Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (4)

20 May 2024 | 14:39
ރަސޫލާގެ ނަންފުޅު

އަޙުމަދު ފަޔާޟު ޙަސަން

(2024 މޭ 13ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

، ރަސޫލު ދިފާއުކުރައްވައި ޔަގީންކަންދެއްވުން:

ރަސޫލުﷲ އަށް ރަސޫލުކަން ލިބިވަޑައިގަތީ އުމުރުފުޅުން ސާޅީސް އަހަރުގައެވެ. ﷲ، އެކަލޭގެފާނު ރަސޫލަކަށް ހަމަޖެއްސެވުމާ ހަމައަށް މުޅި މައްކާގައި އެންމެ މަގުބޫލު ބޭކަލަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަކީ މުޅި މައްކާގައި ހުންނެވި އެންމެ ތެދުވެރި އެންމެ އަމާނާތްތެރި ހެޔޮލަފާ އަދި ޞާލިހު އިންސާނާއެވެ. ގަބީލާގެ އަރައިރުމާއި ގަބީލާގެ ދެކޮޅުވެރިކަމުގައި ވެސް އެކަލޭގެފާނަކީ އެންމެންގެ ލޯބީގައި ދިރިއުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނަށް ރަސޫލުކަން ލިބިވަޑައިގެން ދީނަށް ގޮވައިލައްވާން ފެށްޓެވުމާ އެކު، މުޅި މައްކާ އެކަލޭގެފާނާ ދެކޮޅަށް ތެދުވިއެވެ. އެ ވަގުތަކީ އެކަލޭގެފާނަށް ޔަގީންކަމާއި ހިތްވަރާއި ތާއީދު އެންމެ ބޮޑަށް ބޭނުންފުޅުވި ވަގުތެވެ. އެކަލޭގެފާނުގެ ވަށައިގެންވާ މާހައުލު އެކަލޭގެފާނާ ދެކޮޅަށް ނިކުތް ނަމަވެސް ﷲ އެކަލޭގެފާނު ދިފާއުކުރައްވައި އެކަލޭގެފާނަށް ޔަގީންކަންދެއްވިއެވެ.

ރަސޫލުﷲ ﷺ އެކަލޭގެފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މައްކާގައި ތޭރަ އަހަރު ދެމިހުންނެވިއެވެ. މި މުއްދަތުގައި ބާވައިލެއްވި ސޫރަތްތަކުގެ އެއް މައުޟޫއަކީ އެކަލޭގެފާނުގެ ރިސާލަތުގެ ހައްގުކަމެވެ. އެކަލޭގެފާނުގެ ދީނުގެ ހައްގުކަމެވެ. މައްކާގެ މުޝްރިކުންނަށް ﷲ ގެންދެވީ ހުރިހާ ވައްތަރެއްގެ މިސާލާއި ހެތްކާއި ދަލީލު ދައްކަވައިގެން އެކަލޭގެފާނުގެ ރަސޫލުކަމުގެ ހައްގުކަން ބަޔާންކުރައްވަމުންނެވެ. އަދި އެކަލޭގެފާނު އަންގަވާ ގޮތް ފިޔަވައި ކޮންމެ ގޮތަކީ ބާޠިލު ގޮތެއްކަން އަންގަވަމުންނެވެ. އެ ގޮތުން މައްކީ ސޫރަތްތަކުން ފާހަގަކުރެވޭ އެއް ސިފައަކީ ﷲ، ރަސޫލުﷲ ﷺ ރައްކާތެރިކުރައްވައި ހިމާޔަތްކުރައްވައި ދިފާކުރެއްވި ގޮތުގެ ފުރިހަމަކަމެވެ. 

މުޖުތަމަޢުގެ ކޮންމެ މެންބަރެއް ހެން, ތިމާއާ ދިމާއަށް ތިޔައީ މޮޔައެކޭ ގޮވާން ފެށުމުން ތިމާއަށް ހީވާނީ ހަގީގަތުގައި ވެސް ތިމާއަކީ މޮޔައެއްކަމަށެވެ. ރަސޫލުﷲ ﷺ ދީނަށް ގޮވައިލައްވާން ފެށްޓެވުމާ އެކު, މުޅި މައްކާ ކަހަލަ ގޮތަކަށް އެކަލޭގެފާނަށް ފުރައްސާރަކުރާން ފެށިއެވެ. އަދި އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ދޮގުވެރިއެއްކަމަށާއި ސިހުރުވެރިއެއްކަމަށް ގޮވިއެވެ. މި ކަމުގެ ސަބަބުން ޚުދު އެކަލޭގެފާނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގަތެވެ. މި ފަދަ ކޮންމެ ހާލަތެއްގައި ﷲ ވަހީ ބާވައިލައްވައި އެކަލޭގެފާނު ދިފާއުކުރައްވައި އެކަލޭގެފާނަށް ޔަގީންކަން ދެއްވިއެވެ. އެ ގޮތުން ސޫރަތުލްރަޢުދުގެ 43ވަނަ އާޔަތަކީ އެ ފަދަ މިސާލެކެވެ. މި ކަމުން އެނގި ކަށަވަރުވަނީ ރަސޫލުﷲ ﷺގެ މާތްކަން އެހެން އެއްވެސް މަޚުލޫޤަކާ އަޅައިނުކިޔޭނެކަމެވެ.

ރަސޫލުﷲ ﷺ އަރިހުގައި އެކަކު ނެތަސް އެކަލާނގެ ވޮޑިގެންވަނީ އެކަލޭގެފާނާއި އެކުގައިކަން އެންގެވިއެވެ. ތަކުރާރުކޮށް އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނެތަސް އެކަލޭގެފާނަށް ﷲ އެކަނި ފުދޭކަމަށް އެންގެވިއެވެ. ދީނަށް ގޮވައިލެއްވުމުގައި އެކަލޭގެފާނާ ކުރިމަތިވެވަޑައިގަންނަވާނެ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވިއެވެ. އެހެންކަމުން ދުރާލައި ﷲ އެކަލޭގެފާނުގެ ކިބައިން އެދިވަޑައިގަތީ ﷲއަށް ޓަކައި އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމަށެވެ. އެ ގޮތުން ސޫރަތުލް މުއްދައްޘިރުގެ ހަތްވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. އެކަލޭގެފާނުގެ ކުރީން ވަޑައިގަތް ބޭކަލުންނާ މެދު، ކަންވީ ގޮތް ސާފު ބަހުން ބަޔާންކޮށްދެއްވިއެވެ. ޔާސީން ސޫރަތުގެ 13 އަދި 14 ވަނަ އާޔަތަކީ އެ ފަދަ މިސާލުތަކެވެ. މިއިން އަންގައިދެނީ ﷲ އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވައި އެކަލޭގެފާނަށް ޔަގީންކަން ދެއްވި މިންވަރެވެ.

ކީރިތި ޤުރުއާނަށް މީސްތަކުން އިންކާރުކުރުމުން ވެސް ﷲ، ރަސޫލު ﷲ ﷺއަށް ހިތްވަރުދެއްވީ ޢިއްޒަތާއި ޝަރަފުންނެވެ. ކީރިތި ޤުރުއާނަށް އެންމެން ފުރަގަސް ދިން ނަމަވެސް ނުވަތަ އެ ޤުރުއާނަށް އެކަކު ތަބާނުވި ނަމަ ވެސް ﷲ އެ ޤުރުއާނަށް ހެކިވެވޮޑިގެންވާކަމަށް އެންގެވިއެވެ. ހަމަ އެ ފަދައިން އެކަލާނގެ މަލާއިކަތުން ވެސް ކީރިތި ޤުރުއާނަށް ހެކިވެޑައިގަންނަވާކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 166ވަނަ އާޔަތަކީ އެ ފަދަ ފުރިހަމަ މިސާލެކެވެ. ހަގީގަތުގައި ﷲ މި ދެއްވާ މެސެޖަކީ ޝަހާދަތް ކިޔާނެ އެންމެ މީހަކުނެތަސް ﷲއާއި މަލާއިކަތުން އެ ކަމަށް ފުދޭކަމަށެވެ. މިފަދަ ލޮބުވެތި ބަސްފުޅުތަކުން ރަސޫލުﷲ ﷺގެ މަތިވެރިކަން ހާމަވެ ފާޅުވެއެވެ.

މިޢުރާޖު ދަތުރުފުޅުގައި ޖިބުރީލުގެފާނު އަރިހުގައި ރަސޫލުﷲ ﷺ ހަތްވަނަ އުޑަށް ވަޑައިގަތެވެ. ހަތްވަނަ އުޑުން ސިދުރަތުލްމުންތަހާއާ ހަމައިން ޖިބުރީލުގެފާނު ރަސޫލުﷲ ﷺއަށް އެންގެވީ އެ ހިސާބުން ރަސޫލުﷲ ﷺ ގިނިކަންޏާ ވަޑައިގަތުމަށެވެ. ޖިބުރީލުގެފާނަށް ހުއްދަ އޮތް މިންވަރު އެ ހިސާބުން ނިމުނީއެވެ. ޔަޢުނީ މަލާއިކަތުންގެ ސާހިބާ ޖިބުރީލުގެފާނަށް ވަޑައިނުގެންނެވޭ ހިސާބަށް އަޅުގަނޑުމެންގެ މާތް ސާހިބާ ރަސޫލުﷲ ﷺއަށް ވަޑައިގެންނެވުމެވެ. އެއަށް ފަހު ﷲ އެކަލާނގެ ނަބިއްޔާ ﷺއަށް ބަސްފުޅު ވަހީކުރެއްވިއެވެ. މި ކަމުން އެނގެނީ އެކަލޭގެފާނަށް ﷲ ދެއްވި ދަރަޖައާއި މަގާމުގެ މަތިވެރިކަމެވެ.

ﷲ، އެކަލާނގެ ރަސޫލާ ﷺގެ ދަރަޖަ މަތިކުރައްވަމުން އިންޝިރާ ސޫރަތުގެ ހަތަރުވަނަ އާޔަތުގައި އަންގަވަނީ ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. ވިސްނާށެވެ! ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ތަނެއްގައި ރަސޫލުﷲ ﷺގެ ނަންފުޅު ވެއެވެ. ޝަހާދަތުގެ ދެ ކަލިމައިގައި އެ ނަންފުޅުވެއެވެ. ބަންގިއާއި ޤަމަތުގައި އެކަލޭގެފާނުގެ ނަންފުޅު ވެއެވެ. ނަމާދެއް ފުރިހަމަވަނީ އެ ނަމާދެއްގައި އެކަލޭގެފާނަށް ޞަލަވާތްކިޔަވައިގެންނެވެ. ހުކުރު ޚުޠުބާ ފުރިހަމަވަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިގެންނެވެ. އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔަވާން ޖެހެއެވެ. އެކަލޭގެފާނަށް ޞަލަވާތްނުކިޔާ މީހާ ފާފަވެރިވެއެވެ. އަދި އެކަލޭގެފާނަށް ތަބާނުވުން ކުފުރުގެ ތެރޭގައި ލެއްވިއެވެ.

އަންބިޔާ ސޫރަތުގެ 107ވަނަ އާޔަތުގައި ﷲ އަންގަވަނީ ރަސޫލާ ﷺއަކީ އެ އިލާހު ޢާލަމްތަކަށް ފޮނުއްވި ރަޙުމަތެއްކަމަށެވެ. އެހެންކަމުން ﷲގެ ރަޙުމަތުގެ ރަމްޒަކީ ރަސޫލާ ﷺއެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ނުވަތަ ގެނެސްދެއްވި މެސެޖަކީ ރަޙުމަތެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަކީ ރަޙުމަތެވެ. ރަޙުމަތާއި ގުޅިފައިވާ ހުރިހާ އެއްޗަކީ އެކަލޭގެފާނެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު އެންގެވި ގޮތަށް އުޅުމަކީ ރަޙުމަތެވެ. އެކަލޭގެފާނަށް ކަމޭހިތައި ލޯބިކުރުމަކީ ރަޙުމަތެވެ. އެކަލޭގެފާނު ހިމާޔަތްކޮށް ދިފާއުކުރުމަކީ ރަޙުމަތެވެ. މިފަދަ އެތައް މިސާލަކުން ﷲ، ރަސޫލުﷲ ﷺއަށް ދެއްވި މަގާމާއި ދަރަޖައިގެ ބޮޑުކަން ކަށަވަރުވެއެވެ.

ކީރިތި ޤުރުއާނުގައި އެތައް ކަމަކަށް ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވައެވެ. އަޅުގަނޑުމެން ކުރާންޖެހޭ ކޮންމެ ކަމަކުން ހުސްޠާހިރުވާންތަ ﷲ ބަރީއަވެވޮޑިގެންވެއެވެ. އެކަމަކު އަޙުޒާބު ސޫރަތުގެ 56ވަނަ އާޔަތުގައި ރަސޫލުﷲ ﷺއަށް ސަލަވާތްކިޔަވާން ކުރެއްވި އަމުރުފުޅުގެ ކުރީން އެކަލާނގެ ވަހީކުރައްވަނީ ހަމަކަށަވަރުން އެކަލާނގެއާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތްލައްވާ ވާހަކައެވެ. ސުބުޙާނަﷲ! މި ކަމުން އެނގެނީ ރަސޫލުﷲ ﷺއަށް ޞަލަވާތްކިޔެވުމަކީ ﷲގެ ސުއްނަތުގެތެރޭގައި ހިމެނޭ ކަމެއްކަމެވެ. މި އަމުރުފުޅުން އެކަނި ރަސޫލު ﷲ ﷺ ޢިއްޒަތްތެރިކުރައްވައި މަތިވެރިކުރައްވައިފައިވާ މިންވަރު ކަށަވަރުވެއެވެ.

ﷲ، އެކަލާނގެ ރަސޫލާ ﷺއަށް މަޤާމުލްމަޙުމޫދުގެ ދަރަޖަދެއްވިއެވެ. މިޚާއްޞަ މަގާމަކީ ޤިޔާމަތް ދުވަހު ރަސޫލުﷲ ﷺއަށް އެކަނި ﷲ ދެއްވާ މަގާމެކެވެ. މަޙުޝަރު މައިދާނުގައި ﷲ ޚަލްޤުކުރެއްވި އެންމެހައި އިންސާނުންގެ ކުރިމަތީގައި އެކަލޭގެފާނަށް ދެއްވާ ޚާއްޞަ ދަރަޖައެވެ. މި މަގާމުގައި އެންމެހައި އިންސާނުންގެ ފަރާތުން ވަކިން ޚާއްޞަކޮށް ﷲއަށް އީމާންވި މީހުންގެ ފަރާތުން ޝަފާޢަތްތެރިވުމުގެ އިޒުނަ އެކަލޭގެފާނަށް ދެއްވައެވެ. ﷲގެ ޙަޟުރަތުގައި ޝަފާޢަތަށް އެދި ދަންނަވާނީ ޚުދު އެކަލޭގެފާނެވެ. އަދި ރަސޫލުﷲ ﷺގެ ޝަފާޢަތް ގަބޫލުކުރައްވައި އެކަލޭގެފާނުގެ އެދިވަޑައިގަތުމަށް ﷲ އިޖާބަދެއްވާނެއެވެ. މި މަތިވެރި މަގާމު އެކަލޭގެފާނަށް ދެއްވުން އެދި ބަންގި ދުޢާގައި އަޅުގަނޑުމެން ދުޢާކުރަމުއެވެ. މި މަތިވެރި މަގާމުން އެކަނި ވެސް ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވައިފައިވާ މިންވަރުގެ ބޮޑުކަން ތަސައްވަރުކުރެވެއެވެ.

ﷲ ސުވަރުގޭގެ އެންމެމަތީ ދަރަޖަ ދެއްވަނީ ރަސޫލުﷲ  ﷺއަށެވެ. އެއީ ފިރުދައުސް އަލްއަޢުލާއެވެ. މި ތަން ވަނީ ސީދާ ﷲގެ ޢަރުށިކޮޅާ ޖެހިގެންނެވެ. މި ޚާއްޞަ ދަރަޖައަކީ އަލްފަޟީލާއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާ ގޮތުގައި މިއީ ސުވަރުގޭގެ މަންޒިލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި މަންޒިލް ޚާއްޞަކުރައްވައިފައި ވަނީ އެކަލާނގެ އަޅުތަކުންގެތެރެއިން އެންމެ އަޅަކަށެވެ. ނުހަނު ތަވާޟުއުވެރިކަމާއެކު އެކަލޭގެފާނު ހާމަކުރެއްވި ގޮތުގައި އެކަލޭގެފާނު އުންމީދުކުރައްވަނީ އަދި ދުޢާކުރައްވަނީ އެ އަޅަކަށް އެކަލޭގެފާނު ވެވަޑައިގަތުމަށެވެ. އެހެންވެ ހުރިހާ މުސްލިމުން އެކަލޭގެފާނަށް މި ދަރަޖަ ދެއްވުން އެދި ކޮންމެ ބަންގިއެއްގެ ފަހުގައި ދުޢާކުރެއެވެ. އެކަލޭގެފާނަށް ވަސީލަތާއި ފަޟީލަތް ދެއްވުން އަދައިގެންނެވެ. މި މާތް ދަރަޖައިން ވެސް އެނގި ފާޅުވަނީ ﷲ، އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވި މިންވަރެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް