Advertisement

މިއަދު ދިރާސީ އާ އަހަރެއް ފަށާ ހިނދު.......

26 May 2024 | 06:20
ދިރާސީ އާ އަހަރު ފެށުމަށް ޓަކައި ދަރިވަރުން ތައްޔާރުވެފައި

އަބާ މުޙަންމަދު

ލައްކައަކާ ކައިރިކުރާ ޢަދަދެއްގެ ދަރިވަރުން މިއަދު ތައުލީމީ އާ ދައުރެއް ފަށާނެތީ އެ ހުރިހައި ދަރިވަރުންނަށް މަރުޙަބާކިޔަމެވެ. ހެޔޮ އެދުންތައް ފޮނުވަމެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރާނޭ ތަޢލީމެއް ހޯދާން ގަދައަޅައި މަސައްކަތްކުރުން އެދި އިލްތިމާސްކުރަމެވެ. މި އަމާޒަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރަމެވެ.

ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގައި ގިނަ ވަސީލަތްތަކެއް މި ޒަމާނުގައި ބޭނުންވެއެވެ. މި ވަސީލަތްތަކުގެ ތެރެއިން އެންމެ މުހިންމު ދެ ވަސީލަތަކީ އިސްކޫލާއި މުދައްރިސުންނެވެ. މިއަދު ކިޔެވުން ފަށާ 96 ހާހެއްހައި ދަރިވަރުންނަށް ފުދޭ މިންވަރަށް ދިވެހިރާއްޖޭގައި ވަސީލަތްތައް ފަހިކޮށްދެވިފައިވާކަމަށް އެނގެއެވެ. ސީދާ ސަރުކާރުން ހިންގާ 217 ވަރަކަށް އިސްކޫލު ހުރިއިރު، އެ އިސްކޫލުތަކުގައި މިއަހަރު 12,662 މުދައްރިސުން ޚިދުމަތުގައި އެބަ ތިއްބެވިއެވެ. އެއީ ދިވެހި 10,729 މުދައްރިސުންނާއި، ބިދޭސީ 1,933 މުދައްރިސުންނެވެ.

ސަރުކާރު އިސްކޫލުތަކުގައި މިއަދު ކިޔަވާނީ ގާތަގަނޑަކަށް 83 ހާހެއްހައި ދަރިވަރުންކަމަށް އެނގިފައިވެއެވެ. މީގެ ތެރެއިން 17 ހާސް ދަރިވަރުން ކިޔަވާނީ މާލޭ ސަރަހައްދުގެ އިސްކޫލުތަކުގައެވެ. ސަރުކާރުން ހިންގާ އިސްކޫލުތައް ފިޔަވައި އެހެން އިސްކޫލުތަކުގައި 13 ހާހެއްހައި ދަރިވަރުން ތަޢުލީމު ޙާޞިލުކުރާނެއެވެ. އެއީ ތުއްތުކުދީންގެ ތަޢުލީމުން ފެށިގެން މަތީސާނަވީ ތަޢުލީމާ ހަމައަށް ހުރިހައި މަރުޙަލާއެއްގެ ދަރިވަރުން ހިމެނޭ ގޮތުންނެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފައިވާ ގޮތުގައި މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ވައްދާފައިވެއެވެ. އެހެން ގްރޭޑްތަކަށް ވަންނާން 2,081 ދަރިވަރުން އެދިފައިވެއެވެ. މި ދިރާސީ އަހަރު ފެށޭ އިރު، އަތޮޅުތަކުގެ އިސްކޫލުތަކުން މާލޭ ސަރަޙައްދުގެ އިސްކޫލުތަކަށް 1,126 ދަރިވަރުން ވަނީ ބަދަލުވެފައެވެ. މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ހާހެއްގހައި ދަރިވަރުން ވެސް ބަދަލުވެފައިވެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކިޔަވައިދިނުން ފެށުމަށް ޓަކައި އެ ވުޒާރާއިން ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށެވެ. "ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ (އެ ބޭފުޅުން ވިދާޅުވާ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ) ދިވެހި މުދައްރިސުން ލިބުމުގެ ދަތިކަން"ކަމަށާއި، މިއަހަރަށް ބަލާ އިރު ވެސް "ކޮލްޖެތަކުން ލިބިފައިމިވަނީ 50 އަކަށް ދިވެހި މުދައްރިސުން"ކަމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. "އެއީ މި ފަދަ ސިސްޓަމެއް ދެމެހެއްޓުމަށް [ޓަކައި] ބޭނުންވާ ޢަދަދަށްވުރެ މާ ބޮޑަށް ވެސް މަދު ޢަދަދެއް" ކަމަށް ވެސް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝާފިޢު ވިދާޅުވެފައި ވެއެވެ.

ތަޢުލީ ނިޒާމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ތަޢުލީމީ ނިޒާމު ވަރަށް ކާމިޔާބެވެ. މަތީ ވަނަތައް ހޯދދާ ދަތިވަރުންނާއި މުޅި ދުނިޔޭން އެއްވަނަ ހޯދާ ދަރިވަރުން ވެސް ރެކޯޑް ޢަދަދަކަށް ވަނީ އިތުރުވެފައެވެ. އަދި މަތީ ތަޢުލމު ހޯދައިފައިވާ ޒުވާނުންގެ ޢަދަދު އެތައް ގުނައެއް ވަނީ އިތުރުވެފައެވެ. ނަމަވެސް ޢަމަލީ މައިދާނުން އެ ގާބިލުކަން ފެންނަލެއް މަދޭ މި ދަންނަވަނީ ހިތާމައާއެކުގައެވެ. އަދި ތަހުޒީބާއި ސުލޫކީ ސިފަތައް ފެންނަ ލެއް މާ މަދުކަން ގިނަ ބަޔަކު ފާހަގަކުރެވެއެވެ.

މިއަދު ތަޢުލީމީ އާ އަހަރު ފެށޭ އިރު، ތަޢުލީމުގެ މަގުސަދަކީ ގިނަ އޭތަކަކާއި ގިނަ ސަނަތުތަކެއް ހޯދުންކަމަށް ދެކޭ ދުށުން ބަދަލުކޮށް، ދަރިވަރުންނަށް ތަޢުލީމު ދިނުމުގެ ހަގީގީ ބޭނުމަކީ ކަންކަމާމެދު ފިކުރުކުރާން ދަންނަ، ވިސްނުންތެރި ހުނަރުވެރި ސުލޫކުހުރި އިންސާނުންތަކެއް ތަރުބިޔަތުކުރުންކަން ދަރިވަރުންނާއި ބެލެނިވެރީންނާއި އިސްކޫލުތަކުން ވެސް އަދި ސަރުކާރުން ވެސް ގަބޫލުކުރުމަކީ މުހިންމުކަމެްކަމަށް "ފަރަގު" ދެކެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް