Advertisement

ޙިމާރު އޮތީ މަރުވެފައި ... ޓިކެޓް ދަނީ ވިއްކެމުން.

29 May 2024 | 06:28
އެމެރިކާގައި ޑޮލަރު ޗާޕުކުރުމުގެ މަރުޙަލާއެއް ކުރިއަށް ދަނީ......

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

އެމެރިކާގައި ބޭންކުތައް ހިންގުމުގެ ތަޖުރިބާކާރަކު އެމެރިކާގެ ހުޅަނގު ބިތުގެ ކުޑަކުޑަ ރަށަކަށް ގޮސް އޭނާގެ ޚާއްޞަ ބޭންކެއް އެ ރަށުގައި ހުޅުވިއެވެ. އެ ރަށުގެ އަހުލުވެރީންނަށާއި ދަނޑުވެރީންނަށް އަމާޒުކޮށް މި ފެށި ބޭންކު ޚިދްމަތުގެ ސަބަބުން އެ ރަށުގެ އަހުލުވެރިން ވަރަށް އުފާވިއެވެ.

އެއްދުވަހަކު އެ ރަށުގެ ދަނޑުވެރިއަކު ލޯނެއް ހޯދުމަށް ޓަކައި މި ބޭންކަށް އައެވެ. ބޭންކުން އޭނާއަށް ވަރަށް ބޮޑަށް މަރުޙަބާކިޔައި އޭނާ އެދުނު 10 ޑޮލަރުގެ ލޯން އޭނާއަށް ދޭން ނިންމިއެވެ. މި ދަރަނި އޭނާއަށް ދިނީ ވަރަށް ލުއި ޝަރުޠުތަކަކާ އެކުގައެވެ. އެހެނަސް ބޭންކުން އޭނާގެ އަޞްލު މުދަލުން އެއްޗެއް ބޭންކުގައި ރަހުނުކުރުމަށް ބުންޏެވެ. ނަމަވެސް އޭނާގެ އަތުގައި ރަހުނުގެ ގޮތުގައި ބާއްވާނެ އެއްވެސް އުޞޫލެއް (އެސެޓެއް) ނެތެވެ. ދަނޑުވެރިޔާ ބުނި ގޮތުގައި އޭނާގެ އަތުގައި އޮތީ އޭނާގެ ބިމުގައި މަސައްކަތް ކުރާ އޭނާގެ ޙިމާރެވެ. އެހެން އެއްވެސް އެއްޗެއް ނެތެވެ. ބޭންކުގެ މުވައްޒަފު ހަދާނެ ގޮތެއް ނޭނގިގެން ބޭންކުގެ މެނޭޖަރު ގާތަށް މި މުޢާމަލާތާ ބެހޭ ގޮތުން ސުވާލުކުރާން ދިޔައެވެ. ޑިރެކުޓަރު ބުންޏެވެ. ޙިމާރަކީ ހަރުމުދަލެކެވެ. އޭތި ރަހުނުކުރެވިދާނެއެވެ.

މި ޙިމާރު ރަހުނުކޮށްފައި ބޭންކުން އޭނާއަށް ލޯނު ދިނެވެ. މި ލޯނު އަދާކުރާން ޖެހޭ ވަގުތު ޖެހުމުން ދަނޑުވެރިޔާ ބޭންކަށް ގޮސް އޭނާގެ ދަރަނި އަދާކުރާން ބޭނުންވާ ފައިސާ ނެތްކަމަށާއި ދަރަނި އަދާކުރެވޭނެ ގޮތެއް ނެތްކަމަށް ބުންޏެވެ. ބޭންކު މުވައްޒަފު ބުންޏެވެ. އެހެންވެއްޖެއްޔާ އަހުރެމެން ކަލޭގެ ޙިމާރު ބޭންކަށް ނަގާނީއެވެ. ދަނޑުވެރިޔާ ވަރަށް ދެރަވެފައި ބުންޏެވެ. ސާހިބާއެވެ! މިއަދު ހެނދުނު އެ ޙިމާރު މަރުވެއްޖެއެވެ. ބެންކުގެ މުވައްޒަފު ވަރަށް ހާސްވެ ކަންބޮޑުވިއެވެ. އެ ފައިސާ ބޭންކަށް ލިބޭނެ ގޮތެއް ނެތީމައެވެ. ބޭންކުގެ މުވައްޒަފު ބެންކުގެ މެނޭޖަރު ގާތަށް ގޮސް ބުންޏެވެ. ސާހިބާއެވެ! އޭނާގެ ލޯނު އަދާކުރާން ޖެހޭ ވަގުތު ޖެހިއްޖެއެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. އޭނާއަށް ދަރަނި އަދާކުރެވޭނެ ގޮތެއް ވެސް ނެތެވެ. ބޭންކު މެނޭޖަރު ބުންޏެވެ. އޭނާގެ ޙިމާރު އޮންނާނެ ނޫންހެއްޔެވެ؟ އޭނާ ވަނީ އޭތި ބޭންކުގައި ރަހުނުކޮށްފައެވެ. އެ ހިނދު މުވައްޒަފު ބުންޏެވެ. ޙިމާރު ވަނީ މިއަދު ހެނދުނު މަރުވެފައެވެ. އަޅުގަނޑު ގޮސް އެ ކަން ކަށަވަރުވެސްކޮށްފީމެވެ. އެއީ މިހާރު ނެތް އުޞޫލެކެވެ. ބޭންކު މެނޭޖަރު ކުޑަކޮށް ވިސްނައިލައިފައި ބުންޏެވެ. މަސްއަލައެއް ނެތެވެ. މަރުވެފައިވާ ޙިމާރު ބޭންކަށް ނަގާނީއެވެ. މެނޭޖަރު ދަނޑުވެރިޔާއަށް ބުންޏެވެ. އެކަމަކު ޙިމާރު މަރުވި ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެގެނެއް ނުވާނެއެވެ. ކަލޭގެ އަނބިދަރީންގެ ގާތުގައި ވެސް އެ ވާހަކަ ބުނެގެނެއް ނުވާނެއެވެ.

މަރުވެފައި އޮތް ހިމާރެއް<br>

ދަނޑުވެރިޔާ ވަރަށް އުފަލުން މި ކަން ޤަބޫލުކޮށް ބޭންކު މެނޭޖަރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރިއެވެ. ދަނޑުވެރިޔާ ދިޔުމުން ބޭންކުގެ މުވައްޒަފު މެނޭޖަރަށް ބުންޏެވެ. މަރުވެފައިވާ ޙިމާރުން އަޅުގަނޑުމެންނަށް ލިބޭނީ ކޮން ފައިދާއެއްތޯއެވެ؟ އަޅުގަނޑުމެން ބަލަނީ އަބަދު ވެސް އެއިން ފައިދާކުރަނިވި އުޞޫލަށް ނޫންތޯއެވެ. މިއީ ނެތް އުޞޫލެއް ނޫންތޯއެވެ؟ ނުބައި އުޞޫލެއް ވާނީ ބޭންކުގެ މަސައްކަތަށް ވިހަ އެއްޗަކަށެވެ. މި ކުރެވުނު މުޢާމަލާތަކީ އަޅުގަނޑުމެންނަށް ގެއްލުން ހުރި މުޢާމަލާތެކެވެ. އެއީ ފައިދާއެއް ނެތް ޑީލެކެވެ. މެނޭޖަރު ރަނގަޅަށް ގޮނޑީގައި ހަމަޖެހިލައިފައި ބުންޏެވެ. ހާސްނުވާށެވެ! އަވަސް އަރުވައިނުގަންނާށެވެ. ކަލެއަށް ފޮނި ނަތީޖާ ފެންނާނެތެވެ. ކަލޭ ރަށުގެ މީހުންގެ ގާތަށް ގޮސް އަހުރެމެން ޔާނަޞީބެއް (ލޮޓަރީ ޓިކެޓެއް) ވިއްކާން ކަނޑައެޅި ވާހަކަ ބުނާށެވެ. މި ނަޞީބު ވެރިޔާގެ އިނާމަކަށް ވާނީ ދަނޑުވެރިޔާގެ ޙިމާރެވެ. އެ ހިނދު ބޭންކުގެ މުވައްޒަފު ބުންޏެވެ. ސާހިބާއެވެ! ޙިމާރު އޮތީ މަރުވެފައި ނޫންތޯއެވެ؟

ބޭންކު މެނޭޖަރު ވަރަށް އިތުބާރާއެކު ބުންޏެވެ. އެކަމަކު އެއްވެސް މީހަކަށް އެ ޙިމާރު މަރުވިކަމެއް ނޭނގެއެވެ. މި ބޭންކުން "ދަނޑުވެރިޔާގެ ޙިމާރު" މި ޝިޢާރުގެ ދަށުން އެއްހާސް ޔާނަސީބު ޓިކެޓް ޗާޕުކޮށް ހުރިހާ ޓިކެޓެއް ވިއްކައިލިއެވެ. ނަސީބު ނަގަން ހަމަޖެހިފައިވާ ދުވަސް އައުމުން ނަސީބު ނެގިއެވެ. ނަސީބު ދިމާވި މީހާ އަނެއް ދުވަހު ބެންކަށް އައިސް ހިމާރު ދިނުމަށް އެދުނެވެ. އޭނާއަށް ދިމާވި ނަސީބުން ލިބުނު ޙިމާރު މަރުވަފައިވާ ތަން ފެނުމުން ވަރަށް ދެރަވިއެވެ. އެ ކަމާ ދެކޮޅުހަދައި މި އިނާމު ލިބިގަތުމާ ދެކޮޅުހެދިއެވެ. އެނހިދު ބެންކުގެ މެނޭޖަރު އޭނާ ގާތަށް އައިސް ވަރަށް ބޮޑަށް މާފަށް އެދުނެވެ. އަދި މެނޭޖަރު އޭނާ ގަތް ޓިކެޓްގެ އަގާއި ޙިމާރުގެ އަގު އޭނާއަށް ދިނެވެ. ޓިކެޓްގެ އަގަކީ ޑޮލަރެކެވެ. ޙިމާރުގެ އަގަކީ 10 ޑޮލަރެވެ.

ނަސީބުވެރިޔާ ބޭންކުން ނުކުތީ ވަރަށް އުފަލުންނެވެ. ވަރަށް ބޮޑަށް ޝުކުރުއަދާކުރަމުންނެވެ. ބޭންކަށް ތާރީފާއި ސަނާކިޔަމުންނެވެ. އެއަށް ފަހު، ބޭންކުގެ މެނޭޖަރު އޭނާގެ މުވައްޒަފަށް ބުންޏެވެ. އުޞޫލާ އެއް ގޮތަށް އަހުރެމެން ދަނޑުވެރިޔާ އަތުން ޙިމާރުގެ ބަދަލު ހޯދާން އުޅުނު ނަމަ، އަދި މައްސަލަ ކޯޓަށް ހުށައެޅި ނަމަ، އަހުރެމެންނަށް ލިބޭނީ އެންމެ 10 ޑޮލަރެވެ. މިހާރު އަހުރެމެންނަށް 989 ޑޮލަރު ލިބިއްޖެއެވެ.

ބޭންކުގެ މުވައްޒަފު ބުންޏެވެ. އެހެނަސް ސާހިބާ ރަށުގެ އެންމެންނަށް މި ނުބައި އުޞޫލު ބަހައިފީމުއެވެ. 

ބޭންކުގެ މެނޭޖަރު ބުންޏެވެ. ނުބައި ވިހަ އުޞޫލުގައި އެންމެން ބައިވެރިވާން ޖެހޭނެއެވެ. އެއިން އެންމެ މީހަކު ކައިފި ނަމަ މަރުވާނީ އޭނާ އެކަންޏެވެ. މަށާއި ކަލޭ މަރުވުމަށް ވުރެ އެންމެން ބަލިވުން މާ ރަނގަޅުނޫންހެއްޔެވެ؟ އަހުރެމެން ޗާޕުކުރާ ޓިކެޓާ މެދު އެކަކު ވެސް މަސްއަލައެއް ނުޖައްސާނެއެވެ. ހާހެއްތޯ މިލިޔަނެއްތޯ ބިލިޔަނެއްތޯ މީހަކު ނުބަލާނެއެވެ. ޙިމާރު މަރުވެފައިވާ ކަން ރަށުގެ މީހުންނަށް ނޭނގޭ ނަމަ، މަސްއަލައެއް ނުޖެހޭނެއެވެ.

އެމެރިކާއަށް ބަލާ އިރު ޙިމާރު މަރުވެއްޖެއެވެ. އެހެނަސް އެމެރިކާއިން ދަނީ "ހޭނުޖެހޭ މީހުންނަށް" އޭތި ވިއްކަމުންނެވެ.

ޖޯރޖު ޓައުން ޔުނިވަރސިޓީގެ އިޤްތިޞާދީ ދަންނައެއް (ޕްރޮފެސަރެއް)ކަމުގައިވާ  އިބްރާހީމު ޢުވައިސް ސިފަކުރައްވާ ގޮތުގައި މިއީ މިއަދުގެ އެމެރިކާއެވެ. އެމެރިކާގެ ދަރަނީގެ ފަންގިފިލާ ވަނީ ތިންވަނަ ފަހަރަށް އުފުއްލައިފައެވެ. މީގެ މާނައަކީ އެމެރިކާއިން އިތުރަށް އަލުން ޑޮލަރު ޗާޕުކުރާން ފަށާނެއެވެ. އޭގެ ބަދަލުގައި އޮތީ ކޮންއެއްޗެއްހެއްޔެވެ؟

އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ސާފު އުޞޫލަށް ބަލާއިރު އެއީ ނައްސި (މައިނަސް) 44 ޓްރިލިޔަން ޑޮލަރެވެ. އެ ކަންކަމުން ޙިމާރު މި އޮތީ ހަމަ ރަނގަޅަށް ވެސް މަރުވެފައެވެ. ކުނިވެސް ވެފައެވެ. އެހެނަސް ޔާނަސީބު (ލޮޓަރީ) ޓިކެޓްތައް ދަނީ ގަދަޔަށް ވިއްކެމުންނެވެ.

___________________________________

ދެ ލަފުޒެއްގެ މާނަ

ހަރުމުދާ     ނ.    (1) ގެވެހި ކަންވާރާއި ގަހަނާ. (2) ގިނަ ދުވަސް ވާންދެން ހަލާކުނުވެ ހުންނަ މުދާ.

ނައްސި    ނއ.    (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (2) ނޭދެވޭ ނުވަތަ ނުރުހެވޭ. (3) ސުމަކަށްވުރެ ދަށް. (4) ބެޓެރީގައި ކަނޑާ ފާހަގަ (-) ޖަހައިފައި ހުންނަ ތަން ނުވަތަ ކޮޅު.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
މަދީޙު
ވަރަށް ސަޅި ލިޔުމެއް. އުސްތާޒަށް ހެޔޮ ރަޙުމަތްލައްވާށި! ފަރަގުގައި ހުންނަ ހުރިހާ ލިޔުންތަކެއް ވެސް ހަމަ ފަރަގު. ތިރީގައި މާނަ ލިޔެފަ ހުންނާތީ ވަރަށް ސަޅި. ޝުކުރިއްޔާ، ފަރަގު ޓީމް!
29 May 2024