Advertisement

އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (6)

21 May 2024 | 00:10
ދާރުލްޚަބަރި

އިބްރާހީމް ރަޝީދު މޫސާ

(2024 މޭ 13 ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ދަންތުރަތަކާއި ފޯރިމެރުންތައް:

ދައުލަތުގެ ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ޕްރޮވިންސްތަކުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ޓަކައި ދަންތުރަތައް ޖެހުމާއި ފޯރިމެރުން ވަރުގަދަކުރުން ވެއެވެ. މި މަސައްކަތަށް "މަސާލިޙު"އޭ ކިޔުނެވެ. މި މަސައްކަތުގައި ޖާސޫސުން ބޭނުންކުރެވެއެވެ. އަޞްފަހާނީ ވިދާޅުވާ ގޮތުގައި މަޣުރިބުގައި އަދާރިސުންގެ ވެރިކަން ޤާޢިމުކުރައްވާން އިދްރީސުލްޢަލަވީ (އަވަހާރަވީ 177هـ) މަސައްކަތް ފެށްޓެވުމުން މުޅި އެ ސަރަޙައްދަށް ފާރަލައި އޭނާގެ ވާގިވެރީންނަށް އެހީ ލިބުން ހުއްޓުވުމަށް ޓަކައި މަގުތައް ފާސްކޮށް މަސާލިޙުތައް ޤާއިމުކުރިއެވެ.

މި މަސާލިޙުތަކުގެ ޚަބަރުތައް ސިއްރިއްޔާތުގައި ފޮނުވުމަށާއި އޮޅުވައިލުމަށް ޓަކައި ވަރަށް ގިނަ އުކުޅުތައް ބޭނުންކޮށްފައިވެއެވެ. އައްޠަބަރީ ވިދާޅުވެފައިވާ ގޮތުގައި ޚިލާފަތުގެ ގޮނޑިއާ ހެދި އަމީނާއި (އަވަހާރަވީ 198هـ/814م) މައުމޫނާ ދެމެދުގައި ހިނގި އަރައިރުންތަކުގައި އަމީނުގެ ވަޒީރު އަލްފަޟްލު ބިނުއްރަބީޢި ލިޔެކިޔުންތަކާއި ޚަބަރުތައް ސަރަޙައްދީ އިން ފަހަނަޅައި ދިޔުން މަނާކުރެއްވިއެވެ. އެ ހިނދު ބަޣުދާދުގައި ހުރި މައުމޫނުގެ ޚަބަރުވެރިޔާ ޙިމާރެއްގެ އަސްދާނުގޮނޑިއެއްގެ ކުނާގަނޑެއްގެ ތެރެއަށްލައިފައި އަންހެނަކު މެދުވެރިކޮށް ޚަބަރުތައް ފޮނުވިއެވެ. މި އަންހެނާ އެއް ރަށުން އަނެއް ރަށަށް ދިޔައީ މަސްލަޙާއެއްގެ ގޮތުގައި ބަލައި ފާސްކުރުމެއް ނެތިއެވެ. މައުމޫނާ ހަމައަށް މި އައި ޚަބަރުން އަމީން އޭނާ ވަލީޢަހުދުކަމުން ވަކިކުރައްވާން ރާއްވަވަމުން ދާކަމުގެ ޚަބަރު ކަށަވަރުވެވަޑައިގަތެވެ. އަދި ފިޔަވަޅުއަޅުއްވައި އަމީނާ ދެކޮޅަށް ހަނގުރާމަ ފަށްޓަވައި އަމީން ޤަތުލުކުރައްވައި ޚަލީފާކަމަށް އިސްވެވަޑައިގަތެވެ.

އިސްލާމީ ދައުލަތުގައި އިންޓެލިޖެންސްގެ މަސައްކަތް ދެ ބަޔަކަށް ބެހިފައި ވެއެވެ. އެއް ބަޔަކީ މަދަނީ ބައެވެ. އެއީ ފުލުހުންގެ ބައެވެ. މި ބަޔަށް ޞާޙިބުލްޚަބަރި ކިޔުނެވެ. އެމެރިކާގައި ނަމަ، އެއީ އެފްބީއައިއެވެ. ދެވަނަ ބަޔަކީ ޢަސްކަރީ ބައެވެ. މި ބަޔަށް ޞާޙިބު ޚަބަރިލްޢަސްކަރީ ކިޔުނެވެ. އެއީ އެމެރިކާގައި ނަމަ ސީއައިއޭއެވެ. އިސްވެ ދެންނެވި ފަދައިން އައްޔޫބީންނާއި މަމްލޫކީންގެ ވެރިކަމުގައި މި ބަޔަށް ޔަޒަކުއޭ ކިޔުނެވެ.

އަމީރުލްޚަބަރި<br>

ފާރަލާ މީހުންނާއި ޖާސޫސުން ގިނަވެ ޚަބަރުތައް ގިނަވުމާ ވިދިގެން މި ޚަބަރުތައް ތާޒާކޮށް ފޮނުވުމަށް ޓަކައި ތަފާތު ވަސީލަތްތައް އީޖާދުކުރިއެވެ. "ފަންނުލްމުޢައްމާ"ގެ ނަމުގައި ފޮތްތައް ލިޔެވި އެކުލަވައިލެވުނެވެ. މި ފޮތްތަކުން ޚަބަރުތައް ލިޔާނެ ގޮތްތަކާއި ވަންހަނާކުރާނެ ގޮތްތައް ދަސްކުރިއެވެ. މި ޚަބަރުތައް ފޮނުވުމަށް ޓަކައި "ސިޓީ ކޮތަރު" ބޭނުންކުރާން ފެށިއެވެ. މި މަސައްކަތް ކުރުމަށް ޓަކައި އެ އެއްޗެއްސަށް ތަމްރީނުދިނެވެ. މި ކޮތަރަށް އަލްޙަމާމުއްޒާޖިލް ކިޔުނެވެ. ދިވެހިބަހުން ބުނާ ނަމަ އެއީ ކަލާސީ ކޮތަރެވެ. މި ކޮތަރުތައް މި ސިޓީތައް ހިފައިގެން ގޮސް ތިރިކުރާނީ ބުރުޖުތަކަށެވެ. ނުވަތަ ކޯއްޓޭތަކަށެވެ. މިއީ އެ ކޮތަރުތަކުގެ ވައިގެ ބަނދަރުތަކެވެ. އަލްޤަލްޤަޝަންދީ ވިދާޅުވެފައިވާ ގޮތުގައި ޢާންމު ގޮތެއްގައި ދެ ކޮތަރު މެދުވެރިކޮށް ދެ ސިޓީ ފޮނުވާނެއެވެ. ސިޓީގައި ތާރީޚު ލިޔެފައި އޮންނާނެއެވެ. ސިޓީ އަޅުވައިފައި އޮންނާނީ ކޮތަރުގެ ފިޔަފަތްގަނޑުގައެވެ. ދޭތި ފޮނުވަނީ އެއިން އެއްޗަކަށް ކަމެއް ދިމާވެދާނެތީއެވެ. އެ ކޮތަރު ފޮނުވައިލެވުނު ބުރުޖަށް ދެވުމުން ބައްރާޖު (ބުރުޖު ބަލަހައްޓާ މީހާ) އެ ކޮތަރު ހިފައި އެ ސިޓީ ނަގައި ދެން ޖެހުނު ބުރުޖުގެ ކޮތަރުގެ ފިޔަފަތްގަނޑުގައި އަޅުވާނެއެވެ. މި ސިޓީގެ އެންމެ ފަހު މަންޒިލަކަށް ވާނީ ޤާހިރާގެ ޤަލްޢާ[1]އެވެ. ބައްރާޖު އެ ކޮތަރާއި އެ ސިޓީ ހިފައިގެން ދާނީ އިސް ދަވާދާރު (ރަސްގެފާނުގެ އިސް ސެކްރަޓަރީ)ގެ އަރިހަށެވެ. ކޮތަރުގެ ފިޔަފަތްގަނޑުން އެ ސިޓީ ނަގާނީ އޭނާއެވެ.  

ތަފާތު މޫނުތަކެއް:

ދުނިޔޭގައި ޖާސޫސީ މަސައްކަތްތައް މިއަދު ކުރެވޭ ގޮތާއި ކުރީ ޒަމާނުގައި ކުރެވުނު ގޮތާ މާ ބޮޑު ތަފާތެއް ނެތެވެ. ބައެއް ޖާސޫސުން ރަށްރަށަށް ދަނީ ވިޔަފާރިވެރީންގެ ގޮތުގައެވެ. މުދާތައް ހިފައިގެންނެވެ. އެ މީހުން ރަށު ތެރެއަށް ވަދެ މީހުންނާ މަސްހުނިވެ އުޅުމުގެ ތެރޭގައި ރަށުގެ ޚަބަރުތައް ދެނެގަނެއެވެ. އަދި މީހުންނާ ސުވާލުކޮށްގެން މަޢުލޫމަތުތައް ހޯދައެވެ. ޔާޤޫތުލްޙަމަވީ (އަވަހާރަވީ 626هـ/1229م) އޭނާގެ މަޝްހުރު ފޮތް "މުޢުޖަމުލްބުލްދާނި"ގައި ވިދާޅުވެފައިވާ ގޮތުގައި ޚަލީފާ އަލްމަންޞޫރު ބަޣުދާދު ސަހަރުގެ ރަށްބޭރުގައި ބާޒާރުތައް ޤާއިމުކުރެއްވީ މިހެން ވެގެންނެވެ. ވިޔަފާރިވެރީންނަކީ ބަރީދުންނެވެ. އެ މީހުން ރަށުތެރެއަށް ވަދެއްޖެ ނަމަ، އެއްވެސް މީހަކަށް ފާހަގަނުކުރެވޭ ފަދަ ގޮތަކަށް ރަށުގެ ޚަބަރުތައް ދެނެގަނެ ލިޔާނެއެވެ. ބައެއް ފަހަރަށް ޖާސޫސުން ސަލާންޖަހާ މީހުންގެ ގޮތުގައި ކިލާ ހެދުމުގައި ވެސް ރަށު ތެރޭގައި އުޅެއެވެ. މިހެންވެ ޒާހިދު ބައެއް ޢިލްމުވެރީންގެ އިސްތަށިފުޅުގައި ޖާސޫސުންގެ ތުހްމަތު އެޅުވިފައި ވެއެވެ. އައްޛަހަބީ ވިދާޅުވާ ގޮތުގައި އަލްއިމާމު އަބުލްފަޟްލިއަލްޢިޖްލީ ވަރަށް ބައު ވަރަށް ކިލާ ހެދުމެއްގައި ކަރްމާނަށް ވަޑައިގަތުމުން ޖާސޫސެކޭ ކިޔައިފައި ރަސްގެފާނުގެ އަރިހަށް ގެންދެވުނެވެ. ރަސްގެފާނަށް ޙަޤީޤަތް އެނގިވަޑައިގަތުމުން އޭނާއަށް ކަމޭހިއްތަވައި އިޙްތިރާމުކުރެއްވިއެވެ.

އެކަށީގެން ނުވާ ހެދުމެއްގައި ޠާލިބުންނާއި ޢާލިމުން ޢިލްމީ މަޖިލިސްތަކަށް ދިޔުމުން އެ މީހުންނަށް ވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވުން މަނާކޮށްފައެވެ. އަލްއިމާމު މަޖްދުއްދީން އިބްނުލްއަޘީރު އޭނާގެ ފޮތް ޖާމިޢުލް އުޞޫލީގައި ވިދާޅުވެފައިވާ ގޮތުގައި މަޝްހޫރު ޙަދީސް ޢިލްމުވެރިޔާ އައްނަސާއީ (އަވަހާރަވީ 303هـ/915م) އިތުރު ޙަދީސްތައް ހޯއްދެވުމަށް ޓަކައި މިޞްރަށް ވަޑައިގެން މިޞްރުގެ ޤާޟީ އަދި ޙަދީސް ޢިލްމުވެރިޔާ އަލްޙާރިޘް ބިން މިސްކީނުލްމާލިކީ (އަވަހާރަވީ 250هـ/864م)ގެ މަޖިލީހަށް ވަޑައިގަތުމުން އޭނާގެ ހެދުންކޮޅު ހުރި ގޮތުން އެ މަޖިލީހަކަށް ނުވެއްދެވިއެވެ. އައްނަސާއީ އެ މަޖިލީހަށް ވަޑައިގަތީ ކުރިމަތީން ފަޅައިލައިފައި ހުރި ޖުއްބާއެއް ތުރުކުރައްވައިގެން އިސްތަށިފުޅުގައި ދިގު ފަގުޑިއެއް ތުރުކުރައްވައިގެންނެވެ. މި ހެދުމުން އެއީ ރަސްގެފާނުގެ ޖާސޫސެއްކަމަށް ހީފުޅުވެގެން އޭނާ ދަރުސްގާހަށް ނުވެއްދެވީއެވެ. މިހެންވެ އައްނަސާއީ އަލްޙާރިޘްގެ ޢިލްމީ މަޖިލިސްތަކަށް ޙާޒިރުވެވަޑައިގަތީ އޭނާއަށް ފެނިވަޑައިނުގަންނަވާ ގޮތަށް ބޭރުގައި އަޑުފުޅު އިވޭ ހިސާބެއްގައި އިންނަވައިގެންނެވެ. މިހެންވެ އައްނަސާއީ އަލްޙާރިޘް ބިން މިސްކީނުގެ އަރިހުން އަޑުއެއްސެވި ޙަދީސްފުޅުތަކުގައި «حدثنا – އަހުރެމެންނަށް ކިޔައިދެއްވިއެވެ.»  ވެސް އަދި  «أخبرنا – އަހުރެމެންނަށް ޚަބަރުދެއްވިއެވެ.» އެއްވެސް ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވެފައިވަނީ އަހުރެމެން އަޑުއެހީމެވެ. (ނުނިމޭ)

ޙަވާލާ:

[1]  - ކިއްލާ ދިވެހި ބަހަށް އައީ މި ލަފުޒުންނެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް