Advertisement

މޫސުން އަދިވެސް ރަނގަޅެއް ނޫން. އާދީއްތަ ދުވަހުން ފެށިގެން ރަނގަޅުވާނެކަމަށް ނިމުތުކުރައްވާ!

23 May 2024 | 14:05
ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މަގުމަތީގައި ފެންބޮޑުވެފައި

އަބާ މުޙަންމަދު

ހުޅަނގު މޫސުމުގެ އާދައިގެ ވިއްސާރަ ރާއްޖެއަށް ކުރިމަތިވެފައިވަނިކޮށް އައްޑުއަތޮޅު އިތުމަތީގައި އުފެދުނު ބާރުކަދަކޮޅިގަނޑަކާއި މިހާރު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ވިއްސާރަކުރާކަން އެއި މިއަދު ދަންނަވާން ޖެހޭނެ ވާހަކައެއް ނޫނެވެ. މިހާރު ދެކުނުގެ އަތޮޅުތަކުގެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ދުރަށް ޖެހިފައިވާތީ ދެކުނުގެ އަތޮޅުތަކަށް މިހާރު މޫސުން ގޯހެއް ނޫނެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިއްޔެއާއި މިއަދަކީ ވެސް އާދަޔާ ޚިލާފަށް ވިއްސާރަ ދެ ދުވަހެކެވެ.

ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ޠޫފާނަކަށް ބަދަލުވުމުގެ ފުރުޞަތު އޮތް ނަމަ ވެސް، އަދި ޠޫފާނަކަށް ބަދަލެއް ނުވެއެވެ. އަދި އެ ވިއްސާރަ ދަނީ ރާއްޖެއާ ދުރަށް ޖެހެމުންނެވެ. އެހެންކަމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން އާދައިގެ ގޮތެއްގައި ރަނގަޅުވާނޭކަމަށް ލަފާކުރެއްވޭކަމުގައި ވެސް މޫސުމާ ބެހޭ އިސް އޮފިޝަލް ވިދާޅުވިއެވެ.

އަދި މިއަދާ ހަމައަށް ވެސް މޫސުން ރަނގަޅު ނުވާތީއާއި ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވުމުގެ ފުރުޞަތު އޮތަތީ، ފަޅުރަށްރަށަށް ދަތުރުދިޔުމާއި މޫދަށް އެރި ނޫޅޭން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވައިފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވަނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވާތީ، ޒަރޫރީ ޙާލަތެއް މެދުވެރިވެގެން ނޫން ގޮތެއްގައި މި ދުވަސްވަރު ކަނޑުދަތުރުނުކުރުމަށެވެ. ދަތުރުކުރާން  މުހުތާދުވެއްޖެ ހާލަތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށާއި ކުދި އުޅަނދުފަހަރުގައި ދަތުރުނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ދަތުރުކުރުމުގައި ސަމާލުކަން ދިނުމުގެ އިތުރަށް، ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ. ދިވެހިރާއްޖެއަކީ ކަނޑުދަތުރުތައް ކުރުން ލާޒިމު ގޮތަކަށް އޮންނަ ރާއްޖެއަކަށްވާތީ، ކަނޑުމަތީގެ ދަތުރުތަކުގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދަށް ޢަމަލުކުރުން މުހިންމެވެ. އަދި ސިނަމާލޭ ބުރިޖުގައި ދަތުރުކުރާ މީހުން ވެސް ރައްކާތެރި ގޮތުގައި ދަތުރުކުރުމަށާއި ރަންގަޅު ފެންވަރުގެ ހެލްމެޓު، ރަނގަޅު ގޮތުގައި އަޅައިގެން ދަތުރުކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ. އަދި ކޮންމެހެން މުހުތާދުވެއްޖެ ޙާލަތެއްގައި ނޫނީ މި ދުވަސްވަރު ސައިކަލުގައި ބުރިޖަށް ނޭރުން ބުއްދިވެރިއެވެ. އާރަން ޖެހިއްޖެ ނަމަވެސް ވަރަށް ވިސްނުންތެރިކަމާއެކު ގަވާއިދާ އެއްގޮތަށް ދުއްވުމަކީ އަޅުގަނޑުމެން ކުރާންޖެހޭނެ ކަމެކެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ނިމުތު    ނ.     (1) ކުރާ ލަފާ ނުވަތަ އަންދާޒާ. (2) ވާންހުންނަކަން. (3) ނީމުތު. (4) ކުލަ.

ކޮޅިގަނޑު  ނ.     ވަޔާއި ވާރެޔާއި އެކުލެވިގެން އަންނަ ވިއްސާރަގަނޑު.

އެޑިޓަރުގެ ނޯޓް
އަބާ މުހަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ވަރަށް ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް