Advertisement

ސަންބަލްދޫގެ ބަރުލަމާނީ ކެންޑިޑޭޓުންގެ އަގު ވަޒަންކޮށް ކަނޑައެޅުން

17 Oct 2023 | 10:45
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މިއީ އެވޭލާ ޒަމާނުގެ އެވޭލާ ރާއްޖެއެއްގެ ވާހަކައެކެވެ. މީލާދުގެ ހައެއްކަ ގަރުނުގެ ކުރީގެ ވާހަކައެކެވެ. އެ ޒަމާނުގައި ޔޫނާނުގައި ޑިމޮކްރެސީ އުސޫލުން ހިންގި ރަށްތަކުގެ ދައުލަތްތައް އޮތެވެ. މި ފަދަ އުސޫލުތަކެއްގެ މަތީން ސަރުކާރުތައް ހިންގުމަކީ ހެޔޮ ގޮތެއްކަމުގައި ބެލެވުނެވެ. އަދި މި ޚަބަރު، ކައިރީގައްޔާއި ދުރުގައި އޮންނަ ރާއްޖެތަކަށް ވެސް ފޯރިއެވެ. އަދި ތަންކޮޅެއް ދުރުގައި، ފަރުބަދަތަކެއްގެ މަތީގައި, އޮތް ރާއްޖެއެއްކަމަށްވާ ސަމްބަލްދޫއޭ ކިޔުނު ރާއްޖެއަކަށް ވެސް ޔޫނާނުގެ ޑިމޮކްރަސީގެ ވާހަކަ، އޮޔާއި ވައިގެ އެހީގައި ފޯރިއެވެ.

ދެން، ސަންބަލްދޫގެ ކަމުވޮށިވެގެންވާ ބޭކަލުން ގަސްތުކުރެއްވީ ޔޫނާނީ ޑިމޮކުރަސީ ސަންބަލްދޫގައި ވެސް ހިންގައިލުމަށެވެ. އެ މީހުންނަށް ލިބިފައި އޮތް ޚަބަރުތައް ބުނާ ގޮތުން، މި ކަން ކުރުމަށް ޓަކައި، ބަރުލަމާނޭ ކިޔާ ތަނެއް ބޭނުންވެއެވެ. އަދި އެ ތަނަށް ބަރުލަމާނީންނޭ ކިޔާ މީހުންތަކެއް ހޮވާން ޖެހެއެވެ. މި ފަދަ ތަނަކާއި އެ ތަނަކަށް ބަޔަކު އައްޔަނުކުރުމަކީ ސަންބަލްދޫގައި، މީގެ ކުރީން، ކުރެވިފައި ނެތް ކަމަކަށް ވާތީ، މި ކަން ކުރާން ބައެއް ދަތިތައް މެދުވެރިވިއެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ބަރުލަމާނަށް އެންމެ ގާބިލު މެންބަރުން އިސްކުރުމުގެ މައްސަލައެވެ. ސަންބަލްދޫގެ ރައްޔިތުން އަޑުއަހައިފައިވާ ގޮތުން، ޔޫނާނުގެ ޑިމޮކުރަސީ އުސޫލުތައް ބުނަނީ ބަރުލަމާނީއަކަށް ވާން އޮތް ހަމަ އެކަނި ޝަރުތަކީ މިނިވަން ރައްޔިތަކަށްވުން ކަމަށެވެ. ސަންބަލްދޫއަކީ އެއް ގޮތަކަށް ވެސް އަޅުން ނޫޅޭ ރާއްޖެއަކަށް ވާތީ، ސަންބަލްދޫގެ ހުރިހާ ރައްޔިތުންނަށް ވެސް ބަރުލަމާނީއަކަށް ވުމުގެ ފުރުސަތު އޮތެވެ. އެހެންވެ، ބަރުލަމާނީއަކަށް ވާން އެދޭ މީހުންނަކީ، ސިކުނޑީގެ ތެތްކަމެއް ހުރި، ގާބިލު ބަޔެއްކަން ރައްޔިތުންނަށް އަންގައިދޭނޭ ގޮތެއް ހޯދާން ޖެހުނެވެ.

