ޙައްޖުގެ ފަރީޟާ ... މަޤްޞަދުތަކާއި ލަޑުދަނޑިތައް
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
الله عزوجلގެ މަތިވެރި އިސްމުފުޅުތަކުގެ ތެރޭގައި (الحكيم) ވެއެވެ. އެކަލާނގެއީ އެންމެ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ. އެހެންކަމުން އެކަލާނގެ އެއްވެސް އެއްޗެއް ބާޠިލުގޮތަކަށް ނޫފައްދަވަތެވެ. އެކަލާނގެ އެއްވެސް އެއްޗެއް ބޭނުމެއްނެތް ގޮތަކަށް ޝަރުޢެއް ނުމެކުރައްވަތެވެ. ކޮންމެ އެއްޗެއް ވެސް ޚަލްޤުކުރައްވަނީ ޙިކްމަތަކަށް ޓަކައެވެ. ކުރައްވާ ކޮންމެ އަމުރުފުޅެއްގައި ލަޑުދަނޑިއެއްވެއެވެ. ނަހީކުރައްވާ ކޮންމެ ނަހީއެއްގައި އަމާޒެއް ވެއެވެ. އެކަލާނގެ ހައްދަވާ ކޮންމެ އެއްޗެއް ހައްދަވަނީ ވަރަށް ފުރިހަމަޔަށް މިންވަރުކުރައްވައިގެންނެވެ. އެކަލާނގެ ފަރުޟުކުރެއްވި ބައެއް ކަންތައްތަކުގެ ޙިކުމަތް ޚުލާޞާ ގޮތަކަށް އެންގެވިއެވެ. އަނެއް ބައި ކަންކަމުގެ ޙިކުމަތް ވަންހަނާކުރެއްވިއެވެ. އަދި ބައެއް ކަންތައްތަކުގެ ޙިކުމަތް ދިރާސާކޮށްގެން ދެނެގަނެވޭނެ މަގު ތަނަވަސްކޮށްދެއްވިއެވެ.
މާތް ﷲ ފަރްޟުކުރެއްވި ޢިބާދާތުތަކާއި މަނާސިކުތަކުގެ ޙިކުމަތް އެނގުމަކީ އެ ކަންކަން ކުރުމަށް ޝައުޤުވެރިކުރުވާނެ ކަމެއްކަން ކަށަވަރެވެ. އެ ކަންކަން އަދާކުރުމަށް ދަހިވެތިކުރުވާނެ ކަމެކެވެ. އެ ކަންކަން އެނގިގެން އެ އަޅުކަންތައް އަދާކުރުމުން ލިބޭ ސަވާބު މަތިވެރިވާނެތެވެ. އެ ކަންކަން ﷲއަށް ޚާލިޞްކުރުމަށް ވެސް ފަސޭހަވާނެތެވެ.
އިސްލާންދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށޭ ބުނާ ޙަދީސަށް ބަލާއިރު ޙައްޖަކީ އިސްލާމްދީނުގެ ފަސްވަނަ ރުކްނެވެ. މާތް ﷲ ރަޙުމަތްލެއްވި އަބޫޙާމިދުލް ޣަޒާލީ[1] ވިދާޅުވިއެވެ. "ޙައްޖަކީ އިސްލާމްދީނުގެ ރުކުންތަކުން ރުކްނެކެވެ. އެއީ ޢުމުރުގެ އަޅުކަމެވެ. އެއީ ކަންކަމުގެ ނިމުމެވެ."
ޙައްޖަކީ އިސްލާމްދީނުގެ ބޮޑެތި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަރަހުށި މާތް ﷲ ވަނީ އެ ކަމަށް އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ [2] މާނައީ: އަދި ކަލޭގެފާނު މީސްތަކުންނަށް حجއަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.))
މާތް ﷲ ޙައްޖު ފަރުޟުކުރައްވައިފައި ވަނީ މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޅަދާނަވެގެންވާ މީހުންނަށެވެ. الله ޖައްލަ ޛިކްރުހޫ ވަޙީކުރެއްވިއެވެ. ((وَلِلَّـهِ عَلَى النّاسِ حِجُّ البَيتِ مَنِ استَطاعَ إِلَيهِ سَبيلًا ۚ وَمَن كَفَرَ فَإِنَّ اللَّـهَ غَنِىٌّ عَنِ العـٰلَمينَ))[3] މާނައީ : އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصدކޮށްގެން ދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް واجبއެކެވެ." ލޮބުވެތި ރަސޫލާ e ޙަދީޘް ކުރެއްވިއެވެ. ((أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ، فَحُجُّوا ))[4] މާނައީ : އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ޙައްޖު ފަރްޟު ކުރައްވައިފިއެވެ. ފަހެ ތިޔަބައިމީހުން ޙައްޖުވާށެވެ!))
ޙަޤީޤަތަށް ބަލާއިރު ފަސްވަނަ ފަރީޟާގެ މަޤްޞަދުތައް ވަރަށް ގިނައެވެ. އަޅައި ދުރުމިއަށް ފެންނަ ގޮތް ވަރަށް ތަފާތެވެ. އޭގައި މި ދުނިޔެއާ ގުޅޭ މަޤްޞަދުތަކާއި އާޚިރަތާ ގުޅޭ މަޤްޞަދުތަކާއި ފަރްދުންނާއި ޖަމާޢަތާ ގުޅޭ ލަނޑުދަނޑިތައް ވެއެވެ. އެ ފަރީޟާގައި އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ޙައްޤުތަކާއި އަޅާއާއި އޭނާގެ އަޚުންނާ ދެމެދުގައިވާ ޙައްޤުތަކެއް ވެއެވެ. މި ޒާވިޔާތަކަށް ބަލައި ޙައްޖުގެ މަޤްޞަދުތަކަށް ބަލައިލުމަށް މަސައްކަތްކުރާނަމެވެ.
ޙައްޖުވެރީން ކަޢުބާގައި ޠަވާފުކުރަނެީ<br>
ބުރަ އަޅުކަމެއް
ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރަން ޖެހޭ ކަމެކެވެ. އެކަމުގައި ދަތުރުފަތުރު ހިމެނެއެވެ. މީސްބޯކަމާއި ކާރޫބާރޫ ބޮޑުކަން ހިމެނެއެވެ.ކެތްތެރިކަމަށާއި، ޚުޝޫޢަތްތެރިކަމަށާއި، މަޑުމައިތިރިކަމަށް ބޭނުން ވެއެވެ. މިހެންވެ ކީރިތި ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّه [5] - މާނައީ : حج ވުމުގެ ތެރޭގައި جماع ވުމެއް، އުރެދުމެއް ނެތި، ﷲ ގެ ވަޖްހުފުޅަށް ޓަކައި ޙައްޖުވި މީހާ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ދުވަސް ފަދައިން އެނބުރި ޙަޔާތަށް އަތުވެއްޖެއެވެ.)) އެފަދަ މީހާއަށް މާތްﷲ އެވަނީ މަބްރޫރު ޙައްޖެއް ދެއްވައިފައެވެ. މަބްރޫރު ޙައްޖުގެ ޖަޒާއަކީ ސުވަރުގެއެވެ.
އައު އުފަންވުމެއް
ޙައްޖުގެ މި މަތިވެރި ޢިބާދާތުގެ ސަބަބުން މާތް ﷲ ޙައްޖުވެރީންގެ ފާފަފުއްސަވާ ދެއްވައެވެ. މަލާއިކަތުން ހެކި ކުރައްވާ ފުއްސަވާދެއްވާ ފުއްސެވުމަކުންނެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން އެމީހުންގެ މައިންގެ ބަނޑުން އުފަންވި ދުވަސް ފަދައިން އެއްވެސް ފާފައެއްނެތް ޠާހިރު ބަޔަކަށް ވެގެންދެއެވެ. ވީމާ ޙައްޖަކީ އަލުން އުފަންވުމެކެވެ.
އަލުން އުފަންވުމަކީ ބާއްޖަވެރި ރަނގަޅު ފެށުމެކެވެ. ޙައްޖުވެރިޔާ އަލަށް އުފަންވި މީހަކާ އެއްފަދަ ކުރެއްވުމުގެ މާނައަކީ:-
1-އޭނާއަކީ ސަލާމަތް ހިތެއްގެ ވެރިއެކެވެ.
2-އޭނާއަކީ ސަލާމަތް ހަށިގަނޑެއްގެ ވެރިއެކެވެ.
3-އޭނާއަކީ ސަލާމަތް ފިޠުރަތެއްގެ ވެރިއެކެވެ.
4-އޭނާއަކީ އާޚިރަތާ ދިމާއަށް ރަނގަޅަށް މިޞްރާބު ހިފާފައިވާ މީހެކެވެ.
5-ޙައްޖުގެ މަނާސިކުތައް އަދާކޮށް ހެޔޮ ރަނގަޅު ގޮތުގައި އަލަށް އުފަންވެގެން އައިމީހާ މިދަންނަވާ ކަންތައްތަކުގައި ތެދުމަގަށް ސީދާވެގަންނަން ޖެހޭނެއެވެ.
ހ- އޭނާގެ ބަސްތައް ސީދާވެގެންވުން : މާތް ވަޙީ ކުރެއްވިއެވެ. ((أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا[6] - އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲއަށް ތަޤްވާވެރިވެ ސީދާވެގެންވާ ބަހަކުން ބަސްބުނާށެވެ. )) މިގޮތަށް ޢަމަލުކުރާމީހުންނަށް މާތްﷲ ދެއްވާ ސަވާބާއި ދަރުމަ ބަޔާންކޮށްދެއްވައި ވަޙީކުރައްވަނީ ((يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ [7]- (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.))
ށ- އޭނާގެ ޢަމަލުތައް: މާތް ﷲވަޙީ ކުރެއްވިއެވެ. ((مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً[8] - އީމާންވެގެންވާ ޙާލު، ޞާލިޙު ޢަމަލުކުރާ މީހާ، އެއީ ފިރިހެނަކަށް ވިޔަސް ނުވަތަ އަންހެނަކަށް ވިޔަސް، ފަހެ ތިމަން ރަސްކަލާނގެ އެމީހަކު ރަނގަޅު ވެގެންވާ ޙަޔާތެއްގައި ދިރުއްވަވާ ހުށީމެވެ.))
ނ- އޭނާގެ ޙާލު އަޙްވާލު: މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ [9] - ފަހެ، ކަލޭގެފާނަށް އަމުރު ކުރެއްވުނު ފަދައިން ކަލޭގެފާނުގެ އަރިހުގައި އީމާންވެ، ތަވްބާވެގެންތިބި މީހުންނާ އެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައި މީހުން ޙައްދު ފަހަނަޅާ ނުދާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ތިޔަބައިމީހުން ކުރާ ޢަމަލުތަކަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.))
މިނާގައި ޙައްޖުވެރީން ޖަމްރާތަކަށް ހިލައުކާން އެއްވެފައި.<br>
ޙައްޖަކީ ޖިހާދެއް
އިސްވެ ދެންނެވި ކަންތައްތައް ކުރެވޭނީ މާތްﷲ އަށް ކިޔަމަންގަތުމާއި މުންކަރާތްތަކާ ދުރުހެލިވުމަށް ދަހިވެތިވެ ގަދައަޅާ މަސައްކަތް ކުރުން މަތީގައި ދެމިހުރެގެންނެވެ.
