Advertisement

ފަލަސްތީނުގެ މައްސަލައަށް ކޮންމެ ޙާލަތެއްގައި ވެސް ދިވެހީން ސަމާލުކަންދެއެވެ.

28 May 2024 | 06:38
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ މަފުދުގެ ބައިވެރީން ސިޑްސް މަހާސިންތާއަށް ވަޑައިގަތުމުން މަގުދައްކަނީ (ފޮޓޯ: އޯލްއިންކްލޫސިވެ)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ހަމަ ބައިނަލްއަގުވާމީ ކޮންމެ މަންސައެއްގައި ވެސް ވަކާލާތުކުރައްވަމުން ގެންދަވާކަމީ އުޚުއްވަތްތެރި ފަލަސްޠީނުގެ ޙާލާ މެދު ދިވެހީން ކަންބޮޑުވެ އެބައިމީހުންގެ މައްސަލަ ޙައްލުވާން އެދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މި ފަހަކަށް އައިސް ދިވެހިރާއްޖެއިން ބައިވެރިވާ ހަމަ ކޮންމެ ޖަލްސާއެއްގައި ދިވެހިރާއްޖެއިން ގެންދަވަނީ ފަލަސްތީނުގެ މިނިވަންކަމާއި ރައްކާތެރިކަމަށް ޓަކައި ވަރަށް ކެރިވަޑައިގެން އަޑު އުފުއްލަވަމުންނެވެ. ދާދި ފަހުން، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު އިނގިރޭސި ބަހުން ދެއްވި ތަޤުރީރާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ޢަރަބި ބަހުން ދެއްވި ތަޤުރީރަކީ ވަރަށް ގިނަ ބަޔެއްގެ ތަޢުރީފު ލިބުނު ދެ ތަޤުރީރެވެ.

މީގެ އިތުރަށް އެކި ޖަލްސާތަކުގައްޔާއި މީސްމީޑިއާގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްގުތަކަށް ގޮވައިލައްވައި ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ، "ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ އިފްތިތާޙީ ތަޤުރީރުގައި ވެސް އެ މަނިކުފާނު ވަނީ މި ވާހަކަ ވަރަށް ވަރުގަދައަށް ވިދާޅުވެ، އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ އިސްވާރުން ތެދުވަވަޑައިގަންނަވާން ޖެހޭކަމަށް ވެސް އެ މަނިކުފާނުގެ ތަޤުރީރުގައި ހަރުއަޑުފުޅުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އިސްވާރުން ބައްދަލުވެ، މަޝްވަރާކުރަމުންދާ އިރު ހައްދުފަހަނަޅައިފައިވާ ޔަހޫދީން ގެންދަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ އަމުރުތަކަށް ބޯލެނބުމެއް ނެތި، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގައި ނަސްލުހޭދެއް ހިންގަމުންކަމަށެވެ. އެހެންކަމުން ނަސްލެއް ނައްތައިލުމަށް ޓަކައި ޔަހޫދީން ހިންގަމުން ގެންދާ މި ލާއިންސާނީ ޢުދުވާނު ވަގުތުން ހުއްޓައިލާން ސިޑްސްގެ ޤައުމުތަކުގެ އިސްވާރުން ގުޅިގެން ގޮވައިލާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޑްސްގެ ހަތަރުވަނަ މަހާސިންތާގައި ރައީސުލްޖުމުހޫރިއްޔާއާއި ޚާރިޖީވަޒީރު (ކުރީގައި) އާއި ވަފުދުގެ ބޭފުޅުން<br>

"ޔަހޫދީ އިސްވާރުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެ މުޖުރިމުންގެ ޖަރީމާތަކަށް ޒިންމާކުރުވާންވީ ވަގުތު ޖެހިއްޖެ"ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ސިޑްސްގެ ހަތަރުވަނަ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް ޓަކައި ވާހަކަފުޅުދައްކަވަމުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވާހަކަފުޅުދައްކަވައިފައިވުމުގެ އިތުރަށް އެ މަނިކުފާނާއި ދިވެހިސަރުކާރުން ގެންދަވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

ސިޑްސްގެ ހަތަރުވަނަ މަހާސިންތާގެ އިފުތިތާޙީ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ފަލަސްޠީނުގެ ރަފަޙުގައި ޙާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ނަސްލުހޭދު ވަގުތުން ހުއްޓައިލުމަށާއި، ބައިނަލްއަގުވާމީ އަދުލުއިންސާފުގެ ކޫޓުން ކޮށްފައިވާ އަމުރާ އެޤައުމުން ޚިލާފުވަމުންދާކަމުގައެވެ. އަދި އިސްރާއީލުން އެ ކުރާ 'ހަނގުރާމަ' (ހިންގާ ނަސްލުހޭދު) ވަގުތުން ހުއްޓައިލާން ގޮވައިލުމުގައި ސިޑްސްގެ ހަތަރުވަނަ މަހާސިންތާގައި ބައިވެރިވާ ހުރިހައި އިސްވާރުން އެއްބައިވަންތަވާން ޖެހޭކަމުގައި ވެސް ވިދާޅުވިއެވެ.

މި ބަޔާން އިއްވަވައިދެއްވާން ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނު މައްސަލައިގެ އިތުރަށް ސިޑްސްގެ މެންބަރެއްކަމުގައިވާ ޕަޕުއާ ނިއުގިނީގައި އިހަށް ދުވަހަކު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމަށް ކުރިމަތިވެފައިވާ ހިތަށް ގެންނާން ދަތި، ހިތާމަވެރި ހާދިސާއާ މެދު ހިތާމަފުޅުކުރައްވާކަމަށާއި އެ ބޮޑު ހިތާމައިގައި އެ މަނިކުފާނާއި ދިވެހި ސަރުކާރު ބައިވެރިވެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

އާދޭހެވެ! ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒާއި އެ މަނިކުފާނުގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މަސްރަޙުގައި ވެސް ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާކަމީ މުސްލިމު އުޚުއްވަތްތެރި ފަލަސްތީނާ އެކު، ދިވެހިރާއްޖެ އޮތްކަން ސާބިތުކޮށްދޭ ކަމެކެވެ.

މި ދިޔަ އަހަރު އޮކުޓޫބަރު މަހު ހަތްވަނަ ދުވެހު ޣައްޒާއަށް ޔަހޫދީ ފައުޖުތަކުން ދޭން ފެށި ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު މިހާރު 36 ހާހާ ކައިރިކޮށްފިއެވެ. މީގެ އިތުރަށް، ސުންނާފަތިކޮށްލެވިފައިވާ އިމާރާތްތަކުގެ ދަށުގައި ދިހަ ވަރަކަށް ހާސް މީހުން ތާށިވެފައި ތިބިކަމަށް ބެލެވެއެވެ. އަދި، ބޮޑެތި ޒަޚަމުތަކާއެކު 80 ހާހަށް ވުރެ ގިނަ މީހުން ތިބީ ނުކުޅެދޭ ޙާލަތުގައެވެ. އދ.ން ބުނާ ގޮތުގައި ވެސް ބަނޑުފުރާނަ މުއްތިކުރާނެ ފަދައެއް ނެތި މިލިއަނަކަށް ވުރެ ގިނަ މީހުން ޣައްޒާގައި ހައިހޫނުކަމުގައި އެބަ ތިތްބެވެ.

_______________________________

ބައެއް ލަފުޒުގެ މާނަ:

މަހާސިންތާ     ނ.    ބޮޑެތި މަޝްވަރާ

އިސްވާރު      ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ

މަންސަ       ނ.    ވަކި މައުޟޫޢަކަށް ގިނަ ބަޔެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުޞަތު. 

ނަސްލުހޭދު     ނ.    އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު

އެޑިޓަރުގެ ނޯޓް
އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ އަދި މިހާރު ވެސް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ބަހާއި އަދަބުގެ ދާއިރާއިންނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ތިވެހި ތާރީޚާއި އިޖުތިމާޢި ދާއިރާއާއިން ގިނަ ލިޔުންތަކެއް ލިޔުއްވައިފައިވާ ޢަޒީޒު ޖަމާލަކީ އުނގަންނައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއިންނާއި އިސްކޫލުތައް ހިންގުމުގެ ދާއިރާއިންނާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޤާނޫނީ ވަކީލެއް ވެސް މެއެވެ. ދިވެހިބަހަށް ޚިދުމަތްކުރުމުގެ ގޮތުން ހިތްވަރުދިނުމުގެ ޤައުމީ އިނާމް (1997)އާއި ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު (2020ވަނަ އަހަރު) ދިވެހި ދައުލަތުން އޭނާއަށް ވަނީ ދެއްވައިފައެވެ.

Advertisement

ކޮމެންޓް