ސަންބަލްދޫގެ ކަމުވޮށިގެންވާ މީހުން މުހިންމު ބައެއް މައްސަލައާ މެދު ބަހުސްކުރިއެވެ. އަދި، އެއަށް ފަހު ނިންމީ ބަރުލަމާނުގެ މެންބަރަކަށް، އެހެން ގޮތަކަށް ދަންނަވާނަމަ، ބަރުލަމާނީއަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ އަގު ވަޒަންކޮށް، އެ މީހެއްގެ އަގަށް އަދަދެއް ކަނޑައެޅުމަށެވެ. އަދި، މި ގޮތުން ބަރުލަމާނީ ކޮންމެ ކެންޑިޑޭޓެއްގެ އަގުކުރުމަށް ފަހު، އެންމެ އަގު ބޮޑު ކެންޑިޑޭޓުން ބަރުލަމާނީންގެ ގޮތުގައި ހޮވުމަށެވެ.

ދެން، ސަންބަލްދޫގެ ކަމުވޮށިވެގެންވާ ބޭކަލުން، ބަރުލަމާނީން އަގުކުރާނޭ ކޮމިޓީއެއް އުފެއްދެވިއެވެ. އަދި، އެ ކަމަށްޓަކައި ޚާއްސަ އުސޫލެއް ކަނޑައެޅިއެވެ. ކޮންމެ ބަރުލަމާނީ ކެންޑިޑޭޓެއްގެ އެތެރެފުށާއި ބޭރުފުށް ބަލައި އޭނާގެ އަގު ފައިސާއިން ވަޒަންކޮށް ކަނޑައަޅައިލުމަށެވެ. މި އުސޫލު ބުނާ ގޮތުން، ބަރުލާމާނީ ކެންޑިޑޭޓުގެ ބޭރުފުށުގެ އަގު ކަނޑައެޅޭނީ ކޮންމެ މީހަކު ވެސް އޭނާގެ ބޭރުފުށް ފެންނަ ގޮތުގެ މައްޗަށް ބަލައިފައެވެ. އޭނާގެ ހެދުމާއި އަދި ޒީނަތްތެރިކުރުމަށް ޓަކައި ބޭނުންވާ ގަހަނާއަށް ވެސް ބޭރުފުށް އަގުކުރުމުގައި ބެލެވޭނޭކަމަށް މި ދެންނެވި އުސޫލުތަކުގައި ލިޔެވިފައި އޮތެވެ. އެތެރެ ފުށުގެ އަގު ވަޒަންކުރެވޭނީ ކޮންމެ ބަރުލަމާނީ ކެންޑިޑޭޓަކާ ކުރެވޭ ދެތިން ސުއާލެއްގެ މައްޗަށް ބިނާކޮށެވެ. އާދޭހެވެ! އޭނާގެ ސިކުނޑިގެ ތެތްކަން ވަޒަންކުރުމުގެ ގޮތުންނެވެ.

ކޮންމެއަކަސް ސަންބަލްދޫގެ ބަރުލަމާނަށް ބަރުލަމީނީން އިންތިޚާބުކުރުމަށް ޓަކައި ދުރާލައި ބަރުލަމާނީ ކެންޑިޑޭޓުންގެ އަގު ވަޒަންކޮށް ކަނޑައެޅުމުގެ މަސައްކަތް ފެށުނެވެ. މި ކަމަށް ކަނޑައެޅުނު ކޮމިޓީއެއްގެ ދަށުންނެވެ. އަގު ވަޒަންކުރުމުގައި ބޭނުންކުރާން ހަމަޖެހިފައި އޮތީ ސަންބަލްދޫގެ ފައިސާކަމަށްވާ ޑުރަޚުމާއެވެ. ބައެއް ހިސާބުތަކުގައި މި ފައިސާއަށް ދިރުހަމޭ ވެސް ކިޔެއެވެ. ކޮންމެއަކަސް އަދުގެ ކިޔުންތެރީންނަށް ފަސޭހަކޮށްލައިދިނުމުގެ ގޮތުން، ބަރުލަމާނީ ކެންޑިޑޭޓުންގެ އަގު، ކަމާ ބެހޭ ކޮމިޓީއިން ކަނޑައެޅުމުން، އެ އަގު ޑޮލަރުގެ ރޭޓުން ބަޔާންކުރާނަމެވެ.