ޙައްޖަކީވެސް ޖިހާދެކެވެ. އެކަމަކު އެއީ އެކަމުގެ ތެރޭގައި ހަނގުރާމައެއް ނެތް، ކުރިމަތިލުމެއް ނެތް ޖިހާދެކެވެ. އެހެންކަމުން ޙައްޖުން އަވަދިވެގެން ޤައުމަށް އެނބުރި އައިސް ޖިހާދުގެ މަތީގައި ދެމިހުންނަން ވާނެއެވެ. ޖިހާދުގެ ތެރޭގައި ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދާއި، ޝައިޠާނާއާ ދެކޮޅަށް ކުރެވޭ ޖިހާދާއި ، ޤައުމަށްޓަކައި ކުރެވޭ ޖިހާދު ހިމެނެއެވެ. އޭގެ ތެރޭގައި އުއްމަތުގެ އެއްބައިވަންތަކަމަށްޓަކައި ކުރެވޭ ޖިހާދުވެސް ހިމެނެއެވެ.
އެއްބައިވަންތަކަން ކަށަވަރުކޮށްދޭ އަޅުކަމެއް
ޙައްޖުގެ
މަނާސިކުތަކަކީ އުއްމަތުގެ އެއްބައެއްވަންތަކަން ކަށަވަރު ކޮށްދޭ ކަމެކެވެ.
ޙައްޖުގެ މަނާސިކުގެ ތެރޭގައި ޙައްޖުވެރިންގެ އަޅުކަންތަކާއި ތަލްބިޔާއާއި
އިޙްރާމު ހެދުމުން ފެނިގެންދަނީ މިއުއްމަތުގެ މަތިވެރިކަމާއި
އެއްބައިވަންތަކަމެވެ. ޙައްޖުގެ އަޅުކަންތަކުގެ ތެރޭގައި ޤައުމުތަކުގެ
ތަފާތުކަމާއި، ނަސްލުތަކުގެ ތަފާތުކަމާއި، ބަހުގެ ތަފާތުކަމާއި، ކުލައިގެ
ތަފާތުކަންވަނީ ނެތިގެން ގޮސްފައެވެ. އިސްލާމީ އުއްމަތުގެ ކާމިޔާބީތަކާއި
،މަތިވެރިކަމާއި ،އައުދާނަކަން އޮތީ މި
އެއްބައިވަންތަކުގެ މަތީގައެވެ. ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބައިބައިވެގެން ނުދިއުމަށް އަންގަވައިފައެވެ. މާތް ﷲ
ވަޙީ ކުރެއްވިއެވެ. ((وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ[10] - ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ. އޭރުން ތިޔަބައިމީހުން ނާކާމިޔާބު
ވެދާނެއެވެ. އަދި ތިޔަބައި މީހުންގެ ބާރު ނެތި ހިނގައިދާނެއެވެ.))
ޙައްޖުވެރީން މުޒުދަލިފާގައި ރޭކުރަނީ. (ނިދަނީ)<br>
އިސްލާމްދީނުގެ ދުޝްމަނުން އެމީހުންގެ ރޭވުންތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށްޓަކައި މި އެއްބައިވަންތަކަށް ނަގައިލުމަށް ފިޔަވަޅު އަޅަމުންދެއެވެ. މުސްލިމުންގެ އެއްބައިވަންތަކަމުގެ ބާރާއި ނުފޫޒު އެމީހުންނަށް ފެނިފައިވާތީއެވެ. މިހެންވެ ހުރިހާ ޒަމާނެއްގައި ވެސް އިސްލާމްދީނުގެ ދުޝްމަނުން މަސައްކަތްކޮށްފައިވަނީ މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށެވެ. އެމީހުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރުމަށެވެ. މުސްލިމުން ޣާފިލުކަމާއި ޖާހިލުކަންމަތީ ބައިތިއްބުމަށެވެ. އެމީހުންގެ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ބޭނުމުގައެވެ.
ޢަރަފާތުގައި ޙައްޖުވެރިން ހޭދަކުރާ ވަގުތުކޮޅަކީ މި އެއްބައިވަންތަކަމުގެ ޢަމަލީ ތަމްރީނުތައް ލިބިގަންނަ ވަގުތުކޮޅެކެވެ. ޙައްޖުވެރިޔާ ޤައުމަށް އެނބުރި ގޮސް ޙައްޖު މޫސުމުގައި އުޅުނު ރިވެތި އަދި މާތް އަޚްލާޤުގެ މަތީގައި އުޅެވޭތޯ ބަލަން ޖެހޭނެއެވެ. ޙައްޖުގެ އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. އޭނާގެ ހުރިހާ މުޢާމަލާތުތަކާއި ސުލޫކެއްގައި ލެވިފައި ހުންނަން ޖެހޭނީ މިއަޚްލާޤުގެ ދަވާދެވެ.
ޙައްޖުވެރީން ޢަރަފާތުގައި. މިއީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. މި ފުރުޞަތު ނުލިބިއްޖެ މީހަކަށް ޙައްޖެއް ނުލިބޭނެއެވެ.<br>
ހަނދާންތަކެއްގެ ޒިކުރާ
ޙައްޖަކީ މާޟީވެސް ހަދާންކޮށްދޭ ކަމެކެވެ. ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލު ކޮށްލައިފައިވާ ބޮޑެތި ހާދިސާތަކެއް ހަދާނަށް ގެނެސްދޭ ކަމެކެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ޠާހިރު އަޞްޙާބުން އިސްލާމީ ދަޢުވަތު ފެތުރުއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ޛިކްރާއެވެ. މި ހަދާންތަކުން އަޅުގަނޑުމެންނަށް ކެތްތެރިކަމާއި ޢަޒްމު ވަރުގަދަކަމާއި ބުރަތައް ތަޙައްމުލު ކުރުމުގެ ބޮޑެތި ފިލާވަޅުތަކެއް ލިބެއެވެ. މިއީ މިއަދުގެ ޙަޔާތަށް މަތިވެރި ދަރްސުތަކެކެވެ.
ނިޒާމު ދަސްވުން
މީގެ އިތުރަށް ޙައްޖުގެ މަނާސިކުތަކުގެ ސަބަބުން ނިޒާމު ދަސްވެއެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި ކުރުމުގެ މުހިންމުކަން ދަސްވެއެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ކިބައިން ކަންނެތްކަން ފިލުވާލައި އަޅުގަނޑުމެން ނިދިން ހޭލައްވާނެ ކަމެކެވެ. އަޅުގަނޑުމެންގެ ޢަމަލީ ޙަޔާތަށް ބަލާއިރު އަޅުގަނޑުމެންނަށް މިއަދު ގިނައިން މި އުޅެވެނީ ނިޒާމުގެ ހަވާސާއިން ބޭރުގައެވެ. މިއަދުގެ މަސައްކަތް ފަސްކޮށްގެންނެވެ. މިކަމުގެ ސަބަބުން ޢާންމު މަސްލަޙަތަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. ނިޒާމާ އެއްގޮތަށް ކަންތައްތައް ކުރެވިއްޖެނަމަ ތަނުގައި އޮންނާނީ އަމާން އޮމާން ވެށްޓެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ޚިދުމަތެއް އޮންނާނީ ލިބިފައެވެ. ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((خَيْرُ النَّاسِ أَنْفَعَهُمْ لِلنَّاسِ [11] - އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ ފައިދާބޮޑު މީހާއެވެ.))
_______________________________________
މަރުޖިޢުތައް:
[1] - كتاب أسرار الحج من الإحياء
[2] - الحج : 27
[3] - آل عمران : 97
[4] - رَوَاهُ مُسْلِمٌ
[5] - صحيح البخاري
[6] - الأحزاب : 70
[7] - الأحزاب : 70
[8] - النحل : 97
[9] - هود : 112
[10] - الأنفال : 46
[11] - أخرجه ابن حبان في «المجروحين» (٢/١)، والقضاعي في «مسند الشهاب» (١٢٣٤) والطبراني في «المعجم الأوسط» (٥٧٨٧)