އިނގިރޭސި ސަރުކާރުގެ ނަޒަރުގައި ފަލަސްތީނުގެ ހައްގުތަކަށް ގޮވައިލުމަކީ ނަފުރަތު އުފެއްދުން. ކޮން ކަހަލަ ޑިމޮކްރެސީއެއް!!
އަބާ މުޙަންމަދު
ފަލަސްތީނަށް މީހަކު ތާއީދުކޮށްލާ އިރަށް އެމެރިކާއާއި ހުޅަނގުން އެ ކަމާ ކަންބޮޑުވެއެވެ. އެތައް ބަޔަކު ހައްޔަރުކުރެއެވެ. އެއީ ނަފުރަތު އުފެއްދުންކަމަށް ލޭބަލުކުރެއެވެ. އަދި އެއީ ވަކި ނަސްލަކާ ދެކޮޅުހަދައި ނަސްލީ ތަފާތުކުރުން ގެންގުޅެނީކަމަށް ބުނެއެވެ.
ނަމަވެސް ފަލަސްތީނު ރައްޔިތުންނަކީ ޖަނަވާރުންކަމަށާއި "ޖަނަވާރު އިންސާނުން"ކަމަށް އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ގޮވިޔަސް އެއީ ޚިޔާލުފާޅުކުރުމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ.
ދުނިޔޭގައި މިއަދު ޢަދުލުއިންސާފާއި ޑިމޮކްރެސީ އޮތް މިންވަރަކީ މިއީއެވެ. ދުނިޔޭގައި ހަމައެއްލަމައެއް ޢަދުލެއް އިންސާފެއް ނެތެވެ.
އިއްޔެ އިނގިރޭސިވިލާތުގެ ލަންޑަންގައި ލަސްތީނަށް ތާއީދުކޮށް ބޮޑު ހިގައިލުމެއް ބޭއްވުމުން އިނގިރޭސި ސަރުކާރުން ބުނީ ކީކޭކަމަށްތޯއެވެ؟ އިނގިރޭސި ދިފާޢީ ވަޒީރު ގްރާންޓް ޝެޕްސް ބުނެފައިވަނީ ފަލަސްތީނަށް ތާއިދުކޮށް ހިނގައިލުންތައް ބޭއްވުމަކީ އިނގިރޭސި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވަ ކަމެއްކަމުގައެވެ. އެއީ އެ ކަމުގެ ސަބަބުން ނަފުރަތާއި ވަކި ނަސްލަކަށް ވާތީ ދިމާކުރުން ހައްދުން ނެއްޓިދާނެތީއެވެ. ވަކި ނަސްލެކޭ އެ ބުނަކީ ޔަހޫދީންނަށެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުންނަށް ދެމުން ގެންދާ ޢުދުވާނަށް އެ މީހުން ކަންބޮޑުވުމުގެ ބަދަލުގައި ވަނީ އެހީއެވެ. ދެނީ އެހީތެރިކަމެވެ.
ހޮނިހިރު ދުވަހު ބޭއްވި ހިނގައިލުމުގައި ސަންދޯކެއް ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއްގައި އެ މީހުން ހިތްހަމަނުޖެހޭ މެސެޖެއް ލިޔެފައިވާތީ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އިނގިރޭސި ސަރުކާރުގެ ސިޔާސީ ހަމަނުޖެހުންތަކާ ބެހޭ މިނިވަން މުޝީރު ލޯޑް ވަލްނޭ ޚާއްޞަ ރިޕޯޓެއް ތައްޔާރުކުރާނެކަމަށް ބެލެވެއެވެ
ޝެޕްސް ވަނީ އެ ފަދަ ހިނގައިލުންތައް ފުލުހުން ވަށައިލާން ޖެހޭނެކަމަށް ބުނެ ވަނީ އިންޒާރުދީފައެވެ.
އިނގިރޭސި ބޮޑުވަޒީރު ރިޝީ ސްނަކް (ކ)އާ އެކު އިނގިރޭސި ދިފާޢީ ސެކްރެޓަރީ ގްރާންތް ޝެޕްސް (ވ)<br>
"މި ކަމުގެ ސަބަބުން އަހަރެން ކަންބޮޑުވޭ. އަދި މި ހިނގައިލުންތަކުގެ ސަބަބުން ސަރުކާރު ކަންބޮޑުވޭ." ޖީބީ ނިވްސްއަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވެއެވެ.
މި ފަދަ ހިނގައިލުންތަކުގައި ބަޔަކު ހައްޔަރުކުރިތަން ފެނުނީމާ ވަރަށް އުފާވި. ކުރީން ވެސް އަހަރެން ބުނިން، އަހަންނަށް ހީވަނީ ފުލުހުން ޖެހެނެކަމަށް އެ ފަދަ ހިނގައިލުންތައް ވަށައިލައި ހުއްޓުވާން."
"މީގެ ނަތީޖާ މީހުންގެ ފަރާތުން ފެނޭ. އޭގެ ސަބަބުން މީހުންނަށް ވަރަށް އުނދަގޫތައް އިހުސާސްވި. މި ފަދަ ހިނގައިލުންތަކުގައި ބައެއް ފަހަރު މުޒާހަރާކުރުމުގެ ހައްގު ފަހަނަޅައި އެބަދޭ. މިއީ މައްސަލައެއް ނޫން. ނަމަވެސް އެ ކަން ނަފުރަތު އުފެދޭ ވާހަކައަށް ނަސްލީ އިމްތިޔާޒަށް އަރައިގަންނަ ހިސާބުން އެއީ މައްސަލައެއް. އަހަރެމެންނަށް 100 އިންސައްތަ ޔަގީންކަން އެބަ އޮތް، އަޅާން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެކަމަށް." ޝެޕްސް ބުނެފައިވެއެވެ.
އަހަންނަށް މިހާރު ފެނޭ އެތައް ސަތޭކަ ބަޔަކަށް ފިޔަވަޅު އަޅާ ތަން. އަދި އިއްޔެ ވެސް ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވުނު ތަން ވެސް ފެނުނު. އަހަންނަށް ހީވަނީ މި ކަމާ މެދު މިއީ އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުހެން."
މި ވަރުން ވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. "ފުލުހުން މި ކަމަށް އިޖާބަދޭލެއް ކުޑަކަމުން އަހަރެން ކަންބޮޑުވެއެވެ." އޭނާ ބުނެފައިވެއެވެ.
މިއީ ޑިމޮކްރެސީއާއިއިންސާނީ ހައްގުތަކުގެ ޗެންޕިޔަނުންކަމަށް ބުނާ އިނގިރޭސި ދައުލަތުގައި އިންސާފު ހުރި މިންވަރެވެ. ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށް، އެ މީހުންނަށް ކާބޯތަކެތި ލިބޭނެ މަގުތައް ބަންދުކޮށް ގަސްތުގައި ބަނޑަށް މަރަމުން ގެންދާ އިރު، އެ ކަން ކުރާން ހިތްވަރުދޭ، އެހީތެރިވެދޭ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އެކަމަކު އެއީ ވެސް ހަމަ އިންސާފާއި އިންސާނީ ހައްގާއި ޑިމޮކްރެސީއެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަމާއި އިންސާނީ ހައްގުތައް ހޯދައިދޭން ގޮވައިލައި ހިނގައިލުންތައް ބޭއްވުމަކީ ޔަހޫދީންނަށް ނަފުރަތު އުފައްދާކަމަށް ވެގެން ހަރުކަށި ފިޔަވަޅު އަޅަނީއެވެ. އަދި އަޅާ ފިޔަވަޅުތައް މަދުކަމުން ސަރުކާރުގެ ކަމާ ބެހޭ މީހުން ކަން ބޮޑުވަނީއެވެ.
ނަމަވެސް އަދިވެސް ކުޑަކުދީންގެ ހައްގުތަކާއި އިންސާނީ ހައްގުތަކާއި ޑިމޮކްރެސީ ދަސްކުރާން އަޅުގަނޑުމެން ނަމޫނާ ބަލާން ޖެހެނީ އިނގިރޭސިވިލާތާއި އެމެރިކާއިންކަމަށް ދިވެހިރައްޖޭގެ ބަޔަކު ވެސް ގަބޫލުކުރާ ކުރުމަކީ ކިހާ ތާކުންތާކު ނުޖެހޭ ހެއްވާ ކަމެއްތޯއެވެ!
އަޅުގަނޑުމެންގެ އިޖުތިމާޢި ފޭރާން ހަލާކުވާ ގޮތަށް ހުޅަނގުން ބައްޓަންކޮށްފައި އޮންނަ ތައުލީމީ ނިޒާމާއި އިމްތިހާނުތަކަށް ނޫނެކޭ ބުނާންވީ ވަގުތު އަދި ވެސް ނުޖެހެނީބާވައެވެ. އަޅުގަނޑުމެންގެ ބޭނުންތަކާއި އިޖުތިމާޢީ އުޞޫލުތަކަށް ރިޢާޔަތްކޮށް އަމިއްލަ ނިޒާމެއް ގާއިމުކުރާކަށް ނުވޭތޯއެވެ! އިނގިރޭސީންނަކީ އިންސާފަށް ލޯބިކުރާ ބަޔެއްކަމަށް އަދިވެސް ގަބޫލުކުރާންވީތޯއެވެ!