ސަންބަލްދޫގެ ބަރުލަމާނަށް ވަރަށް ގިނަ ކެންޑިޑޭޓުން ކުރިމަތިލިއެވެ. މައިގަނޑު ސަބަބަކީ ބަރުލަމާނީ މެންބަރެއްގެ މުސާރު ބޮޑުވުމެވެ. އަދިވެސް، އެހެން އިތުރު މާއްދީ ފައިދާތައް އޮތުމެވެ. ތަފާތު މާއްދީ އިނާޔަތްތަކެވެ. އަދި، މި ކަންކަން އިތުރުކުރުމުގެ ބާރާއި އިޚްތިޔާރު ވެސް އޮންނަނީ އެ މީހުންގެ އަތްމަތީކަމުގައި ވުމުން، އެއީ އެ މީހުން ބޭނުންވެއްޖެ ހިނދެންގައި އިތުރުކޮށްލެވިދާނޭ މުސާރައަކާއި އިނާޔަތްތަކެވެ. އަދި މީގެ އިތުރަށް، ސަންބަލްދޫގައި ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކުން ބައި ލިބޭ ގޮތް ވުން ވެސް މެންބަރަކަށްވާން ދަހިވެތިކުރުވައެވެ. އެ ފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް އެ މަޝްރޫއުތައް ހޯދައިދިނުމުގެ މާތް މަތިވެރި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލައިދިނުމުން ލިބޭ ހަދިޔާގެ އިނާމުގެ ބައެވެ. އަދި މީގެ އިތުރަށް ވެސް، މާ ބޮޑު މަސައްކަތްތެއް ކުރާން ނުޖެހުމަކީ ވެސް ބަރުލަމާނީއަކަށްވާން ހިތްވަރުދޭ ކަމެކެވެ. ސަންބަލްދޫގެ ޚަބަރުތައް ބުނާ ގޮތުން، ބަރުލަމާނީއަކަށް ވެވިއްޖެ ނަމަ، ބަރުލަމާނުގެ ކޮންކުރީޓު މައް ތަނބުތަކާ ވާދަކޮށް، ހަނުހުރެ، އެތައް އަހަރުތަކެއް ވޭތުކޮށް ބަރުލަމާނުގެ އެ ފަދަ، ނަމަވެސް، ދިރިހުރި މަންމަނު ތަނބަކަށް ވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި، ބަރުލަމާނުގެ މި ފަދަ ކޮންކުރީޓު މަންމަނު ތަނބަކަށް ވުމުން، މުސްތަގުބަލުގައި ސަންބަލްދޫގެ ވެރިކަމަށް ވެސް އާދެވިދާނެއެވެ. ކޮންމެއަކަސް މި ހުރިހާ ސަބަބަކަށް ޓަކައި، ސަންބަލްދޫގެ ރައްޔިތުން ދުށީ ބަރުލަމާނީއަކަށް ވުމަކީ ކުރު މުއްދަތެއްގައި މުއްސަނދިވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައެވެ. އާދޭހެވެ! ސަންބަލްދޫގެ ޑިމޮކުރަސީ ވާނީ ހަމަ ނަމޫނާ ޑިމޮކުރަސީއަކަށެވެ.

ކޮންމެ އަކަސް، ވަގުތު ޖެހުމުން، ބަރުލަމާނީ ކޮންމެ ކެންޑިޑޭޑަޓަކު ވެސް އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން އަގު ވަޒަންކުރާ ކޮމިޓީއަށް ހާޒިރުވިއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކުޅި މަޖަލުގައި ކޮންމެވެސް ވަރައްގެ ފޯރުންތެރިކަމެއް ހުރި، އެ މީހުންގެ މައިންބަފައިންގެ ފިޔަތަކުގެ ދަށުގައި އުޅެ ބޮޑުވެ މެދު އުމުރަށް އެޅިފައި ތިބި މީހުންނެވެ. އެ މީހުންގެ ބަސްކޮށާރުގައި މަސައްކަތްކުރުމަކީ ނެތް ލަފުޒެކޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އަދި، އުނގެނުމާއި ކިޔެވުމުގެ މާ ބޮޑު ބޭނުމެއް އޮތްކަމަކަށް ވެސް މި ފަދަ މީސްމީހުންނެއް ނުދެކެއެވެ. އެ މީހުން ދެކޭ ގޮތުގައި، ބަރުލަމާނުގައި ބޭނުންވާނީ ހުޅުވިފައިވާ ތޫނުފިލި ސިނކުޑިތަކެއް ނޫނެވެ. އެ މީހުންގެ ނަޒަރުގައި ބަރުލަމާނުގައި ބޭނުން ޖެހޭނޭ ހުނަރަކީ ސަންބަލްދޫގެ ސައި ހޮޓާތަކުގައި އޮންނަ ބޮޑު ބަސް ބުނުމާއި ވައި އަނގަތެޅުމުގެ ހުނަރެވެ. މި ފަދަ ހުނަރުތައް މި މީހުންނަށް ލިބިފައި އޮތްކަމަށް މި މީހުން ދުށްޓެވެ.

މި ފަދަ ބޮޑު ބަސް ބުނުމާއި ވައި އަނގަ ތެޅުމުގެ ހުނަރު އެ މީހުންނަށް ލިބިފައި އޮތްކަމަށަ ވިޔަސް، ބަރުލަމާނީންގެ އަގުކުރާ ކޮމިޓީން މަތީ އަގެއް ނުލިބިދާނެތީ އެ ކަމާ މި މީހުން ކަންބޮޑުވިއެވެ. މި ކަމުން އަރައި ގަތުމުގެ ގޮތުން މި ފަދަ މީހުން ނިންމީ އެ މީހުންގެ ބޭރުފުށުގެ އަގު މައްޗަށް ދާނޭ ގޮތް ހެދުމަށެވެ. އެތެރެ ފުށުގެ ތެތްކަމަށް މާ ބޮޑު މާކުހެއް ނުލިބުނުކަމުގައި ވިޔަސް، ބޭރުފުށުގެ އަގު މަތިވެއްޖެ ނަމަ، އެބައި ފޫބެއްދިދާނޭ ކަމަށް ފެންނާތީއެވެ.

ބަރުލަމާނީ ކެންޑިޑޭޓުންގެ އަގު ވަޒަންކުރުމުގެ ދުވަސް އައުމުގެ ކުރީން، ބޮޑު ބަސް ބުނުމާއި ވައިއަނގަ ތެޅުމުގެ ހުނަރުވެރި ބަރުލަމާނީ ކެންޑިޑޭޓުން ބާޒާރަށް ގޮސް ބައެއް ކަހަލަ އެއްޗެހި ހޯދިއެވެ. އެ ދުވަސްވަރުގެ އެންމެ އަގު ބޮޑެތި ފޭރާމުގެ ހެދުމެވެ. މިހާރުގެ ބަހުރުވައިން ނަމަ، މޮޅެތި ބުރޭންޑުތަކުގެ ގަމީހާއި ފަޓުލޫނެވެ. ކޯޓާއި ޓައީއެވެ. އަދި، ރަންރިހީގެ ގަހަނާތަކެވެ. ބޮޑެތި ރަން ހާރުތަކާއި އުޅާތަކެވެ. އަގު ބޮޑު ބޮޑެތިބޮޑެތި އަސްރަފީ ޖަހައިފައިވާ ރަންރިހީގެ އަނގޮޓިތަކެވެ. އަދިވެސް، އެ މީހުންގެ ބޭރުފުށުގެ އަގު ވަޒަންކުރުމުގައި ހިމެނިދާނެ ކަހަލަ އެއްޗިއްސެވެ. މިހާރުގެ ބަހުން ނަމަ، އަތުގައި އަޅާނޭ އަގު ބޮޑެތި ގަޑިތަކާއި ރީތި އައިނުތަކެވެ. ޖީބުގައި ޖަހައިފައި ބަހައްޓާނޭ އަގު ބޮޑެތި ގަލަންތަކެވެ. މީރުވަސް ދުވާ ބޮކަރު އަތަރާއި އެކި ބާވަތްބާވަތުގެ ސެންޓުތަކެވެ.

