Advertisement

"އެންމެ ބޮޑު އިސްކަމެއްދެނީ ޣައްޒާގެ ހަނގުރާމަ ހުއްޓޭނެ ގޮތެއްވޭތޯ ބަލާން." ފަލަސްތީނުގެ ބޮޑުވަޒީރު

28 May 2024 | 00:01
ފަލަސްޠީނުގެ އިދާރިއްޔަތުގެ އާ ބޮޑުވަޒީރު މުޙަންމަދު ޢަބްދުﷲ މުޙަންމަދު މުޞްޠަފާ އައްސަފާރީނީ

އަބޫ ޔުމްނު

ޣައްޒާގައި އިސްރާއީލުން ޢުދުވާނުތައް ހިންގަމުން ދާއިރު ވިލާތުގެ ސަރުކާރުތަކުން އަވަދިނެތިއުޅެނީ "ހަނގުރާމަ" ހުއްޓުމަށް ފަހު ޣައްޒާގެ މުސްތަގުބަލު ރާވާނެ ގޮތެއްގެ މަޝްވަރާގައެވެ. އިސްރާއީލާއި އެމެރިކާއިން ބޭނުންވަނީ ޙަމާސްގެ އެއްވެސް ޙިއްސާއެއް ނޯންނަ ގޮތަށް އިސްރާއީލާއި އެމެރިކާގެ ގޮޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި ފަލަސްތީނު އޮންނާނެ ފަދަ ގޮތަކަށް ޣައްޒާ ބައްޓަންކުރާށެވެ.

އިސްރާއީލުގެ ގާނޫނު ހަދާ މަޖުލިސް ކަނީސަތުގެ ގިނަ މެންބަރުންގެ އަޣުލަބިއްޔަތުން ޤަރާރެއް ފާސްކޮށްފައިވަނީ ފަލަސްޠީނުގެ ދައުލަތެއް ދުވަހަކު ވެސް ގަބޫލުނުކުރާނެކަމަށެވެ.

މިޙާލަތުގައި ކަންކަން ހުއްޓައި ފަލަސްޠީނުގެ އިދާރިއްޔަތުގެ އާ ބޮޑުވަޒީރު މުޙަންމަދު ޢަބްދުﷲ މުޙަންމަދު މުޞްޠަފާ އައްސަފާރީނީ މިހާރު ހުންނެވީ ޣައްޒާގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ތަދުބީރަކާއެކު ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސަށް ވަޑައިގެންނެވެ. އެއީ ވިލާތު އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރީން އެ މީހުންނަށް ހުށަހަޅުއްވާށެވެ.

ވިލާތުގެ "އެކުވެރީނާ" އިއްޔެ ވާހަކަފުޅުދައްކަވަމުން މުޞްޠަފާ ވިދާޅުވީ "އޭނާ އެންމެ ބޮޑު އިސްކަން ދެއްވާ ކަމަކީ ވީހައި އަވަހަކަށް "ހަނގުރާމަ" ހުއްޓޭނެ ގޮތެއް ހޯދުން"ކަމަށެވެ.

ރަފަޙަށް ޔަހޫދީން ދިން ޙަމަލާގައި އެރި ދުންގަނޑު (ފޮޓޯ: ޢިޔާދު ބާބާ/އޭއެފްޕީ)

"ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އެތައް ބަޔެއްގެ ފުރާނަޔާއި މުދަލާއި އަހަރެމެންގެ ރައްޔިތުންގެ އުންމީދުތައް ގެއްލޭ ދުވަހެއް. ވީމާ، އަހަރެމެން ބޭނުންވަނީ ވަރަށް އަވަހަށް ހަނަގުރާމަ ހުއްޓޭ ތަން ދުށުން" އޭނާ ވިދާޅުވިއެވެ.

