Advertisement

އެންޓިގުއޭ އެންޑް ބާރބިޔުޑާގައި ހޯމަ ދުވަހު ފަށާ މަހާސިންތާއަކީ ރާއްޖެއަށް މުހިންމު މަހާސިންތާއެއް

25 May 2024 | 11:06
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒާއި ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް މޫސާ ޒަމީރު (ފައިލް ފޮޓޯ)

އަބާ މުޙަންމަދު

އެންޓިގުއޭ އެންޑް ބާރބިޔުޑާއަކީ ކެރީބިއަން ސަރަހައްދުގައި އޮންނަ ޖަޒީރާ ގައުމެކެވެ. އެޓްލާންޓިކް ކަނޑުގައި ކެރީބިއަން ޖަޒީރާތަކުގެ ތެރޭގައި އޮންނަ މި ދައުލަތް ބިނާވެފައިވަނީ، އެންޓިގުއޭއާއި ބާރބިޔުޑާއާ މި ދެ ޖަޒީރާގެ މައްޗަށެވެ. މި ދެ ޖަޒީރާގެ ދެތެރޭގައި 25 މޭލު (40 ކިލޯމީޓަރު)ގެ ދުރުމިން ހުރެއެވެ. އަދި ކައިރީގައި ކުދިކުދި ރަށްތަކެއް ވެސް ހުރެއެވެ.

މި ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 97 ހާސް އެއް ސަތޭކަ ވިހި މީހުންނެވެ. މި އާބާދީގެ 97 އިންސައްތަ މީހުން ދިރިއުޅެނީ އެންޓިގުއޭ ޖަޒީރާގައެވެ. ގައުމުގެ ވެރިރަށަކީ ވެސް އަދި އެންމެ ބޮޑު ސިޓީއަކީ އެއީއެވެ. އަދި އެންމެ ބޮޑު ބަނދަރު އޮންނަނީ ވެސް އެ ޖަޒީރާގައެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ޖަމްޢިއްޔާ (ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް) (ސިޑްސް)ގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާ މި މަހު 27ން 30އަށް ބާއްވާން ހަމަޖެހިގައިވަނީ މި ގައުމުގައެވެ.

މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އެންޓިގުއޭ އެންޑް ބާބިއުޑާއަށް ވަޑައިގަންނަވާނެއެވެ. މިހާރު އެ މަނިކުފާނު އުޅުއްވަނީ ދަތުރުފުޅުމަތީގައެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިންވަނަ މަހާސިންތާ ބާއްވައިފައިވަނީ 2014ވަނަ އަހަރަު 1ން 4އަށް ސަމޯއާގެ އެޕިއާގައެވެ.<br>

ހޯމަ ދުވަހު ފަށާން ހަމަޖެހިފައިވާ މި މަހާސިންތާގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖޭގެ ފަރާތުން މަތީ ފެންވަރުގެ ވަފުދެއް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާއިރު، މި ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒެވެ. މި މަހާސިންތާގައި ރައީސް ޑރ. މުޢިއްޒު ތަޤުރީރުކުރައްވާނެއެވެ. މި ތަގުރީރު ދައުލަތުގެ މީޑިއާއިން ދުރަށް ފޮނުވާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް މި މަހާސިންތާގައި ދެން ބައިވެރިވަޑައިގަންނަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް ޠާރިޤް އިބްރާހީމާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އޮނަރަބްލް ޑރ. ޢަލީ ޙައިދަރު އަޙުމަދާއި މޫސުމާ ބެހޭ ޚާއްޞަ މަންދޫބު އަލްފާޟިލް ޢަލީ ޝަރީފުކަމަށް ވެސް އެނގިފައިވެއެވެ. ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި މި މަހާސިންތާ އިންތިޒާމްކުރުމަށް ޓަކައި އެކުލަވައިލި ކޮމިޓީގެ ނާއިބު މުގައްރިރެއްގެ ގޮތުން ރާއްޖެއިން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އަދި މި މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލުހޯދުމަށް ޓަކައި ކުރެވޭ މަސައްކަތުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މި މަހާސިންތާގެ ތެރެއިން ރާއްޖޭގެ އަޑު ބައިނަލްއަޤްވާމީ މުޖްތަމައުއަށް އިއްވޭކަން ޔަގީންކުރައްވާކަމަށް ވެސް ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ޖަމުޢިއްޔާގެ މި މަހާސިންތާއަކީ ކޮންމެ 10 އަހަރަކުން އެއް އަހަރު ބާއްވާ މަހާސިންތާއެކެވެ.

_________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް