Advertisement

ރަފަޙުގައި ވިއްސިވިހާލިވެފައި ތިބި ރައްޔިތުންނަށް އަމާޒުކޮށް އާ ގަތުލުއާންމެއް

29 May 2024 | 00:11
ރަފަޙަށް ރޭ ދިން ޙަމަލާގެ މަންޒަރެއް (ފޮޓޯ: އޭއެފްޕީ)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދެކުނު ރަފަޙުގެ ފޭލިގެ އަވަށްތަކުގެ ތެރެއިން ރައްކާތެރި ސަރަހައްދޭ ކިޔާ އަލްމަވާސީއަށް އިއްޔެ ދިން ފަނާކުރަނިވި އަސްކަރީ ޙަމަލާގައި އެތައް ބަޔަކު އަނެއްކާ ވެސް މި ޝަހީދުކޮށްލީ އެ އަނިޔާވެރިކަން ހުއްޓައިލައި ރަފަޙުން ފައިބާން އިސްރާއީލުގެ މައްޗަށް އދ.ގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފައިވަނިކޮށެވެ. ރަފަޙަށް އިއްޔެ ދިން ފަނާކުރަނިވި މި ޙަމަލާގައި 45 މީހުން ޝަހީދުކޮށްލިކަމަށް އިތުބާރު ހުރި މަސްދަރުތަކުން ޚަބަރު ލިބިފައިވެއެވެ. މި ޝަހީދުވި މީހުންގެ ތެރެއިން ކޮންމެ 30 މީހެއްގެ ތެރެއިން 21 މީހުންނަކީ އަންހެނުންނާއި ކުޑަކުދީންނެވެ. މިއީ މަދަނީންނާ ދެކޮޅަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ޙަމަލަތަކުގެ ސިލްސިލާގެ ބައެކެވެ.

ވައިގެ މަގުން ފުލުފުލުގައި ބޮމާއި ރޮކެޓުން ޙަމަލާދެމުން ގެންދާއިރު އަސްކަރީ ޓޭންކުތައް މިހާރު ހަރަކާތްތެރިވަނީ ރަފަޙުގެ މެދުތެރެއާ ދިމާއަށެވެ. މިއީ މުޅި ސަރަހައްދު ފުރިހަމައަށް އިސްތިޢުމާރުކޮށް ނިންމައިލާން ތައްޔާރުވެއްޖެކަމުގެ ނިޝާނެކެވެ.

މި އަނިޔާވެރިކަން މި ކުރިއަށް މި ގެންދަނީ ފަލަސްތީނުގެ މަދަނީންނާ ދެކޮޅަށް މި ހިންގާ ނަސްލުހޭދުގެ އަނިޔާވެރި، ލާއިންސާނީ ޢުދުވާނު ވަގުތުން ވަގުތަށް ހުއްޓައިލައި އިސްރާއީލުގެ ލަސްކަރު ރަފަޙުން ފައިބާން ބައިނަލްއަގުވާމީ އަދުލުއިންސާފުގެ ކޯޓުން އިސްރާއީލަށް އަމުރުކޮށްފައި ވަނިކޮށެވެ.

ރަފަޙުގައި އިއްޔެ ދިން ޙަމަލާގައި ޒަޙާމުކޮށްލައިފައިވާ ކުޑަކުއްޖެއް (ފޮޓޯ: އޭއެފްޕީ)<br>

ޚިޔާލަށް ގެންނާން ޖެހޭ ކަމަކީ މި ފަދަ ހުކުމެއް މިއީ އެހެން ގައުމެއްގެ މައްޗަށް ނެރުނު އަމުރެއްކަމުގައި ވީ ނަމަ، މިހާރު އެމެރިކާ އިސްވެ އޮވެ ހަނގުރަމައިގެ އިއްތިހާދު ހަދައިގެން އެ ބަޔަކާ ހަމަލަދީ އެ ބަޔެއްގެ ވެރީން ހިފައި ހައްޔަރުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާން އުޅެގަންނާނެ މިންވަރެވެ.

މިއީ ފަންނިއްޔާތާއި މަޢުލޫމާތުގެ މި ތަހުޒީބު ޒަމާނުގައި އެންމެ ދީމުޤުރާތީ ގައުމުކަމަށް ދައުވާކުރާ އަދި އެ ދައުވާ ގިނަ މީހުން ގަބޫލުކުރާ އެމެރިކާއާއި ވިލާތުގެ "ބާރުގަދަ" ގައުމުތަކުގެ އަދުލުއިންސާފާއި ޑިމޮކްރެސީގެ ޙާލަތު އޮތް މިންވަރެވެ. އިންސާނުންގެ ހައްގޭ، އަންހެނުންނާއި ކުޑަކުދީންގެ ހައްގޭ ފަޅޮލޭ ކިޔައިގެން ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް މި މީސްމީހުން އައިސް އުޅޭކަށް ލަދެއް ވެސް ނުގަނޭހެއްޔެވެ!

އެހެންނަމަވެސް ވިލާތުގައި ވެސް ހައްގު ގަބޫލުކުރާ ބައެއް ގައުމުތައް އެބަ ތިއްބެވެ. މި ފަދަ ގައުމުތަކުން މި އުދުވާނު ނިމުކަމަށް ގެންނާން ގޮވައިލައެވެ. ވިލާތުގެ ތިން ގައުމުކަމަށްވާ އިސްޕޭނާއި ނޯވޭއާއި އަޔަރލޭންޑުން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ރަސްމީ ގޮތުން ވަނީ ބަލައިގަނެ އެ ކަން އިޢުލާނުކޮށްފައެވެ.

މި ދިޔަ އަހަރު އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާން ފެށި ޢުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 37 ހާހަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. 81 ހާހަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފިއެވެ. މިލިޔަނެއް ހައި މީހުން ވިއްސިވިހާލިކޮށްލައިފިއެވެ. ހުރިހައި އެންމެން ބަނޑަށް ޖައްސައި، ބޯހިޔާވަހިކަން ނިގުޅައިގެންފިއެވެ. އެކަމަކު އިސްލާމީ އުންމަތާއި ދުނިޔެ އޮތީ ކުޅިބަލާށެވެ.

ބައެއް ލަފުޒުގެ މާނަ:

ގަތުލުއާންމު    ނ.    ރަހުމުކުޑަ ގޮތެއްގައި ނުވަތަ އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު މަރައިލުމުގެ ޢަމަލު.

ނަސްލުހޭދު    ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ފަންނިއްޔާތު   ނ.    (1) ރަހުމުކުޑަ ގޮތެއްގައި ނުވަތަ އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު މަރައިލުމުގެ ޢަމަލު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ އަދި މިހާރު ވެސް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ބަހާއި އަދަބުގެ ދާއިރާއިންނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ތިވެހި ތާރީޚާއި އިޖުތިމާޢި ދާއިރާއާއިން ގިނަ ލިޔުންތަކެއް ލިޔުއްވައިފައިވާ ޢަޒީޒު ޖަމާލަކީ އުނގަންނައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއިންނާއި އިސްކޫލުތައް ހިންގުމުގެ ދާއިރާއިންނާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޤާނޫނީ ވަކީލެއް ވެސް މެއެވެ. ދިވެހިބަހަށް ޚިދުމަތްކުރުމުގެ ގޮތުން ހިތްވަރުދިނުމުގެ ޤައުމީ އިނާމް (1997)އާއި ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު (2020ވަނަ އަހަރު) ދިވެހި ދައުލަތުން އޭނާއަށް ވަނީ ދެއްވައިފައެވެ.

Advertisement

ކޮމެންޓް