Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (5)

27 May 2024 | 00:01
ރަސޫލާގެ ނަންފުޅު

އަޙުމަދު ފަޔާޟް ޙަސަން

(2024 މޭ 20ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

، ރަސޫލު ދިފާއުކުރައްވައި ޔަގީންކަންދެއްވުން

ރަސޫލުﷲ ﷺގެ ދަރިކަލުން ޢަބުދުﷲގެފާނު ވަރަށް ތުއްޕުޅު އުމުރުގައި އަވަހާރަވިއެވެ. ލިބިވަޑައިގަތް މި ބޮޑު ހިތާމަފުޅުގައިވަނިކޮށް އެކަލޭގެފާނުގެ އަވަށްޓެރިޔާ އަދި ބޮޑުބޭބެ އަބޫ ލަހަބު އެކަލޭގެފާނަށް ފުރައްސާރަކުރިއެވެ. މުޙައްމަދުގެ ފިރިހެން ދަރިއަކުނެތޭ އޭނާގެ ދަރިކޮޅެއް ނަސަބެއްނެތޭ ގޮވައި އަބޫ ލަހަބު ހަޅޭއްލިއެވެ. ބޮޑުބޭބެއަކު އެ ފަދައިން ކަންތައްކުރުމުން ރަސޫލުﷲ ﷺގެ ހިތްޕުޅުގައި ޖެހުނުލެއް ބޮޑުކަމުން އެކަލޭގެފާނަށް ކީރިތިކުރެއްވުނެވެ. އެ ހިނދު ﷲ ކައުޘަރު ސޫރަތް ބާވައިލައްވައި ދުވަހަކު ވެސް މީހަކަށް ނުދެއްވާ ވަރަށް ގިނައިން ބޯކޮށް އެކަލޭގެފާނަށް ދެއްވިކަމަށް ﷲ އެންގެވިއެވެ. އަބޫ ލަހަބު، ނަސަބެއް ދަރިކޮޅެއް ނެތޭ ގޮވައި ފުރައްސާރަކުރި ކަލޭގެފާނު ވެގެންދިޔައީ ގިޔާމަތަށް ދާދެން އެ ބޭކަލެއްގެ އުންމަތް އެންމެ ބޮޑުކުރެއްވި އުންމަތުގެ ބަފައިކަލުންނަށެވެ. މި ފަދަ ކޮންމެ މިސާލަކުން އެނގި ހާމަވަނީ ﷲ އެކަލާނގެ ނަބިއްޔާ ﷺއަށް ދެއްވި ލޯތްބާއި މަތިވެރިކަމެވެ.

އަބޫ ލަހަބުގެ ޢަދާވާތްތެރިކަން އިންތިހާއަށް ދިއުމުން ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވީ، އަބޫ ލަހަބަށް ނަރަކަވެރިއެއްގެ ލަގަބުދެއްވައިގެންނެވެ. މަސަދު ސޫރަތުން ﷲ އިޢުލާންކުރެއްވީ އަބޫ ލަހަބާއި އޭނާގެ އަނބިމީހާ ވަނީ ނަރަކައިގައިކަމުގައެވެ. އަބޫ ލަހަބު މަރުވީ މި ސޫރަތް ބާވައިލެއްވިތާ ގާތްގަނޑަކަށް ދިހަ އަހަރު ފަހުންނެވެ. އެހެންކަމުން ދިހަ އަހަރު އޭނާ ދުނިޔޭގައި އުޅުނީ ނަރަކަވެރިއެއްގެ ލަގަބުގައެވެ. ޖިސްމާނީ ގޮތުން ފެންނާން ނެތަސް އަބޫ ލަހަބު އުޅުނީ ނަރަކަވަންތަވެރިކަމުގެ ސިއްކަ އޭނާގެ މޫނުގައި ހުއްޓައެވެ. މި ކަމުގެ ޙިކުމަތަކީ ރަސޫލު ﷲ ﷺގެ ދަރަޖަ އުފުއްލެވުމެވެ. އަދި އެކަލޭގެފާނަށް މާތްކޮށް ނުހިތާ މީހުންނަށް ހުރި ޢަޒާބު އެންގެވުމެވެ.

އެއް ފަހަރަކު، ރަސޫލުﷲ ﷺއަށް ވަހީއައުން މެދުކެނޑުނެވެ. މައްކާގެ މުޝްރިކުންނަށް މި ކަން އެނގުމުން އެ މީހުން އެކަލޭގެފާނަށް ފުރައްސާރަކޮށް މަލާމާތްކުރިއެވެ. އެކަލޭގެފާނުގެ ކަލާނގެ އެކަލޭގެފާނު ދޫކޮށްލައްވައިފިކަމަށް ބުނެ މުޝްރިކުން އެތިވަރުތައް ގޮވާން ފެއްޓިއެވެ. އިސާހިތަކު ޟުޙާ ސޫރަތް ﷲ ބާވައިލެއްވިއެވެ. މި ސޫރަތުން ﷲ އެކަލޭގެފާނަށް ދެއްވީ އުއްމީދާއި ޔަގީންކަމާއި އުފާވެރިކަމެވެ. އެކަލޭގެފާނުގެ މަތިވެރިކަމާއި އެކަލޭގެފާނަށް ހުރި ދަރަޖައާއި މޮޅުކަމުގެ ވާހަކަ މި ސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. މި ކަމުން އެނގެނީ ﷲގެ ޙަޟުރަތުގައި ރަސޫލުﷲ ﷺގެ ޚާއްޞަ މަގާމާއި ދަރަޖައެވެ. އެކަލޭގެފާނުގެ ލޮބުވެތިކަމުގެ ބޮޑުކަމެވެ. ޟުޙާ ސޫރަތަކީ މާޔޫސްކަމާއި ހިތާމަވެރިކަން ކުރިމަތިވާ ކޮންމެ ވަގުތަކު މުސްލިމުން އެ ހާލަތުން ދުރުކޮށްދޭ ސޫރަތެކެވެ.

މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖުދުލްއަޤުޞާއެވެ. ރަސޫލުﷲ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، ޤިބުލައަށް ކުރިމަތިލެއްވުމުން އެކަލޭގެފާނަށް ފުރަގަސްފުޅަށްވީ ކަޢުބަތުﷲ އެވެ. މަސްޖިދުލްޙަރާމަކީ އެކަލޭގެފާނުގެ އަދި ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނު، ﷲގެ އަމުރުފުޅަށް ބިނާކުރެއްވި ފުރަތަމަ މިސްކިތެވެ. ގެފުޅަށް ފުރަގަސްދެއްވާން ޖެހިވަޑައިގަތުމުގެ ހިތާމަފުޅުގައި އެއްދުވަހު ރަސޫލުﷲ ﷺ އިސްއުފުއްލަވައި އުޑަށް ބެއްލެވިއެވެ. މި ކަމާ ގުޅިގެން ﷲ އެކަލާނގެ ރަސޫލާގެ ހިތްޕުޅު ހަމަޖެއްސެވުމަށް ޓަކައި ކަޢުބަތުﷲއަށް ގިބުލަ ބަދަލުކުރެއްވިއެވެ. އަދި ﷲ އެކަން ބަޤަރާ ސޫރަތުގެ 144 ވަނަ އާޔަތުގައި ބަޔާންކުރެއްވިއެވެ. ރަސޫލުﷲ ﷺގެ ހިތާމަފުޅު ފިއްލަވައި އެކަލޭގެފާނަށް އުފާވެރިކަން ގެނެސްދެއްވުމަށް ޓަކައި ﷲ ގިބުލަ ބަދަލުކުރެއްވުމުން އެނގެނީ އެކަލޭގެފާނުގެ މަތިވެރި ދަރަޖައެވެ. އެކަލޭގެފާނަށް ﷲ ލޯބިވެވޮޑިގަތް މިންވަރު މި ކަމުން އެކަނި ކަށަވަރުވެއެވެ.

ރަސޫލުﷲ ﷺ އަރިހަށް އައިސް އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު އަޑުއަހާން މީހުން ތިބެއެވެ. އެ ގޮތަށް ތިބޭ މީހުންގެ ތެރެއިން ބައެއް މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލައެއް ނާހައެވެ. އެކަމަކު އެމީހުން ތިބެނީ އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލައި އަހާކަމަށް ހެދިގެންނެވެ. އެ ފަދަ މީހުންނަށް ﷲ އިންޒާރުގެ ބަސްފުޅު އަމާޒުވިއެވެ. އެ ގޮތުން މުޙައްމަދު ސޫރަތުގެ 16ވަނަ އާޔަތް ފާހަގަކޮށްލެވެއެވެ. ﷲ އަންގަވަނީ އެ ފަދަ މީހުންނަކީ އެ މީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައިފައިވާ މީހުންކަމުގައެވެ. އަނެއް ކޮޅުން އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލައި އަހާ މީހުންނަކީ ﷲ ތެދުމަގު ދައްކަވައި ތެދުމަގު އިތުރުކުރެއްވި މީހުންކަމުގައެވެ. ގިޔާމަތަށް ދާނދެން މުސްލިމުން ޖެހެނީ އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލައި އަހާށެވެ. އެ ގޮތުން އެކަލޭގެފާނު ވިދާޅުވިއޭ ބުނެ މީހަކު ވާހަކައެއް ބުންޏަސް އަޅުގަނޑުމެންނަށް އޮތީ ކިޔަމަންތެރިކަމާއެކު އެ ވާހަކަ ގަބޫލުކުރުމެވެ. އެއީ ތެދުނުކުރެވޭނެ ވާހަކައެއް ނަމަ، އެ ކަމާ ވާހަކަދައްކާނީ އެ ކަމަށް މުނާސަބު ވަގުތަކާއި ތަނެއްގައި އެ ކަމާ މަޝްވަރާކުރާން ޖެހޭ ރީތި އުސޫލުންނެވެ. މި ފަދަ އެތައް މިސާލަކުން ކަށަވަރުވާ ކަމަކީ ރަސޫލުﷲ ﷺގެ މަތިވެރިކަމާއި މާތްކަމެވެ. 

ﷲ އެ މީހެއް ދެކެ ލޯބިވެވޮޑިގަތުމަކީ ކޮންމެ މުސްލިމަކު ވެސް އެ ކަމަށް އެންމެ އެދޭނެކަމެވެ. މި ކަން ބޭނުން މީހާ ޖެހެނީ ރަސޫލުﷲ ﷺއަށް ތަބާވާށެވެ. އެކަލޭގެފާނަށް ތަބާވުމުން ﷲ އެ މީހަކު ދެކެ ލޯބިވެވޮޑިގަތުމާ އެކު، އެ މީހެއްގެ ފާފަ ފުއްސަވައެވެ. ހަމަ އެ ގޮތަށް ﷲއަށް ލޯބިވުމަށް އެދޭ މީހާ ވެސް ފުރަތަމަ ކުރާން ޖެހޭ ކަމަކީ ރަސޫލުﷲ ﷺއަށް ތަބާވުމެވެ. މި ކަމާ ގުޅޭ ގޮތުން ﷲ އެކަލާނގެ ރަސޫލާ ﷺއަށް ބާވައިލެއްވީ ސޫރަތު އާލުޢިމްރާނުގެ 31ވަނަ އާޔަތެވެ. މިއިން އަޅުގަނޑުމެން ކަށަވަރުވަނީ ރަސޫލުﷲ ﷺގެ މާތްކަމާއި މަތިވެރިކަމެވެ. އެކަލޭގެފާނުގެ މާތްކަމަށް ދަލީލުކޮށްދޭ މި ފަދަ ކިތަންމެ އާޔަތެއް ކީރިތި ޤުރުއާނުގައިވެއެވެ.

ރަސޫލުﷲ ﷺގެ މާތްކަމާ މެދު ބަލާ އިރު، އެކަލޭގެފާނު މީސްތަކުންނަށް އެންމެ ފަހުގެ ނަބިއްޔާގެ ގޮތުގައި ފޮނުއްވުން ފާހަގަކުރެވެއެވެ. ﷲ އަންގަވައިފައިވާ ގޮތުގައި މުއުމިނުންގެ ގާތަށް ރަސޫލުﷲ ﷺ ފޮނުއްވުމަކީ މުއުމިނުންނަށް މާތް ﷲ ދެއްވައިފައިވާ ބޮޑުވެގެންވާ ދަރުމައެކެވެ. މި ކަން ﷲ އަންގަވަނީ އާލުޢިމްރާނު ސޫރަތުގެ 164ވަނަ އާޔަތުގައެވެ. މި ދަރުމައިގެ ސަބަބުން އެކަލޭގެފާނު އެ މީހުންނަށް ރިސާލަތު އިއްވަވައި އެ މީހުން ޠާހިރުކުރައްވައި އެ މީހުންނަށް ފޮތާއި ޙިކުމަތް އުނގަންނައިދެއްވިއެވެ. މި ކަމުން އެނގެނީ ﷲގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ކުރާން ޖެހޭ އެންމެ ބޮޑު ކަމަކީ އެކަލޭގެފާނަށް އެންމެ ފުރިހަމަ މާނައިގައި އިހުތިރާމާއި ލޯބިދިނުމެވެ.

ރަސޫލުﷲ ﷺގެ މާތްކަން ބަޔާންކުރައްވަމުން ﷲ އަންގަވަނީ ޢަރަބީންގެ ހެވާއި ލާބައާއި މަންފާއަށް ޓަކައި ﷲ އެކަލާނގެ ރަސޫލާ ﷺ ޢަރަބީންގެ ގާތަށް ފޮނުއްވި ވާހަކައެވެ. މި ކަން ބަޤަރާ ސޫރަތުގެ 151ވަނަ އާޔަތުން އެނގެއެވެ. ޖެހިގެން އޮތް އާޔަތުގައި ﷲ އަންގަވަނީ އެކަލާނގެ ރަސޫލުﷲ ﷺ ފޮނުއްވިކަމަށް ޓަކައި އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. މި ކަމުން ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺއަށް ދެއްވި ޢިއްޒަތާއި މާތްކަމުގެ ހައްދެއް ނެތްކަމެވެ. މި ސަބަބަށްޓަކައި އަޅުގަނޑުމެން މުސްލިމުން ކުރާން ޖެހޭ ކަމަކީ ރަސޫލުﷲ ﷺގެ ދަރަޖަ މަތިވެރިކުރުމަށް ޓަކައި ކުރެވޭން ހުރި ހުރިހައި ކަމެއް ކުރުމެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް