Advertisement

އީރާންގެ ރައީސް އިބްރާހީމް ރައީސީ ދިރި ދުނިޔޭގައި ހުންނަވަނިކޮށް ފެނުމަކީ އަޅުގަނޑުމެންގެ ދުޢާއެވެ!

19 May 2024 | 22:18
އަރާސް ކޯރުައިރީގައި ހަދައިފައިވާ ޤިޒް ޤަލާސީ ޑޭމު ކައިރީން އީރާނުގެ ރައީސް އިބްރާހީމް ރައީސީ، އަޒަރުބައިޖާނުގެ ރައީސް އިސްޔާްސް އަލޔޭޒާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރައްވަނީ

އަބާ މުޙަންމަދު

މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ކުއްލިއަކަށް ޖައްސާން ޖެހުނު ހެލިކޮޕްޓަރުގައި އިންނެވި އީރާންގެ ރައީސް އިބްރާހީމް ރައީސީ އަދިވެސް ނުފެނެއެވެ. އަޒަރުބައިޖާނުގެ އިރުމަތީ ޕްރޮވިންސެއްގައި ގާއިމުކުރި ޑޭމެއް ރަސްމީކޮށް އިފްތިތާޙުކުރައްވާން ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު "އެކްސިޑެންޓު"ވެއްޖެ ކަމަށް އީރާނުގެ ނޫސް އެޖެންސީތަކުން ވެސް ކަށަވަރުކޮށްދެއެވެ.  

މި ހާދިސާ އެކި މީޑިއާއިން ސިފަކުރަނީ އެކި ގޮތަށެވެ. ބައެއް މީޑީއާއިން ރިޕޯޓުކުރަނީ ވަރަށް "ބާރަށް" ހެލިކޮޕްޓަރު "ޖެއްސީ"ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ހެލިކޮޕްޓަރު "ވެއްޓުނީ"ކަމަށެވެ. ކޮންމެއަކަސް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުން މި ހާދިސާއެއް ހިނގީ އިރާންއާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށެއްގައެވެ. ހެލިކޮޕްޓަރު ވެއްޓޭން މެދުވެރިވި އަސްލު ސަބަބު އަދި ނޭނގުނު ނަމަވެސް އެ ސަރަހައްދުގެ މޫސުން ވަރަށް ގޯސްކަމަށް ޚަބަރު ލިބެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރަކީ މިއަދު ހެނދުނު އަޒަރުބައިޖާންގެ ޑޭމެއް އިފުތިތާހު ކުރައްވާން ކުރެއްވި ދަތުރުފުޅެކެވެ.

އީރާނުގެ ދާޚިލީ ވަޒީރު އަޙުމަދު ވަޙީދީ ކަށަވަރުކޮށްދެއްވި ގޮތުގައި އަޒަރުބައިޖާނާއި އީރާނާ ގުޅޭ ސަރަހައްދީ ރޮންގު ކައިރީގައި އޮންނަ އިރުމަތީ އަޒަރުބައިޖާނު ޕްރޮވިންސް ސަރަހައްދައް މިހާރު ވަނީ ސަލާމަތީ ޓީމުތައް ފޮނުވައިފައެވެ.

ޚާރިޖީ ވަޒީރު ޙުސައި އަމީރު ޢަބްދުﷲއަންއާއި އިރުމަތީ އަޒަރުބައިޖާނުގެ ގަވަރުނަރު މާލިކު ރަޙުމަތީއާއި ތަބްރީޒީގެ އިމާމު މުޙަންމަދު ޢަލީ އަލްހާޝިމް ވެސް "ވެއްޓުނު" ހެލިކޮޕްޓަރުގައި ތިއްބެވިކަމަށް ޚަބަރުލިބެއެވެ.

ރައީސީގެ މި ދަތުރުފުޅުގައި ބައިވެރިވި އަނެއް ދެ ހެލިކޮޕުޓަރު އަމާންކަމާއެކު މަންޒިލަށް ޖެއްސިއެވެ.

ރައީސީ އިންނެވި ހެލިކޮޕުޓަރާ މުވާޞަލާތުކުރެވުނުކަމަށް ވަޙީދީ ވިދާޅުވިއެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް ނުދެއްވައެވެ."

ބޯ ދުންފިނީގެ ސަބަބުންނާއި މޫސުން އާދަޔާ ޚިލާފަށް ގޯސްވުމުގެ ސަބަބުން އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާކަމަށް ވަޙީދީ މަޢުލޫމާތުދެއްވައެވެ.

ސަރަހައްދު ހޯދައި ސަލާމަތީ މަސައްކަތްކުރުމަށް ބޯ ދުންފިނީގެ ސަބަބުން ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ދައުލަތުގެ ޓީވީގައި ވާހަކަފުޅުދައްކަވަމުން ވަޙީދީ ވިދާޅުވި ގޮތުގައި އެއީ ވަރަށް އުނދަގޫ ސަރަހައްދެކެވެ. މުވާސަލާތުކުރުމަކީ ވެސް އުނދަގޫ ކަމެކެވެ. "އަހަރެމެން އިތުރު މަޢުލޫމާތަށް މި އިންތިޒާރުކުރަނީ ސަލާމަތީ ޓީމުތައް އެ ހިސާބަށް ފޯރާނެ އިރަކަށެވެ."

ރޮއިޓާރސްއާ ވާހަކަފުޅުދައްކަވަމުން އީރާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް ރައީސީއާއި އަމީރު ޢަބްދުﷲއަންގެ ފުރާނަފުޅު ވަނީ "ނުރައްކަލުގެ" ތެރޭގައެވެ.

އަހަރެމެން އަދިވެސް އުނމީދު ކަނޑައެއްނުލަން. ނަމަވެސް ހާދިސާ ހިނގި ސަރަހައްދުން ލިބޭ މައުލޫމަތާ މެދު ވަރަށް ކަންބޮޑުވޭ." ސަރަހައްދުގެ ޙާލަތާ މެދު ވާހަކަފުޅުދައްކަވަމުން އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގެ ޚަބަރު ފުރަތަމަ ލިބުނީ މި ހާދިސާއެއް ހިނގީ ޒުލްފާ ސިޓީ ކައިރީގައި ކަމަށެވެ. އޭގެ ފަހުން އީރާނުގެ ތަސްނީމް ނޫސް އެޖެންސީއިން ޚަބަރު ދިނީ ހާދިސާ ހިނގީ އީރާނުގެ އިރުމަތީގައި ހިމެނޭ އޫޒީކައިރީގައި ކަމަށެވެ. އަނެއްކޮޅުން އީރާން ނިއުސް އެޖެންސީއިން ބުނެފައިވަނީ އެ ހާދިސާއެއް ހިނގީ ވަރްޒިޤާން ޓައުންގެ ކައިރީގައި އޮންނަ ދިޒްމާރު ނަމަކަށް ކިޔާ، ޙިމާޔަތްކުރެވިފައިވާ ފަރުބަދަމަތީގެ ސަރަހައްދެއްގައި ކަމަށެވެ.

ސަލާމަތީ ޓީމުތައް އެ ސަރަހައްދަށް ދަތުރުކުރަމުން ދާއިރު އީރާނުގެ ދައުލަތުގެ ޓީވީއިން ރައީސް ރައީސީގެ ސަލާމަތަށް އެދި ދުޢާކުރަމުން އެބަ ގެންދެއެވެ.

އިރާނުގެ ރަތް ހަނދުފަޅީގެ ވެރިޔާ އީރާނުގެ ދައުލަތުގެ ނޫސްއެޖެންސީއަށް ޚަބަރުދިން ގޮތުގައި ޑުރޯނުތަކާއި ސަލާމަތީ ޓީމުތައް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ފޮނުވިފައެވެ.

އިރާގުގެ ރައީސް މުޙަންމަދު އައްސޫދާނީ ވިދާޅުވަނީ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުގެ ދާޚިލީ ވުޒާރާއަށާއި އިރާގުގެ ރަތް ހަނދުފަޅިއަށް މިހާރު އިރުޝާދުދެއްވައިފައިވާނެކަމަށެވެ.

މި ޚަބަރުތައް މިހެން ހިނގާއިރު އެހެން ބައެއް މަސްދަރުތަކުން މިއާ ތަފާތު ގޮތްގޮތަށް ވެސް އެބަ ޚަބަރު ފަތުރައެވެ. އެ ފަދަ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ރައީސް ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ވަނީ އަމާންކަމާ އެކު ތަބްރީޒަށް ޖައްސައިފައެވެ.

އީރާނަކީ ވައިގެ ދަތުރުފަތުރުގައި ދަށް ރެކޯޑެއް އޮންނަ ގައުމެކެވެ. ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހުރެ، ވައިގެ އުޅަނދުތަކަށް ޒަމާނީ އިސްޕެއަރޕާޓުސް ހޯދާން ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އީރާނުގެ ވައިގެ ދަތުރުފަތުރުގެ ވޭތުވެދިޔަ 10 އަހަރުގެ މާޒީގައި ވަނީ މި ފަދަ 20 ހާދިސާއެއް ހިނގައިފައެވެ.

ޢުމުރުފުޅުން63 އަހަރުގެ ރައީސީ ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭޒާ އެކު، ޑެމެއް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފައެވެ. ލަފާކުރެވިފައިވާ ގޮތުން ހެލިކޮޕްޓަރު "ވެއްޓުމުގެ" ހާދިސާ ހިނގައިފައިވަނީ އެ ދަތުރުފުޅަށް ފަހު އެނބުރި އީރަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.

ރައީސީ އަވަހަރަވެއްޖެކަމަށް ވާ ނަމަ، އީރާނުގެ ކުރިމަގާއި ސިޔާސަތާ ބެހޭ ގޮތުން ވެސް މިހާރު ހުޅަނގުގެ މީޑީއާތަކުގައި ވާހަކަދައްކާން ފަށައިފިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުޢާއަކީ އީރާނުގެ ރައީސާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގަތް ހުރިހައި ބޭފުޅުން ވެސް ހެޔޮ ޙާލުކޮޅުގައި ތިއްބަވައި ފެންނާނެ ގޮތް މިންވަރުކުރެއްވުމެވެ.

-----------------------------------

މި ޚަބަރު ޝާއިޢުކުރި ފަހުން ޚަބަރު ލިބިފައިވަނީ އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިފައިވާކަމަށެވެ. މިކަން އިޢުލާނުކުރީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މި ޚަބަރު އާންމުވުމާއެކު ރަތް ހަނދުފަޅީން މި ޚަބަރު ދޮގުކުރިއެވެ.

ނަން ހާމަކޮށްފައި ނުވާ އޮފިޝަލެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ, ހެލިކޮޕްޓަރު ވެއްޓުނު ސަރަޙައްދުން ލިބެމުން ދަނީ ކަންބޮޑުވާ ފަދަ މަޢުލޫމާތުތަކެއް ކަމަށާއި, ރައީސީގެ ހާލުކޮޅު އަދި ސާފު ނުވާ ކަމުގައެވެ. އީރާނުން ކުރިން ބުނެފައި ވަނީ, ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވެ, ކުއްލި ގޮތަކަށް ޖައްސާން ޖެހުނުކަމަށެވެ. އަދި, ހެލިކޮޕްޓަރު ޖެއްސި ސަރަޙައްދަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަތުރުކުރަމުންދާކަމަށެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ގިނަ ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް