Advertisement

ރަފަޙު ފޭރިގަތުމަށް ޓަކައި އިސްރާއީލުގެ އަތުގައި ހުރި ހުރިހައި ވަސީލަތެއްގެ ބޭނުންކުރަނީ ޢުދުވާނު ނުހުއްޓާނެކަމަށާއި ނުހުއްޓުވޭނެކަމުގެ ބޮޑާ ބަސްތައް ބުނަމުން.

23 May 2024 | 07:22
ރަފަޙުގައި ޔަހޫދީ ސިފައިން އަތުގައި ހުރި ހުރިހައި ވައްތަރެއްގެ ހަތިޔާޔާއެކު

އަބާ މުޙަންމަދު

ޔަހޫދީ ލަސްކަރަށް ލިބޭން އޮތް ހުރިހާ ހަތިޔާރަކާއި މީހުންނާއި ބާރާ އެކު ޣައްޒާގެ ދެކުނު ރަފަޙު އަވަށާއި އުތުރު ޖަބާލިޔާ ފޭލިގެ އަވަށަށް އަރައިގަނެ މަގުމަތީގައި މީހުން ޝަހީދުކޮށް ބިނާރުތައް ތަޅައި ސުންނާފަތިކުރަމުން އެ ގެންދަނީ ޣައްޒާގެ ބިންކޮޅު ވެސް ފޭރިގަނެ އިސްރާއީގެ ތެރެއަށް އިތުރުކުރާށެވެ. ޣައްޒާއަކީ ހުޅަނގު އައްސޭރިއާ ދުރުގައި އިސްރާއީލޭ ކިޔާ ދައުލަތުގެ ސަރަހައްދާ އިންވެގެން އޮންނަ، ނިސްބަތުން ކުޑަ ސަރަހައްދެކެވެ. ޣައްޒާގެ އައްސޭރި ފަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 40 ކިލޯމީޓަރ ނުވަތަ 24 މޭލެވެ.

ރަފަޙު ވަށައިލައިގެން ތިބި ޔަހޫދީ ލަސްކަރަށް އެހީވުމަށް ޓަކައި އިސްރާއީގެ ޢަސްކަރިއްޔާގެ ނަހަލް ބްރިގޭޑް ރޭ ވަނީ އެ ލަސްކަރާ ގުޅިފައެވެ. މިއީ ވަރަށް އަވަހަށް ރަފަޙު "ފަތަޙަކުރުމަށް ޓަކައި" (ބިންކޮޅު ފޭރިގަނެ އަމިއްލަކުރުމަށް ޓަކައި) އެޅި ފިޔަވަޅެއްކަމަށް ޔަހޫދީ ބާރުތަކުން ބުނެއެވެ. މި ބައިބޯ ލަސްކަރު އެ މީހުން އަތުގައި ހުރިއްޔާ ހުރި ހުރިހައި ހަތިޔާރަކާއެކު އެ ސިޓީތެރެއަށް އަރައިގަނެ ތަނެއް ދޮރެއް ނުބަލައި ޙަމަލާދެމުން މީހުންތައް މަރަމުން ހުރިހާ އިމާރާތްކެއް ތިރާކޮށް ސުންނާފަތިކުރަމުން ދެންދަނީއެވެ. މި ނުބައި އަނިޔާވެރި އަމަލުތައް ހިންގަމުން ގެނދިޔުމާއެކު ވެސް އެ މީހުން ބުނަނީ މަދަނީންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވިސްނާ ކަމަށެވެ. ނަމަވެސް މަދަނީން ނޫން ބަޔެއް އެ ތާކު ނޫޅެއެވެ. މަދަނީ ޢިމާރާތެއް ނޫނީ އެ ތާކު ނެތެވެ.

އަނެއްކޮޅުން ޔަހޫދީންނަށް ބޭނުންވާ ވަރަށް ވުރެވެސް އިތުރަށް ހަތިޔާރާއި ފައިސާ އެ މީހުންނަށް ދިނުމަށް ފަހު މިހާރު އެމެރިކާއިން ބުނަނީ އިސްލާއީލަށް އެހީ ދިނުން މަޑުޖައްލައިލައިފި ކަމަށެވެ. ރަނަގޅު ވާހަކައެކެވެ. ބޭނުން ވަރަކަށް ފޮނުވުނީމާ ދެން މަޑުޖައްސައިލާންވީތާއެވެ. ދެން އިތުރަށް ފޮނުވާން ފަށާނީ އެ މީހުން އަތުގައި ހަތިޔާރު މަދުވެ އިތުރަށް ބޭނުންވީމާތާއެވެ.

ގެދޮރުގެއްލި ވިއްސިވިހާލިވެފައިވާ ޢާއިލާއެއް ވީރާނާވެފައިވާ ޢިމާރާތެއްގެ ތެރޭގައި ބަނޑުހައިހޫނުކަމާއެކު، ބޯހިޔާވަހިކަން ހޯދަނީ (ފޮޓޯ: އަލްޖަޒީރާ)<br>

އަނެއްކޮޅުން ވިއްސިވިހާލިވެފައިވާ އަށް ލައްކައެއް ހައި މީހުން ރަފަޙު ދޫކޮށް އެހެން ދިމަދިމާއަށް ގޮސް މިހާރު ހިޔާވަހިކަން ހޯދަނީ ވީރާނާވެފައިވާ އިމާރާތްތަކުގެ ތެރޭގައެވެ. ކުނިފުނީން ފުރިގައިވާ ނޯއްދަމައިލާން ނުކެރޭ ވަރަށް ވަސް ނުބައިވެފައިވާ މާހައުލެއްގައެވެ. އދ.އިން ވެސް މި ވާހަކަ ބުނެއެވެ.

އަނެއްކޮޅުން އިސްޕޭނުވިލާތާއި އަޔަރލޭންޑާއި ނޯވޭއިން ފަލަސްތީނު ދައުލަތް ގަބޫލުކުރާނެކަމަށް އިއުލާނުކުރިކުރުމަށް ވެސް ވަރަށް ބޮޑާކަމާއި ހަރުކަށިކަމާއެކު ވަނީ އިސްރާއީލުން ރައްދު ދީފައެވެ. މި އިއުލާނުކުރުމުގެ ރައްދުގައި އިސްރާއީލުގެ އޮފިޝަލަކު ބުނެފައި ވަނީ ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓައިނުލާނެކަމަށާއި ހުޓުވައި ވެސް ނުލެވޭނެކަމަށެވެ. އަދި ހުޅަނގުއައްސޭރީން އެ މީހުން ފޭރިގަނެ އިސްތިޢުމާރުކޮށްފައިވާ ބިމުގައި ޢިމާރާތްކޮށް ވަޒަންވެރިކުރެވުމުގެ ޕްރޮގްރާމްތައް ވެސް ބާރަށް ކުރިއަށް ގެންދާނެކަމަށެވެ.

މިއަދު އެމެރިކާއަކީ ދުނިޔޭގެ "ސުޕަރޕަވަރ"ކަމަށް ދަޢުވާކުރިޔަސް ހަގީގަތުގައި މި ފެންނަނީ އދ.އަށް ވުރެ ވެސް މަތީގައި ވާ "ސުޕަރޕަވަރ"އަކީ ޔަހޫދީ ދައުލަތްކަމަށެވެ. އަދި އެމެރިކާއަކީ ޔަހޫނީންނަށް ޚިދުމަތްކުރާން އެ މީހުން ބުނި ކަމެއް ކޮށްދޭން ތިބި ނޯކަރުންކަމަށެވެ.

މި ދިޔަ އަހަރު އޮކްޓޫބަރުމަހުން ފެށިގެން މިހާތަނަށް ތިރީސް ހަ ހާހެއްހައި މީހުން ފަލަސްތީނު ރައްޔިތުންގެ ތެރެއިން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 80 ވަރަކަށް ހާސް މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. މި މުއްދަތުގައި ޙަމާސުން ދިން ހަމަލާތަކުން ޔަހޫދީންގެ ތެރެއިން މަރުވެފައިވާކަމަށް އިސްރާއީލު ސަރުކާރުން ބުނަނީ އެންމެ 1139 މީހުންނެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުނު ވަރަށް ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް