އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބޭފުޅުން ތަރުބިއްޔަތުކުރެއްވި ގޮތުގެ މަތިވެރި ނަމޫނާ.
އައްޝައިޚު ޝަފީޢު ޢަބްދުﷲ
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެ މީހެއްގެ ދަރީންނަކީ ބަސްއަހާ، ހެޔޮލަފާ ކިޔަމަންތެރި ދަރީންނަށް ވާން އެދޭނޭ މީހެކެވެ. މި ކަމަކީ ހަމައެކަނި އުންމީދަކުން ކުރެވޭނޭ ކަމެއް ނޫނެވެ. އެ ފަދަ ދަރީންތަކެއް ތަރުބިޔަތުކުރެވޭނީ މައިންބަފައިން އެ ކަމަށް ޓަކައި އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްނެވެ. ނަމޫނާ ދައްކައިގެންނެވެ. އެ ކަމަށް އެދި ﷲއަށް ދުޢާ ދަންނަވައިގެންނެވެ.
ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނަށް ޞާލިޙު ހެޔޮ ދަރިފަސްކޮޅެއް ދެއްވުން އެދި މާތް ﷲއަށް ގިނަގިނައިން ދުޢާކުރެއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުޢާފުޅު ޒިކުރުކުރައްވައިފައި ވެއެވެ. ((رَبِّ هَبْ لِي مِنَ الصَّالِحِينَ)) (الصافات: 100) މާނައީ: [އަޅުގެ ވެރިރައްބެވެ! މި އަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!]
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އިބްރާހީމްގެފާނުގެ މި ދުޢާ އިޖާބަކުރައްވައި، އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲގެ މި ނިޢުމަތަށް ޝުކުރުވެރިވެވަޑައިގަންނަވާ ޙާލު އިބްރާހީމުގެފާނު އެ ދެ ދަރިކަލުން ފިސާރި ރިވެތި އަދި މަތިވެރި ތަރުބިއްޔަތަކުން ތަރުބިއްޔަތުކުރެއްވިއެވެ. އަދި މާތް ﷲގެ ރަޙުމަތުން އެ ދެ ދަރިކަލުންނަކީ ވެސް ނަބީބޭކަލުންކަމުގައި ލެއްވިއެވެ. އަދި ނޫޙުގެފާނަށް ފަހު، އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަކީ، ނަބީބޭކަލުންގެ ދަރިފަސްކޮޅެއްކަމުގައި މާތް ﷲ އިޚުތިޔާރުކުރެއްވިއެވެ. އެހެންކަމުން، އެންމެ ގިނަ ނަބިއްޔުން ވަޑައިގަތީ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އެންމެ މަތިވެރި އެންމެ މާތް ނަބިއްޔާ، މުޙައްމަދު ﷺ ވަޑައިގަތީ އިސްމާޢީލް ޢަލަހިއްސަލާމުގެ ދަރިފަސްކޮޅުންނެވެ.
އިބްރާހީމް ޢަލަހިއްސަލާމަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ވާހަކައަށް ނަޒަރު ހިންގައިލާ އިރު، އެކަލޭގެފާނު އިސްމާޢީލް ޢަލަހިއްސަލާމަށް ދެއްވި ތަރުބިއްޔަތުގެ މަތިވެރިކަން ހާމަވެއެވެ. އިސްމާޢީލް ޢަލަހިއްސަލާމަށް ﷲގެ އަމުރުފުޅުތަކަށް ބޯލަނބާން ދަސްފުޅުކޮށްދެއްވައިފައިވާ ވަރުގަދަކަން މި ހާދިސާއިން ހާމަވެއެވެ. މާތް ﷲގެ އަމުރުފުޅުތަކަށް އެންމެ މަތިވެރި ދަރަޖައިގައި ކިޔަމަންވެވަޑައިގަތުމުގެ ފިލާވަޅު، އެކަލޭގެފާނު ވަނީ އިސްމާޢީލް ޢަލަހިއްސަލާމަށް ފުރިހަމައަށް އުނގަންނަވައިދެއްވައިފައެވެެ.
ކީރިތި ޤުރުއާނުގައި އިބްރާހީމް ޢަލަހިއްސަލާމުގެ ހުވަފެންފުޅުގެ ވާހަކަ ބަޔާންކުރައްވައި، މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ((فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ)) (الصافات: 102) މާނައީ: "ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނު) އަރިހުގައި އެ ދަރިކަލުން (އެބަހީ: ޢިސްމާޢީލުގެފާނު) މަސައްކަތްޕުޅުކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާޔަށް (އެ ކަމާ މެދު) ފެންނަ ގޮތެއް ވިސްނައިބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރެއްވިގެންވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ."
ނަބީބޭކަލުންގެ ހުވަފެންފުޅަކީ ތެދު ހުވަފެންފުޅުތަކެކެވެ. އެއީ މާތް ﷲގެ ޙަޟުރަތުން އަންނަ ވަޙީއެކެވެ. ވުމާ އެކު، އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން (އިސްމާޢީލުގެފާނު) ޤުރުބާންކުރައްވާތީ ހުވަފެންފުޅުގައި ފެނިވަޑައިގަތް ހިނދު، އެއީ ﷲގެ ޙަޟްރަތުން އައި އަމުރުފުޅެއްކަން އެ ކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި އެއީ ﷲ އެކަލޭގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާނެއްކަން ޔަގީންވެވަޑައިގަތެވެ. އެހެންކަމުން، އެ ހުވަފެންފުޅުގެ ވާހަކަ ދަރިކަލުންނަށް ވިދާޅުވެދެއްވިއެވެ. ދަރިކަލުން އެ ކަމާ ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ޓަކައެވެ. ﷲގެ ރަޙުމަތުން، އެ ކަލޭގެފާނު އެ ދަރިކަލުން، ތަރުބިއްޔަތުކުރައްވައިފައި ވަނީ އެންމެ މަތިވެރި، އެންމެ ފުރިހަމަ ތަރުބިއްޔަތުންނެވެ. ވުމާއެކު، އެ ދަރިކަލުންގެ ބަސްފުޅަކަށްވީ "ބައްޕާފުޅަށް ﷲ އަމުރުކުރެއްވި ކަންތައް ކުރައްވާށޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑަކީ، ﷲއަށް ކިޔަމަންތެރި ދަރިއެއްކަމުގައި ބައްޕާފުޅަށް ފެނިވަޑައިގަންނަވާނެޔޭ، ﷲގެ އަމުރުފުޅުތަކަށް ކެތްތެރިކަމާ އެކު ބޯލަނބާ މީހެއްކަމުގައި މި ދަރިފުޅު ވާތީ، ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ" މިއެވެ. އިބްރާހީމް ޢަލަހިއްސަލާމުގެ ތަރުބިއްޔަތުގެ މަތިވެރިކަމާއެވެ! އިސްމާޢީލު ޢަލަހިއްސަލާމުގެ އަޚުލާޤުފުޅުގެ މަތިވެރިކަމާއެވެ!
އެހެންކަމުން، އިބްރާހީމް ޢަލަހިއްސަލާމްގެ ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ތަރުބިއްޔަތުގެ ފިލާވަޅަކީ:
1. ދަރީންނަކީ މާތް ﷲ އިރާދަކުރައްވާ ފަރާތަކަށް ދެއްވާ ނިޢުމަތެއްކަން ދަންނާން ޖެހޭކަން.
އެހެނީ، އިބްރާހީމް ޢަލަހިއްސަލާމް، ދަރިކަލަކު ދެއްވުން އެދިވަޑައިގެން މާތް ﷲއަށް ދުޢާކުރައްވަމުން ގެންދެވިކަން އިސްވެ ދިޔަ އާޔަތްތަކުން ދޭހަވެއެވެ. އަދި، އެއީ އެކަލޭގެފާނުގެ އުމުރުފުޅުން ވެސް ވަރަށް މުސްކުޅިފުޅުވެފައި ވަނިކޮށެވެ. ނަމަވެސް، ދަރީންގެ ނިޢުމަތަކީ މާތް ﷲ އިރާދަކުރައްވާ ފަރާތަކަށް އެ އިލާހު ދެއްވާ ނިޢުމަތެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީ، އެއްވެސް މިންވަރަކަށް އެކަލޭގެފާނު މާޔޫސްވެވަޑައިގެންފައެއް ނުވެއެވެ. މާތް ﷲގެ ބެއްސެވުމާއި، އެ އިލާހުގެ ޙިކުމަތްފުޅާ މެދު ފުރިހަމައަށް އީމާންވެވަޑައިގަންނަވާ ހާލު، އެ އިލާހު މިންވަރުފުޅުކުރައްވާނީ އެންމެ ހެޔޮ ގޮތްކަން ވެސް އެކަލޭގެފާނު ދެނެވަޑައިގަތެވެ.
2. ދަރީން ދެއްވުމަށް ދުޢާކުރެއްވި އިރު، އެއީ ޞާލިޙު ދަރީންތަކެއްކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާގައި ހިމެނުއްވިކަންް.
މިއިން ލިބޭ ފިލާވަޅަކީ، ދަރީންނަކީ ބައެއް ފަހަރު ނިޢުމަތަކަށް ވިޔަސް، އަނެއްބައި ފަހަރު، ނިޤުމަތަކަށް ވެސް1 ވެދާނެއެވެ. ހެޔޮ ޞާލިޙު ދަރިއެއް ނަމަ، ނިޢުމަތެކެވެ. ނުބައި ދަރިއެއް ނަމަ، ނިޤުމަތެކެވެ. އެހެންކަމުން، ދަރީން ދެއްވުން އެދި މާތް ﷲއަށް ދުޢާކުރާ އިރު، އެ ދަރީންނަކީ ޞާލިޙު ދަރީންކަމުގައި ލެއްވުމަށް އެދި ދުޢާކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ދަރީން ލިބުމަށް ފަހު ވެސް، އެ ދަރީންނަށް ހެޔޮ ގޮތް މިންވަރުކުރެއްވުން އެދި ދުޢާކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މައިންބަފައިންގެ ދުޢާއަކީ ދަރީންނަށް ޓަކައި އިޖާބަވުން ވަރަށް ކައިރިވެގެންވާ ދުޢާއެކެވެ. ހެޔޮ ދުޢާއެއް ނޫނީ ދަރީންނަށް ނުކުރާށެވެ. އެހެނީ، މައިންބަފައިންގެ ބަދު ދުޢާއަކީ ވެސް ދަރީންނަށް ޓަކައި މިޔަ ތޫނު ކަނޑިއެއް ފަދަ އެއްޗެކެވެ.
3. ދަރީންނަށް މާތް ﷲގެ ޙުކުމްފުޅުތަކަކީ އެންމެ ފުރިހަމަ، އެންމެ ޙިކުމަތްވަންތަ ޙުކުމްފުޅުތަކެއްކަން ދަސްކޮށްދީ، އެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަންނާން ދަސްކޮށްދޭން ޖެހޭކަން.
އިބްރާހީމް ޢަލަހިއްސަލާމް، އިސްމާޢީލް ޢަލަހިއްސަލާމް ތަރުބިއްޔަތު ކުރައްވައިފައިވާ ގޮތުގެ ވާހަކަ، މަތީގައި އެ ވަނީއެވެ. މާތް ﷲ އަމުރުފުޅުކުރެއްވީ، އެކަލޭގެފާނު ޤުރުބާން ކުރައްވާންކަމަށް ވަނީވިއްޔާ، އެއީ އެންމެ ހެޔޮ ގޮތްކަމުގައި އިސްމާޢީލް ޢަލަހިއްސަލާމް ދެނެވަޑައިގަތެވެ. އަދި، އެ ކަމުގައި އެ ކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމްގެފާނަށް ހިތްވަރުދެއްވީ ވެސް އެ ކަލޭގެފާނެވެ. މިއިން އެނގެނީ، އިބްރާހީމްގެފާނު ވަނީ އިސްމާޢީލް އަލަހިއްސަލާމުގެ ހިތްޕުޅުގައި މާތް ﷲގެ ޙުކުމްފުޅުތަކުގެ މަތިވެރިކަން ބިންވަޅު ނެގޭ ހައި މިންވަރަށް އަށަގަންނުވައިފައިކަމެވެ.
އެހެންކަމުން، ދަރީންނަށް އެންމެ ކުޑައިރުން ފެށިގެން، މާތް ﷲގެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމާއި، އެ ޙުކުމްފުޅުތަކަށް އިޙްތިރާމާއި، ޤަދަރުކޮށް ލޯބިކުރުމަށް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ދުނިޔެ މަތީގައި އެ ކުދީންނަށް ކުރިމަތިވާ އެކިއެކި އިމްތިޙާނުތަކުން އެ ކުދީންނަށް ހިނިތުންވުމާއި ރުހިގެންވާ ހިތަކާއިއިގެން މާތް ﷲގެ ޤަޟާޤަދަރަށް ކިޔަމަންގަންނާން ދަސްވާނީ އޭރުންނެވެ. އެ ފަދަ ކުއްޖަކަށް ދުނިޔެއަކީ ދަތި އުނދަގޫ ތަނަކަށް ނުވާނެއެވެ. އަދި ދުނިޔޭގެ މަޤުޞަދު ވެސް އެ ފަދަ ދަރިއަކަށް އޮޅިފައެއް ނުވާނެއެވެ. ހުރިހާ ބާރެއް ވަނީ މާތް ﷲއަށްކަމާއި، މި ދުނިޔެއަކީ ވަގުތީ ތަނެއްކަމާއި، މި ތަނުގައި ކުރިމަތިވާ ކޮންމެ ކަމަކީ ވެސް ކޮންމެވެސް ގޮތަކުން އޭނާގެ އީމާންތެރިކަން އިމްތިޙާނުކުރެވޭ ކުރެވުމެއްކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.
4. އިބްރާހީމް ޢަލަހިއްސަލާމް އެ ކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލަހިއްސަލާމަށް ޢަމަލީ ގޮތުން މާތް ﷲގެ ޙުކުމްފުޅުތަކަކީ އެންމެ މާތް މަތިވެރި ޙުކުމްފުޅުތަކެއްކަން ދެއްކެވިކަން.
އަޅުގަނޑުމެން ބުނާ ބަހަށް ވުރެ، ދަރީންގެ ހިތުގައި ކަންކަން ބިންވަޅު ނެގޭނީ އަޅުގަނޑުމެންގެ ފަރާތުން ފެންނަ ޢަމަލުތަކުންނެވެ. އަޅުގަނޑުމެންގެ ބަހާއި ޢަމަލު ދިމާނުވަންޏާ، އެ ކުދީންނަށް ވެސް ދަސްވާނީ އެ ގޮތެވެ. ބަހާއި ޢަމަލު ދިމާނުވާ މުނާފިޤުންތަކެއް ފަދައިން އެ ކުދީން ތަރުބިއްޔަތުވުމުގެ ނުރައްކާ އޮންނާނެއެވެ.
ނަމާދަށް ފަރުވާތެރިވާން ދަރިފުޅަށް އަމުރުކުރާ ބައްޕަ، ނަމާދަށް ފަރުވާ ކުޑަކުރާ ތަން އެ ދަރިފުޅަށް ފެންނަންޏާ، އެ ދަރިފުޅަށް ނަމާދުގެ އަހައްމިއްޔަތުކަމެއް ނުވިސްނޭނެއެވެ. އެ ދަރިފުޅަށް ވިސްނޭނީ، އެއީ މަކަރު ހަދައިލެވޭނޭ ކަމެއްގެ ގޮތުގައެވެ. ބައްޕަ ފަދައިންނެވެ.
އިބްރާހީމް ޢަލަހިއްސަލާމަކީ އެންމެ މަތިވެރި ނަބީބޭކަލުންގެ ތެރެއިން ބޭކަލަކަށް ވުމުން، އެ ކަލޭގެފާނުގެ ފަރާތްޕުޅުން އިސްމާޢީލުގެފާނަށް ފެނިވަޑައިގަތީ އެންމެ ފުރިހަމަ ނަމޫނާއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތަށް އަރައިފާނެއެވެ. އެއީ ނަބީބޭކަލެކެވެ. އަޅުގަނޑުމެންނީ ނިކަމެތި އަޅުންނެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. އަޅުގަނޑުމެންނީ ނިކަމެތި އަޅުންނެވެ. ނަމަވެސް، ނަބިއްޔުންނާއި ރަސޫލުންނަކީ ވެސް ހަމަ އިންސާނުންނެވެ. އަދި އެ ބޭކަލުން މާތް ﷲ ފޮނުއްވީ އިންސާނިއްޔަތަށް ވާ ނަމޫނާއެއްގެ ގޮތުންނެވެ. އަދި އެ ބޭކަލުންނަށް ތަބާވުމަށް ޓަކައެވެ. އަދި ކީރިތި ޤުރުއާނުގައި އެ ބޭކަލުންގެ މި ފަދަ ޢިބްރަތްތެރި ވާހަކަ މާތް ﷲ ގެނެސްދެއްވައިފައި ވަނީ، ބޭކާރު ގޮތެއްގައެއް ނޫނެވެ. އެއީ، އެއިން ޢިބްރަތްލިބިގަނެ، އެ ގޮތަށް ޢަމަލުކުރުމަށް ޓަކައެވެ. އެ ނަމޫނާއިން ނަމޫނާ ލިބިގަތުމަށް ޓަކައެވެ. އެ ބޭކަލުން އެ ކަން ކުރެއްވި ހައި ފުރިހަމަކޮށް އެ ކަން އަޅުގަނޑުމެންނަށް ނުކުރެވިދާނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އެ ބޭކަލުން ނަކަލުކުރުމަށް މަސައްކަތްކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި އެ ފަދައިން އެ ބޭކަލުންގެ ވާހަކަ ވާރިދުވެފައި ވަނީ ވެސް އެހެންވެއެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ، އަޅަމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގެ އާޔަތްތަކުގައިވާ އިރުޝާދުތަކާ މެދު، ތަދައްބުރުކުރާ ބަޔަކުކަމުގައި އެ ކަލާނގެ ލެއްވުމެވެ. އަދި އެ އާޔަތްތަކުގައިވާ އިރުޝާދުތައް ޢަމަލީ މައިދާނުގައި ތަންފީޒުކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން ޔާ ރައްބަލްޢާލަމީން!