ކޮލަމް ހަމަ (4): "ތޫނުފިލި"، "ތޫނުފިލިކަން" މި ދެ ލަފުޒުގެ މާނައިގެ ތެރެއަށް މާނައެއް އިތުރުކުރާން ޖެހިއްޖެ؟
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތޫނުފިލި، ތޫނުފިލިކަން މި ދެ ލަފުޒުގެ އަޑުއިވުމުން މި ލަފުޒުގެ މާނައަކީ ކޮބައިކަން އެނގިވަޑައިގަންނަވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްބާވައެވެ؟ ހަމަ ގައިމު ވެސް ގިނަ ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. މާފުކުރެއްވުން އެދެމެވެ. މިހެން މި ދެންނެވީ އެކި ބޭބޭފުޅުން ވާހަކަފުޅުދައްކަވައި ލިޔެކިޔައި ހައްދަވާއިރު، މި ލަފުޒު ބޭނުންފުޅުކުރައްވާ މާނައަށް ބަލާއިރު އެ ގޮތަށް ދެހަވާތީއެވެ.
ރަނގަޅެވެ. ލަފުޒެއްގެ މާނަ ދެނެގަނެވޭނީ ސިޔާގުންނެވެ. އެހެންކަމުން މުޖުތަމަޢުގައި ވާހަކަދައްކައި އުޅޭ މީސްމީހުންގެ ބަސްމަގާއި ލިޔެކިޔައި އުޅޭ ލިޔުންތަކަށް ބަލާއިރު "ތޫނުފިލި" ބޭނުންކޮށް އުޅޭކަމަށް ފެންނަނީ "ތޫނު" ވާހަކަ ނުވަތަ "ހިތްއަލި" ވާހަކަ ބުނާންވެގެންކަން ސާފުވެއެވެ. ނުވަތަ ވަރަށް "ތޫނު" ކުއްޖެކޭ ބުނުމުގެ ބަދަލުގައި އަދި ހިތްއަލި ކުއްޖެކޭ ބުނުމުގެ ބަދަލުގައި މުޅީން ވެސް އަޑު އިވެނީ "ތޫނުފިލި" ކުއްޖެކޭ ބުނާ އަޑެވެ.
އެހެންކަމުން އާންމު ގޮތެއްގައި ތޫނުފިލިކަމާއި ތޫނުފިލި މި ލަފުޒު ބޭނުންކޮށް އުޅޭކަމަށް ފެންނަނީ ދަސްކުރުމުގެ ބާރު ގަދަކަމާއި ވިސްނުންތެރިކަމުގެ މާނައިގައިކަމަށް ފެނެއެވެ. ސިޔާގުން ދޭހަވަނީ އެ ގޮތަށެވެ.
ދިވެހިބަހުގެ ރަދީފުގައި އޮންނަ ގޮތުން "ތޫނު"ގެ މާނައިގެ ތެރޭގައި، ވިސްނުންތެރި، ހިތްއަލި، އިވުމާއި ފެނުމުގެ ބާރު ގަދަ، މި މާނަތައް އެބަހުއްޓެވެ. ވީމާ، މީހަކާ ނިސްބަތްކޮށް އެއީ ވަރަށް ތޫނު މީހެކޭ ބުނީމާ އެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. އެއީ ހިތްއަލިކަމާއި ވިސްނުންތެރިކަމުގެ ސަބަބުން ކަންކަން ވަރަށް ފަސޭހައިން ދެނެގަންނާނޭ މީހެއްކަން އެނގެއެވެ.
ދެން އޮތީ "ހިތްއަލި" މި ލަފުޒެވެ. މި ލަފުޒުގެ އެންމެ އާންމު މާނައެއްކަމަށް ދިވެހިބަހުގެ ރަދީފުގައި އޮންނަނީ "ހިތުދަސްކުރާން ފަސޭހަކަން" މިހެންނެވެ. "މޭދާގަދަ"އޭ ބުނަނީ ވެސް ހަމަ "ހިތުދަސްކުރާން ފަސޭހަ"އިގެ މާނައިގައެވެ. ނަމަވެސް މޭދާގަދަ ވާހަކަ މި ފަހަކަށް އައިސް އަޅުގަނޑު އަޑެއް ނޫހަމެވެ. ލިޔުމަކުން ފެނިފައެއް ވެސް ނެތެވެ. ހިތްއަލިކަމާއި މޭދާ ގަދަކަމުގެ މާނައިގައި މުޅީން ވެސް އަޑު އިވެނީ ތޫނުފިލިކަމުގެ ވާހަކައެވެ.
އަޅުގަނޑުގެ މަންމައާއި ބައްޕަ ވަރަށް ގިނައިން މޭދާ ގަދަ ވާހަކަ ދައްކަވައި އުޅުއްވިއެވެ. އަވަހަށް ނިދުމާއި ފަތިސް ނަމާދުކޮށްގެން އެއްޗެހި ދަސްކުރާ ކުދީންގެ މޭދާގަދަވާނެ ވާހަކަ ބުނުއްވައެވެ. އަޅުގަނޑަށް އެ ލަފުޒު ދަސްވީ ވެސް މަންމައާއި ބައްޕަގެ ކިބައިންނެވެ.
މިއީ އެހެން ޖީލެކެވެ. މޭދާ ގަދަ ވާހަކައެއް މިހާރަކު ނީވެއެވެ. އެހެން ބުންޏަސް އެނގޭ މީހުން ވެސް ވަރަށް މަދުން ނޫނީ ތިބޭނެކަމަކަށް ވެސް ނުފެނެއެވެ. މިއަދު އެ މާނައިގައި ބޭނުންކުރަނީ "ތޫނުފިލިކަން" މި ލަފުޒެވެ. އެހެންވީމާ މުޖުތަމަޢުގެ ބޮޑު އިންސައްތައެއް މިއަދު "ތޫނުފިލިކަން" ގަބޫލުކުރަނީ ހިތްއަލިކަމާއި ދަސްކުރުމުގެ ބާރުގަދަކަމުގެ މާނައިގައިކަން މިހާރު ގަބޫލުކުރާން މަޖުބޫރުވެއްޖެއެވެ. ނަމަވެސް އެ މާނައެއް ރަދީފަކު ނޯވެއެވެ.
"ތޫނުފިލި" މިއީ ނަންއިތުރެކެވެ. ސިފައެކެވެ. މި ލަފުޒުގެ މާނައެއްކަމަށް ދިވެހިބަހުގެ ރަދީފުގައި އޮންނަނީ ދެ މާނައެކެވެ. ފުރަތަމަ މާނައަކީ "ކަޅިރަވައާއި މޫނުމަތި ރީތި"އެވެ. އަނެއް މާނައަކީ "މޫނުމަތީގައި މީހުންގެ ހިތްދަމައި ގަތުމުގެ ބާރާއި ޖެހިލުންވާ ގޮތްހުރި"އެވެ. އެހެން މާނައެއް ނޯވެއެވެ.
ވީމާ، ބޮޑުތަކުރުފާނަކީ ވަރަށް ތޫނުފިލި ބޭފުޅެކޭ ބުނީމާ، އަޅުގަނޑުމެންނާއި ކުރީގެ މީހުންނަށް މާނަކުރެވެނީ އެ ރަދުންނަކީ "ކަޅިރަވައާއި މޫނުމަތި ރީތި އަދި މީހުންގެ ހިތްދަމައި ގަތުމުގެ ބާރާއި ޖެހިލުންވާ ގޮތް މޫނުފުޅުމަތީގައި ހުންނަ" ބޭފުޅެއްކަމުގައެވެ. ނަމަވެސް މިއަދު ތޫނުފިލި މި ލަފުޒު ގިނަ މީހުން ބޭނުންކޮށް އުޅެނީ މި މާނައިގައިކަމަކަށް ފެންނާކަށް ނެތެވެ. ތިޔައިގެ ތެރެއިން ގިނަ ބޭބޭފުޅުންނަކަށް ކުރިއަކުން މި މާނަ އެނގިވަޑައިގަންނަވާނޭކަމަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ.
"ތޫނުފިލިކަން" މިއީ އެ ނަންއިތުރުގެ ނަމެވެ. ނުވަތަ ސިފަނަމެވެ. މާނަ ނުލިޔުނަސް ފުދޭނެކަމަށް ފެނެއެވެ. ނަމަވެސް ދަންނަވައިލާނަމެވެ. ތޫނުފިލިކަން މި ލަފުޒުގެ މާނައަކީ "ކަޅިރަވައާއި މޫނުމަތި ރީތިކަން" ނުވަތަ "މޫނުމަތީގައި އަނެކުންގެ ހިތްދަމައިގަތުމުގެ ބާރާއި ޖެހިލުންވާ ގޮތް ހުންނަކަން"ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. ނަމަވެސް ކުރީން ވެސް ދަންނަވައިލެވުނު ފަދައިން މިއަދު "ތޫނުފިލިކަން" ގިނައިން ބޭނުންކޮށް އުޅޭކަމަށް ފެންނަނީ ހިތްއަލިކަމުގެ މާނައިގައެވެ. ނުވަތަ މޭދާގަދަކަމުގެ މާނައިގައެވެ. ނަމަވެސް މި މާނައެއް، އެ ލަފުޒުގެ މާނައިގެ ތެރެއަކު ނެތެވެ.
މުޖުތަމަޢުގައި ވަކި ލަފުޒެއް ވަކި މާނައެގައި ބޭނުންކުރުން އާންމުވެ، އެ ލަފުޒެއް މުޖުތަމަޢުން ބަލައިގަންނަ ހިސާބުން އެ މާނައެއް ރަދީފަށް ވަންނަކަމަށް ގަބޫލުކުރެވެއެވެ. މި ގޮތުން، "ސަޅި" މި ލަފުޒު ވެސް "ރީތި" ނުވަތަ "ފުރިހަމަ"އިގެ މާނައިގައި މުޖުތަމަޢުގައި ބޭނުންކޮށް އުޅުން އާދަވުމުން އެ ލަފުޒުގެ މާނައިގެ ތެރެއަށް "ރީތި ނުވަތަ ފުރިހަމަ" ވެސް ވަދެ މިއަދު ރަދީފުން އެ މާނަ ވެސް ޖާގަ ހޯދައިފިއެވެ.
އެހެންނަމަވެސް "ތޫނުފިލިކަން"، މޭދާގަދަކަމުގެ މާނައިގައި ނުވަތަ ހިތްއަލިކަމުގަ މާނައިގައި ނުވަތަ ތޫނުކަމުގެ މާނައިގައި ދިވެހީން ބޭނުންކޮށް އުޅެނީ ކިހައި ވަރަކަށްކަމެއް އަޅުގަނޑަށް ދިރާސާކުރެވިފައެއް ނެތެވެ. އަޅުގަނޑު މި ވާހަކަ މިދަންނަވައިލީ ހަމައެކަނި އިވޭ އަޑުތަކާއި ފެންނަ ލިޔުންތަކުން ދޭހަވާ އެއްޗަކަށް ރިޢާޔަތްކޮށްގެންނެވެ.
މި ފަދަ ކަންކަމާ ފިކުރުކުރައްވައި އަޅުއްވާން ޖެހޭ ފިޔަވަޅެއް އަޅުއްވާނީ ދިވެހިބަހުގެ އެކެޑަމީއިން އަދި ވަކީން ޚާއްޞަކޮށް "ބަސްކޮމިޓީ"އިންކަމަށް ގަބޫލުކުރަމެވެ. މި ފަދަ ކަންކަމާ އެ ބޭބެފުޅުން މަޗަވަރާކުރައްވާނެއެވެ. ދިރާސާކުރައްވާނެއެވެ.
ވީމާ، "ތޫނުފިލި"، "ތޫނުފިލިކަން" މި ދެ ލަފުޒުގެ މާނައިގެ ތެރެއަށް މާނައެއް އިތުރުކުރާން ހަގީގަތުގައި ވެސް ޖެހިއްޖެކަމަށް ވާ ނަމަ، އެ ފިޔަވަޅު އެ ވިދާރާތަކުން އަޅުވާނެއެވެ. އަޅުގަނޑުމެން ތިބޭނީ އިންތިޒާރުގައެވެ. އެ މާނަ އަޅުގަނޑު ބޭނުންކުރާން ފަށާނީ އެ މާނަ ރަދީފުގައި ހިމެނިއްޖެ ނަމަ އޭގެ ފަހުންނެވެ.
________________________________
ބައެއް ލަފުޒުގެ މާނަ:
ވިދާރާ ނ. (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. (3) އެކެޑަމީ.
ތޫނުފިލި ނއ. (1) ކަޅިރަވައާއި މޫނުމަތި ރީތި. (2) މޫނުމަތީގައި މީހުންގެ ހިތްދަމައިގަތުމުގެ ބާރާއި ޖެހިލުންވާ ގޮތް ހުރި.
ތޫނުފިލިކަން ނއނ. (1) ކަޅިރަވައާއި މޫނުމަތި ރީތިކަން. (2) މޫނުމަތީގައި އަނެކުންގެ ހިތްދަމައިގަތުމުގެ ބާރާއި ޖެހިލުންވާ ގޮތް ހުންނަކަން.
މޭދާގަދަކަން ނއނ. (1) ހިތުދަސްކުރާން ފަސޭހަކަން. (2) ހިތްއަލިކަން.
ހިތްއަލިކަން ނއނ. (1) ހިތުދަސްކުރާން ފަސޭހަކަން. (2) މޭދާގަދަކަން.
ތޫނު ނއ. (1) ވިސްނުންތެރި. (2) ހިތްއަލި. (3) އިވުމާއި ފެނުމުގެ ބާރުގަދަ. (4) ކަރާ ގޮތް ހުންނަ. (5) ތޫރިކޮށް ހުންނަ. (6) މިޔަލީ ތަކެތީގެ މިޔައިގައި ފަސޭހައިން ބުރިކުރެވޭ ނުވަތަ ކެފޭ ގޮތް ހުންނަ. (7) އެއްޗެއްގައި ކެނޑޭގޮތް ނުވަތަ ވިރުވައިލާ ގޮތް ހުންނަ.
ސަޅި ނއ. (1) ރީތި ނުވަތަ ފުރިހަމަ. (2) ބޮޑާ
ސަޅި ނ. ކަނޑާ ފޮނި