Advertisement

ގޯސްވަނީ ގޯސްކުރާތީއެވެ. ކޮންމެ ދިމާއަކުން ވެސް މި ބަހުގެ ތެދުކަން ބަލައިވިސްނައިލުމާއެކު ފެނެއޭ ބުނުމަކީ މަޖުބޫރުވާ ކަމެކެވެ.

18 May 2024 | 00:07
ބޮޑާހާކާ ކުދީން އުޅެއެވެ.

ކަނީރު ޢަބްދުއްރަޙީމް ޢުމަރު

# ދަރީން/ކުޑަކުދީން.

މިއަދު އަހަރެމެންގެ ތެރޭގައި އެންމެ އާންމު އެއް ޝަކުވާއަކީ ކުދީން ބަސްނާހާ ވާހަކައެވެ. ބުނާ ގޮތް ނުހަދާވާހަކައެވެ. ތެދެކެވެ. ކުދީން ބަހެއްނާހައެވެ. ބުނާ ގޮތެއް ހަމަ ނުހަދައެވެ.  

ކީއްވެގެންހެއްޔެވެ؟ އަހަރެމެން އެ ކުދީންނަށް އެ ގޮތް ދަސްކޮށް  ދޭތީއެވެ. އެންމެ ކުޑައިރު ވެސް ކުއްޖާގެ އަމިއްލަ  ގޮތް، އަމިއްލަ އެދުން ހުރެއެވެ. މަންމަ ކާން ގޮވައިލާ އިރަށް ކާންނުދެވެނީ މިހެންވެގެނެވެ. ދެން އެ މަންމަ އެ ކުއްޖާ ދެކެ "ވާ ލޯބިން" އެކަމަކާ އަޅައެއްނުލައެވެ. އެ ދަރިފުޅު ކުޅޭން އިން ކުޅިވަރެއް ނުވަތަ ކުރާން ހުރި ކަމެއްގައި ކާން ނުގޮސް އިހަށް ހުރުމަށް ހުއްދަކުރެއެވެ. ބާރުއަޅައިދެއެވެ.

ހަމަ މި އުސޫލުން އެއްކަލަ " ލޯބިވާ "ދަރިފުޅަށް ލޯބިދިނުމަކީ ދާދި މަދު މީހެއް ނޫނީ މިހާރުގެ ގިނަ މައިންބަފައިން ކުރާ ހިތުން ކުރާން ބޭނުންވެގެން ކުރާ ކަންތަކެވެ. ވަރަށް އާންމު އަނެއްކަމަކީ ހުންނަ އެއްޗެއް ނުކާން ކުއްޖާ ފޫކެހުމެވެ. ހަމަ އެވަގުތު މަންމަ ނުވަތަ ބައްޕަ  ބުނެލަނީ "ދަރިފުޅު ބުނޭ ކޯންޗެއްކާނީ"އޭއެވެ. ދެން އެ އެއްޗެއް ހޯދައިދެއެވެ. މި ގޮތަށް ކުދީން ދެކެ ލޯބިވާތީ ކުޑައިރުއްސުރެ ކުދީންނަށް އެ ގޮތްދަސްވެ އާދަހިފެއެވެ. ބޭނުންވާ ގޮތަކަށް ކަންކަންވާން ޖެހޭކަމުގައި ގަބޫލުކުރެވެއެވެ. މި ގަބޫލުކުރުމުގެ ނަތީޖާއަކަށް ވަނީ އެ ކަމަކީ ވާން ޖެހޭނެ ކަމެއްކަމުގައި ދުށުމެވެ. ނުވެ ކަމުނުދާ ހިސާބަށް އެ ކަން ދިއުމެވެ. ބަސް ނޭހުމެވެ. ކިޔަމަންނުވެވުމެވެ.

މި ކަންކަން މި ގޮތަށް އޭނާ ބޭނުންވާ ގޮތަށް ކަންކަން ވާން ދަސްވެ ފަރިތަވެފައި ހުންނަ ކުއްޖާ އިސްކޫލަށް ވަނުމުން ވެސް ގިނަ ކަންކަން ވަނީ އެ ކުއްޖާ ބޭނުންވާ ގޮތަށެވެ. އެ ފުރުސަތު އޮވެއެވެ. އެ ފަދަ ކުދީން މުދައްރިސު ބުނާ ގޮތް ނުހަދައި އަމުރުތައް ބޮލާލައި ޖަހައެވެ. ދެން ވެސް އެ ކުދީންނަށް އެ ގޮތަށް ކުރިޔަށް ދާން އޮންނަނީ މަގު ހުޅުވިފައެވެ. ކުދީންނަށް އަދަބުދިނުމަކީ "މަނާ"ކަމެއްވީމާ އެ ނުކިޔަމަންތެރިކަމުގެ ސަބަބުން އެކަށީގެންވާ ދެރައެއް ނުވަތަ ނުބައެއް ނުވާތީ އެ ކުއްޖާއަށް އައި މަގުން ދާ ގޮތަށް ދާދިއުމަކަށް ހުރަހެއްނެތެވެ.

އިސްކޫލުގެ ދައުރު ނިންމައި އޮފީސްތަކަށް ވަނުމުން ނުވަތަ މަސައްކަތު ދާއިރާއަށް ދެވުމާ ހިސާބުން އެ ކުދީންނަށް އެ ކަމުގެ ހިތި ފެންނާން ފަށައެވެ. އިސްކޮށް ހުންނަ މީހާ ބުނާ ގޮތަށް ކަންކަން ކުރާން މަޖުބޫރުވާން ފަށައެވެ. ނުކުރުމުން ނުވަތަ ކަންކަން ނުވުމުން އޭގެ ބަދަލު ލިބޭން ފަށަނީ ދެނެވެ.

މައިންބަފައިން ވީ " ލޯބީގެ"  ސަބަބުން ވީ ހުރިހައި ފަރިތަތަކާއި އޭގެ ފަހުން އިސްކޫލުގައި ވެސް ގަދަހަދައިލީމާ ބޭނުން ހައި ގޮތަކަށް އުޅޭނެ ފުރުސަތު ލިބުމުގެ ސަބަބުން ވެފައިވީ ފަރިތަ ދޫކޮށްލުމަކީ ފަސޭހައިން ކުރެވޭ ކަމަކަށް ނުވެއެވެ. ދެން ޖެހެނީ އެ ވަޒީފާއަކުން ކެނޑޭށެވެ. އެއީ މައިންބަފައިން ދަސްކޮށްނުދިން ފިލާވަޅުގެ ނަތީޖާއެވެ. ދެން ދިރިއުޅޭން ޖެހެއެވެ. އެކަމަކު ރަނގަޅަކަށް ނުއުޅެވެއެވެ. ގޯސް މީހަކަށް ވަނީއެވެ. ގޯސްވީ ކީއްވެގެންހެއްޔެވެ؟ އާނއެކެވެ!  ގޯސްވީ ގޯސްކުރީތީއެވެ.

އެޑިޓަރުގެ ނޯޓް
ކަނީރު އަބްދުއްރަޙީމަކީ ދިވެހިބަހާމެދު ފިކުރު ހިންގަވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެކެވެ. ޚިދުމަތުގެ ޚާއްޞަ ދަންނަކީ ޞިއްޙީ ދާއިރާކަމަށް ވިޔަސް ލިޔުންތެރިކަމަށް ލޯބިކުރައްވައެވެ. އުރުދޫބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ "ކަނީރު" ދިވެހިބަހުން ލިޔުއްވައި އުޅުއްވައެވެ. ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ޅެންވެރިއެއް ވެސްމެއެވެ.

Advertisement

ކޮމެންޓް