Advertisement

ލޮލަކަށް ފެނިފައިނުވާ ކަންފަތަކަށް އިވިފައިނުވާ

22 May 2024 | 00:10
އަލްޖަންނާ ޢަރަބިބަހުން ލިޔެފައި

އިބްރާހީމް ރަޝީދު މޫސާ

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުންގެ އަރިހުން ރިވާވެގެންވާ ޤުދްސީ ޙަދީސެއްގައި އައިސްފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ((أعْدَدْتُ لِعِبادِي الصّالِحِينَ ما لا عَيْنٌ رَأَتْ، ولا أُذُنٌ سَمِعَتْ، ولا خَطَرَ على قَلْبِ بَشَرٍ[1] - ތިމަންރަސްކަލާނގެ  ޞާލިޙު އަޅުންނަށް ޓަކައި  ލޮލަކަށް ދުވަހަކުވެސް ފެނިފައިނުވާ ، ކަންފަތަކަށް ދުވަހަކުވެސް އިވިފައިނުވާ އިންސާނެއްގެ ހިތަށް ދުވަހަކުވެސް އަރައިފައިނުވާ ނިޢުމަތްތަކެއް ތިމަންރަސްކަލާނގެ ތައްޔާރުކޮށްދެއްވީމެވެ.))   ބައެއް ރިވާޔަތްތައް ބުނާގޮތުގައި ((އެއީ ކުއްތަންވެގެންވާ މަލާއިކަތަކަށް ވެސް އަދި ރަސޫލުކަމާއިގެން ފޮނުއްވުނު ނަބީބޭކަލަކަށް ވެސް  އެނގިވަޑައިނުގަންނަވާނޭ ކަންތައްތަކެކެވެ.))

ދަންނަބޭކަލުން ވިދާޅުވާގޮތުގައި މި ޙަދީސްގެ ސަބަބަކީ މޫސާގެފާނު ޤިޔާމަތްދުވަހުން އެންމެ މަޤާމު މަތިވެރި އަދި އެންމެ ދަރަޖަ މަތިވެރި މީހަކީ ކާކުތޯ ﷲއާ ސުވާލުކުރެއްވުމެވެ. ޞަޙީޙު މުސްލިމު ރިވާކުރައްވައިފައިވާގޮތުގައި ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( މޫސާ  عليه السلام  އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއާ ސުވާލުކުރެއްވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! ސުވަރުގޭގެ އަހްލުވެރިންގެ ތެރޭގައި އެންމެ ދަރަޖަ ދަށް މީހަކީ ކާކުތޯއެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހްލުވެރިން ސުވަރުގެ ވަނުމަށް ފަހު އަންނަ މީހާއެވެ. ފަހެ އެމީހާއަށް ތިބާ ސުވަރުގެ ވަންނާށޭ ބުނެވޭނެއެވެ.އެ މީހާ ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޮ! މީސްތަކުން އެއްޗެހިތައް ހިފައިގެން އެމީހުންގެ މަންޒިލުތަކަށް ފައިބައިފިއެވެ.  ފަހެ އޭނާއަށް  ބުނެވޭނެތެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލަކަށް މިލްކުވެގެންވާހައި އެއްޗެއް ތިބާއަށް ލިބުމުން ތިބާ އެކަމާ ރުހޭނަންހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެތެވެ. މި އަޅާގެ ވެރިރަސްކަލާކޮ!  މިއަޅާ ރުހި ޤަބޫލުވެއްޖައީމުއެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. ތިބާއަށް އެ މިލްކުވެގެންވެއެވެ. އެއާއެކު އެފަދަ އެހެން އެއްޗެހިތައް ވެސް ވެއެވެ. އަދިއެއާއެކު އެފަދަ އެހެން އެއްޗެހިތައް ވެސް ވެއެވެ. އަދި އެފަދަ އަދި އެފަދަ އަދި އެފަދަ އަދި އެފަދަ އެއްޗެހިތައް ވެސް މެއެވެ. ފަސްވަނަފަހަރު އޭނާ ދަންނަވާނެތެވެ. މިއަޅާގެ ވެރިރަސްކަލާކޮ! މި އަޅާ ރުހިއްޖައީމުއެވެ. ފަހެ އޭނާއަށް ބުނެވޭނެއެވެ. އެއީ ތިބާއަށެވެ. އަދި އެފަދަ ދިހަ މިންވަރު އިތުރަށެވެ. ތިބާގެ ނަފްސު އެކަމަށް ހިތްކިޔާހާ އެއްޗެއް އަދި  ތިބާގެ ލޮލަށް ފިނިކަން ލިބިދޭހައި އެއްޗެއް ތިބާއަށް ލިބިގެން ވެއެވެ. އޭނާ ދަންނަވާނެތެވެ.މިއަޅާގެ ވެރިރަސްކަލާކޮ! މި އަޅާ ރުހިއްޖައީމުއެވެ.މޫސާގެފާނު ދެންނެވިއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! އެންމެ މަތީ ދަރަޖައިގެ މީހާ؟ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވި މީހުންނަކީ އެއީއެވެ. ތިމަންރަސްކަލާނގެ ޔަދު ޤުރްރަތްފުޅުން އެބައިމީހުންގެ ގައިގައި މަތިވެރިކަން އިންދެވީމެވެ.އަދި އެ ހިސާބުން ނިންމެވީމެވެ. އެއީ ލޮލަކަށް ފެނިފައިނުވާ ކަންފަތަކަށް އިވިފައިނުވާ ހިތަކަށް އަރައިފައިނުވާ ކަމެކެވެ. ޙަދީސްކުރެއްވިއެވެ. ﷲގެ ފޮތުގައި އައިސްފައިވާ ﷲގެ ބަސްފުޅުން އޭގެ ތެދުވެރިކަން ފެނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ [2]- ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.))

އެމެރިކާގެ ކެލިފޯނިޔާގައި ހުރި އެންމެ އަގު ބޮޑު ގެއާ ބެހޭ ރިޕޯޓެއް ދުށީމެވެ. އެ ތަން ފަރުމާކޮށް ބިނާކޮށްފައިވަނީ އެ ގޭގެ ވެރި މީހާ އެދޭ ގޮތަށެވެ. އޭނާ އެތާނގައި އުޅޭން ބޭނުންވާ ގޮތަށެވެ. އެ ގޭގެ ކޮންމެ ބަޔަކުން އޭނާއަށް އަރާމާއި ލައްޒަތު ލިބޭ ގޮތަށެވެ. އޭނާ ބަނޑުދަމައިލާން އޮންނާނެ ތަނެއް .. ކޮފީ ބޮއިލާން އިންނާނެ ތަނެއް.. ފޮތްކިޔައި މުޠާލަޢާކުރާން އިންނާނެ ތަނެއް.. ފިލްމުތައް ބަލައިލުމަށް ޚާއްޞަ މާލަމެއް.. ޓީވީ ޕްރޮގުރާމުތައް ބަލާން އިންނާން ވަކި ކޮޓަރިއެއް، އޭނާއަށާއި ޢާއިލާއަށް ނިދާން ޚާއްޞަ ކޮޓަރިއެއް... އޭނާގެ މެހެމާނުންނަށް ޚާއްޞަ ކޮޓަރިތަކެއް.. ގޭގެ ބޮޑު ބަގީޗާއާއި ފެންވަރާ ފެންގަނޑާއި އޭނާގެ ކާރުތަކަށް ޚާއްޞަ ގަރާޖު .. މި ފަދަ މި ފަދަ އެތައް ތަނެކެވެ.

މި ތާނގައި ދުވަސްކޮޅަކު އުޅެލުމަށް ޓަކައި އެ ތަން ތިބާއަށް ދީފިނަމަ ތިބާ އެކަމާ ދެކޮޅުހަދާނަންހެއްޔެވެ؟ އެ ތާނގައި ތިބާއަށް ދިރިއުޅުން ފަހި ނަމަ، ތިބާއަށް އެ ތަން ދޭނަމޭ ބުނެފި ނަމަ، ތިބާ އެ ހުށައެޅުން ޤަބޫލުކުރާނަންހެއްޔެވެ؟ މި ފަދަ ދީލަތި ހަދިޔާއަކާ ދެކޮޅުހަދާނެ މީހަކު ހުންނާނެހެނެއް ހީއެއް ނުވެއެވެ. ފަހަރެއްގައި މި ހުށައެޅުން ޤަބޫލުނުކުރާނެ މީހަކު ހުރެދާނެއެވެ. މިފަދަ ބިޔަ ތަނެއްގައި މި ފަދަ އަރާމުތަކަކާ އެކު، ދިރިއުޅޭން ބޭނުންނުވާ މީހުން އުޅުމަކީ ދުރުކަމެއް ނޫނެވެ. މީހުންނާ ދުރުގައި  ދުރު ހިސާބެއްގައި ކުޑަކުޑަ ޖިފުޓިއެއްގައި އުޅެން ބޭނުންވާ މީހަކު ހުރެދާނެއެވެ. އަޅުގަނޑުމެންނަކީ އިންސާނުންނެވެ. މިޒާޖާއި ރަހަތައް  ތަފާތުވާނެތެވެ. ގިޔަމުތަކާއި ޒައުގުތައް ވެސް ތަފާތުވާނެތެވެ. ހުޅަނގުގެ މުއްސަނދި ގައުމުތަކުން ރާއްޖެ އަންނަ ބައެއް ފަތުރުވެރީން ރާއްޖެ އަންނަނީ ހުޅަނގުގެ ތަހުޒީބުގެ ކުޅިސަމާތަކުން ދުރަށް ދާންވެގެންނެވެ. އެ މަސްރަޙުގެ ހަލީސާތަކުން ސަލާމަތްވާން ވެގެންނެވެ. މިއީ މި ލިޔުމުގެ އަމާޒެއް ނޫނެވެ.

އާޚިރަތުގެ ބާއްޖަވެރިކަން

ދުންޔަވީ ކަންތައްތަކާ އުޚްރަވީ ކަންތައްތައް އަޅައެއް ނުބެލޭނެއެވެ.އަޅައި ބެލޭނީ ފެނިފައިވާ ދޭއްޗެއް ދެމެދުގައެވެ. ދުނިޔަވީ އެއްޗެހި ފެނިފައި ވިޔަސް އުޚްރަވީ އެއްޗެހި ފެނިފައެއް ނުވެއެވެ. އާޚިރަތުގެ ބާއްޖަވެރިކަމާ ދުނިޔޭގެ ބާއްޖަވެރިކަން ތަރާދަށް ލައި ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟

މި ސުވާލުތައް މި ހުށައަޅަނީ ކިޔާ މީހާއަކީ މުއުމިނަކަށް ވާނެތީއެވެ. އާޚިރަތުގެ ޙަޔާތް ޤަބޫލުކުރާ މީހަކަށް ވާނެތީއެވެ. އެއީ ޚިޔާލެއް ކަމުގައި ދެކޭ މީހަކަށް ނޫނެވެ.

ﷲ ތަޢާލާ ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަތައް ބާވައިލެއްވުމުން މައްކާގެ މުޝްރިކުން އެކަމާ އިސްތިޤްބާލުކުރީ ކިހިނެއްހެއްޔެވެ؟ އެމީހުން އެ ވާހަކަތައް ދޮގުކޮށް އެ ވާހަކަތަކަށް އީމާންނުވީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ރަސޫލާގެ މާތް ޞަޙާބީން އިތުރު ސުވާލުތަކަކާ ނުލައި އެބަސްފުޅުތައް ޤަބޫލުކުރެއްވީ ކީއްވެގެން ހެއްޔެވެ؟ މައްކާގެ ޙަޔާތާއި ރޯމަނުންނާއި ފާރިސީންގެ ޙަޔާތް ވަރަށް ތަފާތެވެ. މަޢީޝަތު ތަފާތެވެ.

މިއަދު އަޅުގަނޑުމެންގެ ޙަޔާތަށް ބަލާއިރު އޭރާއި މިހާރު ހާދަ ތަފާތެވެ. މިއަދުގެ ފާގަތިކަމާއި ތަނަވަސްކަމާއި ވަސީލަތްތަކަށް ބަލާއިރު އަޅުގަނޑުމެންގެ ހިތަށް އާޚިރަތްދުވަހުގެ ނިޢުމަތްތައް އަރުވަން ފަސޭހަވާނެކަން ކަށަވަރެވެ. ﷲގެ ޙަޟްރަތުގައިވާ ނިޢުމަތްތަކަށް ޝައުޤުވެރިކަން އިތުރުކުރާނެތެވެ. ﷲއާ މެދު ރަނގަޅަށް ހީކުރުމަށް ޓަކައި އީމާންކަން އިތުރުވެ އެދުން ބޮޑުވާނެއެވެ. ތެދުމަގަށް ހިދާޔަތް ލިބުމަށް  އުންމީދުކުރާލެއް ބޮޑުވާނެތެވެ.  " ލޮލަކަށް ފެނިފައިނުވާ ކަންފަތަކަށް އިވިފައިނުވާ އިންސާނެއްގެ ހިތަށް އަރައިފައިނުވާ " ނިޢުމަތްތަކާ ހަމައަށް ވާޞިލުވުމަށް އަތުކުރި އޮޅައިލާނެތެވެ. މި ދުނިޔެ ހައްދަވައިފައިވަނީ އެ ދުނިޔެއަށް ދިޔުމަށް ޓަކައި ވާ ސަވާރީއެއްގެ ގޮތުގައެވެ.  ދިގު ދަތުރަކަށް ވާތީ ސަވާރީ ވަރުގަދަ އެއްޗަކަށް ހަދަން ޖެހޭނެއެވެ. އެއަށް ބޭނުންވާ ވަރަށް ތެޔޮ އަޅަން ޖެހޭނެއެވެ. ފަޅައިގެން ނުދާވަރުގެ ގަދަ ފުރޮޅުތަކެއް އޭގައި ހުންނަން ޖެހޭނެއެވެ.ﷲ ދެއްވައިފައިވާ އިރްޝާދާ އެއްގޮތަށް ﷲގެ ސަމުގާގެ މިސްރާބާ އެއްދިމާއަށް ދަތުރުކުރުމަށް ޓަކައެވެ.

ދުނިޔޭގެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! އެއީ މަގެއް ކަމުގައި ބަލާށެވެ! އެއީ އާޚިރަތުގެ ނިޢުމަތްތަކާ ހަމައަށް ވާޞިލުކޮށްދޭ އެހީދާރަކު ކަމުގައި ބަލާށެވެ! ﷲ އަބަދުވެސް އެކަލާނގެ އަޅާގެ ރަނގަޅު ހީކުރުމާ އެއްގޮތަށް ކަންކަން ފައްސިޔަކޮށްދެއްވާނެތެވެ.

މަރުޖިޢުތައް

[1]  - أخرجه البخاري (٧٤٩٨)، ومسلم (٢٨٢٤)

[2]  - السجدة : 17

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް