Advertisement

ޔަހޫދީ ސިފައިންނާ ދެކޮޅަށް ޙަމާސުން ހިންގަމުން ގެންދަނީ ޤާނޫނީ ގޮތުން ވެސް ޙައްޤު ޖިހާދެއް." އަންޞާރުﷲ

26 May 2024 | 21:06
ޙަމާސްގެ ސަޕޯޓަރުން ޙަމާސަށް ޓަކައި އުފާ ފާޅުކުރަނީ. (ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފަލަސްޠީނުގެ ޣައްޒާގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ސަހަރުގެ އުތުރުގައި ޢުދުވާން ހިންގަމުން ދިޔަ ޔަހޫދީންގެ އަނިޔާވެރި ސިފައިންގެ ބަޔަކު މަރައިލައި ޔަހޫދީ ސިފައިންގެ ބައިގަނޑެއް ހައްޔަރުކޮށްފައި ވާތީ ޙަމާސަށް ވަރަށް ގިނަ ބަޔަކު ތަހުނިޔާކިޔައި އުފާފާޅުކުރަމުން އެބަ ގެންދެއެވެ.

ޔަހޫދީ ބައިގަނޑެއް ހައްޔަރުކުރީ ޣައްޒާގެ އުތުރުގައި ޢުދުވާނު ހިންގަމުން ދިޔަ ޔަހޫދީންގެ އަނިޔާވެރި ސިފައިންގެ ބަޔަކު ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަރައި، މުސްލިމުން ޝަހީދު ކުރުމަށް ގަތުލުއާންމު ހިންގަމުން ދަނިކޮށް ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި ކަން ހާމަކޮށްފައި ވަނީ ޙަމާސްގެ ހަތިޔާރުއެޅި ގޮފިކަމަށްވާ އަލްޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބައިދާއެވެ. ނަމަވެސް އެ ޖަމާޢަތުން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ.

"ބިންގަރާހެއްގެ ތެރެއަށް އެ މީހުން [ޔަހޫދީ ސިފައިން] ވައްދައި، އަޅުގަނޑުމެންގެ މުޖާހިދުން އެ މީހުންނަށް ކުއްލި ޙަމަލާއެއް ދިނީ. އޭގެ ތެރެއިން ގިނަ މީހުން، އަޅުގަނޑުމެންގެ ޙަމަލާތަކުގައި މަރުވި މީހުންގެ ހަށިތަކާއި، ޒަޚަމުވި [ޔަހޫދީ] ސިފައިން ދޫކޮށް ވަނީ ދުވެފިލައިފައި. އޭގެ ތެރެއިން ބައެއް މީހުން އަޅުގަނޑުމެން ހައްޔަރުކުރީ،" ޢުބައިދާ ވިދާޅުވިއެވެ.

ޙަމާސްގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ<br>

ޣައްޒާގެ މުސްލިމުންނަށް ޙަމަލާދީ ޝަހީދުކޮށް، ގަތުލުއާންމު ހިންގަމުން ދިޔަ ޔަހޫދީ ސިފައިންގެ ބައިގަނޑެއް ޙަމާސުން ހައްޔަރު ކުރުމުން، ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ލުބުނާނުގައި ވަނީ އުފާ ފާޅުކުރާން ފަށައިފައެވެ. މި ގޮތުން، ފަލަސްޠީނުގެ މިނިވަންކަމަށް ޙަމާސުން ކުރަމުންދާ ޖިހާދަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހުޅަނގު އައްސޭރިއާއި ލުބްނާނުގެ މަގުތަކަށް ނިކުމެ ގެންދަނީ އުފާ ފާޅުކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ދޫރާގެ އިތުރުން ލުބްނާންގައި އޮންނަ ޢައިން އަލްޙުލްވާއާއި، ނަހްރު އަލްބާރިދީއާއި، އަލްބުއްޞާއި އައްޝައިދިއްޔާ ރެފިއުޖީ ކޭމްޕުގެ މަގުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ، ހިނގައިލުންތައް ބާއްވައިފައިވެއެވެ. އެ ތަންތަނުގެ މަގުތަކުން ގުގުމަމުން ދިޔައީ ތަކުބީރުގެ އަޑުންނެވެ. ޙަމާސްގެ މި ކާމިޔާބު އޮޕަރޭޝަނަށް ބޭރު ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ގެންދަނީ މަރުޙަބާކިޔަމުންނެވެ. މި ގޮތުން، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، އަންޞާރުاللهއިން ވަނީ ޙަމާސްގެ މުޖާހިދުންނަށް މަރުޙަބާކިޔައިފައެވެ.

ޔަހޫދީ ސިފައިންގެ ބައިގަނޑެއް ހައްޔަރުކުރާން ޙަމާސުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި މުޖާހިދުންނަކީ ބަޠަލުންގެ ގޮތުގައި އެ ޖަމާޢަތުން ވަނީ ސިފަކޮށްފައެވެ "އެއީ ހިތްވަރާއި ކެތްތެރިކަމާއި ސާބިތުކަމާ އެކު ޙަމާސުން ހޯދައިފައިވާ ނަޞްރެއް. ޙަމާސްގެ އޮޕަރޭޝަންތަކުގައި ޔަހޫދީ ސިފައިންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ދެމުން. މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ ސިފައިންނާ ދެކޮޅަށް ޙަމާސުން ހިންގަމުން ދަނީ ޤާނޫނީ ގޮތުން ވެސް ޙައްޤު ޖިހާދެއް،" އަންޞާރުﷲ ޖަމާޢަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޔަހޫދީ ސިފައިން ޣައްޒާ ބޯޑަރުގައި ދުއްވައިފައިދަނީ (ފައިލް ފޮޓޯ: ރޮއިޓާރސް/ޢަމިރު ކޯހެން)<br>

ނަމަވެސް، ޔަހޫދީ ސިފައިންގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ޙަމާސުން ބުނުމުން އިސްރާއީލުގެ ދިފާޢީ ބާރު (އައިޑީއެފް)އިން އެ ކަން ވަނީ ދޮގުކޮށްފައެވެ. އަދި އެ ފަދަ އެއްވެސް ހާލަތެއް މެދުވެރި ނުވާކަމުގައި ވެސް ޔަހޫދީ ދިފާޢީ ބާރުން ބުންޏެވެ. ނަމަވެސް، ޒަޚަމުވެފައިވާ ޔަހޫދީ ފައުޖުގެ ސިފައިންގެ މީހަކު ގެންދާ ވީޑިޔޯއަކާއި، ޔަހޫދީ ސިފައިންގެ ޔުނިފޯމުތަކާއި ހަތިޔާރުތަކެއްގެ ފޮޓޯތަކެއް ޙަމާސުން ވަނީ ޢާންމުކޮށް އިސްރާއީލުގެ ދިފާޢީ ބާރުން ހެދި ދޮގު ބޭޒާރުކޮށްލައިފައެވެ.

އިސްލާއީލުގެ ނިރުބަވެރި ލަޝްކަރުން ފަލަސްތީނުގައި ނަސްލުހޭދު ހިންގަމުންދިޔަކަމުގައި ވިޔަސް ޔަހޫދީ ލަޝްކަރަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުން ދެއެވެ. ނަމަވެސް އެ މީހުންނަށް ލިބޭ ގެއްލުންތައް އެ މީހުން ގެންދަނީ މީޑިއާއަށް ސިއްރުކުރަމުންނެވެ. އަދި ޙަމާސް ނައްތައިލުމަށް ކަމަށް ބުނެ ފަލަސްތީނުގައި ޢުދުވާނު ހިންގަމުން ގެންދާތާ އަށެއްކަ މަސް ހޭދަވެފައިވާ އިރު، ޙަމާސްގެ ބާރު ނައްތައިލެވިފައިނުވާކަން ޙަމާސް މި ހިންގި ކާމިޔާބު އޮޕަރޭޝަނުން ދުނިޔެއަށް ހާމަވެއްޖެއެވެ. ޙަމާސަށް ތަހުނިޔާއެވެ! (ގިނަ މަޢުލޫމާތު: ރޮއިޓާރސް)

އެޑިޓަރުގެ ނޯޓް
އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ އަދި މިހާރު ވެސް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ބަހާއި އަދަބުގެ ދާއިރާއިންނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ތިވެހި ތާރީޚާއި އިޖުތިމާޢި ދާއިރާއާއިން ގިނަ ލިޔުންތަކެއް ލިޔުއްވައިފައިވާ ޢަޒީޒު ޖަމާލަކީ އުނގަންނައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޤާނޫނީ ވަކީލެއް ވެސް މެއެވެ . ދިވެހިބަހަށް ޚިދުމަތްކުރުމުގެ ގޮތުން ހިތްވަރުދިނުމުގެ ޤައުމީ އިނާމް (1997)އާއި ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2020ވަނަ އަހަރު އޭނާއަށް ވަނީ ދިވެހި ދައުލަތުން ދެއްވައިފައެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ހަމާސް ގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ހުރީ ތަޢުރީފެވެ. ނަޞްރާ ކާމިޔާބު ލައްވާށިއެވެ. އާމީން
27 May 2024