Advertisement

ފަލަޞްޠީނާއި އިސްރާއީލާ ދެމެދު މިހާރު ހަނގުރާމައެއް ނުހިނގައެވެ.

17 Oct 2023 | 10:41
.

މި މަހު ހަތްވަނަ ދުވަހު ފެށުނު އިސްރާއީލް-ހަމާސް ހަމަނުޖެހުމާ ވިދިގެން ފަލަސްޠީނާ އިސްރާއީލުގެ ހަނގުރާމައޭ ކިޔައިގެން ދުނިޔޭގެ މީޑިއާތަކުން ޚަބަރު ފެތުރިޔަސް އެ ފަދަ ހަނގުރާމައެއް ނުހިނގައެވެ. އެހެނީ ހަނގުރާމައަކީ ދެ ފަރާތަކުން ނުވަތަ ދެ ގައުމެއްގެ ދެމެދުގައި ހަތިޔާރު ބޭނުންކޮށްގެން ތަޅައި މެރުމަށް ކިޔާ ނަމެކެވެ. މިއަދު ފަލަޞްޠީނުގެ ބިމުން ފެންނަނީ މި ޙަރަކާތެއް ނޫނެވެ. ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާޢާތަކާ އިދިކޮޅަށްކަމަށް ބުނެ، އިސްރާއީލުން އެ ހިންގާ ޢަމަލަކީ އެއްވެސް ޙާލެއްގައި ހަނގުރާމައިގެ މާނައިގައި ހިމެނޭނެ ކަމެއް ނޫނެވެ. އެހެނީ ފަލަޞްޠީނުގައި ޚާއްޞަކޮށް ޣައްޒާގައި ތިބީ ހަތިޔާރެއް ނެތް މަޢުޞޫމު ރައްޔިތުންނެވެ. ގާބުރިއެއް ފިޔަވައި އެހެން އެއްޗެއް އެ މީހުންގެ އަތަކު ނެތެވެ. އަނެއް ކޮޅުން އިސްރާއީލާއި އިނގިރޭސީންނާއި ޖަރުމަނުގެ ޒަމާނީ ހަނގުރާމަވެރި އާލާތްތައް ބޭނުންކޮށްގެން ޣައްޒާ ތަޅައި ސުންނާފަތިކުރަނީއެވެ. ތަނެއް ދޮރެއް ނުބަލައި އެންމެން ޝަހީދުކޮށް ޢިމާރާތްތައް ފުނޑުފުޑުކުރަނީއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ފަލަސްޠީނުގެ ތިންހާހަށްވުރެ ގިނަ ރައްޔިތުން ވަނީ މި މަހު ހަތްވަނަ ދުވަހުގެ ފަހުން ފަލަސްޠީނުން ޝަހީދުވެފައެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަކުދީންގެ ޢަދަދު ގިނައެވެ. 12 ވަރަކަށް ހާސް މީހުން ވަނީ ޒަޚަމުވެ ނުކުޅެދޭ މީހުންނަށް ވެފައެވެ. އެތައް ހާސް ބަޔަކު ވަނީ ވީނުވީތަކެއް ނޭނގި ގެއްލިފައެވެ. ގޭތެރޭގައި ތިއްބަސް ޙަމަލާދެނީއެވެ. މަގުމައްޗަށް ނުކުތަސް ހަމަލާދެނީއެވެ. ބާކީ ތިބި އެތައް ލައްކަ ބަޔެއްގެ ބޯހިޔާވަހިކަމަކީ ސާފު އުޑެވެ. އެ މީހުންގެ ތަންމައްޗަކީ ވީރާނާވެފައިވާ އިމާރާތްތަކާއި ބިމެވެ.

ފަލަސްޠީނުގެ އެ ބުނާ ޙަމާސް ޖަމާޢަތުގެ ބޮޑުން ތިބީ ގައުމުން ބޭރުގައެވެ. އަދި ޙަމާސްއަކީ ފަލަސްޠީނު ސަރުކާރާ ގުޅުން އޮތް ޖަމާޢާތެއް ވެސް ނޫނެވެ. ޣައްޒާގައި ތިބީ ޙަމާހާ އެއްވެސް ގުޅުމެއް ނެތް މަޢުޞޫމު ރައްޔިތުންނެވެ. އެ މީހުންގެ އަތުގައި ހަތިޔާރެއް ނެތެވެ. އެ މީހުންގެ ވަށައިގެން ވަނީ ފުނޑުފުނޑުވެފައިވާ ޢިމާރާތްތަކުގެ ގާތަކެވެ. ހަތިޔާރަކަށް ބޭނުންކުރާން ހުރީ އެ ގާތަކެވެ. ނަމަވެސް މިއަދު އެއިން ގާބުރިއެއް ވެސް އެއްލޭހާ ބާރެއް އެ މީހުންގެ ނެތެވެ. އެ މީހުން ތިބީ ބޯފެނާއި ކާނާއާއި ބޭހާއި ކަރަންޓުން މަޙުރޫމުކޮށްފައެވެ. އެހެންވީ އިރު، މިއީ ފަލަޞްޠީނާއި އިސްރާއީލާ ދެމެދު ހިނގާ ހަނގުރާމައެކޭ ކިޔާތީ ޙައިރާންވެއެވެ. މިއީ އެއްވެސް ޙާލެއްގައި ހަނގުރާމައެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އިންސާނިއްޔަތާ ޚިލާފު ޢުދުވާނެކެވެ. ފަލަޞްޠީނުގެ ނަސްލު ނައްތައިލައި، ފަލަޞްޠީނުގެ ބާކީ އޮތް ބިންކޮޅު ވެސް ފޭރިގަންނާން އެމެރިކާގެ އެހީގައި ޔަހޫދީން ހިންގާ އަނިޔާވެރި ޤަތުލުޢާންމެކެވެ.

މި ދަނޑިވަޅުގައި ވެސް މިއިން ދުވަހަކު ނުފެތުރޭ ވަރަށް ފަލަސްތީނު ރައްޔިތުންނާ ބެހޭ ދޮގު ޚަބަރުތައް މީސްމީޑިއާގައި އެބަ ފަތުރައެވެ. ފާޑުފާޑުގެ "ފޭކު" ވީޑިއޯތައް ހަދައިގެންނެވެ. ދައްކާން ލަދުގަންނަ ފަދަ ވާހަކަތައް ފަލަސްޠީނީންގެ ބޮލުގައި އަޅުވައިގެން "އެކްސް" (ކުރީގެ ޓްވީޓާރ)އާއި އެހެން މަންސަތަކުގައި އެތައް ދޮގު ވާހަކަތަކެއް އެބަ ފަތުރައެވެ. ފަލަޞްޠީނީން ބަދުނާމުކޮށްފައެވެ. އިސްރާއީލު ދިފާޢުކޮށް އެ މީހުންނަށް ތާއީދުކޮށްފައެވެ.

މީސްމީޑީއާގައި ފަތުރަމުން ގެންދާ މި ދެންނެވި ފަދަ "ފޭކު" މަޢުލޫމާތު ނައްސިކޮށް އަމާޒުކޮށްފައި ހުންނަނީ ފަލަސްޠީނަށެވެ. އިސްރާއީލަށް ނިސްބަތްކުރަނީ ފައްސިކޮށެވެ. މި ގޮތުން ޢާންމުކޮށްފައިވާ ވީޑިއޯގައި ޖިންސީ އަޅެއްގެ ގޮތުގައި ކުޑަކުއްޖަކު ބޭނުންކުރާކަމަށް ދައްކާ ވީޑިއޯއަކީ އެންމެ ގިނައިން އާންމުކުރާ ވީޑިއޯއެވެ. ނަމަވެސް މި ވީޑިއޯއަށް ތަޙުލީލީ ނަޒަރަކުން ވިސްނައިލުމުން އެއީ ފޭކު އެއްޗެއްކަން އެއްވެސް އޮޅުމެއް ނެތި ހާމަވާނެއެވެ.

އިންޑިއާގެ ހަގީގަތް ޗެކްކުރާ ޚިދުމަތެއްކަމުގައި ވާ "ބޫމް"އިން ހޯދި މަޢުލޫމާތުން ކަށަވަރުކުރެވިފައިވާ ގޮތުގައި މި ފަދަ ދޮގު މަޢުލޫމާތު އެކި ގޮތްގޮތަށް ފެތުރުމުގެ ކެންޕޭނެއް އެކްސް މެދުވެރިކޮށް ހިންގާ ގިނަ މީހުންނަކީ އިންޑިއާގައި "އެކްސް" ބޭނުންކުރާ މީހުންކަން ވަނީ ސާބިތުވެފައެވެ. މި ކަމާ ބެހޭ ރިޕޯޓެއް ވެސް ދާދިފަހުން "ޖަޒީރާ"އިން ވަނީ ޝާއިޢުކޮށްފައެވެ. މި ފަދަ ދޮގު ވީޑިއޯ ޕޯސްޓްތައް ކުރާ އެކަކީ "މރ. ސިންހަ"ގެ ނަމުގައި އެކްސް ބޭނުންކުރާ މީހެކެވެ. މީނާގެ ކޮންމެ ޕޯސްޓެއްގައި ހޭޝްޓެގަކަށް "އިސްލާމްއިޒްދަޕްރޮބްލަމް"(މައްސަލައަކީ އިސްލާމްދީން) ބޭނުންކޮށްފައިވެއެވެ. އަދި މި ނޫނަސް މުސްލިމުންނަށް އިހާނެތި ޢިބާރާތްތައް ލިޔެ ޕަލަސްޠީނާ އިދިކޮޅަށް ތަފާތު ދޮގު ވީޑިއޯ ހަދަހަދައިގެން އެކްސްގައި ޕޯސްޓްކުރާ ގިނަ މީހުންނަކީ އިންޑިއާއިން އިންޑިއާ މީހުން ކުރާ ޕޯސްޓުތަކެއްކަން "ބޫމް"އިންވަނީ ކަށަވަރުކޮށްދީފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މުސްލިމުންނާ މެދު ނަފުތަރު އުފައްދައި މުސްލިމުންނާއި މުސްލިމުންގެ ދީނީ ބިނާތަކަށް ޙަމަލާދިނުމަކީ ދޭތެރެދޭތެރެއިން އިންޑިއާގައި ހިނގާ ކަމެކެވެ. އަދި ވަކީން ޚާއްޞަކޮށް މުސްލިމުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގުމުގެ ސަބަބުން ކުރީން ޓެރަރިސްޓެއްކަމަށް އެމެރިކާއިން ލިސްކޮށްފައިވާ ނަރެންދްރަ މޯދީއަށް ބޮޑުވަޒީރުކަން ލިބުނު ހިސާބުން އޭނާއަށް ނިސްބަތްވާ ބަހާރަތިޔާ ޖަނަތާ ޕާޓީގެ ބޮޑުން އިސްވެ ތިބެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުން އިންޑިއާގައި ވަނީ ޢާންމުވެފައެވެ. މި ފަދަ ޖަރީމާތައް ފާޅުގައި ހިންގިކަމަށް ވިޔަސް އެ ކަންކަން ހުއްޓުވުމުގައި ފުލުހުން މާ ބޮޑު ސަމާލުކަމެއް ދޭތީ ވެސް ނުފެނެއެވެ. ވީމާ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން މި ދެންނެވި ފަދަ ނަފުރަތުގެ ދޮގު ޚަބަރުތައް ފަތުރައި އާންމުކުރުމުގައި އިންޑިއާ އިސްވެ އޮތުމަކީ އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫނެވެ.

މި ފަދަ ނަފުރަތާއި ރުޅިވެރިކަމުގެ ފިތުނަވެރި ވާހަކަތަކުގެ ސަބަބުން ޚުދު އެމެރިކާގައި ވެސް ވަނީ ޢަރަބީންނާއި މުސްލިމުންނާ އަދި ޚާއްޞަކޮށް ފަލަސްޠީނީންނާ ދެކޮޅަށް އަނިޔާވެރި ކެންޕޭނެއް ފަށައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިއްޔެ ވަނީ ހަ އަހަރުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައި އޭނާގެ މަންމަ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. ފަލަޞްޠީނީންނަށް ލިބޭ އިންސާފެއް ނެތެވެ. މި ބޭއިންސާފު އަނިޔާވެރި ޢުދުވާނުގައި އެ މީހުން ޙަޔާތް ވޭތުކުރަމުން ގެންދާތާ މިހާރު 75 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންވީއިރު، މިހާރު އިސްރާއީލުން އިސްވެ އޮވެ ޣައްޒާގައި އެ ހިންގާ ލާއިންސާނީ ޢުދުވާނަކީ ހަނގުރާމައެކޭ ބުނެވޭނެތޯއެވެ!

Advertisement

ކޮމެންޓް
މަރީ
ވަރަށް ބޮޑު ހަގީގަތެއް
17 Oct 2023
ރުގީ
ޔަހޫދީ ގައުމުތައް އަޑީގަ އޮވެގެން ހިންގާ ޖަރީމާއެއް
17 Oct 2023