެ. އެހެންވެ އެ ބަސް އުވި ގެއްލިއެއް ނުދާނެއެވެ."

ދެން، އޭނައާ ސުއާލު ކުރެވުނެވެ. "އަރަބި ބަސް އުވިގެން ނުދާނީ ކީއްވެހެއްޔެވެ؟" މި ސުއާލުގެ ޖަވާބުގައި ގާސިއާ ބުންޏެވެ. "އަރަބި ބަހަކީ އަޚުލާގިއްޔާތާއި އަދަބުވެރިކަމުގެ ބަހެވެ. އަޚުލާގިއްޔާތާއި އަދަބުވެރިކަމަކީ އެ ކަންކަމަށް އިންސާނާ އަބަދު ވެސް އެނބުރި ގޮސް ރުޖޫއަވާން ޖެހޭ ކަންކަމެވެ. މާއްދީއްޔަތުގެ އަގީދާ ފެތުރި، އިންސާނީ އަގުތައް ގެއްލޭ ގޮތް ވުމުން، އެ އަގުތައް ހޯދުމަށް ޓަކައެވެ."

އާދޭހެވެ! މާއްދިއްޔަތުގެ ސަބަބުން އިންސާނާގެ އިންސާނިއްޔަތުކަން ގެއްލި ޖަނަވާރުން ފަދައިން އެ މީހުން ވުމުން، އިންސާނުންގެ އަގުތައް (އިންސާނީ އުޞޫލުތައް) ހޯދައި އެ މީހުންގެ އިންސާނިއްޔަތުކަން އަލުން ލިބިގަތުމަށް ޓަކައެވެ.

ގާސިއާގެ މި ބަސްކޮޅު، (އަރަބި ބަސް ގެއްލިގެން ނުދާނީ އެއީ އަޚުލާގިއްޔާތާއި އަދަބުވެރިވުމުގެ ބަހޭ ބުނާ ބުނުން)، އެހެން ގޮތަކަށް އިބާރަތްކޮށްލެވިދާނެއެވެ. އަރަބި ބަސް ގެއްލިގެން ނުދާނީ އެ ބަހަކީ ކީރިތި ގުރުއާނުގެ ބަހަށް ވުމުންނެވެ. ކީރިތި ގުރުއާނަކީ އިލާހީ ހިދާޔަތުގެ ފޮތަކަށް ވުމުންނެވެ. އިލާހީ ހިދާޔަތުގެ އަސްލު އުނގަންނައިދިނުން ގުޅެނީ އަޚުލާގިއްޔާތާއި ރީތި އަދަބުތަކާކަމެވެ. އެހެންވެ، ކީރިތި ގުރުއާނުގައި ވެސް ބަޔާން ކުރެވިފައިވާ ފަދައިން، އެ ފޮތަކީ ދުނިޔެ ނިމެންދެން ވެސް ރައްކާތެރިކުރެވިފައިވާ ފޮތެކެވެ. މިހެން ވުމުން، އެ ފޮތުގެ ބަސް ކަމުގައިވާ އަރަބި ބަސް އުވި ގެއްލި ނުދާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ފަންނިއްޔާތު  ނ.   (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2)  ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ކޮންޕިޔުޓަރު  ނ.   ސުމޭކަށް ބަދަލުކޮށްފައި ހުންނަ ޑޭޓާ ގޮތަށް މަޢުލޫމާތު ބަދަލުކޮށް، ސޮފުޓުވެއަރުގެ ނުވަތަ ޕުރޮގްރާމުގެ އެހީގައި ނުވަތަ ދެވޭ އިރުޝާދަކާ އެއް ގޮތަށް އެ މަޢުލޫމާތު ޑޭޓާއަށް ބަދަލުކޮށް އެކި ގޮތްގޮތަށް ބަދަލުކުރެވޭ ގޮތަށް ހަދައިދޭ އާލާތެއް. (މި މާނަ ރަދީފަކު ނެތް)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް