ބައިނަލްއަގުވާމީ ކޯޓުން އަމުރުކުރަނީ "ރަފަޙުގައި ހިންގަމުންގެންދާ ޢުދުވާނުތައް ވަގުތުން ހުއްޓައިލައި ޔަހޫދީ ފައުޖުތައް ރަފަޙުން ފައިބާން." ޔަހޫދީން ބުނަނީ ނުބައިބާނެކަމަށް. ކޯޓުގެ އަމުރު ތަންފީޒުކުރާނެ ބާރެއް ދުނިޔެއަކު ނެތް.
އަބާ މުޙަންމަދު
އދ.ގެ އެންމެ މަތީ ކޯޓު، ބައިނަލްއަގުވާމީ ޢަދުލު އިންސާފުގެ ކޯޓު ނުވަތަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ކުރި އަމުރަކީ އަދުއިންސާފު އަދި މުޅީން މަރުނުވާކަން އަންގައިދިން ކަމެކެވެ. މިއަމުރުގައި އިސްރާއިލަށް ގޮވައިލައިފައިވަނީ "ރަފަޙުގައި ހިންގަމުންގެންދާ ޢުދުވާނުތައް ވަގުތުން ހުއްޓައިލައި ރަފަޙުން ފައިބާށެވެ."
އައިސީޖޭން ޔަހޫދީންނާ ދެކޮޅަށް މި އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ބެންޗުގައި ހިމެނޭ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ ތާއީދާ އެކުގައެވެ. ދެކޮޅު ހަދައިފައިވަނީ ދެ ފަނޑިޔާރެކެވެ.
ދެކުނު އެފުރިކާއިން މިދިޔަ ހަފުތާގައި ޞަހުޔޫނީ އިސްރާއީލާ ދެކޮޅަށް އަމުރެއް ނެރެދިނުމަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހަޅައިފައި ވަނީ, ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލުމަށް ޓަކައި ޔަހޫދީ ފައުޖުން ލާއިންސާނީ ނަސްލުހޭދެއް ހިންގަމުން ގެންދާތީއެވެ. އަދި ޢުދުވާނުގެ ސަބަބުން ފަލަސްޠީނުގެ މުސްލިމުންގެ ކުރިމަގާއި ފުރާނައަށް ނުރައްކާވެފައިވާކަމަށް އަޅުގަނޑުމެން މުސްލިމުން ގަބޫލުކުރާ ފަދައިން ދެކުނު އެފުރިކާއިން ވެސް ގަބޫލުކުރާތީއެވެ.
އައިސީޖޭގެ އަމުރުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ބާރުދީފައިވާ، އަދި އޭގެ މައްޗަށް ޤައުމުތަކަށް އަމަލުކުރުން ލާޒިމު އަމުރުތަކެކެވެ. ނަމަވެސް އެ ކޯޓުގެ އަމުރުތައް ތަންފީޒުކުރާނެ އަސްކަރީ ބާރެއް ދުނިޔޭގައެއް ނެތެވެ. ޔަހޫދީންނަކީ ހަމައެއްލަމައެއް އަދުލެއް އިންސާފެން ގަބޫލުކުރާ ބަޔެއް ނޫނެވެ. އެ މީހުން ކުރާ ކޮންމެ ކަމަކަށް ތާއީދުކޮށް ފަންނީ އަދި މާލީ އެހީދިނުމުގައި އެމެރިކާ ދެމި އޮތުމަކީ އެބައިމީހުންނަށް އެބައިމީހުންގެ ސައިޒު އޮޅިފައިވާ ކަމެކެވެ. ދުނިޔޭގެ އެންމެންނަށް ފެންނަ ގޮތަށް ޣައްޒާގައި، މިހާރު ޚާއްޞަކޮށް ރަފަޙުގައި، ފަލަސްޠީނު މަދަނީންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންގެންދާ ޢުދުވާނާއި ނަސްލުހޭދު ހިންގަމުން ދިޔަޔަސް އެ ކަން އެ މީހުން ކުރާކަމަކަށް އެ މީހުންނަށް އެއްބަސްވާކަށް ނުކެރެއެވެ. އެ ކަން ކުރާކަމަށް ޔަހޫދީންނާއި އެމެރިކާއިން އިންކާރުކުރެއެވެ.
އައިސީޖޭގެ އަމުރާ ގުޅިގެން ވެސް އިސްރާއީލުން ބުނަނީ އައިސީޖޭގެ އަމުރާ އެ މީހުން އަޅައެއްނުލާނެކަމަށެވެ. އަދި އިސްރާއީލުން ގަބޫލުކުރަނީ އައިސީޖޭގެ އަމުރަށް ތަބާވުމަކީ އާންމުންގެ ކުރިމަތީގައި އެ މީހުން އަމިއްލައަށް ދަންޖެހުންކަމަށެވެ. ޔަހޫދީ ސަރުކާރުގެ ތަރުޖަމާނު ދާއުދު މެންސާރު ބުނަނީ "މި ދަންޖެހުމާ ދިމާއަށް އެ މީހުން ގެންދާނެ ބާރެއް ދުނިޔޭގައި ނެތް"ކަމަށެވެ. އަދި ޙަމާސާ ދެކޮޅަށް އެ މީހުން ހިނގާ "ހަނގުރާމަ"ކަމަށް ބުނެ ރަފަޙުގައި ހިންގާ ނަސްލުހޭދު ހުއްޓައިލުމަށް އެ މީހުން ފާޅުގައި ދެކޮޅު ހަދައެވެ.
ކޯޓުން އަމުރު ނެރުނުތާ މަދު މިނިޓުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ވައިގެ އުޅަނދުތަކުން ވަނީ ރަފަޙުގެ ޞަބުރާ ފޭލިގެ އަވަށުގެ މެދުތެރެއަށް ފުލުފުލުގައި އެތައް ސަތޭކަ ޙަމާލާއެއްދީ ޢަދަދުނުކުރެވޭހާ ގިނަ ބަޔަކު ޝަހީދުކޮށްލައިފައެވެ.
ޔަހޫދީންގެ ވާހަކަތަކުން، ޙަމާސްކަމަށް އެ މީހުން މާނަކުރަނީ ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންކަން ހާމަވެއެވެ. އެހެނީ މިއަދު ރަފަޙުގައި ތިބީ ހާލުގައި ޖެހި ބަނޑަށް ޖެހިފައިވާ ނިކަމެތި ރައްޔިތުންނެވެ. ޔަހޫދީން ޙަމަލާދެނީ އެ ރައްޔިތުންނަށެވެ. ހަލާކުކޮށް ސުންނާފަތިކުރަނީ މުޅި ރަށުގެ ބިނާރެވެ.
ފަލަސްތީނުގެ ޙާލަތު<br>
ޔަހޫދީ ފައުޖުން ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙަށް އަރައިފައި ވަނީ މި ހިނގާ މޭ މަހު ހަތްވަނަ ދުވަހުއެވެ. އެއިރު, ޣައްޒާގެ ގެދޮރު ނެތިފައިވާ 1.5 މިލިޔަނެއްހާ މީހުން ތިބީ ރަފަޙަށް ޖަމާކޮށްފައެވެ. ނަމަވެސް ޔަހޫދީ ފައުޖުން ތަނެއްދޮރެއް ނުބަލައި ވައިގެ މަގުންނާއި ބިންމަތީން ހަމަލާދީ އެ ރަށުން ނުވަ ލައްކައަށް ވުރެ ގިނަ މީހުން ފައިބާން ވަނީ މަޖުބޫރުކޮށްފައެވެ. އެ މީހުން ދާނެ ތަނެއް، ވަންނާނެ ހިސާވައްސެއް ނެތަސް ވެހެވެ. މި ފަދަ ބައެއް މީހުން ގޮސް ވަދެ ތިބީ ވީރާނާވެ، ކުނީން ތަތްތެޅިފައިވާ އިމާރާތްކުގެ ގާތަކުގެ ތެރެއަށެވެ. ޔަހޫދީ ފައުޖުން އެއްގަމު މަގުން ރަފަޙަށް އެރުމަށް ފަހު، ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ވެސް އެ މީހުންގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރަށް އެ މީހުން ވަނީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން އެކި ފަރާތްތަކުން ކުރަމުން ގެންދިޔަ މަސައްކަތްތަކަށް ހުރަސްއަޅައިފައެވެ. ޣައްޒާގެ ކާރިމް އަބޫ ސާލިމް ސަރަޙައްދީ ހުރަހުން ވެސް ކާބޯތަކެތި އެތެރެކުރުން އޮތީ ހުއްޓުވައިފައެވެ. ޣައްޒާގައި 2.3 މިލިޔަން މީހުން ތިބީ ޔަހޫދީންގެ އަނިޔާވެރި ޙާމަލާތަކުން ހާލުގައި ސައްސައިފައެވެ. މި އެންމެން ތިބީ ބޯހިޔާވަހިކަމެއް ލިބޭން ނެތް ތާނގައި ބަނޑުފުރާނަ މުއްތިކުރާނެ ފަދައެއް ވެސް ނެތިފައެވެ. ޔަހޫދީންގެ ގަސްތަކީ ވެސް އެ މީހުންނަށް ޝަހީދުކޮށްނުލެވި ތިބި އެންމެން ބަނޑަށް ޖައްސައިގެން ޝަހީދުކޮށްލުމެވެ.
މިހާރު ވެސް ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ޓަކައި ފޮނުވައިފައިވާ ކާބޯތަކެތި ރަފަޙަށް ވެއްދިޔަ ނުދީ ހުރީ ރަފަޙު ބޯޑަރުކައިރީގައި ހިފަހައްޓައިފައެވެ. ގިނަ ކާބޯތަކެތި މިހާރު ހުރީ ކުނިވެ ބޭޏުން ނުކުރެވޭ ގޮތްވެފައެވެ.
ޔަހޫދީ ޒަޔަނިސްޓް ދައުލަތުން ރަފަޙަށް ދެމުން ގެންދާ ޙަމަލާތައް ވަގުތުން ހުއްޓައިލާން ބައިނަލްއަޤްވާމީ ކޯޓުން މިއަދު ކުރި ހުކުމަށް ޔަހޫދީ ދައުލަތުން ބޯލަނބާން ޖެހޭނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމަށް ވަނީ ތާއީދުކުރައްވައިފައެވެ. އަދި ރަފަޙުގެ ސަރަހައްދީ އިން ހުޅުވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭން ޖެހޭނެކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް، އިތުރަށް ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ދާއިމީ ހަމަޖެހުން ޤާއިމުވާނީ 1967ގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގާއިމުވެފައިވާ ފަލސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށްގެންކަމަށެވެ.
ރައީސް ޑރ. މުޙަންމަދު މުޢިއްޒާއި އެ މަނިކުފާނުގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މަސްރަޙުގައި ވެސް ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާކަމީ މުސްލިމު އުޚުއްވަތްތެރި ފަލަސްތީނާއެކު ދިވެހިރާއްޖެ އޮތްކަން ސާބިތުކޮށްދޭ ކަމެކެވެ.
މި ދިޔަ އަހަރު އޮކުޓޫބަރު މަހު ހަތްވަން ދުވެހު ޣައްޒާއަށް ޔަހޫދީ ފައުޖުތަކުން ދޭން ފެށި ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,800އަށް އަރައިފައެވެ. މީގެ އިތުރަށް ސުންނާފަތިކޮށްލެވިފައިވާ އިމާރާތްަކުގެ ދަށުގައި ދިހަވަރަކަށް ހާސް މީހުން ތާށިވެފައި ތިބިކަމަށް ބެލެވެއެވެ. އަދި، ބޮޑެތި ޒަޚަމުތަކާއެކު 80 ހާހަށް ވުރެ ގިނަ މީހުން ތިބީ ނުކުޅެދޭ ޙާލަތުގައެވެ. އދ.ން ބުނާ ގޮތުގައި ވެސް ބަނޑުފުރާނަ މުއްތިކުރާނެ ފަދައެއް ނެތި މިލިއަނަކަށް ވުރެ ގިނަ މީހުން ޣައްޒާގައި ހައިހޫނުކަމުގައި އެބަ ތިތްބެވެ.