ފަލަސްޠީނަށް އުންމީދުގެ ކަނިކަނި ހުޅުކޮޅެއް! ނަމަވެސް ޔަހޫނީންގެ ޢުދުވާނު ވަނީ ހައްދުން ނެއްޓިފައި.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޔަރލޭންޑާއި އިސްޕޭން ވިލާތާއި ނޯވޭއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމަށް ގަބޫލުކުރާން ނިންމުމަކީ ތަޢައްޞުބުން އެއްކިބާވެ ތިބެ، ޢަދުލުއިންސާފުން ޙައްގަށް ވިސްނާ މީހުން ހުޅަނގުގެ ގައުމުތަކުގައި ވެސް އުޅޭކަން ސާބިތުކޮށްދިން ކަމެކެވެ.
މި ދެންނެވި ތިން ގައުމުގެ އިސްވާރުން މިއަދު އިޢުލާނުކޮށްފައިވަނީ ފަލަސްތީނަކީ ވަކި ދައުލަތެއްކަމަށް އަންނަ ހަފުތާއިން ފެށިގެން ބަލައިގަންނާނެކަމަށެވެ. އެއީ މެދުއިރުމަތީގެ ސުލްޙައާއި ހަމަޖެހުމަށް ޓަކައި ކޮންމެހެން އަޅާން ޖެހޭ ފިޔަވަޅެއްކަމަށް ގަބޫލުކުރާތީއެވެ.
ނޯވޭގެ ބޮޑުވަޒީރު ޔުނަސް ގާހރ އިސްތޯރާ ބުނެފައިވަނީ ދެ ދައުލަތުގެ ހައްލަކީ ކުރީން އިސްރާޢީލު ވެސް އެންމެ ޝައުގުވެރިވާ ގޮތްކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ އަންނަ އަންގާރަ ދުވަހު ނޯވޭއިން ފަލަސްތީނު ގަބޫލުކޮށްފިކަން އިޢުލާނުކުރާނެކަމަށެވެ.
އަޔަރލޭންޑްގެ ބޮޑުވަޒީރު މީކާއީލް މާޓިން ވިދާޅުވެފައިވަނީ ސަލާމަތާއި ޝަރަފާއި އަމިއްލައަށް ކަންކަން ނިންމުމުގެ ހަމަހަމަ ޙައްގު ފަލަސްތީނު ރައްޔިތުންނާއި އިސްރާއީލު ރައްޔިތުންނަށް ވެސް އޮންނާން ވަރަށް ޞަރީހަކޮށް އެއްވެސް އޮޅުމެއް ނެތް ގޮތެއްގައި ފުރިހަމައަށް ތާއިދުކުރާކަމަށެވެ. "މިއަދު ސަރުކާރުން މި އިޢުލާނުކުރަނީ ފަލަސްޠީނު ދައުލަތް ރަސްމީ ގޮތުން ސަރުކާރުން ރަސްމީކޮށް ބަލައިގަންނާނެކަމަށެވެ. މިއަދު އަހަރެމެން ވަރަށް ސާފުކޮށް މި ބަޔާންކުރަނީ ސަލާމަތާއި ޝަރަފާއި އަމިއްލައަށް ކަންކަން ނިންމުމުގެ ހަމަހަމަ ޙައްގު ފަލަސްތީނު ރައްޔިތުންނާއި އިސްރާއީލު ރައްޔިތުންނަށް ވެސް އޮންނާން ވަރަށް ސާފުކޮށް ޞަރީހަކޮށް ތާއީދުކުރާކަމަށެވެ."
ވިލާތުގެ ގައުމުތަކަކުން މި ނިންމި ހިތްވަރުގަދަ އަދި އިންސާފުވެރި ނިންމުމަށް ފަލަސްތީނުން ވަނީ މަރުޙަބާ ކިޔައިފައެވެ. ނަމަވެސް މި ނިންމުމުގެ ސަބަބުން ފަލަސްތީނަށް އޭގެ ހެޔޮ އަސަރެއް ފެނިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އިސްރާއީލްގެ ނޫހެއްކަމަށްވާ "ހާރެޓްސް"ގެ ސިޔާސީ ކޮލަމްނިސްޓެއްކަމަށްވާ އަކިވާ އިލްދާރު އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ނޯވޭއާއި އިސްޕޭނުވިލާތާއި އަޔަރލޭންޑުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާން ނިންމި ނިންމުމަކީ "ނަތަންޔާހޫއާއި އިސްރާއީލުގެ ކަނީސަތުގެ ގިނަ މެންބަރުން ފަލަސްތީނު ދައުލަތް ގަބޫލުނުކުރާން ގެންގުޅޭ ފަލްސަފާއާ އިދިކޮޅުކަމެއްކަމަށެވެ."
"މީގެ މަސްތަކެއް ކުރީން ޔަހޫދީ ގާނޫނު ހަދާ މަޖިލީސް ކަނީސަތުގެ ގިނަ މެންބަރުން ވަނީ ފަލަސްތީނު ދައުލަތް ގަބޫލުކުރުމާ ދެކޮޅަށް ވަރަށް ޠަބީޢާތާ ޚިލާފު ގަރާރެއް ފާސްކޮށްފައެވެ."
އިލްދާރު އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި " ނަތަންޔާހޫ ދެކެ ގޮތުގައި ފަލަސްތީނު ދައުލަތް ގަބޫލުކުރުމަކީ ވަކި ނަސްލަކާ ދެކޮޅަށް އެ ބަޔަކު ކުށްވެރިކުރުމަށް އިތުރު މުޒާހަރާތައްކުރުމަށް މަގުފަހިވާނޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ދުނިޔެ އަހަރެމެންނާ ދެކޮޅުވާނެއެވެ."
