Advertisement

ގައުމު ބަނގުރޫޓުވުމާ ދިމާއަށް ކުރި ދަތުރުގެ މިސްރާބު އިގުތިސާދީ ކުރިއެރުމާ ދިމާއަށް ބަދަލުކޮށްލެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

19 May 2024 | 00:01
އިންޓަނޭޝަނަލް މޮނިޓަރީ ފަންޑުގެ މެނޭޖިން ޑިރެކްޓަރ (ވ) ރައީސުލްޖުމްހޫރިއްޔާ (ކ) އާ ބައްދަލުކުރައްވަނީ

އަބާ މުޙަންމަދު

މި ދިޔަ އަހަރު ނޮވެމްބަރު މަސް ނިމުނު އިރު، ދިވެހި ގައުމު އޮތީ މީގެ ކުރީން ދުވަހަކު ވެސް ނުދަރާ ވަރަށް ދަރައިފައެވެ. އޭރު 124 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އޭރު ތަރައްޤީގެ ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައެވެ. އެކި މަޝްރޫއުތައް ހިންގާން ހަވާލުކުރެވުނު ކުންފުނިތަކަށް ދޭން ޖެހި ނުދީ އެތައް ބިލިއަން ރުފިޔާއެއް އޮތެވެ. މިއީ ފެންނާ ހުރި ހަގީގަތްތަކެކެވެ. ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭން ނެތިގެން އެތައް ފަހަރެއްގެ މަތީން، އަށް ބިލިޔަނަށް ވުރެ ގިނަ ޢަދަދެއްގެ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އޮތީ ވަރަށް ބޮޑަށް އުފުލިފައެވެ.

ދިވެހިރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ، ޑޮލަރުގެ އަގު އުފުލުމަކީ ބާޒާރުގައި ތަކެތީގެ އަގު އުފުލޭ އެއް ސަބަބެވެ. އެހެންކަމުން އޭގެ ފަސް އަހަރު ކުރިއާ އަޅައި ބަލާއިރު ގިނަ ބާވަތްތަކުގެ މުދާ ވަނީ ދެ ގުނައަށް އުފުލިފައެވެ. ދައުލަތުގެ ރިޒާވްގައި ހުރިކަމަށް ވަނީ މަހެއްހާ ދުވަހަށް ޒަރޫރީ ތަކެތި ގަނެވޭ ހައި ފައިސާއެވެ. ނަމަވެސް އޭގެ ކުރީން އަބަދު ވެސް މަދުވެގެން ހައެއްކަ މަސް ދުވަހަކަށް ބޭނުންވާ ތަކެތި ގަނެވޭހާ ރޫފަ ރާއްޖޭގެ އިގުތިސާދުގައި ހުރެއެވެ. އެ ކަމަށް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ.

ރައީސް ޢަބަދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، އެ މަނިކުފާނުގެ ޒަޢާމަތުގައި އުފެއްދެވި ސޮވެރިން ފަންޑުގައި 800 މިލިއަނެއްހާ ޑޮލަރު ހުށްޓެވެ. އެއީ ބޭރުގެ ދަރަނިތައް އަދާކުރެއްވުން ދައުލަތަށް ބުރައަކަށް ވިޔަ ނުދެއްވުމަށް ޓަކައި އުފެއްދެވި ފަންޑެކެވެ. ނަމަވެސް ޑރ. މުޙަންމަދު މުޢިއްޒު ރާއްޖޭގެ ރިޔާސަތާ ޙަވާލުވަޑައިގަތް އިރު، އެ ފަންޑުގައި ހުރީ ޑޮލަރުގެ ބަދަލުގައި މަދު ރުފިޔާކޮޅެކެވެ. ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ސަރުކާރުން އެ ކަމަށް ސަމާލުކަން ނުދެއްވި އެ ފަންޑުގައި ހުރި ޑޮލަރު އެކި ކަންކަމަށް ބޭނުންކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކެބިނެޓުގެ ޖަލްސާއެއްގައި (ފޮޓޯ: ވިކިޕީޑިއާ)<br>

ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ މި ހަގީގަތްތައް އެނގިވަޑައިނުގެން ހުންނަވައެއް ނޫނެވެ. އެ ޙާލަތު ރަނގަޅަށް އެނގިވަޑައިގެން ހުންނެވިކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އިގުތިސާދީ ގޮތުން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ރާއްޖެ ނަންގަވައި، ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ގެނެސްދެއްވާނެކަމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތްތާ އަދި މިވީ އެންމެ ހަ މަހާއި އަށެއްކަ ދުވަސްކަމަށް ވިޔަސް މި މުއްދަތުގައި އެ މަނިކުފާނު ކުރައްވައިފައިވަނީ ރައްޔިތުންނަށް ފާހަގަ ނުވިޔަސް ބުރަ އަދި އުނދަގޫ މަސައްކަތްޕުޅުތަކެކެވެ.

މި ކަމަށް ޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވައި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދެވީ ސަރުކާރަށް ވާރުތަވެފައި އޮތް ބޮޑު ދަރަނި ވެސް އަދާކުރައްވަމުންނެވެ.

ޑރ. މުޢިއްޒުގެ އިގުތިޞާދީ މަސައްކަތްޕުޅު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގެންފިއެވެ. އެންމެ ތަޢުރީފު ލިބިވަޑައިގަތް އެއް ނިންމެވުމަކީ ފައިސާ ޗާޕުކުރުމުގެ މަސައްކަތްޕުޅު ނިމުމަކަށް ގެންނެވުމެވެ. އެ މަނިކުފާނުގެ ކުރީން އޮތް ސަރުކާރުން ދައުލަތުގެ އިގުތިސާދު މެނޭޖުކުރައްވާން އެނގިވަޑައިނުގަތުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސެވުމަށް ޓަކައި އެތައް ފަހަރެއްގެ މަތީން އަށް ބިލިއަނަށް ވުރެ ގިނަ ޢަދަދެއްގެ ރުފިޔާ ރާއްޖޭގެ އިގުތިޞާދަށް ނެރެފައިވެއެވެ. އާންމު ބަހުރުވައިން ދަންނަވާނަމަ، އެ އަދަދަށް ފައިސާ ޗާޕުކުރިއެވެ. ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ އެތައް މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓުމަކަށް ގެންނެވުމަށް ފަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުގެ "ބާރު" ބޭނުންފުޅުކުރައްވައިގެންނެވެ.

ރައީސް ޑރ. މުޙަންމަދު މުޢިއްޒާއި އެ މަނިކުފާނުގެ ކެބިނެޓުގެ އިގުތިސާދީ ވަޒީރާއި މާލީ ވަޒީރު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ކުރީން ކަޅުބާޒާރުގައި އަގު އުފުލެމުން އައި ޑޮލަރުގެ އަގު ވަނީ ތރިވެފައެވެ. ފާއިތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިއަހަރު މިހާތަނަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެއެވެ. މި ދިޔަ އަހަރު އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ  11.9 ބިލިއަން ރުފިޔާއެވެ.

އަނެއްކޮޅުން ދައުލަތުގެ ޚަރަދުތަކަށް ބަލާ އިރު ވެސް، ނިމި ދިޔަ ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހު ކޮށްފައިވާ ޚަރަދުތަކާ އަޅައި ބަލާއިރު ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ފުރަތަމަ ހަ މަސް ދުވަހު ކޮށްފައިވާ ޚަރަދުތައް 1.8 ބިލިއަން ރުފިޔާ މަދެވެ. މި ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމާއެކު ވެސް ގެންދަވަނީ ކުރީން ވާރުތަވެފައިވާ ދަރަނިތައް ގަވާއިދު ދައްކަވަމުންނެވެ. މީގެ އިތުރަށް މިއަހަރުގެ މިހާތަނަށް 1.7 ބިލިއަން ރުފިޔާ ތަރައްގީގެ އެކި މަޝްރޫޢުތަކަށް ވަނީ ހޭދަކުރައްވައިފައެވެ. އަދި ފާހަގަކޮށްލާން ޖެހޭ އަނެއް ކަމަކީ ޑރ. މުޙަންމަދު މުޢިއްޒު ވެރިކަމާ ޙަވާލުވަޑައިގަތް އިރު، ފޫ ފެންނާން އޮތް ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ވަނީ ޖަމާކުރައްވައި އެ ފަންޑުގެ ފޫ ފޮރުއްވައިލައްވައިފައެވެ. އަދި މި އަހަރު ނިމެންވާ އިރަށް މި ފަންޑަށް 120 މިލިއަން ޑޮލަރު ޖަމާކުރެއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް މުޙަންމަދު ސަޢީދު ކުރީން ވަނީ ވިދާޅުވެފައެވެ. މި ޢަދަދު ހަމަކުރެއްވުމަށް ޓަކައި އިތުރަށް ބޭނުންވަނީ 90 މިލިއަން ޑޮލަރެވެ.