މުޞަޠަފާ ވިދާޅުވީ ސަރުކާރުތަކުގެ ހައިސިއްޔަތުން ހުރިހައި ޖަމާޢަތަކުން ވެސް ބޭނުންވަނީ ހަނގުރާމަ ހުއްޓުމަށް ފަހު ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވާން ތައްޔާރުވުމަށެވެ. އަދި ޣައްޒާގައި ހުރި ފަލަސްތީނުގެ އިދާރިއްޔަތުގެ މުއައްސަސާތައް އަލުން ގާއިމުކުރުމަށާއި ހުޅަނގު އައްސޭރީގައި ހުރި ތަންތަން ވެސް އަލުން ގާއިމުކުރުމަށް އެހީތެރިވުމަށެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ރެފިޔުޖީންނަށް އެހީވުމުގެ ނަމުގައި ހުރި އަދ.ގެ އެޖެންސީތަކުން ބުނަނީ އެ މީހުންނަށް ރަފަޙުން ލިބޭ ޚަބަރުތަކަކީ ބިރުވެރި ޚަބަރުތަކެއްކަމުގައެވެ. ފަލަސްތީނުގެ ކަންކޮޅުތަކުން ވިއްސިލިވިހާލިވެފައިވާ ރައްޔިތުން ބޯހިޔާވަހިކަން ހޯދުމަށް ޓަކައި ރަފަޙުގައި ޤާއިމުކޮށްފައިވާ ފޭލިގެތަކަށް އިސްރާޢިލުގެ ވައިގެ ފައުޖުތަމުން ތަނެއްދޮރެއް ނުބަލައި އެޅި ބޮންތަކުގެ ސަބަބުން ޢަދަދު ނޭނގޭހާ ގިނަ ބަޔަކު ޝަހީދުކޮށްލި ޚަބަރެވެ. އެތައް ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ. "މީގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދީންނާއި އަންހެނުން ހިމެނެއެވެ." އދ.ގެ އެޖެންސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. "ޣައްޒާއަކީ ދުނިޔެމަތީގައިވާ ނަރަކައެކެވެ. ރޭގެ ފޮޓޯތަކަކީ މި ކަމަށް ލިބުނު އިތުރު ހެކިތަކެކެވެ."

ރަފަޙުގައި ޖަހައިފައިވާ ވަގުތީ ފޭލިގެތައް<br>

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަފަޙުގައި ތިބި އެ ޖަމުޢިއްޔާގެ އޮފިޝަލުންނާ މުއާސަލާތުގެ ގުޅުން ކެނޑިފައިވާކަމަށާއި އެ މީހުންނާއި އެ ސަރަހައްދުގައި ތިބި މަދަނީންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ރަފަޙުގައި ރެފިއުޖީންގެ ފޭލިގެތަކެއް ޖަހައިފައިވާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ރޭ ކުށްވެރިކުރައްވައި ބަޔާނެއް ނެރުއްވިއެވެ. ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ޔަހޫދީ ފައުޖުން ހިންގަމުން ގެންދާ ގަތުލުއާންމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށެވެ.

މިއީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާ ބައިނަލްއަޤްވާނީ ޤާނުނުތަކާ ޚިލާފު ޢަމަލުތަކެއްކަމަށާއި، އދ.ގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނެރެފައިވާ އަމުރަށް މިހާރުން މިހާރަށް ޢަމަލުކުރުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.

މި އަމުރު ނެރެފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. މި އަމުރުގައި ބުނެފައިވަނީ ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޓަކައި ޔަހޫދީ ފައުޖުން ހިންގަމުން ގެންދާ ލާއިންސާނީ ނަސްލުހޭދު ވަގުތުންވަގުތަށް ހުއްޓައިލައި, އެ ސަހަރުން ފޭބުމަށް ބައިނަލްއަޤްވާމީ ކޯޓުން ޒަޔަނިސްޓު އިސްރާއީލަށް އަމުރުކޮށް ހުކުމްކުރާކަމަށެވެ.

ނަމަވެސް ނިރުބަވެރި އިސްރާއީލުން ބުނެފައިވަނީ އެ ހުކުމަށް ބޯ ނުލަނބާނެކަމަށާއި އެ މީހުން ހިންގާ ޢަމަލުތަކެއް ނުހުއްޓާނެކަމަށާއި ހުއްޓުވޭނެ ބަޔަކު ވެސް ނުތިބޭނެކަމަށެވެ.

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ފައުޖު      ނ.    (1) ލަސްކަރު. (2) ސިފައިންގެ ޖަމާއަތެއް. (3) ބައިގަނޑު

މުއާސަލާތު   ނ.    (1) ގުޅުން އުފެއްދުމުގެ ޢަމަލު. (2) އަނގަބަހުން ބުނެގެން ނުވަތަ ލިޔެގެން އަންގާ ވާހަކަ. (3) އެކަކު އަނެކަކަށް ދޭހަވާ ބަހުރުވައަކުން ނުވަތަ ޙަރަކާތަކުން ނުވަތަ އިޝާރާތަކުން ނުވަތަ ނިޝާނެއްގެ ބޭނުން ކޮށްގެން ވާހަކަ ދެއްކުމަށް ކުރާ ޢަމަލު. (4) މަޢުލޫމާތު ބަދަލުކުރުމަށް ޓަކައި ކުރާ ޢަމަލު.

Advertisement

ކޮމެންޓް