ފަލަސްތީނުގެ ވަރަށް ގިނަ ދުވަސްވީ ސިޔާސީއެއްކަމަށްވާ މުސްޠަފާ ބަރުޣޫޠީ ބުނީ އަޔަރލޭންޑާއި އިސްޕޭނުވިލާތާއި ނޯވޭއިން ފަލަސްތީނު ދައުލަތް ގަބޫލުކުރިކުރުމަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ އިސްނެގުމެކެވެ. އޭގެ ސަބަބުން "މިނިވަންކަމާއި އިންސާފު" ފަލަސްތީނު ރައްޔިތުންނާ ކައިރިވާނެ ކަމަށެވެ.
"ފަލަސްތީނު ރައްޔިތުން – އަހަރެމެންގެ މީހުން – އަމިއްލައަށް ގޮތް ނިންމުމަށް ޓަކައްޔާއި ފަލަސްތީނު މީހުންގެ ހައްގުތައް ހޯދުމަށް ޓަކައި މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ." ބަރުޣޫތީ އަލްޖަޒީރާއާ ވާހަކަދައްކަމުން ބުނެފައިވެއެވެ.
"މިއީ ނަތަންޔާހޫއާއި އޭނާގެ ހައްދު ފަހަނަޅައިފައިވާ ސަރުކާރަށް ވަރަށް އުނދަގޫ ނިންމުމަކަށް ވާނެއެވެ."
އަނެއްކޮޅުން އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމުން އިންސާނީ އެހީދޭ ފަރާތްތަކަށް އިންޒާރު ދީފައިވާ ގޮތުގައި ގިނަ ޢަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް ވަރަށް އަވަހަށް ފޯރުކޮށްނުދެވިއްޖެ ނަމަ، ޣައްޒާގެ ރައްޔިތުން ހާންތިވެގެން އިނދަޖެހޭނެއެވެ.
މިހެން މި ކަން އޮތް އިރު، މީގެ 75 އަހަރު ކުރީން ގާއިމުކޮށްފައިވާ އުތުރު ޣައްޒާގެ ޖަބާލިޔާ ފޭލިގެ އަވަށަށް އިސްރާއީލުގެ ބާރުތަކުން ވަދެގަނެ އަޓިލަރީއިންނާއި އެހެނިހެން ބަރު ހަތިޔާރުތަކުން ޙަމަލާދެމުން ގެންދަނީއެވެ. އަދި ބޮމާއި ޓޭންކުތައް ބޭނުންކޮށްގެން މީހުން ދިރިއުޅޭ ޢިމާރާތްތައް ބިމާ ހަމަކުރަމުން އެބަ ގެންދެއެވެ.
ޖަބާލިޔާ ފޭލިގެ އަވަށަށް ވައިގެމަގުންނާއި ބިންމަތީން ޔަހޫދީން ޙަމަލާދީ ސުންނާފަތިކުރަނީ<br>
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލުމަށް ޓަކައި ޔަހޫދީ ފައުޖުން ހިންގަމުން ގެންދާ ލާއިންސާނީ މި ޢުދުވާނުގައި ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޖަބާލިޔާ ފޭލި އަވަށުގައި ޢާންމުން ދިރިއުޅޭ ގެދޮރާއި ހަސްފަތާލުތަކަށެވެ. މީގެ އިތުރަށް ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ދަނީ ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންނެވެ. މެދުކެނޑުމެއް ނެތި ދެމުން ގެންދާ މި ޙަމަލާތަކާ ގުޅިގެން ޣައްޒާގެ އެންމެ އުތުރާއި ދެކުނުގައި ދިރިއުޅޭ ރައްޔިތުން ދަނީ އެހެން ހިސާބުތަކަށް ބަދަލުވާން މަސައްކަތްކުރަމުންނެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތަކާ ގުޅިގެން ޣައްޒާގެ އުތުރާއި ދެކުނުން، އަށް ލައްކައެއް ހައި މީހުން އެހެން ހިސާބުތަކަށް ދަތުރުކޮށްފައިވެއެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރާން ވެސް ޔަހޫދީ ފައުޖުން ގެންދަނީ ހުރަސްއަޅަމުންނެވެ. މި ކަމުގެ ސަބަބުން އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވަނީ ދަތިކަމަކަށް ވެފައެވެ.
އެމެރިކާއިން ހަދައިފައިވާ ފާލަމަކުން ޣައްޒާއަށް ފޯރުކޮށްދީފައިވާ އިންސާނީ އެހީގެ 569 ޓަނުގެ ކާބޯތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް އަދި ޣައްޒާއަށް ބަހައިދެވިފައިނުވާކަމަށް އެމެރިކާއިން ބުނެއެވެ.
މި ދިޔަ އަހަރު އޮކްޓޫބަރުމަހުން ފެށިގެން މިހާތަނަށް 35 ހާސް ހަ ސަތޭކަ ފަންސާހަށް ވުރެ ގިނަ މީހުން ފަލަސްތީނު ރައްޔިތުންގެ ތެރެއިން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 80 ވަރަކަށް ހާސް މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. މި މުއްދަތުގައި ޙަމާސުން ދިން ހަމަލާތަކުން ޔަހޫދީންގެ ތެރެއިން މަރުވެފައިވާކަމަށް އިސްރާއީލު ސަރުކާރުން ބުނަނީ އެންމެ 1139 މީހުންނެވެ.
_______________________________
ލަފުޒެއްގެ މާނަ:
އިސްވާރު ނ. (1) ވެރިޔާ (2) އިސްވެ ހުންނަ މީހާ