ޑރ. މުޙަންމަދު މުޢިއްޒު ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގަތް އިރު ރާއްޖެއަށް ކުރިމަތވެފައި އޮތް އިޤްތިޞާދީ ނުރައްކާތެރި ޙާލަތު މިހާރު ބަދަލުވާން ފަށައިފައިވާކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ފާހަގަކުރާން ފެށުމަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ރައްޔިތުންނަށް ބޮޑަށް ފާހަގަކުރެވެނީ ބިނާރު ތަރައްގީކަމަށް ވާތީ، ގައުމަށް ލިބޭ މި ފަދަ ކުރިއެރުންތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެރީންނާއި ލިޔުންތެރީންގެ ޒިންމާއެކެވެ. މި ވާހަކަތައް އަޅުގަނޑު މި ލިޔެލީ ހަމަ އެކަނި މި ވާޖިބު އަދާކުރުމަށް ޓަކައެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މެޑަމް ވަންގ ލީޒިންގ (ކ)އާއި ރައީސް ޑރ. މުޙަންމަދު މުޢިއްޒު<br>

އިގުތިސާދީ މި ތަރައްގީ ގެންނެވުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ޑރ. މުޙަންމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަންނަވާތާ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެ ގޮތަށް ބައްޓަންކޮށްފައި އޮތް އިގުތިސާދު މިއަދު ވަނީ އެ ބިރުވެރިކަމުން ސަލާމަތްވެފައެވެ.

މާލީ ގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖެ މިހާރު ހޯދަމުން އަންނަ ކާމިޔާބީތައް އެނގެނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުންނެވެ. އައިއެމްއެފްއާއި ވޯލްޑް ބެންކުން ވެސް ވަނީ ދިވެހިރާއްޖޭގެ އިގުތިސާދު ރަނގަޅުކުރުމަށް ޓަކައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާއީދުކޮށް ތަޢުރީފުކޮށްފައެވެ.

މި ކަމަށް ޓަކައި، ސަރުކާރުން ނިންމެވި އެންމެ އުނދަގޫ ނިންމެވުމަކީ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެންނެވުމެވެ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ތަޢުރީފު އެންމެ ބޮޑަށް ލިބުނު އެއް ފިޔަވަޅެވެ. އަދި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުން، މި ސަރުކާރަށް ވާރުތަވި ދަރަނީގެ ތެރެއިން 969 މިލިއަން ރުފިޔާ ދައްކަވައިފައިވުމަކީ ކާމިޔާބީއެކެވެ.

ދިވެހިރާއްޖެ އޮތީ ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހައިފައިކަމަށް މީގެ ހައެއްކަ މަސްކުރިން މާލީ އިދާރާތަކުން އިންޒާރު ދިނެވެ. އޭރު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެފައިވަނީ ރާއްޖެ އޮތީ ބަނގުރޫޓް ވުމުގެ މަގުމަތީގައިކަމަށެވެ. ދަރަނި ބޮޑުވެ، ޚަރަދުތައް އިތުރުވެ، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް އޭރު ހޯދިފައި ނެތުމުން އިގުތިސާދީ އަނދަވަޅަކަށް ރާއްޖެ ވެއްޓެމުން ދާކަމަށް އޭރު ނެރުނު ބައެއް ރިޕޯޓްތަކުން ފާހަގަވެއެވެ. އެހެނީ އިންޑިއާ ފިޔަވައި ރާއްޖެއަށް ދަރަންޏެއް ދެނެ ގައުމެއް ވެސް އޮތީ ނުވެފައެވެ. އިންޑިއާއިން ބޮޑު ރިބާއަކާއެކު ދަރަނި ނަގަމުން ގެންގޮސްފައި ވަނީ ގައުމުގެ އިސްތިގުލާލަށް ނުރައްކާ ވެދާނެ ފަދަ ޝަރުޠުތަކަކާއެކީގައިކަމަށް ބެލެވެއެވެ.

ނަމަވެސް، މިހާރު ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މާލީ ގޮތުން ކުރިއެރުންތަކެއް ލިބި، އިގުތިސާދީ ދުވެލި އަވަސްވާނެކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނާން ފަށައިފިއެވެ. ފާހަގަކޮށްލާން ޖެހޭ އަނެއް ކަމަކީ، ދިވެހިރާއްޖޭގެ އިގުތިސާދަށް މުހިންމު މި ދަނޑިވަޅުގައި އެކުވެރި ޗައިނާއިން ދެއްވި ޚާއްޞަ މެސެޖެވެ. މީޑީއާއަށް މަޢުލޫމާތުދެއްވަމުން ޗައިނާގެ ސަފީރު ވިދާޅުވެފައިވަނީ ރާއްޖޭގެ ދަރަނިތައް ބޮޑުވިޔަނުދިނުމަށް އިސްކަންދެއްވާނެކަމަށާއި ރާއްޖެއަށް މި ވަގުތު އެހީތެރިކަން ދެއްވުމުގައި އިސްކަންދެއްކާނީ ހިލޭ އެހީ ފޯރުކޮށްދެއްވުމަށްކަމަށެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގަވާން މި ވަގުތު ނިންމަވައިފައިވާ ކަންކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެ ތޭރަގައި ސިނަމާލެ ބުރިޖު މަރާމާތުކުރުމުގެ މަސައްކަތާއި، ހޮސްޕިޓަލްތަކުގެ ލެބޯރެޓަރީތަކުގެ ވަސީލަތްތައް އިތުރުކުރުމުގެ މަޝަރޫޢާއި ރާއްޖޭގެ ރުއްތަކަށް ޖެހިފައިވާ ބަލިތައް ދެނެގަތުމަށް ޓަކައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނމުގެ މަޝްރޫޢާއި ވިލިމާލޭގައި ހަދާ ސަތޭކަ އެންދުގެ ހޮސްޕިޓަލުގެ މަޝްރޫޢާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢޫ ހިމެނެއެވެ.

ޗައިނާއަކީ އިހު ޒަމާނުއްސުރެ ރާއްޖެއަށް ހެޔޮ އެދޭ އެކުވެރި ގައުމެކެވެ. އަދި ދިވެހިރާއްޖެއިން މިނިވަންކަން އިޢުލާނުކުރުމާއެކު، އެ ކަމަށް ތަހުނިޔާ ކިޔައި ރާއްޖޭގެ މިނިވަންކަން އެންމެ ކުރީން ބަލައިގަތް ދެތިން ގައުމުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.

ކޮންމެއަކަސް، ދިވެހިރާއްޖެ ބަނގުރޫޓުވުމާ ދިމާއަށް ކުރީން މިސްރާބު ޖަހައިފައި އޮތް އޮތުން، އިގުތިސާދީ ކުރިއެރުމާ ދިމާއަށް އަނބުރައިލެއްވުމަކީ ޑރ. މުޙަންމަދު މުޢިއްޒުގެ ރިޔާސަތުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެއަށް ހޯއްދަވައިދެއްވި އެންމެ ފުރިހަމަ ކާމިޔާބީކަމަށް ގަބޫލުކުރާން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި އިގުތިސާދީ ވަޒީރަށް ތަހުނިޔާއެވެ.

______________________________

ބައެއް ލަފުޒުގެ މާނަ:

މަޝްރޫޢު    ނ.     ވަކި މުއްދަތެއްގެ ތެރޭގައި ވަކި މަގުސަދުތަކެއް ޙާސިލުކުރުމަށް ޓަކައި ރާވާ ރޭވުން.

Advertisement

ކޮމެންޓް