ދެން ބަރުލަމާނީ ކޮންމެ ކެންޑިޑޭޓަކު ވެސް، އޭނާގެ ވަގުތު ޖެހުމުން، ބަރުލަމާނީ ކެންޑިޑޭޓުންގެ އަގުކުރުމުގެ ކޮމިޓީއާ ކުރިމަތިލާން ވަނެވެ. ފުރަތަމަ ކެންޑިޑޭޓު ކޮމިޓީގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އޭނާގެ ފުރިހަމަ ނަމަކީ ޑޮމިނީކް ވިލިޔަމް އެވެ. ސަންބަލްދޫގައި ޑޮމިނިކް ކިޔާ މީހުންނަށް އާންމު ގޮތެއްގައި ކިޔައި އުޅެނީ "ޑޮމް"އެވެ. އަދި ވިލިޔަމް ކިޔާ މީހުންނަށް "ބިލް"އެވެ. އާދޭހެވެ! ޑޮމްބިލް، އަގުކުރާ ކޮމިޓީގެ ކުރިމައްޗަށް އައުމުން، އޭނާގެ އަގު ވަޒަންކުރުމުގެ މަސައްކަތް ފެށުނެވެ. ވަރަށް ވެސް ސިއްރިއްޔާތުގައި، ކެންޑިޑޭޓަށް ނޭނގޭނޭ ފަދަ ގޮތެއްގައި ކޮމިޓީގައި އެކުލެވޭ ތިން މެންބަރުންގެ މެދުގައި މަޝްވަރާކުރެވިގެންނެވެ. ފުރަތަމަ ކެންޑިޑޭޓު ޑޮމްބިލްގެ ފައިން ފެށިގެން ބޮލުގެ ފުއްކިބައާ ހަމައަށް ބަލައިލުމަށް ފަހު، އޭނާގެ އަގު ވަޒަންކުރުމުގެ މަސައްކަތް ފެށުނެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި އޭނާގެ ބޭރު ފުށުން ފެންނަން ހުރި އެއްޗިއްސަށް އަގެއް ދިނެވެ. އެގޮތުން، އޭނާގެ ހެދުމަށް 500 ޔޫ.އެސް ޑޮލަރު ދެވުނެވެ. އަދި، އޭނާގެ ކަރުގައި އޮތް ރަންފަށަށް 1500 ޑޮލަރު ދެވުނެވެ. އޭނާ އަރައިގެން ހުރި ބޫޓަށް 500 ޑޮލަރު ދެވުނެވެ. އަތުގައި އޮތް ގަޑިއަށް 2000 ޑޮލަރު ދެވުނެވެ. ޖީބުގައި ޖަހައިފައި ހުރި ގަލަމަށް 1000 ޑޮލަރު ދެވުނެވެ. ގައިން ދުވި މީރު ވަހުގެ ސެންޓުގެ އަގަށް 500 ޑޮލަރު ދެވުނެވެ. ދެން އެތެރެ ފުށުގެ އަގު ވަޒަންކޮށްލުމުގެ ގޮތުން ތަފާތު ސުވާލުކޮށްލިއެވެ. ޔޫރަޕާ ބެހޭ ގޮތުން އެއްޗެއް ބުނާން އެދުމުން، އޭނާގެ ކަންފަތުގައި ޖެހުނީ ޕާގެ އަޑެވެ. އޭނާއަށް ހީވީ މި ދައްކަނީ 'ޕޯނު'ގެ ވާހަކަކަމަށެވެ. ދެން، ޕޯނަކީ ކޮންއެއްޗަކަމާއި އަދި އެއީ އާންމުންގެ ތެރޭގައި ގެންގުޅުން މާ ރަނގަޅު ނޫން އެއްޗެއްކަމަށް ވެސް އޭނާ ބުންޏެވެ. އެކަކާއި އެކަކާ އެއްކުރީމާ ވަނީ ކިހާވަރެއްތޯ އެހުމުން، އޭނާ ބުނީ އެގާރަކަމަށެވެ. މެދުއިރުމައްޗަކީ ކޮބައިތޯ ބުނުމުން އޭނާ ބުނީ އެއީ އިރު އުޑުގެ މެދަށް އައުމުން ދުވަސް ދެބައިވީކަމުގެ ނިޝާނެވެ. ކޮންމެއަކަސް މި ފަދަ އެތައް ސުވާލެއްކޮށް، ޑޮމްބިލް ދިން ޖަވާބުތަކުގެ މައްޗަށް ބަލައި، އަގުކުރާ ކޮމިޓީން ނިންމީ ޑޮމްބިލްގެ އެތެރޭގައި މާބޮޑު އެއްޗެއް ނެތްކަމެވެ. އޭނާގެ އެތެރެ ހޮއިވެފައި ސިކުނޑީގެ އެއްވެސް ތެތްކަމެއް ނެތް ކަމެވެ. އެހެންވެ، ޑޮމްބިލްގެ އެތެރެ ފުށުގެ އަގަކަށް އަގުކުރާ ކޮމިޓީން ދިނީ ސުމެކެވެ. އެހެންކަމަށް ވިޔަސް، ބޭރުފުށަށް ބަލައި، އޭނާގެ ޖުމްލަ އަގު 6000 ޑޮލަރު ކަމުގައި ނިންމިއެވެ.

ބަރުލަމާނީ ފުރަތަމަ ކެންޑިޑޭޓު ޑޮމްބިލްގެ އަގު ވަޒަންކޮށް ނިމުމުން، އޭނާއަށް އޭނާގެ ނަތީޖާ ދެވުނެވެ. އަދި، މައްސަލައެއް އޮތް ނަމަ، ވަގުތުން ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އޭނާ ގާތު ބުނެވުނެވެ. ޑޮމްބިލް އޭނާގެ ނަތީޖާއާ މެދު ހިތް ހަމަ ނުޖެހުމުން އެކަމުގެ ޝަކުވާ ކޮމިޓީއަށް ހުށަހެޅިއެވެ. އަދި، ވަރަށް ވެސް ރަނގަޅު ވާހަކައެއް ޑޮމްބިލް ބުންޏެވެ. ތިމަންގެ ބޭރުފުށުގެ އަގަށް އެކަނި ވެސް 6000 ޑޮލަރު ޖެހޭނެއެވެ. އެހެންވީމާ ތިމަންނަގެ އެތެރެ ފުށުގެ އަގު މިއަށް އިތުރުކޮށްފި ނަމަ، ތިމަންނާގެ އަގު 6000ޑޮލަރަށް ވުރެ މަތިވާން ޖެހޭނޭކަން ވެސް ޑޮމްބިލް ބުންޏެވެ.

ދެން، ކޮމިޓީގެ ފަރާތުން، އޭނާއަށް ޖަވާބުދިނެވެ. އުފަލާއެކު، ކޮމިޓީއިން ފާހަގަކުރީ ކޮމިޓީއަށް ހެޔޮ ގޮތުގައި އޭނާގެ އަގު ވަޒަންކުރެވުނު ކަމެވެ. ސަބަބަކީ އޭނާގެ ބޭރު ފުށުން ފެންނާން ހުރި އެއްޗެހީގެ އަގު، ބާޒާރުގެ އަގާ އެއް ފަދަ ގޮތެއްގައި ކަނޑައަޅައިލެވުނުކަމެވެ. އަދި، ޑޮމްބިލްގެ އަމިއްލަ އިއުތިރާފުން ވެސް އެ ކަން ކަށަވަރުވާކަމެވެ. ޑޮމްބިލާ ކުރެވުނު ސުއާލުތަކަށް އޭނާ ދިން ޖަވާބަށް ބަލައި، ކޮމިޓީއަށް ފެނުނީ އޭނާގެ އެތެރެ ފުށް ހޮއިކަމެވެ. ސިކުނޑީގައި ބަރުލަމާނީއަކަށް ވުމުގެ ތެތްކަމެއް ނެތަކަމެވެ. އެހެންވެ، އޭނާއަށް އެ ކަމުން އެއްވެސް ޕޮއިންޓެއް ނުލިބުނީކަމުގައެވެ. އަދި، އޭނާގެ އަގެއް ހުރި ނަމަ، އެ އަގު ހުރީ އޭނާގެ ހެދުމާއި ބޫޓާއި ގަޑިއާއި ފަށާއި ގަލަމުގައިކަމެވެ. ނަމަވެސް، މިއީ ހިތާމަކުރާން ޖެހޭނޭ ކަމެއް ނޫންކަން ވެސް ކޮމިޓީން އޭނާއަށް ބުނެދިނެވެ. ސަބަބަކީ ދެން ތިބި ކެންޑިޑޭޓުންގެ އަގު އޭނާގެ އަގަށް ވުރެ ދަށް ވެއްޖެ ނަމަ، އޭނާއަކީ އެތެރެ ހޮއި މީހަކަށް ވިޔަސް، އަދި ބަރުލަމާނީއަކަށް ވުމުގެ އެންމެ އެކަށޭނަ ގާބިލުކަން ނެތަސް، ސަންބަލްދޫގެ މިނިވަން ރައްޔިތަކަށް ވުމުން، ސަންބަލްދޫގެ ބަރުލަމާނީއަކަށް ވެވިދާނެތީއެވެ.

ފުރަތަމަ އަގު ކުރެވުނު ކެންޑިޑޭޓު، ޑޮމްބިލްގެ ނަސީބު ވަރަށް ވެސް ރަނގަޅެވެ. ދެން ވެސް ތިބި ގިނަ ކެންޑިޑޭޓުން، އެމީހުންގެ އެތެރެ ހޮއި ވުމުން، އެ މީހުންގެ އަގު ވެސް ބިނާވެފައި އޮތީ ހަމަ އެ މީހުން ލައިގެން ތިބި އެއްޗަކަށާއި އަޅައިގެން ހުރި ތަކެތީގެ މައްޗަށެވެ. އެހެންވީމާ، އަގުގެ ގޮތުން އެންމެ މަތިވީ އެންމެ އަގު ބޮޑު ހެދުމަކާއި ބޫޓަކާއި ގަޑި ފަދަ އެއްޗިހި އޭނާގެ ބޭރު ފުށުން ފެންނާން އޮތް މީހުންގެއެވެ. އަދި، މި ކަމުގެ މައްޗަށް ބަލައި، ބަރުލަމާނީ މެންބަރުންނަށް ހޮވާން ޖެހުނީ އެތެރެ ހޮއި، ނަމަވެސް ގަމީހާއި ގަޑީގެ އަގުބޮޑު މީސް މީހުންނެވެ. އަދި، މި ފަދަ މީސް މީހުން، ސަންބަލްދޫގެ ބަރުލަމާނަށް ހޮވުމުން، އެމީހުންގެ އަގު އިތުރަށް ބޮޑުކުރުމުގެ ގޮތުން، އެމީހުންގެ ގަމީހާއި ފަޓުލޫނު، ޓައިއާއި ބޫޓު، އަދި ގަޑިއާއި ގަލަން، މި ފަދަ ތަކެތީގެ އެންމެ އަގު ބޮޑު ވައްތަރުތައް ހޯދިއެވެ.

މި ކަމުގެ ނަތީޖާއަކީތޯއެވެ! ސަންބަލްދޫގެ ޑިމޮކުރަސީ ހިންގާން، ތަންދޮރު ނުދަންނަ، އެތެރެ ހޮއި، ޖާހިލު ބައިގަނޑެއް އިންތިޚާބުވުމެވެ. އެ މީހުންގެ އަގު ބިނާވެފައި އޮންނަނީ އެ މީހުންގެ ބޭރު ފުރަށެވެ. ލައިގެން ހުންނަ ގަމީހާ ފަޓުލޫނުގެ މައްޗަށެވެ. އަޅައިގެން ހުންނަ ޓައިއާއި ޖީބަށް ޖަހައިފައި ހުންނަ ގަލުމުގެ މައްޗަށެވެ. ލިޔެކިޔާން ނޭނގުނުކަމުގައި ވިޔަސް ވެހެވެ. އެ މީހުންގެ ހުރިހާ ވެސް ހުނަރަކީ ސައިހޮޓާތަކުގެ ބޮޑު ބަސް ބުނުމާއި ވައި އަނގަތެޅުމުގެ ހުނަރަވެ. ނަމަވެސް، އުފާވެރި ޚަބަރެއް ވެސް ސަންބަލްދޫގެ ނޫސްތަކުގައި ލިޔެވިފައި އޮތެވެ. ސަންބަލްދޫގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އެ މީހުންގެ ގައުމު ބިނާކޮށް ގައުމާއިގެން، ތަރައްގީގެ މަގުގައި ކުރިއަށް ދިޔުމަށް ބޭނުންވަނީ ބޮޑު ބަސް ބުނެ، ވައި އަނގަތަޅާ ބަޔެކެވެ. އެހެންވުމުން، އަގު ބޮޑު ގަމީސްތަކާއި ފަޓުލޫނުތަކާއި އަތުކުރީ ގަޑިތަކާއި ގަލަންތަކުގެ ވެރި ބަރުލަމާނީންގެ ބޮޑު ބަސްބުނުމުންނާއި ވައިއަނގަތެޅުމުން ގައުމު ބިނާކޮށް ސަންބަލްދޫގެ މުސްތަގުބަލު އުޖާލާކުރެވޭނެއެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
ސާމިޔާ
މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިބި ގިނަ މެންބަރުންގެ ހާލަތު.
18 Oct 2023