Advertisement

ޝައްކު

26 May 2024 | 00:01
ޝައްކު

އަސްމާ އަބޫބަކުރު

ހެދި ބޮޑުވާ ގަހެކޭ އެއް ގޮތަށް އަހަރެމެންގެ ރަޙުމަތްތެރިކަން ދިޔައީ ގާތްވަމުންނެވެ. ދުނިޔެއަކީ ފާފަވެރި އަނދިރި ތަނެކޭ ކިތަންމެ ފަހަރަކު ނަހުވާ ބުނެއެވެ. އެހެން އެ ބުނަނީ ކީއްވެގެންކަން އަހަންނަކަށް ނޭނގެއެވެ. ނަހުވާ ފަދަ ރައްޓެއްސަކު ލިބިފައިވުމީ ނިޢުމަތެކެވެ. އަހަރެންގެ މާގިނަ ރައްޓެހިން ނުވެސް ތިބެއެވެ. އެއް ކުލާހެއްގައި ކިޔެވުމުގެ ސަބަބުން އަހަރެންގެ ފިރިމީހާ ނާފިޢުގެ އިތުރަށް ނަހުވާ ފިޔަވައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާކުރާނެ މީހަކު ވެސް ނުހުރެއެވެ.

ބުދަ ދުވަހެއްގެ މެންދުރު ފަހުގެ ވަގުތެކެވެ. އަހަރެންގެ ދަރިފުޅު ނިމްރާ ސްކޫލަށް ލައިފައި އައިސް ގެއަށް ވަނުމާއެކު ފޯނު ރިންގުވާން ފެށިއެވެ. އަހަރެންގެ ތުންފަތް މައްޗަށް އެރީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ނަހުވާ މަސައްކަތް ހުންނަ ގޮތުން ދިމާނުވާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. ފޯނުން ވެސް ވާހަކަނުދެއްކޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންވިއަސް އަހަރެމެންގެ ރަޙުމަތްތެރިކަމަކަށް ބަދަލެއް ނާދެއެވެ.

"ހަލޯ.. ނަހުވާ މި ދުނިޔޭގައި އެބައުޅެންދޯ!"

"ސަނާ މަތިން ހަނދާންވާ ވަރުން މިގުޅައިލީ. ހިނގައިބަލަ މިއަދު ކޮފީއަކަށް ދާން." ދަރިފުޅު ސްކޫލް ގަޑީގައި ތަނަކަށް ދާން އުނދަގޫ ކަމަކަށް ނުވާނެއެވެ. އަހަރެމެން ބައްދަލުކުރީ އާންމުކޮށް އަހަރެމެން ގޮސް އުޅޭ ރެސްޓޯރެންޓުންނެވެ. 

ދެކެވުނު ވާހަކައިގެ ތެރެއިން ނާފިޢުވީ އޮފީސް ދަތުރެއްގައި އަތޮޅު ތެރެއަށް ހަފުތާއަކަށް ގޮސްކަމަށް ނަހުވާ ގާތު ބުނެވުނެވެ. އެ ވަގުތު ނަހުވާގެ ދެ ލޯ ބޮޑުކޮށްލައިފައި އަނގަމަތީ އަތްއެޅިއެވެ.

"ކިހިނެއްވީ؟" ނަހުވާ ބުނާން ނުބުނާން ހުރެފައި ޖަވާބުދިނެވެ.

"އިއްޔެ ވެސް ނާފިޢު ދުށީން ހުޅުމާލެއިން. ނާފިޢުއަކަށް މަށެއް ނުފެންނާނެ." ނަހުވާ ދިން ޖަވާބުން އަހަރެންގެ އިތުރަށް ވިސްނާން ޖެހުނެވެ. ޝައްކުކުރާން ބޭނުންނުވިއަސް ޝައްކުގެ ސާލެއް ގައިގައި އޮޅާން ޖެހިއްޖެއެވެ. އެކަމާ އެތައް ވަރަކަށް ވިސްނީމެވެ.

ދަތުރު ނިންމައިފައި ނާފިޢު މާލެ އަތުވެއްޖެއެވެ. އޭނާ އުޅޭ ގޮތަކުން ނޫނީ ކުރާ ކަމަކުން ވެސް ނަހުވާ ފަރާތުން ކުރެވުނު ޝައްކަށް ޔަޤީންވާ ކަހަލަ ހެތްކެއް ނެތެވެ. އަހަރެން ވިސްނީ އެއީ ނަހުވާއަށް ހީވި ގޮތަކަށް އެކަން ނިންމާށެވެ.

އަހަރެމެން އުޅެމުން ގެންދަނީ އަހަރެންގެ އެޕާޓްމަންޓުގައެވެ. އެއީ ދެކޮޓަރިއާ ސިޓިންގރޫމަކާ ބަދިގެއެވެ. އަހަރެމެންގެ ކުޑަ އާއިލާއަށް އެންމެ ހެޔޮވަރުގެ ތަނެކެވެ. އަހަރެމެން ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ބައްޕަ ދީފައިވާ ތަނެކެވެ.

އަހަރެމެންގެ ޚަރަދުތައް ބަލަހައްޓާން އަހަރެންގެ ބައްޕަ ފަށްޓައިފައިވާ ވިޔަފާރީން ފުދެއެވެ. ކޮންމެ މަހަކު ވެސް އަހަރެންގެ އެކައުންޓަށް ބައްޕަ ދަނީ ކޮންމެވެސް ވަރަކަށް ފައިސާ ޖަމާކުރަމުންނެވެ. ބައްޕަގެ ތިބި ދެ ދަރީންގެ ތެރެއިން އަހަރެންމީ އެންމެ ދޮށީ މީހާއެވެ. ދެންހުރީ ސަމާ އެވެ. އެއީ އަދި ކިޔަވާ ކުއްޖެކެވެ.

ނާފިޢަށް ލިބޭ މުސާރައިން އޭނާގެ އާއިލާއަށް ޚަރަދުކުރާން ޖެހިފައިވާތީ، އެ ކަމާ އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ނާފިޢުގެ މުސާރައަށް ވުރެ މާބޮޑު އެއްޗެއް އަހަރެން ބައްޕަ، އަހަރެންގެ އެކައުންޓަށް ޖަމާކުރާތީއެވެ.

"ގެއަށް ވަންނަ އިރަށް ބަނޑުފުރޭހާ މީރު ވަސް އެބަދުވާ." ނާފިޢު ފެންވަރައިގެން އައިސް ކާމޭޒު ކައިރީ އިށީނެވެ. މުޅިތަން އެއްވަސް ވެފައިވަނީ ނާފިޢު ޖަހައިފައިވާ ސެންޓުގެ ވަހުންނެވެ.

"އެހެންވީމާ ކާކަށް ނުޖެހޭނެއްނު. މިހާރު ވެސް ތިޔަ ހުރީ ބަނޑުފުރިފައި" އެވަގުތު ނިމްރާ ދުވެފައި އައިސް ނާފިޢުގެ އަތުތެރެއަށް ވަނެވެ.

އަހަރެމެން ކާންތިއްބައި އެޕާޓްމަންޓުގެ ބެލް އަޅާންފެށިއެވެ. އަހަރެން ގޮސް ދޮރު ހުޅުވާލިއިރު ހުރީ ޒޫނާއެވެ. ޒޫނާއަކީ ނާފިޢުގެ ދެބޭންގެ ދެ ދަރި ކުއްޖެކެވެ. ނާފިޢު ގާތަށް އޭނާ އަންނާނީ އަބަދުވެސް ކަމެއް ޖެހުނީމައެވެ.

މެންދުރު ކެއުމުގައި އަހަރެމެންނާއެކު ޒޫނާ ވެސް ބައިވެރިވިއެވެ. އަހަރެން ބައެއް ފަހަރު ބަދިގެއަށް ކޮންމެ ވެސް އެއްޗެއް ގެނައުމުގެ ބަހަނާގައި ތެދުވަމެވެ. އަހަރެން ބަލަމުން ދިޔައީ ޒޫނާ އާއި ނާފިޢު ދެމެދުގައި އެއްވެސް ތަފާތެއް ފެނޭތޯއެވެ. އަހަރެން ދުރުގައި ހުރެގެން އެމީހުންގެ ހަރަކާތްތަކަށް ބެލިއިރު ޒޫނާ ވަރަށް ހެވިފައި ނާފިޢުގެ އަތުގައި ޖަހައިލި ތަން ފެނުނެވެ. އަނެއްކާ މި ދެމީހުންގެ ގުޅުމެއް އޮތީބާއެވެ!

ނާފިޢުގެ ދަބަހުގައި ހުރި އަންނައުނުތައް ދޮންނާން ނަގަމުން ޝައްކުވާ ކަހަލަ އެއްޗެއް ފެނޭތޯ އުޅެއުޅެ ނުފެނުނެވެ.

"މިހާރުގެ މީހުން ހާދަ ސްމާޓޭ. ކަމެއް ކުރިއަސް އެ ކަމެއްގެ ދޮންކަޅު ވެސް ނޭނގޭހާ މޮޅު." އަހަރެން ދިޔައީ ހިތުން ވާހަކަދައްކަމުންނެވެ.

އޭގެ ހަފުތާއެއް ފާއިތުވެ ދިޔައިރު ވެސް އަހަރެންގެ ހިތަކުން ނަހުވާގެ ޖުމްލަ ހަނދާނެއްނުނެތެއެވެ. އަނެއް ކޮޅުން ނާފިޢުގެ އުޅުމަކަށް އަހަންނާ އޮންނަ ގުޅުމަކަށް ތަފާތެއް ނާދެއެވެ. ނާފިޢު އަބަދު ވެސް އަހަންނަށް ކަންކަން ކޮށްދެނީ އޯގާތެރިކަމާ އެކުގައެވެ. އެހައި ލޯބިވެއެވެ. އަތޮޅު ތެރެއަށޭ ކިޔައިފައި ގޮސް ހުޅުމާލޭގައި އުޅުނު ނަމަ ގައިމު ކޮންމެ ވެސް ކަންތައްތަކެއް ސިއްރުން ކުރީއެވެ. ނާފިޢަކީ ހަމަ ކުރީގެ ވެސް ނާފިޢެވެ. ތަފާތެއް ނެތެވެ. އެހެންވިއަސް އަހަރެންގެ މިޒާޖަށް ކޮންމެވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ކެއުމާ ކުޑަކޮށް ދުރުވެވި ވިސްނުމުގައި ގައިދު ވެވިއްޖެއެވެ. ނެގިމަޑުވެފައި ހުންނަކަން ފިރިމީހާއަށް ފާހަގަވެއްޖެއެވެ.

"ސަނާ. ބަލީތަ؟ މިހާރަކަށް އައިސް ބަދަލުތަކެއް އެބަ ފެނޭ. އަހަރެން ގާތު ބުނީމާ އެނގޭނީ." އަހަރެމެންގެ ޚާއްޞަ ރެސްޓޯރެންޓަށް ވަންނަމުން ނާފިޢު ދިޔައީ މަޑުމަޑުން ސުވާލުކުރަމުންނެވެ.

"އެއްވެސް ކަމެއް ނުވޭ. އެކަމަކު ކުޑަކޮށް ކާހިތްނުވުމާއި، ގައިގައި ވަރުދެރަހެން ހީވޭ." އަހަރެންގެ އެހެން ބުނުމުން ނާފިޢު ވަރަށް ކަންބޮޑުވެއްޖެއެވެ.

"ހިނގާ ހޮސްޕިޓަލަށް ދަމާ! އޭރުންތާ ވާ ގޮތެއް އެނގޭނީ؟" ނާފިޢު އެހެން ބުންޏަސް އަހަރެން ހޮސްޕިޓަލަށް ދާކަށް ބޭނުމެއް ނޫނެވެ. އަހަންނަށް އަހަރެންގެ ބަލި އެނގެއެވެ. އެކަމަކު އެ ވާހަކައަކީ އުފަންނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ދެކެވިފައިވާ ވާހަކައެކެވެ. އެ ވާހަކަ ދެއްކީ އަހަރެން އެންމެ އިތުބާރު ކުރާ އެކުވެރިޔާއެވެ. ހަމަގައިމު ވެސް އޭގައި ތެދެއްވާނެއެވެ. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުކުރާން ޖެހުނު ކޮންމެ ކަމަކަށް އަހަރެން ތައްޔާރެވެ. އެކަމަކު މި ކަމަށް ކިހައި ދުވަހެއް ވާނެހެއްޔެވެ؟ 

ފުރަތަމަ އަހަރެންގެ ރާޑަރަށް އެރީ ޒޫނާއެވެ. ޒޫނާ އުޅޭ ގޮތް ވެސް އަހަރެން ބެލީމެވެ. އަނގަގަދަކޮށް އުޅުނަސް ސާފު ހިތެއްގެ ވެރިއެކެވެ. އޭނާގެ ފުށުން އެއްވެސް ކަމެއް ނުފެނުނެވެ. ދެން އަހެރެންގެ ޝައްކުގެ ސިކުނޑިއަށް އެރީ އަހަރެމެންގެ އެޕާޓްމަންޓު ކުރިމަތީ ހުރި އެޕާޓްމަންޓުގައި އުޅޭ ޒުވާން ރީތި ފައިނާއެވެ. އެ އަންހެން ކުއްޖާ ވަރަށް ގިނައިން ކޮފީ ބޯން ބެލްކަނީގައި އިންނަ ތަން ދެކެމެވެ. އެ ކުއްޖާގެ މަޅީގައި ނާފިޢު ޖެހުނުކަމަށް ޝައްކުވެގެން އެތައް ދުވަހަކު ފައިނާއަށް ފާރަލެވުނެވެ. ފައިނާ ގެއިން ނިކުންނަ ކޮންމެ ފަހަރަކު އޭނާ ދާތަނަކާ އޭނާ ގެއަށް އަންނަ ގަޑި ވެސް ޗެކުކުރެވުނެވެ. އެކަމުން ވެސް ވީ ނާކާމިޔާބެވެ.

ނިމްރާ ސްކޫލަށް ގެންދިޔުމާއި ސްކޫލުން ގެނައުމަށް ވެސް ނާފިޢު ދާން ބޭނުން ވެގެން އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ. އަހަރެމެން ރާވައިފައި އޮންނަ ގޮތުން ދަރިފުޅު ސްކޫލަށް ދާނީ އަހަންނާއެކުއެވެ. ބަލާދާނީ ނާފިޢެވެ. ކުއްލިއަކަށް އެ އުސޫލަށް ބަދަލުތަކެއް އައުމުން އަހަރެންގެ ބޮލުގައި ރިއްސާން ފަށައިފިއެވެ.

"ސަނާ. މި ދުވަސްކޮޅު ބަލިވެ އުޅޭތީ އަހަރެން ނިމްރާގެ ކަންތަކާ ޙަވާލުވެއްޖައިން. ސަނާ ރަނގަޅު ވީމާ، ކުރިއެކޭ އެއްގޮތަށް ދެމީހުން ބަހައިލައިގެން ދާނީ." ނާފިޢު އޯގާތެރިކަމާ އެކު ބުނެލިއެވެ. އޭގެ ތިން ދުވަސް ފަހުން ނިމްރާގެ ޓީޗަރު ގުޅައިފިއެވެ. ސްކޫލަށް ނިމްރާ ބަލައި ނުދާތީއެވެ. ވަގުތުން އަހަރެން ނާފިޢަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. ސްކޫލަށް ދަމުން އަހަރެން ނާފިޢު އޮފީސް ފޯނަށް ވެސް ގުޅީމެވެ. އެ ފޯން ނެގި ރިސެޕްޝަނިސްޓް ދިން ޖަވާބުން އަހަރެން ރުޅި ގަދަވެއްޖެއެވެ.

"މިއަދު އޮފީހަކަށް ނުދުރުވޭ." އެހެންވީއިރު ތައްޔާރު ވެގެން ޓައީ އަޅައިގެން އެ ދިޔައީ ކޮންތާކަށްބާއެވެ؟ އެ ދުވަހު ނިމްރާގެ ފަރާތުން ވެސް ބައެއް ވާހަކަތައް އަޑުއިވުނެވެ.

"ނިމްރާ ބަލައި ބައްޕި ނައީ ކީއްވެ؟ ނިމްރާގެ ބޮޑާހޭކީ އޭނާގެ ބައްޕަ ވަކި ގޮތަކަށް ނިމްރާ ބަދަލުކުރާން މަސައްކަތްކުރާތީކަން އެނގުނެވެ.

އެރޭ އަހަރެން ވަރަށް ހިތްހަމަ ނުޖެހިގެން ނާފިޢާ ވާހަކަދައްކަން ޖެހުނެވެ.

"ދަރިފުޅު ބަލައި ނުދެވޭ އިރު، ކީއްވެ ނުބުނީ؟ އެ ވަރުގެ ކުދީންގެ ހިތުގައި ޖެހޭނެކަން އެނގޭންވާނެ." އަހަރެން  ނުރުހިފައި އެހެން ބުނުމުން ނާފިޢު ހުރީ ފާޑަކަށެވެ.

"ބިޒީ ވެގެން ހަނދާން ނެތުނީ."

"ބިޒީ ވާނީ އޮފީހަށް ދިޔަ ނަމައެއްނު؟ ނާފިޢު މިހާރު މަކަރު ވެސް ހަދާން ފެށީތަ؟ ނާފިޢު އުޅޭ ގޮތް އަހަންނަށް ނޭނގޭ ކަމަށްތަ ތިޔަ ހީކުރަނީ؟" އަހަރެން ގާތު އެކި މީހުން ދެއްކި ވާހަކަތަކުން ޕަޒުލް ރާވައިލި އިރު ނާފިޢު ވެސް އަދި ނަހުވާ ވެސް ލަދުގެ ކަންފުޅެއް ނެތެވެ. ނިމްރާ ބުނި ވާހަކައާއި ނަހުވާ ބުނެފައި ހުރި ވާހަކަތަކާ އޮފީހުގައި ނޫޅޭތީއާ އެކީ އަހަރެންގެ ޝައްކު ޔަގީނާ ގާތަށް ދެވުނެވެ.

ނިމްރާ ސްކޫލުން ގުޅި ދުވަހު އަހަރެން ބަލައި ދިޔުމުން ނިމްރާ ބުންޏެވެ.

"ނިމްރާއަށް ކޮންމެ ދުވަހަކު ބައްޕިއާ ނަހުވާ ދައްތަ އައިސްކްރީމް ދޭ."

"އޮފީހަކަށް ނުދުރުވޭ" ރިސެޕްޝަނިސްޓް ބުނި ޖުމްލަ ހަނދާންވިއެވެ.

"އަހަންނަށް މި ލެޕްޓޮޕް ލިބުނީ ބާރތުޑޭ ގިފުޓަކަށް" ނަހުވާ އެއް ދުވަހު ރެސްޓޯރެންޓުގައި އިނދެފައި ބުންޏެވެ. ލެޕްޓޮޕެއްގެ ބިލްކޮޅު ނާފިޢުގެ ފަޓްލޫނު ޖީބުން އަހަންނަށް ވަނީ ފެނިފައެވެ.

"އެކުވެރިއަކަށް ހުރެ އަހަރެންގެ ޙަޔާތަށް ވިހައިގެ އަސަރު ތިޔަ ދޫކުރީ." އަހަރެން ހިތާހިތުން ނަހުވާގެ ހުރި މަކަރުވެރިކަމަށް އެއްޗެހި ގޮވުނެވެ. ނަހުވާއަކީ އެ ފަދަ ދެވަނައެއް ނުވާ އެކުވެރިއެއްކަމުގައި އަހަރެން ހީކޮށްގެން ހުއްޓައި އެންމެ ފަހުން ލަނޑު ލިބުނީ އަހަންނަށެވެ.

"މާދަމާއިން ފެށިގެން ނާފިޢު އުޅޭނެ ތަނެއް ހޯދާ! އަހަރެންގެ އެޕާޓްމަންޓުގައި ދެނެއް ނާފިޢުއަކަށް ނޫޅެވޭނެ."

"ނަހުވާގެ ގެއަށް ބަދަލުވިޔަސް އަހަންނަށް ވަރިހަމަ."  ހިތަށް ކިތަންމެ ތަދުވިއަސް މަކަރުވެރިއަކާ އެކު ދިރިއުޅުމެއް ނޫޅެވޭނެއެވެ. އެއް ފަހަރު ލަނޑުދިން މީހަކު ހާސް ފަހަރު ވެސް ލަނޑުދޭނެއެވެ.

"އަހަންނަށް މަޢާފުކުރޭ." ނާފިޢު އެއް ފަހަރު މަޢާފަށް އެދޭ އިރު އެއް ހާސް ފަހަރު ކުށްކުރީ ކީއްވެހެއްޔެވެ؟ އެތައް ދުވަހެއް އަހަރެން ހޭދަކުރީ ތެދުވެރިކަމަށް ހެދިގެން އުޅުނު މަކަރުވެރި ފިރިމީހާއާއި ކެހިވެރި އެކުވެރިޔާއާ އެކީގައެވެ. އަހަރެން ނަހުވާއަށް އިތުބާރުކުރީ އަހަރެންގެ ހިޔަންޏަށް ވުރެ ވެސް ބޮޑަށެވެ. އަހަންނަށް ކެތްކުރެވިއްޖެއެވެ. އެކަމަކު ދެނެއް ނުވާނެއެވެ.

ނާފިޢު ގާތު ގެއިން ނިކުންނާން ބުނުމުން ވަރަށް ދެރަވެގެން ރުޔެވެ. އެކަމަކު އަހަރެންގެ ހިތަކަށް އެ ކަމަކުން އަސަރެއް ނުކުރާނެއެވެ. އަހަރެންގެ ފިރިމީހާއާއި އެކުވެރިޔާގެ މުޑުދާރު ގުޅުން އެނގުނު ހިސާބުން އަހަރެން ވެސް ވަރަށް ގިނައިން ކަރުނައެޅީމެވެ. އެ ދެ މީހުންނަކީ އަހަރެން ހިތުގައި އެންމެ ޝައްކުކުރާން ބޭނުން ނުވި ދެ މީހުންނެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް
މަރީ
މި ވާހަކަ ސަޅި. މި ކަހަލަ ރީތި ވާހަކަ ލިޔެބަލަ، އަސްމާ! މި ދިޔަ ހަފުތާގައި ނުފެނުނު އަސްމާގެ ވާހަކައެއް.
26 May 2024