Advertisement

ރާއްޖޭގެ ހުރިހާ މިސްކިތެއް ދިވެހީންގެ އަތްމައްޗަށް އައުމަކީ އުފާވެރި ކަމެކެވެ.

27 May 2024 | 13:05
މާލޭ ސިޓީ ކައުންސިލުން މަސްޖިދުއްސުލްޠާން މުޙަންމަދު އިބްނި ޢަބްދުﷲގެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްކުރަނީ.

އަބާ މުޙަންމަދު

އަތޮޅުތަކުގައި ހުންނަ މިސްކިތްތައް ފަދައިން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއް ވެސް ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކުރައްވާން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެކެވެ. މި ކަމަށް ޓަކައި މާލޭ ސިޓީ ކައުންސިލަށް ތަހުނިޔާ ދަންނަވަމެވެ. މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއް ވެސް ފޮޅައި ސާފުކުރުމުގެ މަސައްކަތް މިހާރު ޙަވާލުކޮށްފައިވަނީ ދިވެހީންނަށްކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ހާމަކުރައްވައިފައެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ސާފުތާހިރުކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރަމުން ގެންދާތާ ދެތިން އަހަރު ވެއްޖެއެވެ. އަދި މި ސަރަހައްދުގެ މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މިސްކިތްތަކުގައި ކުރީން ވަނީ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ. އެހެންނަމަވެސް ފޮޅައި ސާފުކުރުމުގެ މަސައްކަތުގައި އުޅޭނެ ދިވެހީން ހޯދާން އުނދަގޫވެގެން ފަހަކަށް އައިސް މިސްކިތްތަކުގައި މި މަސައްކަތްކުރަމުން އައިސްފައިވަނީ ބިދޭސީންނެވެ. މިއީ ނަމާދަށް މިސްކިތަށް ގޮސް އުޅޭ މީހުންނާއި އަދި އެ މާޙައުލާ ވެސް ގުޅޭ ކަމެއް ނޫނެވެ. މި ކަން ސަރުކާރުގެ، ޚާއްޞަކޮށް ސިޓީ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިހާރު މި ވަނީ މި މައްސަލަ ޙައްލުކުރުމަށް ޓަކައި ފިޔަވަޅުއަޅުއްވައިފައެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ އެ ކައުންސިލުން ބަލަހައްޓަވަމުން ގެންދަވާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތާއި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިންކަމަށެވެ.

މި ހިސާބުތަކުން ފެންނަ ގޮތުގައި މާލޭ ސަރަހައްދުގައި ސިޓީ ކައުންސިލުން ބަލަހައްޓަވަނީ ޖުމުލަ 34 މިސްކިތެކެވެ. "ފަރަގު" މީޑިއާގެ ޓީމުން މާލޭ ސަރަހައްދުގައި ހުރި މިސްކިތްތަކުގެ ޢަދަދު ގުނައިލި އިރު، އެ ޢަދަދު 50އަށް އަރައެވެ. ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މިސްކިތާއި ހުޅުލޭގައި ހުންނަ ދެ މިސްކިތާއި ކަޅުވަކަރު މިސްކިތް އުނިކުރުމުން ވެސް 46 މިސްކިތް މާލޭ ސަރަހައްދުން އެބަ ފެނެއެވެ. މީގެ ތެރެއިން 44 މިސްކިތެއްގައި ހުކުރުކުރެއެވެ.

ނަމަވެސް ސިޓީ ކައުންސިލުން އާންކުކޮށްފައިވާ މިސްކިތްތަކުގެ ޢަދަދަށް ބަލާއިރު، 10 މިސްކިތެއް އެބަ އުނިވެއެވެ. ނުވަތަ އެ 10 މިސްކިތަށް އަދި ދިވެހީން ނުލިބެނީކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް 34 މިސްކިތެއްގައި ނަމަވެސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ދިވެހީންގެ އަތްމައްޗަށް ގެންނެވިކަމީ އުފާކުރުން ޙައްގުކަމެކެވެ. މި ކަމަށް ޓަކައި ދިވެހީން ހޯދާން މި ދިޔަ ފެބްރުއަރީ މަހުން ފެށިގެން އެކައުންސިލުން ގެންދެވި މަސައްކަތްކުރައްވަމުންނެވެ. އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ މިސްކިތްތައް ސާފުކުރާނެ 114 ދިވެހީން ހޯއްދަވާށެވެ. އެހެންނަމަވެސް ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެ ފަހަރު އެދެވޭ ތަރުހީބެއް ލިބިވަޑައެއް ނުގަތެވެ. އެހެންކަމުން ޖެހިވަޑައިގަތީ ދެވަނަ ފަހަރަށް ވެސް އިޢުލާނުކުރައްވާށެވެ. ދެވަނަ ފަހަރަށް އިޢުލާނުކުރެއްވުމުން 200އަށް ވުރެ ގިނަ މީހުން ކުރިމަތިލިކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރައްވައިފައި ވެއެވެ.

މިސްކިތްތައް ފޮޅައި ސާފުކުރާ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ކަނޑައަޅުއްވައިފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މިއީ ވަޒީފާއެއް ނެތި ނުވަތަ އާމްދަނީއެއް ނުލިބޭ ޒުވާނުންނާއި ހަރު މީހުންނަށް ވެސް ވަރަށް ރަނގަޅު ވަޒީފާއެކެވެ. ސަބަބަކީ މިސްކިތުގެ މާޙައުލާ ރައްޓެހިވުމުގެ ފުރުޞަތު ލިބުމަކީ ނަމާދުކުރުމާއި ދީނީ އަޅުކަންތަކަށް މީހާ ހިތްޖެހޭނެ ކަމެކެވެ. އަދި މިސްކިތްތަކުން އިއްވާ ނަސޭހަތާއި ވަޢުޡު އަޑު އިވިއިވި މީހާގެ ނަފުސަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ރާއްޖޭގެ ވިޔަފާރިތަކާއި ދަތުރުފަތުރާއި އެހެނިހެން އާންމު ގިނަ ޚިދުމަތްތައް ދިވެހީންގެ އަތުން ބީވެ ބިދޭސީން އަތްމައްޗަށް ފިރުކެމުންދާ މި ދުވަސްވަރު ހުރިހައި މިސްކިތެއް ވެސް ބިދޭސިންގެ އަތްމައްޗަށް ދަނިކޮށް އެ ކަމަށް ނިމުމެއް އައުމަކީ އުފާކުރުން ހައްގު ކަމެކެވެ. ވީމާ، މާލޭ ސިޓީ ކައުންސިލުން މި އެޅުއްވި ފިޔަވަޅަކީ އެއް ގޮތަށް ވުރެ ގިނަ ގޮޮތްގޮތުން ލާބައާއި މަންފާ ހުރިކަމެއްކަމަށް "ފަރަގު" ދެކެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ، ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް