Advertisement

އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (7)

27 May 2024 | 05:13
ތަފާތު ޢުންޞުރުތައް ޚިދްމަތަށް ގެނައުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 މޭ 20ގައި ޝާއިޢުކުރި ޢަދަދާ ގުޅޭ)

ތަފާތު ޢުންޞުރުތައް ޚިދްމަތަށް ގެނައުން:

އަލްޤާޟީ އައްތަންނޫޚީ (އަވަހާރަވީ384هـ/994م) އޭނާގެ ފޮތް "އަލްފަރަޖު ބަޢްދައް ޝިއްދަތި"ގައި ޖާސޫސްކުރުމާ ބެހޭ އާދަޔާ ޚިލާފު ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދެއްވައިފައި ވެއެވެ. ޚަލީފާ އަލްމުޢުތަޟިދު އޭނާގެ ވަޒީރު އަލްޤާސިމުލްޙާރިޘީ (އަވަހާރަވީ 291هـ/904م)އަށް ޖާސޫސުކުރެއްވުމަށް ޓަކައި ނުކުޅެދޭ، ސަލާންޖަހާ މީހެއްކަމަށް ހެދިގެން އުޅުނު މީހަކު ބޭނުންކުރެއްވިއެވެ. މި މީހާ އެ ވަޒީރުގެ ގެއަށް ކޮންމެ ދުވަހަކު ގޮސް އެ ގޭތެރެއަށް ވަދެ ގޭތެރޭގައި ބުރުޖަހައި ކޮޓަރިތަކަށް ވަދެ ބަދިގެއަށް ގޮސް ހެދިއެވެ. މި މީހާ ކޮންމެ ދުވަހަކު ހަވީރު އޭނާގެ ޞާހިބުމީހާއަށް މި ގޭގެ ޚަބަރުތައް ގެނެސްދެއެވެ. މި މަސައްކަތް ކޮށްދޭތީ އޭނާއަށް މަހަކު 50 ދީނާރު[1]ގެ މުސާރައެއް ދިނެވެ. އެ ޒަމާނުގައި ވެސް ޖާސޫސީ މަސައްކަތުގެ އުޖޫރަ ބޮޑުކަން މިއިން އެނގެއެވެ.

ވަޠަން މިނިވަންކުރެއްވުމަށް ޓަކައި މުޖުތަމަޢުގެ ހުރިހައި ހަކަތަތަކެއް ޞަލާޙުއްދީނުލްއައްޔޫބީ ބޭނުންފުޅުކުރައްވައިފައިވާ ތަން ފެނެއެވެ. އަލްޤާޟީ އިބްނު ޝައްދާދު (އަވަހާރަވީ 632هـ/1235م) އޭނާގެ ތާރީޚު ފޮތް "އައްނަވާދިރުއް ސުލްޠާނިއްޔަތު"ގައި ބަޔާންކުރައްވައިފައިވާ ގޮތުގައި 300 ވަގުން ބޭނުންކުރައްވައިގެން ޞަލީބީންގެ ކޮށިތަކަށް ބިރުދައްކަވައިފައި ވެއެވެ. ވަގުންގެ މި ފައުޖު ރޭގަނޑު ޞަލީބީންގެ ފޭލިގެތަކަށް ވަދެ ބިރުދައްކައިގެން ހަތިޔާރުތަކާއި އަސްތަކާއި މުދާތަކާއި އަދި ބައެއް ފަހަރަށް ސިފައިން ވެސް ވަގަށް ނަގައިގެން ގެނެސްދީފައި ވެއެވެ.

ގޭތެރޭގައި ޖާސޫސުން:

ޖާސޫސީ މަސައްކަތުގެ ދާއިރާ ފުޅައުވެގެން ގޮސް އެދުރުގެތަކުގެ ތެރެއަށް ވެސް ވަނީ ފެތުރިފައެވެ. ދަރިވަރުންގެ ގޭގައި ދެކެވޭ ވާހަކަތަކާއި ހިނގާ ކަންތައްތައް އެދުރުގޭގެ ދޮރުވާނުން ހޯދައި، ކަމާބެހޭ އިދާރާތަކަށް ޚަބަރުކުރެތެވެ. ދަރިވަރުންގެ ތެރޭގައި ޢަސްކަރީ އިސްވާރުންގެ ދަރީން ވެސް ހިމެނެއެވެ. އަލްޖާޙިޡު އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ "ކިތުމާނުއްސިއްރި ވަ ޙިފްޡުއްލިސާނި"ގައި ވިދާޅުވެފައިވާ ގޮތުގައި މީސްތަކުންގެ ސިއްރުތައް ބޭރަށް ނުކުންނަނީ ގޭގޭގެ އަހުލުވެރީންނާއި އަޅުންނާއި ރަޙުމަތްތެރިންގެ ތެރެއިންލައިފައެވެ.

ކިޔަވައިދޭ ތަންތަން ޖާީސީ އިދާރާއެއްގެ ގޮތުގައި...<br>

ޖާސޫސީ މަސައްކަތުގައި ބޭނުންކޮށްފައި ވަނީ ހަމައެކަނި ކުޑަކުދީންނާއި ވަގުންނާއި ނުކުޅެދޭ މީހުންނާއި ފިރިހެނުން އެކަންޏެއް ނޫނެވެ.  އަންހެނުން ވެސް ބޭނުންކޮށްފައި ވެއެވެ. ޙާޠިބު ބިން އަބީ ބަލްތަޢަތުގެ ވާހަކައިގައި އެ ކަމަށް މިހާރު ވާނީ އިޝާރަތެއްކޮށްފައެވެ. ފިރިހެނުންނަށް ވުރެ އަންހެނުން ގޭތެރޭގައި ސިއްރުތައް ހޯދުމަށް މާ ކުޅަދާނަކަމަށް ތާރީޚު ބުނެއެވެ. އިބްރާހީމު ބިން މުޙައްމަދުލްބައިހަޤީ (އަވަހާރަވީ 320هـ/933م) އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ "އަލްމަޙާސިނު ވަލްމަސާވީ"ގައި ވިދާޅުވެފައިވާ ގޮތުގައި ޚަލީފާ މަންޞޫރު  އަމިއްލަފުޅަށް ސަލާމަތީ ތަޙުޤީޤެއްކުރެއްވިއެވެ. ޢަލަވީ ޖާރިޔާއެއްގެ ފުށުން އައްނަފްސުއްޒަކިއްޔަތު (އަވަހާރަވީ 145هـ/762م)ގެ ނަމުން މަޝްހޫރުވެފައިވާ ޢަލަވީ ޒަޢީމު މުޙައްމަދު ބިން ޢަބްދުﷲއާ ބެހޭ ގޮތުން ސިއްރު މަޢުލޫމާތުތައް ހޯއްދެވުމަށް ޓަކައި ކުރެއްވި ތަޙުޤީޤެކެވެ. މި ޖާރިޔާ ކެތްތެރިވެގެން މަންޞޫރުގެ ކުރިފުޅުމަތީގައި އެއްވެސް މަޢުލޫމާތެއް ހާމަނުކޮށް ހުށްޓެވެ. އެ ހިނދު  މަންޞޫރު ވިދާޅުވިއެވެ. "ކަލެއަށް ކަވާޖަހާ މިވެނި އަންހެނަކު އެނގޭ ހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވިއެވެ. މަންޞޫރު ވިދާޅުވިއެވެ. ކަލޭ ތެދުބުނެފިއެވެ. އެއީ އަހަރެން ގަނެފައިވާ އަންހެނެކެވެ. އޭނާއަށް ކާންދީ ބޯންދީ ހަދަނީ މަށެވެ. ކަލޭމެންގެ ގޭގެއަށް ވަދެ ކަވާޖަހައިދީ ހެދުމުގެ މަސައްކަތްކުރާން އަމުރު ކުރީ މަށެވެ. ކަލޭމެންގެ ހުރިހާ ޚަބަރުތަކެއް މަށަށް އޭނާ ގެނެސްދެއެވެ." އެ ހިނދު މި ޖާރިޔާގެ މޫނުމަތި އަނދިރިވެގެން ދިޔައެވެ.

އެއަށް ފަހު މަންޞޫރު ވިދާޅުވިއެވެ. "ކާބޯތަކެތި ވިއްކާ މިވެނި މީހަކު ދަންނަންހެއްޔެވެ؟" އޭނާ އާދޭހޭ ދެންނެވިއެވެ. މަންޞޫރު ވިދާޅުވިއެވެ. "އެއީ މަގޭ ފައިސާގައި ވިޔަފާރިކުރާ މީހެކެވެ. އޭނާ އަހުރެމެންނަށް ދިން ޚަބަރެއް ބުނާ ގޮތުގައި ކަލޭމެންގެ ޚާދިމާއަކު މިވެނި މަހެއްގެ މިވެނިމިވެނި ދުވަސްތަކެއްގައި މަޣުރިބު ނަމާދުގެ ވަގުތުގައި ހީނާފަތް ހޯދާން ގޮސްފައިވޭ ނޫންހެއްޔެވެ؟ މަންޞޫރު ވިދާޅުވިއެވެ. އެއީ ކީއްކުރަންހެއްޔެވެ؟ މި އަންހެނާ ދެންނެވިއެވެ. އެއީ ބަޤީޢު ކައިރީގައި އޮންނަ ދަނޑަކަށް މުޙައްމަދު ބިން ޢަބްދުﷲ ވަޑައިގަންނަވާތީއެވެ. އޭނާގެ އަނބިއަނބިކަނބަލުންނަށް ބޭނުންފުޅުވެދާނެތީއެވެ. އެ ހިސާބުން މި އަންހެނާ އަމާންދީ ހުރިހާ ވާހަކަތަކެއް ޚަލީފާ މަންޞޫރަށް ދެންނެވިއެވެ.

ހަދިޔާ ދިނުމަކީ ވެސް އޮންނަ ކަމެކެވެ.<br>

އައްޛަހަބީ ވިދާޅުވެފައިވާ ގޮތުގައި ޚާލިފާ މަންޞޫރު ބާޣީ އައްނަފްސުއްޒަކިއްޔަތުގެ ޢަމަލުތަކަށް ފާރަލައްވާންވެގެން އޭނާގެ އަޅުން ބަކަރިގޮވީންގެ ގޮތުގައި ވެސް ބޭނުންކުރައްވައިފައިވެއެވެ. އެއިން ކޮންމެ މީހަކަށް މަންޞޫރު ދެ ޖަމަލު ދެއްވިއެވެ.

ހަދިޔާދިނުން:

ޚަލީފާ މަހްދީގެ ދަރިކަލުންގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އޭނާ އޭނާގެ ވަޒީރު ޔަޢުޤޫބު ބިން ދާވޫދަށް (އަވަހާރަވީ 187هـ/803م) ޖާސޫސުކުރުމަށް ޓަކައި ހަދިޔާއަކަށް ޖާރިޔާއެއް ދެއްވިއެވެ. ވަޒީރުގެ ގޭތެރޭގެ އެންމެ ސިއްރު ޚަބަރުތައް މި ޖާރިޔާ މަހުދީއަށް ފޮނުވަމުން ދިޔައެވެ. އެއް ދުވަހަކު މަހުދީ މި ވަޒީރަށް ޢަލަވީ ބާޣީ އިސްވާރަކު ޤަތުލުކުރުމަށް އަމުރުކުރެއްވިއެވެ. އެއީ އަނިޔާވެރިކަމެއްކަމަށް ވަޒީރަށް ފެނިވަޑައިގަންނަވައިގެން ސިއްރުސިއްރުން މި އިސްވާރަށް ފިލައިގެން ދެވޭނެ މަގު ތަނަވަސްކޮށްދެއްވިއެވެ. ޔަޢުޤޫބު ވިދާޅުވިއެވެ. "މި ޖާރިޔާއަކީ ޖާސޫސެއް ކަމެއް މަށަކަށް ނޭނގެއެވެ. އަހުރެން މި ޢަލަވީ އިސްވާރު ފިލައިގެންދާން ދޫކޮށްލި ޚަބަރު މަހުދީއަށް އަރުވާން މި ޖަރިޔާ މަހުދީގެ އަރިހަށް ވަގުތުން ދިޔައެވެ." މަހުދީ އެ މަގަށް ސިފައިން ފޮނުއްވައި، އެ ޢަލަވީ އިސްވާރު ހައްޔަރުކުރެއްވިއެވެ. އެއަށް ފަހު، ޔަޢުޤޫބު ހައްޔަރުކުރައްވައި އަދަބުދެއްވިއެވެ. މަހުދީ އޭނާގެ މުވައްޒަފުންގެ ޢަމަލުތަކަށް ފާރަލެއްވުމަށް ޓަކައި އަންހެން ޖާރިޔާއިން ހަދިޔާއަށް ދެއްވިދެއްވުމަކީ މި ޒަމާނުގައި ވެރީން ވެރީންނަށް ހަދިޔާއަށް އަގުބޮޑު ފޯނުތަކާއި ގަޑިތައް ހަދިޔާއަށް ދެއްވާ ދެއްވުމާ އެއްވައްތަރު ކަމެކެވެ. މި ފަދަ ފޯނުތަކަށާއި ގަނޑިތަކަށް ޖާސޫސުކޮށްދޭ ޗިޕުތައް ލައިފައި ހުރެއެވެ. (ނިމުނީ)

ތިން ލަފުޒެއްގެ މާނަ:

އިސްވާރު    ނ.   (1) އިސްވެ ހުންނަ މީހާ  (2) ވެރިޔާ

ޖާރިޔާ      ނ.   އަޅު އަންހެނާ

ޖާސޫސް    ނ.   (1) އާންމުކޮށް ލިބޭން ނުހުންނަ މަޢުލޫމާތު ސިއްރުން ހޯދައި އެއްކުރާން ޙަމާލުކޮށްފައިވާ މީހާ. (2) ޤާނޫނާއި ޤަވާއިދާ ޚިލާފުވާ މީހުން ހޯދުމުގެ މަސައްކަތް ކުރާ މީހާ.

މަރުޖިޢު:

[1]  - މިހާރުގެ ރޭޓުންނަމަ ގާތްގަނޑަކަށް 8 ހާސް ޑޮލަރު

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް